ކުއްލި އަރަބި-އިސްލާމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގަތަރަށް ފުރާވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މާދަމާ ދޯހާގައި ބާއްވަން ހަމަޖެހިފައިވާ އެ ސަމިޓުގައި މިިމަހުގެ 9 ވަނަ ދުވަހު އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ރައީސް ވާހަކަފުޅުދައްކަވާނެއެވެ.

މި ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގަތުމަކީ ގަތަރާއެކު ރާއްޖެއިން ދައްކުވައިދޭ ދެމެހެއްޓެނިވި އެއްބައިވަންތަކަމާއި، ފަލަސްތީނު ރައްޔިތުންގެ ނިގުޅައިނުގަނެވޭނެ ހައްގުތައް ދިފާއުކުރުމުގައި ރާއްޖެއިން ދެމިހުރުމުގެ ހެއްކެއް ކަމަށެވެ. އަދި މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ރަހުމުކުޑަ އަމަލުތައް ހުއްޓުވުމަށް އަވަސް އަދި ބައިނަލްއަގުވާމީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިސްލާމީ އުއްމަތަށް ނާޒުކު ދަނޑިވަޅެއްގައި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްތަނަކަށް ޖަމާވާ މި ކުއްލި އަރަބި-އިސްލާމީ ސަމިޓަކީ، މި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށާއި، މި ސަރަހައްދުގައި އަމާންކަމާއި ސުލްހަ ގާއިމުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް މުސްލިމް އުއްމަތުގެ އެއް އަޑުއުފުލުމަށް ލިބޭ ޕްލެޓްފޯމެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.