ރައްޔިތުންގެ ބާރު ކަމުގައި ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނާގޮތުން، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. ގާނޫނުއަސާސީން ދެން ކަނޑަޅާފައި ހުރި ބާރުތައް ތަރުތީބު ވެފައިވަނީ ވެސް ރައްޔިތުންގެ ބާރުގެ ދަށުންނެވެ.

ޑިމޮކްރެސީގައި ހިމެނޭ ބާރުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުން ތަމްސީލުކޮށްދެނީވެސް ރައްޔިތުންގެ ބާރުވެރިކަމެވެ.

ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތައް:

  1. ގާނޫނުއަސާސީއަށް އިސްލާހު ގެނައުން.
  2. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެމަތީން ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލު ގެނައުމާއި، ގާނޫނު ބާތިލުކުރުން.
  3. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން.
  4. ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން.
  5. މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކާ ބެހޭގޮތުން ނިންމަން ޖެހޭ ކަންތައްތައް ގާނޫނުގައިވާ ގޮތުގެމަތީން ނިންމުން.
  6. ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން.
  7. ރައްޔިތުންގެ މަޖިލީހުން އަދާކުރާން ޖެހޭނެ ކަމަށް މި ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ މިނޫންވެސް ވާޖިބުތައް އަދާކުރުން.
20 އޭޕްރިލް 2024: ރައްޔިތުން މަޖިލިސް އިންތިހާބު ވޯޓުލުން ޖަމާލުއްދީން ސްކޫލުގައި ކުރިއަށްދަނީ --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ ރައްޔިތުން އިންތިހާބުކުރާ މެންބަރުންތަކެއްގެ މައްޗަށެވެ. އެހެންކަމުން ގައުމުގެ އެންމެ ބޮޑު ބާރުވެރިޔަކީ ރައްޔިތުމީހާއެވެ.

ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން، މަޖިލީހުން ކުރާ އެންމެ މުހިންމު މަސައްކަތަކީ، ޖަވާބުދާރީ ކުރުވުމާއި، ގާނޫނުތައް ހެދުމާއި، ގާނޫނުތަކަށް އިސްލާހު ގެނައުމާއި، ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރާ ދައުލަތުގެ ބަޖެޓް ކަނޑައެޅުމެވެ.

އެގޮތުން ވެރިކަން ހިންގުމުގެ ބާރާއި، އެ ބާރާ ގުޅިފައިވާ މުއައްސަސާތަކާއި، އިދާރާތަކާއި، ކުންފުނިތަކާއި، ޝަރުއީ ދާއިރާއާ ގުޅޭ ކަންތައްތަކާއި، ތަންފީޒީ ބާރުތަކާއި، ރައްޔިތުން ހިމެނޭގޮތުން ރާއްޖޭގެ ސަރަހައްދުގެ ހަތަރުފާރު ތެރޭގައި ކަންކަން ހިނގާންޖެހޭ ގޮތް ކަނޑައަޅަނީ މަޖިލީހުން، ރައްޔިތުންގެ މަންދޫބުން ހަދާ ގާނޫނުތަކުންނެވެ. އެކިއެކި މުއައްސަސާތަކާއި، އިދާރާތަކަށާއި އެތަންތަނުން ކުރާ މަސައްކަތްތަކަށް ހަރަދުކުރަން ޖެހޭ ބަޖެޓް ކަނޑައަަޅަނީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ މަންދޫބުންނެވެ.

މަޖިލިސް ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

އެެހެންކަމުން މަޖިލީހަށް ހުށަހަޅާ ބިލުތަކާއި އެ ބިލުތަކަށް މެންބަރުން ކުރާ ބަހުސްތަކާއި، ހުށަހަޅާ އިސްލާހުތަކާއި، ކޮމިޓީ މަރުހަލާގައި ބިލުތަކަށް ގެންނަ ބަދަލުތަކާއި، އެ ބަދަލުތައް ގެނައި ސަބަބުތައް، އަދި އެ ބަދަލުތައް ގެންނާން ހުށަހަޅާ މެންބަރުން އެނގުމަކީ ރައްޔިތުމީހާގެ ހައްގެކެވެ.

