ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ގދ. އަތޮޅުގެ ފަސް ރަށެއްގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށް، މުޅި އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

އޭޓީއެމް ހިދުމަތް ތައާރަފުކުރުމަށް މިއަދު ގދ. ހޯނޑެއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަރސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގދ. އަތޮޅުގައި ބީއެމްއެލުން އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމުކުރީ ހޯނޑެއްދޫގެ އިތުރުން ފިޔޯރީ، ރަތަފަންދޫ، މަޑެއްލާ އަދި މަޑަވެލީގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ތައާރަފުކުރުމަށް އެ ރަށުގައި ހުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ވީހާވެސް ގާތުން ބޭންކުގެ ހިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަކީ އެ މަގުސަދު ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް،" ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސާވިސް ބޭންކިން ސެންޓަރު، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.