ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން، ދިރާގުން އިންތިޒާމުކޮށްގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ބާއްވައިފިއެވެ.

މާލޭގައި ކުރިއަށްދިޔަ އެ ބައްދަލުވުންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ ކުރިމަގާއި ރާވައިފައިވާ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމަކީ ދެކުނު އިރުމަތީ އޭޝިއާ، މެދު އިރުމަތި އަދި ހުޅަނގު ޔޫރަޕް ގުޅުވައިދޭ ބައިނަލްއަގުވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ މުހިންމު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެކެވެ.

ދިރާގުން ބުނީ މި ޒަމާނީ ކޭބަލް ސިސްޓަމްގެ ސަބަބުން ހައި ސްޕީޑް އިންޓަނެޓް އަދި ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް އެތައް މިލިއަން ބަޔަކަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ދިރާގުގެ މި ބޮޑު އިންވެސްޓްމެންޓްގެ ސަބަބުން ދެކުނު އޭޝިއާ، މެދު އިރުމަތި އަދި ޔޫރަޕްގެ މުހިންމު އިންޓަނެޓް އެކްސްޗޭންޖް ޕޮއިންޓްތަކާއި ޑޭޓާ ސެންޓަރުތަކުގެ ހިދުމަތްތައް ރާއްޖެއަށް ލިބި، ޑިޖިޓަލް އިގުތިސާދަށް ބޭނުންވާ މުހިންމު ހިދުމަތްތައް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގެ ބައިވެރިންނަށް މަރުހަބާ ކިއުމަށް ބޭއްވި ހާއްސަ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ އެކޮންސޯޓިއަމްގެ ބައިވެރިންގެ އަގުހުރި މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން އެ ޕްރޮޖެކްޓަކީ ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވައި، އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކުރިއަރައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އިގުތިސޯދު އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ސީ-މީ-ވީ 6 ކޮންސޯޓިއަމްގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ހިމެނެއެވެ. އެ ކޮންސޯޓިއަމްގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި، ބިޔޯން ބީއެސްސީ (ބަޓެލްކޯ، ބަހްރެއިން)، ބަންގްލަދޭޝް ސަބްމެރިން ކޭބަލްސް ޕްރައިވެޓް ލިމިޓެޑް (ބީއެސްސީސީއެލް، ބަންގްލަދޭޝް)، ބާރްތީ އެއާޓެލް ލިމިޓެޑް (އިންޑިއާ)، ޗައިނާ ޔުނައިޓެޑް ނެޓްވޯކް ކޮމިއުނިކޭޝަންސް ގްރޫޕް ކޮމްޕެނީ ލިމިޓެޑް (ޗައިނާ ޔުނިކޮމް)، ޖިބޫޓީ ޓެލެކޮމް، މައިކްރޮސޮފްޓް (އެމެރިކާ)، މޮބިލީ (ސައޫދީ އަރަބިއްޔާ)، އޮރެންޖް (ފްރާންސް)، ޕީސީސީޑަބްލިއު ގްލޯބަލް، ސިންޓެލް (ސިންގަޕޫރު)، ސްރީލަންކާ ޓެލެކޮމް، ޓެލެކޮމް އިޖިޕްޓް، ޓެލެކޮމް މެލޭޝިއާ، ޓެލިން (އިންޑޮނޭޝިއާ) އަދި ޓްރާންސް ވޯލްޑް އެސޯސިއޭޓްސް (ޕާކިސްތާން) ހިމެނެއެވެ.