އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ނިސްބަތް 49 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޕަބްލިކް މީޑިޔާއަށް ދެއްވި އިންޓާވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 32 ޕަސެންޓުން 49 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

"2023ވަނަ އަހަރު، އޯލެވެލް ނިންމާ 32 ޕަސެންޓު ވަރަކަށް ކުރިން އޭލެވެލްއަށް ކިޔަވަން ފެށީ. ނަމަވެސް ކުދިންގެ ހޭލުންތެރިކަމާއި ޝައުގުވެރިކަން މިކަމަށް އިތުރުވެ، އޯލެވެލް ނިންމި ކުދިންގެ 49 ޕަސެންޓު ވަނީ މިއަހަރު އޭލެވެލްއަށް ކިޔަވަން ފަށާފައި. މިއީ ވަރަށް އުފާކުރާ ކަމެއް،" މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިއީ ލިބެގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވަމުން ޝަފީއު ވިދާޅުވީ 2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމި އިރު، އޭ ލެވެލްއަށް ކިޔަވަން ބޭނުންވީ 2100 ދަރިވަރުން ކަމަށެވެ.

ނަމަވެސް އެކަން މިހާރު ބަދަލުވެ، މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމި އިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފަވާ ކަމަށެވެ.

"މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ކިޔަވަން ވަނީ ފަށައިފައި. މިހާރު ރާއްޖޭގައި އޭލެވަލްއަށް ކިޔަވަދޭ 66 ސްކޫލް އެބަހުރި. ކުރިން ދެކެނީ އޭލެވެލްއަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށް. އެކަމަކު މިހާރު ވިސްނުން ބަދަލުވެއްޖެ. މަތީ ސާނަވީ މުހިންމު ވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫން މިއީ ވަޒީފާގެ މާހައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތް ކުރުމުގެ ހުނަރުތައް ތަރައްގީކުރުމާއި އާއްމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރުކުރާ މަރުހަލާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަންކަން ފާހަގަވާން ފަށަނީ ޔުނިވާސިޓީ މަރުހަލާތަކުގައާއި ކުންފުންޏެއްގައި މަސައްކަތް ކުރި ނަމަވެސް އަދި ދިރިއުޅުމުގެ މައިދާނުގައި އަމިއްލަ މަސައްކަތެއް ކުރި ނަމަވެސް، އެކުދިންނަށް ބޭނުންވާ ހުނަރާއި އިލްމާއި އަދި ތައުލީމު މަތީ ސާނަވީ މަރުހަލާގައި ލިބޭނެތީ ކަމަށެވެ.

އެގޮތުން ޓީޗަރުންގެ ބަސްއަހައި އެ ޓީޗަރުންނަށް ގަދަރުކުރާ އަދި ސްކޫލުތަކުގައި ހެދިފައި ހުންނަ ގަވައިދުތަކާއި އުސޫތަކަށް ތަބާވެ ކިޔެވުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު ޝަފީއު ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ.