ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށް، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއަހަން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްގުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްކަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ ބައިވެރިވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމަށް ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީން ނިންމީ 2007 ވަނަ އަހަރުއެވެ. އަދި ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރު 2008 ގައެވެ.
އެ ދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރު 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، އެ ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ "ޔުނިވާސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ" 1997 ވަނަ އަހަރު، އިންޓަޕާލަމެންޓްރީ ޔޫނިއަނުން ބަލައިގަތް ދުވަސްކަމަށްވާތީއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު