ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާކުރުމުގެ މަސައްކަތް ކުރިއަަށް ގެންދަނިކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންތަކެއް ބަދަލުކޮށްފިއެވެ.

މައްސަލަ ބޮޑު މީޑިއާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅާ ދިމާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ޕީއެންސީގެ ބައެއް މެންބަރުން އެހެން ކޮމިޓީތަކަށް ބަދަލުކޮށް، އާ މެންބަރުން ހަމަަޖައްސައިފައެވެ.

މަސައްކަތް ކުރިއަށްދަނިކޮށް އެ ކޮމިޓީން ވަކިކޮށްފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލެވެ.

އޭގެ ބަދަލުގައި އެ ކޮމިޓީއަށް އަލަށް ހަމަޖެއްސީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

އެ ކޮމިޓީގައި ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުން ތިއްބެވީ ދެ މެންބަރުންނެވެ. އެއީ މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.