ޓެރިފް މައްސަލަ ހައްލުކުރުމަށް އިންޑިއާ އާއި އެމެރިކާ މިއަދު ބައްދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާ އާއި އެމެރިކާގެ އޮފިޝަލުން ވިޔަފާރި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން ރަޝިޔާއާ އޮންނަ ހާއްސަ ގުޅުމުގައި އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަ މައްސަލައާ ގުޅިގެން އެމެރިކާއިން ވަނީ އިންޑިއާ މުދަލުން އެގައުމުން ނަގާ ޓެރިފް 50 ޕަސެންޓަށް ބޮޑުކޮށް އަމަލު ކުރަން ފަށައިފައެވެ.

އެމައްސަލައިގައި ދެގައުމު ދެމެދު ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ވެސް ދީފައިވާ އިރު، އެމެރިކާއިން ވަނީ އިންޑިއާއިން ރަޝިޔާ އާއި ދެމެދު ގުޅުން އޮންނަހާ ހިނދަކު ޓެރިފް އަށް ބަދަލު ނުގެންނާނެ ކަމަށް އިންޒާރު ދީފައެވެ.

އިންޑިއާއިން ވަނީ ރަޝިޔާއާ ދެމެދު އޮންނަނީ ޑިޕްލޮމެޓިކް ގުޅުމެއް ކަމަށާއި އެގައުމުން ތެޔޮ ގަންނަނީ އެއީ އިންޑިއާއަށް އެންމެ ރަނގަޅު ޑީލުކަމުގައި ވުމުން ކަމަށް މީގެ ކުރިން ފާހަގަކޮށްފައެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާއާ ދެމެދު ޓެރިފް މައްސަލައިގައި ދިއްލީއާއި ވޮޝިންޓަނުގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ޓްރަމްޕްގެ ކޮމެންޓާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ދެގައުމު ދެމެދު އޮތީ ބަދަހި ގުޅުމެއްކަމަށާއި މިއީ އެކުވެރި ދެ ގައުމު ކަމަށް ފާހަަގަކުރައްވައިފައެވެ.