ނޭޕާލުގެ އާންމު އިންތިހާބު މާޗުމަހަށް ތާވަލްކޮށްފިއެވެ.

ނޭޕާލްގެ ސަރުކާރު އެގައުމުގެ އާންމުން ނުކުމެ ވައްޓާލާފައިވާއިރު ނޭޕާލްގެ ވަގުތީ ސަރުކާރަށް އެގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ ވަނީ އައްޔަނު ކޮށްފައެވެ.

ނޭޕާލްގެ ރައީސް ރަމްޗަންދުރާ ޕައުޑެލް ވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލުމަށް ނިންމާފައިވާ ކަމަށާއި އެގައުމުގެ އާންމު އިންތިހާބު އަންނަ އަހަރުގެ މާޗުމަހުގެ ފަސްވަނަދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.

ނޭޕާލްގެ ޖެންޒީއިން އިސްނަގައިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ އޭރުގެ ބޮޑުވަޒީރު ވަނީ އިސްތިއުފާދެއްފައި ގައުމު ދޫކޮށް އިންޑިއާއަށް ވަޑައިގެންފައެވެ.

މުޒާހަރާގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން އެކުލަވާލި ހާއްސަ ޓީމަކުން ވަނީ ވަގުތީ ބޮޑުވަޒީރަކަށް ސުޝިލާ އައްޔަނު ކުރަން ނިންމައި އެކަން ކުރިޔަށް ގެންގޮސްފައެވެ.

ނޭޕާލްގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރު ސުޝިލާ ކާކީ އައްޔަނު ކުރުމުގެ ކުރިން ދެ ދުވަސް ވަންދެން އެގައުމުގެ ޖެންޒީ ގުރޫޕާއި އާމީއިން ވަނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.