އެއީ އެ ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި ކަންކުރަނީ، އެމީހުން އިންތިހާބުކުރި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށްތޯ ދެނެގަތުމަށެވެ. ތިމާއަކީ ދާއިރާގެ އެންމެ ރަނގަޅު ޗޮއިސްކަން ރައްޔިތު މީހާއަށް ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބޭނީވެސް، އަދި ތިމާ އިންތިހާބު ކުރީ އެންމެ ރަނގަޅު ޗޮއިސްކަން ރައްޔިތުމީހާއަށް އެނގޭނީވެސް އޭރުންނެވެ. އަދި މަޖިލީހުން ހަދާ ގާނޫނަކާ ހިލާފު ނުވެ ރައްޔިތުމީހާާއަށް އުޅޭން އެނގޭނީ ވެސް އޭރުންނެވެ. އަދި ތަންފީޒު ކުރާ ފަރާތްތަކުން، ރައްޔިތުމީހާގެ މައްޗަށް އެ ގާނޫނު ތަންފީޒުކުރަނީ ރަނޅަށްތޯވެސް ރައްޔިތުމީހާ ދެނެގަތުމަށްޓަކައެވެ.

ހަމަ އެގޮތަށް ދައުލަތުން އެކި މުއައްސަސާތަކަށް ބަޖެޓް ކަނޑައަޅާ ގޮތްތައް، ސާފުކޮށް ރައްޔިތުމީހާއަށް އެނގެން ޖެހެއެވެ. އެއީ ދައުލަތުން ހަރަދުކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށްވާތީއެވެ. ގައުމަށް އަންނަ އިގުތިސާދީ ކޮންމެ އަނދަވަޅަކުން ސަލާމަތްކުރަން، ރައްޔިތުން ދައްކާ ޓެކްސް ކޮންމެ ފަހަރަކު ބޮޑުކުރަން ޖެހޭތީއެވެ.

ހަމަ އެގޮތަށް އެކި ފަރާތްތައް ޖަވާބުދާރީކުރުވަން މަޖިލީހުން ކުރާ މަސައްކަތްތައްވެސް ރައްޔިތުންނަށް ސާފު ވާން ޖެހެއެވެ.

އެއީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ބޮޑެތި ހިޔާނާތްތަކުގެ އިތުރުން ބޮޑެތި ކުށްތަަކަށް އަރައިގަތުމުގެ ޖިނާއީ މައްސަލަތައް، ކަމާބެހޭ މުއައްސަސާތަކާއި އިދާރާތަކާއި ކޮމިޝަންތަކުން ތަހުގީގުކޮށް، ޝަރީއަތަށް ފޮނުވައި، އެއަށް އިންސާފު ލިބޭކަން ކަށަވަރުކުރުމަށްޓަކައެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބުން ކުރާ މަސައްކަތްތައް ރައްޔިތުމީހާއަށް ހާމަ ވާން ޖެހެއެވެ. އެނގެން ޖެހެއެވެ. އެކަންކަމަށްޓަކައި، ގާނޫނުއަސާސީގެ 85 ވަނަ މާއްދާގައި ބުނަނީ، މަޖިލިސް ޖަލްސާތަކާއި ކޮމިޓީތަކުގެ ޖަލްސާތައް ކުރިޔަށް ގެންދާންވާނީ އާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

ނަމަވެސް ހަމަ އެ މާއްދާގައި މަޖިލިސް ޖަލްސާތަކާއި ކޮމިޓީ ޖަލްސާތައް ސިއްރު ކުރެވިދާނެ ހާލަތެއްވެސް ބަޔާންކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 85 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ގައުމީ ސަލާމަތަށްޓަކައި ނުވަތަ، އަމަންއާންމު ރައްކާތެރިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، ނުވަތަ ޖަލްސާއަކުން ބައެއް، ނުވަތަ އެ މަޖިލީހުގެ ކޮމެޓީއެއްގެ ޖަލްސާއެއް، ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބޭއްވިދާނެ ކަމަށެވެ. މިފަދަ ސިއްރު ޖަލްސާއެއް ބާއްވާންވާނީ ރައްޔިތުންގެ މަޖިލީހުގެ، އެ ޖަލްސާއަކަށް ނުވަތަ ކޮމިޓީގެ އެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބާއްވާން ފާސްކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް 85 ވަނަ މާއްދާގެ (ނ)ގައި ބުނަނީ މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް، ނުވަތަ ޖަލްސާއަކުން ބައެއް ސިއްރު ޖަލްސާއެއްގެގޮތުގައި ބޭއްވުމާ ބެހޭ އިތުރު ސަބަބުތައް މަޖިލިސް ގަވާއިދުގައި ކަނޑައެޅުމަކަށް ހުރަހެއް ނެތް ކަމަށެވެ.

މި ހިސާބުން ބަލަން ޖެހެނީ މަޖިލީހުގެ ގަވާއިދަށެވެ.

މަޖިލިސް ގަވާއިދުގެ 46 ވަނަ މާއްދާގައި މަޖިލިސް ޖަލްސާއެއް، ނުވަތަ ޖަލްސާގެ ބައެއް، ސިއްރު ޖަލްސާއަކަށް ބަދަލު ކުރެވޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައެވެ.

