ބ. ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކުރި ނިންމުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފައެވެ.

ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދެން ސަރުކާރުން ނިންމާފައިވާތީ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން، ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

ކައުންސިލުން މިިއަދު ނެރުނު އިއުލާނެއްގައި ބުނީ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި، އެ ސަރަހައްދުތަކުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީއާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތް ކަމެއް ކަމަށް ފެންނާތީ، އެ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން މިއަދުން ފެށިގެން އެ ރަށުގެ 700 މީޓަރު ސަަރަހައްދުގައި އެއްވެސް ފަރާތަކުން ފީނުމާއި ޑައިވްކުރުމަކީ މަނާކަމެއް ކަމަށެވެ.

އެ އިއުލާނާ ގުޅިގެން އެލްޖީއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ގުދުރަތީ ނުވަތަ ޠަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ގާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

އެ ގާނޫނީ ހަމަތަކަށް ރިއާޔަތްކުރާ އިރު، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީގޮތުން މަނާކޮށް ދޮންފަނު ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ބުންޏެވެ.

"އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެންނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލުކުރުމަށް އަންގަމެވެ..،" އެލްޖީއޭ އިން ބުންޏެވެ.

ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ސޮއިކޮށްފައެވެ.

ނަމަވެސް ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތް ކުރާ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއަންސް މޯލްޑިވްސްއިން ވަނީ ދޮންފަނުގެ ފަޅު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ހުޅުވާލައިފައެވެ.

އެ ޕެޓިޝަންގައި ބުނީ ދޮންފަނު ފަޅުން ހިއްކައިފިނަމަ ހަނިފަރުބޭ ނުރައްކަލަށް ހުށަހެޅި އެ ސަރަހައްދުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. ހަނިފަރަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުވެފައިވާ މަންޒިލަކަށްވުމުން އެތަނުގެ ދިރުންތަކަށް ގެއްލުންވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އިގުތިސޯދަށް ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ.

ދޮންފަނު ބިން ހިއްކަން ފެށުމުން، އެ ސަރަހައްދުގެ އޮއި ދައުރުވާ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ހަނިފަރުބޭގައި އުޅޭ ދިރުންތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ކަނޑުގެ ދިރުންތަކަށް އަސަރު ކުރުމުގެ އިތުރުން އެ ސަރަހައްދުން އިގުތިސޯދީ ނަފާ ހޯދަމުންދާ ވިޔަފާރިތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ. އެހެންވެ ޕެޓިޝަންގައި ގޮވާލާފައިވަނީ ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއުއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށެވެ. އަދި އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ނުހަދައި، ދޮންފަނު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށެވެ.

އެ ޕެޓިޝަންގައި 3000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

ދޮންފަނާ ޖެހިގެން އޮންނަނީ ޓޫރިސްޓުންގެ މެދުގައި މަންޒިލެއް ކަމުގައިވާ ހަނިފަރުބޭއެވެ. މިއ ގިނަ އަދަދެއްގެ މަންތާތައް ފެންނަ ސަރަހައްދެކެވެ. ޓޫރިސްޓުންގެ މެދުގައި އެ މަންޒިލް މަޝްހޫރުވެފައިވަނީ އެހެންވެގެންނެވެ. މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް ނަގައެވެ. އެ ތަނަށް ފީނާ ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.

ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދެން ނިންމާފައިވާކަން މިދިޔަ އަންގާރަ ދުވަހު އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ދުވަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މަނިކުފާނު ރަށްރަށަށް ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކަމަށެވެ. ރަށެއްގެ ރައްޔިތުން ބޭނުންނުވާކަމެއް ކޮށްދިނުމަށް ވައުދުނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އެދޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިގޮތުން ބ. ދޮންފަންނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދުވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއިކުރިން. ނަމަވެސް، ރައްޔިތުން އެކަން މީހާރު ބޭނުންނުވާކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެހެންކަމުން، އެ ރަށުގައި ބިން ހިއްކަން ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށާއި އަދި ރަސްމީކޮށް ކައުންސިލަށް ސިޓީން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.