އިންޓަރނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ގައުމަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަނެ، ރާއްޖެއަށް މެންބަރުކަން ދިނުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފިއެވެ.

އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން، މި ނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގައެވެ. މިއީ އައިއޭއީއޭގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.

އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އެގޮތުން، އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ ފުރިހަމަ އަގުލަބިއްޔަތުން ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، ޑރ. ސަލްމާ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވައި ތަގުރީރުކުރައްވާފައެވެ.

ސަލްމާގެ ވާހަކައިގައި، ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން އެކަމަނާ ވަނީ އައިއޭއީއޭގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދިގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މީގެ އިތުރުން އައިއޭއީއޭއާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވައިފައެވެ.

ރާއްޖެއިން އައިއޭއީއޭގެ މެންބަރު ގައުމަކަށްވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެއެވެ.

އައިއޭއީއޭއަކީ އަސްކަރީ މަގުސަދުތަކަށް ނިއުކްލިއާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު ގާއިމުކުރެވުނު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.