އެއީ:

  1. ގައުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާގުޅޭ މައުލޫމާތު ހާމަކުރަން ޖެހޭ ޖަލްސާއަކަށްވުން
  2. ވިޔަފާރީގެ މުއާމަލާތެއްގެ ނުވަތަ މާލީ މުއާމަލާތެއްގެ ސިއްރު މައުލޫމާތު ހާމަކުރަން ޖެހޭ ޖަލްސާއަކަށްވުން
  3. ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ސިއްރު މައުލޫމާތެއްގެ ގޮތުގައި ހިފަހައްޓަން ޖެހޭ މައުލޫމާތެއް ހާމަކުރަން ޖެހޭ ޖަލްސާއަކަށްވުން

ކޮމިޓީ ބައްދަލުވުން ސިއްރު ކުރެވިދާނެކަމަށް، މަޖިލިސް ގަވާއިދުގެ 167 ވަނަ މައްދާގައި ބުނާ އިރުވެސް އެކަން ކުރެވޭނީ، 46 ވަނަ މާއްދާގެ އިތުރުން 179 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ އުސޫލުތައް ކަމުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށެވެ.

ގަވާއިދުގެ 179 ވަނަ މާއްދާގެ (ށ)ގައި ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރެވޭނެކަަމަށް ކަނޑައަޅާފައިވާ ސަބަބުތައް:

  1. ގައުމުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެފަދަ މައުލޫމާތު ހިއްސާކުރެވޭ ބައްދަލުވުމަކަށްވުން
  2. ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެންނުވާ މައުލޫމާތު ބަދަލުކުރެވޭ ބައްދަލުވުމަކަށްވުން
  3. މީހަކު ފަލީހަތްވުމަށް، ނުވަތަ މީހަކާ ދޭތެރޭގައި ދެކޭގޮތް މުޖުތަމައުގައި ބަދަލުވުމަށް، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް މީހުންގެ މެދުގައި ހީވުމަށް ފުރުސަތު ލިބޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވޭ ބައްދަލުވުމަކަށްވުން

މީގެ އިތުރުން ދެން މަޖިލިސް ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެވޭނެ ކަމަށް ބުނަނީ، ގަވާއިދުގެ 185 ވަނަ މާއްދާ އާއި 234 ވަނަ މާއްދާގައެވެ.

ގަވާއިދުގެ 180 ވަނަ މާއްދާގައި ވެސް ބުނާގޮތަށް، ކޮމިޓީއަކުން ކުރާ މަސައްކަތަކާ ގުޅޭގޮތުން، ކޮމިޓީއަކަށް ހާޒިރުވެ ޖަވާބުދާރީވުމަށާއި ބަޔާނެއް، ނުވަތަ ހެކިބަސް ދިނުމަށް ބާއްވާ ބައްދަލުވުންތަކެވެ. އެ މާއްދާއިންވެސް އެ ފުރުސަތު ދީފައިވަނީ އިހުތިޔާރީ ގޮތެއްގައެވެ. އަދި 234 ވަނަ މާއްދާގައި ބުނަނީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ވާހަކައެވެ.

އެ މާއްދާގެ (ނ) ގައި ބުނަނީ އެހެން ގޮތަކަށް މި ގަވާއިދުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވީނަމަވެސް، ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނީ ގައުމީ ސަލާމަތުގެ ކަމެއް ހިމެނޭކަމަށްޓަކައި، ހަމައެކަނި އެ ސަބަބަށްޓަކައި، ކޮމިޓީގެ ބައްދަލުވުންތައް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ކޮމިޓީން ފާސް ނުކުރާހާ ހިނދަކު ހުޅުވާލެވިފައިވާ ކޮމިޓީތަކެއްގެގޮތުގައި ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދަށް ބަލާއިރު، ސިއްރު ކުރެވޭނެ ޖަލްސާތައް ވަަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ނަމަވެސް މަޖިލީހުގެ އެންމެ މުހިންމު މަަސައްކަތްތައް ހިނގަމުންދާ ކޮމިޓީ ބައްދަލުވުންތައް ސިއްރުކުރަނީ އެންމެ ރަނގަޅު ގޮތުގައިތޯ، ބަލައިލާން ޖެހެއެވެ. މިސާލެއްގެ ގޮތުން މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ބާއްވާ ގިނަ ކޮމިޓީ ބައްދަލުވުންތަކެއް ވަނީ ސިއްރުން ކުރިއަށް ގެންގޮސްފައެވެ.

