ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަނެފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މަޖިލިސް އިދާރާއިން ބުނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެގޮތް ހަމަޖައްސައި އެ ޖަލްސާއެއް ނުވަތަ އެ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
މަޖިލިސް އިދާރާއިން ބުނީ، އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ އެ ޖަލްސާއަކީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ފާސްކުރަން ބާއްވާ ޖަލްސާއެއް ކަމަށެވެ.
ދައުރުން ބޭރުން މަޖިލީހުގެ ދެ ޖަލްސާއެއް މިއަދުވެސް ބޭއްވިއެވެ.
މިއަދު މެންދުރު ކުރީގައި ބޭއްވި ޖަލްސާގައި އޮތީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ކަމުގެ މަގާމަށާއި، ނާއިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނާއިބު ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލިހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމުގައި އިއުލާންކޮށް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު"ގެ ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅައި ބަހުސްކޮށް އެ ބިލު ފާސްކުރުމެވެ.
މެންދުރުފަހު 1:00 ގައި ބޭއްވި ޖަލްސާގައި އޮތީ، ސީއެސްސީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމަށާއި، އެޗްއާރުސީއެމްގެ ނާއިބު ރައީސްކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ފޮނުވި ރިޕޯޓަށް ވޯޓު އަހައި ފާސްކުރުމެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް