ދުނިޔޭގެ އެންމެ ބޮޑު އޮންލައިން އެއް މާކެޓްޕްލޭސް "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް މުދާ ވިއްކުމުގެ މަގު ފަހިވެފައިވާތީ، ރާއްޖޭގެ ރަށްރަށުގައި އުފައްދާ ތަކެތި ބޭރު ދުނިޔެއަށް ވިއްކުމުގެ އުންމީދު މިހާރު ހަގީގަތަކަށް ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދިވާޅުވެއްޖެއެވެ.
އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމާ ބެހޭ ފަންނީ މައުލޫމާތުދިނުމަށް އަލީބާބާއާ ގުޅިގެން މިއަދު ފެށި ވެބިނާރުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ފެށި މަަސައްކަތަކީ ރާއްޖެއަށް ތާރީހީ މަސަައްކަތެއް ކަމަށެވެ. އެގޮތުން އެ މަސައްކަތަކީ ރާއްޖޭގެ އުފެއްދުންތެރިން ބޭރު ދުނިޔެއާ ގުޅުވާލައި "ޑިޖިޓަލް ބްރިޖެއް"ގެ ގޮތުގައި ސިފަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ބޭރު ދުނިޔެއަށް އުފެއްދުންތައް ވިއްކުމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތަސައްވުރުކޮށްލައްވާ އައްޑޫގައި އަތުން ވިޔުމުގެ މަސައްކަތް ކުރާ މީހަކުގެ މަސައްކަތްތައް ޝަންހާއީގައި ހުންނަ މީހަކަށް މަދުދުވަސްކޮޅެއްގައި ތެރޭގައި ގެންދެވުން، ނުވަތަ ތަސައްވުރުކޮށްލައްވާ ކާބޯތަކެތި އުފައްދާ ދިވެއްސަކު ތައްޔާރުކުރާ ދިވެހި ހަވާދުގެ ބާވަތްތައް ލަންޑަނުގެ ރެސްޓޯރެންޓުތަކަށް ފޮނުވަނީ ކަމަށް، މިއީ މިހާރު ދިވެހިން ދެކޭ ހުވަފެނެއް ނޫން، މިއީ މިއަދުން ފެށިގެން އަޅުގަނޑުމެން ގުޅިގެން މި އުފައްދާ ހަގީގަތަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއާއެކު ޗައިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމަންޓުގެ ފައިދާވެސް ދިވެހިންނަށް ހޯދޭނެ ކަމަށެވެ.
"އިކޮނޮމިކް މިނިސްޓްރީ އާއި އަލީބާބާ ގުޅިގެން އަދި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު އަޅުގަނޑުމެން މި ގެނެސްދެނީ ފުރިހަމަ އީކޯ ސިސްޓަމެއް، މި އިކޯ ސިސްޓަމުން އަޅުގަނޑުމެންގެ ތެރޭގައި ތިބި އުފެއްދުންތެރިން ޑައިރެކްޓްކޮށް އިންޓަނޭޝަނަލް ބަޔާސްއާ ގުޅުވާލަދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
"މި އީކޯ ސިސްޓަމުން މުދާ އެއްތަނުން އަނެއް ތަނަށް ފޮނުވުމުގެ މަސައްކަތް ހިނގާނީ ވަރަށް ފުރިހަމައަށް އެއްވެސް ބުރުލެއް އެރުމެއްނެތި، އަދި އެ ވިޔަފާރިން ލިބޭ ފައިސާ އެއްވެސް ލަސްވުމެއް ނެތި ރާއްޖެއަށް ގެނެވޭނެ،"
މިއަދު ފެށި ވެބިނާ އަކީ ޗައިނާގެ އަލީބާބާ ގްރޫޕުން ހިންގާ މަޝްހޫރު އޮންލައިން ވިޔަފާރި ޕްލެޓްފޯމް ކަމަށްވާ "އަލީބާބާ ޑޮޓް ކޮމް" ގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖެހިފައިވާތީ އެކަމާ ގުޅިގެން ބާއްވާ ހާއްސަ ވެބިނާއެކެވެ.
އާއިޝަތު މާހާ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު