ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ދިވެހި ބަހާއި ދިވެހިވަންތަ ރީތި އާދަކާދަތަކާއި ދިވެހި މަސައްކަތްތެރިކަމާއި އާސާރީ ތަންތަނާއި ތަކެތީގެ އިތުރުން މާޒީގެ ފަހުރުވެރި ތާރީހަކީ ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް ކަމަށެވެ.

"މި ހުރިހާ ތަކެއްޗާއި ކަންކަން، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނާތެއް. ދިވެހި ގައުމުގެ ދެމިއޮތުމަށްޓަކައި މިކަންކަން އަދާކުރުމަކީ ލާޒިމު ވާޖިބެއް،" ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރިކައިގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ހުލްގު ހެޔޮ މަސައްކަތްތެރި، ހީވާގި އަދި މުރާލި ބައެއް ކަމަށެވެ.

ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި ކާބަފައިން ވާރުތަކޮށްދިން ގައުމީ އާސާރުތަކާއި ދިވެހި ބަހާއި ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ގައުމީ އަމާނާތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.