ބ. ދޮންފަނު ފަރުގައި އޮންނަ ހަނިފަރުބޭއަށް ޑައިވް ކުރަން ދިޔަ ބަޔަކު އެ ފަރަށް ފޭބިޔަނުދީ ހުރަސް އަޅައިފިއެވެ.
ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ސޮއިކުރިއެވެ.
ނަމަވެސް މިމަހުގެ ނުވަވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވައިފައެވެ.
ރައީސްގެ އެ ނިންމެވުމާ ދެކޮޅަށް ދޮންފަނު މީހުން ވަނީ ރަށުގެ ކައުންސިލް ކައިރީގައި މުޒާހަރާކޮށް، ބިން ހިއްކުން އަވަސްކުރަން ގޮވާލައިފައެވެ. މުޒާހަރާކުރި މީހުން ބުނަމުން ގޮސްފައިވަނީ ރައީސްގެ އެ ނިންމެވުމަކީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާނުކޮށް ނިންމި ނިންމުމެއް ކަމަށެވެ.
އެފަހުން ދޮންފަނު ކައުންސިލުން އިއްޔެވަނީ ހަނިފަރަށް ޑައިވްކުރުން މަނާކޮށްފައެވެ. ނަމަވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިންވަނީ ކައުންސިލުގެ އެ ނިންމުން ބާތިލުކޮށްފައެވެ.
އެފަހުނަ މިއަދު ހެނދުނު ހަނިފަރަށް ޑައިވްކުރަން ދިޔަ ބަޔަކަށް ހުރަސް އަޅާ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ހަނިފަރަށް ބަޔަކު ޑައިވިން ދިޔައިރު މިއަދު ހެނދުނު ދޮންފަނު މީހުން ދިޔައީ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ގޮވާލައި ކަނޑުމަތީ މުޒާހަރާ ކުރަމުންނެވެ. ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދެން ސަރުކާރުން ނިންމާފައިވާތީ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން، ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ޑައިވް ދޯންޏަކުން ދިޔަ ބަޔަކު ޑައިވިނަށް ފައިބަން އުޅެނިކޮށް ދޮންފަނު ރައްޔިތުންތަކެއް އެ ސަރަހައްދަށް ދޯނިއެއްގައި ކައިރިކޮށް އެކަން ނުކުރަން އަންގާ މަންޒަރެެވެ. ޑައިވް ނުކުރަން އެންގުމުން ޑައިވިންއަށް ދިޔަ މީހުންނާއި ދޮންފަނު މީހުންނާ ދެމެދު ޒުވާބެއްވެސް ހިނގިއެވެ.
ދޮންފަނުން މީހުން ގޮވަމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. ނަމަވެސް ޑައިވަރުން ބުނަމުންދިޔައީ އެ މީހުންނަށް ޑަައިވް ކުރެވޭނެ ކަމަށާއި ޑައިވްކުރަން ހުއްޓާލަން ނޭންގޭނެ ކަމަށެވެ.
ޑައިވިނަށް ދިޔަ މީހުންނަށް ހުރަސް އެޅުމުގެ ސަބަބުން ދޮންފަނު މީހުންނަށް ފާޑު ކިޔުން އަމާޒުވަމުންދާއިރު އެފަދަ ކަންކަމުން ފަތުރުވެރިކަމަށް ގެއްލުންވާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މުހައްމަދު އިޝާން
ބ. ދޮންފަނު
ބ. ދޮންފަނު
ބ. ދޮންފަނު