ނޭޕާލްގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 72 އަށް އަރައިފިއެވެ.

ނޭޕާލްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ޖެންޒީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ބޮޑުވަޒީރު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ނޭޕާލްގެ މުޒާހަރާތައް ހޫނުވެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގައި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. މުޒާހަރާތަކުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި 1،200 އަށްވުރެ ގިނަ މީހުނަށް އަނިޔާވެފައިވެއެވެ. އަނިޔާވި މީހުންގެ ތެރެއިން ފަރުވާ ދެމުން އަންނަ ބައެއް މީހުންގެ ހާލު ވަރަށް ގޯސް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ނޭޕާލްގެ ވަގުތީ ސަރުކާރުން ވަނީ މުޒާހަރާގައި އަނިޔާވި އެންމެންގެ ބޭސްފަރުވާގެ ކަންކަން ސަރުކާރުން ހަމަޖައްސާނެ ކަމަށް ބުނެފައެވެ.

ނޭޕާލްގެ ވަގުތީ ސަރުކާރާ އެގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ ހަވާލުވެވަޑައިގެންފައިވާ އިރު، އާ ސަރުކާރުން ވަނީ މުޒާހަރާގައި މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް އެއް މިލިއަން ނޭޕާލް ރުޕީސް ދިނުމަށް ނިންމައިފައެވެ.