ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ނަސްރީނާ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި މިދިޔަ ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފައެވެ.
ނަސްރީނާގެ ފިރިކަލުން، ރައީސް މައުމޫން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ނަސްރީނާގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް އަތުވެއްޖެ،" ކަމަށެވެ.
ރައީސް މައުމޫންގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޑަމް ނަސްރީނާއަށް ފަރުވާދިނުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުންގެ އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަކުރާ ކަމަށާއި އެކަމަށްޓަކައި ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާ ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ވަނީ، ހެޔޮއެދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި، މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާތީ ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވައިފައެވެ.
ނަސްރީނާގެ އުމުރުފުޅުން މިހާރު 74 އަހަރެވެ.
ނަސްރީނާ އިބްރާހިމް
ނަސްރީނާ އިބްރާހިމް