ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް މިއަހަރުވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާ އިރު، އޭގެ ތެރެއިން ހަތް ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން ގެންދެއެވެ. މިއަހަރުވެސް ޑިޕްލޮމާ އިން ނާސިން އަދި ބީ.އެސް.ސީ އިން ނާސިން ކޯސްތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުން، ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ހުއްޓުމެއްނެތި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނާސިން ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި ކުރިމަތިލާ ފަރާތަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ވިލާ ކޮލެޖު ނޫން އެހެން މަރުކަޒަކުން ކިޔަވަމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ލިބިގެންވާ ކަމަށާއި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7350642 ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ. އަދި އެ ސްކޮލަޝިޕަށް [email protected] އީމެއިލް މެދުކޮށް އެޕްލައިކުރުމަށް ވެސް އެދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.