އޯގަސްޓް 19 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާކުރަން ބޭއްވި، އާއްމު ކޮމިޓީގެ ސިއްރު ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް އިދާރާ

މަޖިލިސް މެންބަރުންނަށް މުސާރަ އާއި އިނާޔަތާއި، ކެއުމާއި، މެންބަރަށާއި މެންބަރުގެ އަނބި ނުވަތަ ފިރިއާއި 18 އަހަރު ނުފުރޭ ދަރީންނަށް ބޭސްފަރުވާ ކޮށްދިނުން އޮންނަނީ ރައްޔިތު މީހާއެވެ. އަދި އެއާޕޯޓްގެ ވީއައިޕީ ބޭނުންކުރަން ފުރުސަތުދީ އެއަށް ހަރަދުކޮށްދެނީ ރައްޔިތު މީހާއެވެ. ނުވީތަނަކަށް މަޖިލީހަށް އިންތިހާބު ކުރި ކަމަށްޓަކައި، މެންބަރުކަން ކުރާ ކޮންމެ މީހަކަށް އުމުރު ދުވަހުގެ އިނާޔަތްވެސް ދެނީ ރައްޔިތުމީހާއެވެ.

ނަމަވެސް ކުރިއަށް އޮތް 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކުރަން މިދިޔަ އޮގަސްޓްމަހުގެ 19 ގައި ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުންވެސް ކުރީ ސިއްރެވެ.

އެ ދުވަހުގެ ޖަލްސާ ސިއްރުކުރަން ހުށަހަޅުއްވަމުން، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ މަޖިލީހުގެ ބަޖެޓްގެ މައްސަލައަކީ ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި ބަޖެޓްގެ ކަންކަން މީޑިއާއަށް ތިލަވެދާނެކަން ފާހަގަކޮށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.

އެ ހިސާބުން ކޮމިޓީ ބައްދަލުވުން އެވީ ސިއްރެވެ.

މި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ދިރާސާކުރުމަށް ބޭއްވި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އާއި ނާއިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް---ފޮޓޯ: މަޖިލިސް އިދާރާ

ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިދޭ އެންމެ ބޮޑު ހައްގަކީ ވޯޓުލުމުގެ ހައްގެވެ.

އެހެންކަމުން މިހާރު މަޖިލީހަށް ހުށަހަޅައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" އަކީ އެ ބިލަށް ބަދަލުތައް ގެންނަ ގޮތް ރައްޔިތު މީހާއަށް އެނގުން ކޮންމެހެން މުހިންމު ބިލެކެވެ.

ނަމަވެސް އެ ބިލު ދިރާސާކުރުމަށް މިމަހުގެ ދެވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ވީ ސިއްރެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ސަރުކާރު ހިންގާ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިނެވެ. ނަމަވެސް ހައިރާންވާކަމަކީ، ބިލަށް ގެނައި އިސްލާހުތައް ލިސްޓުކޮށް ހިމަނަން މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ބައްދަލުވުން ސިއްރެއް ނޫނެވެ.

މި ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާ ކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: މަޖިލިސް އިދާރާ

މިހާރު އެންމެ ބާރަށް ދެކެވެނީ މިހާރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާކުރަމުންދާ މީޑިއާ ބިލް ނުވަތަ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އެވެ. އެ ބިލަށް އާއްމުންގެ ކޮމެންޓް ފޮނުވާފައިވާ ނިސްބަތަށް ބެލި ނަމަވެސް އާއްމުންގެ ތެރޭގައި އެ ބިލާމެދު އޮތް ޝައުގުވެރިކަމުގެ ބޮޑުކަން ދޭހަވެއެވެ. އެ ބިލަށް އާއްމުންގެ ފަރާތުން ފޮނުވާފައިވާ ކޮމެންޓްތަކާ ބެހޭގޮތުން، މަޝްވަރާ ކުރުމަށް މިމަހު ނުވަވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުގައި، އެ ކޮމިޓީގެ މެންބަރު، ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ބިލުގެ ކޮންމެ މާއްދާއަކަށް ދިހަ، ބާރަ ކޮމެންޓް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް ބިލު ދިރާސާކުރާ އިރު، އެ ކޮމެންޓް ފޮނުވި ފަރާތާއި އެ ކޮމެންޓް ބަލައި ދިރާސާ ކުރަން ޖެހޭތީ އާއި އެ ކޮމެންޓްތަކަކީ އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ފޮނުވާފައި ހުރި ކޮމެންޓް ތަކަށްވާތީ، އެ މެންބަރު ހުށަހެޅުއްވީ ބައްދަލުވުން ސިއްރު ކުރުމަށެވެ.

އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުން ވީ ސިއްރެވެ.

މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ދިރާސާކުރުމަށް ބޭއްވި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން މެންބަރުން ވޯޓު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ހަމަ އެ ބިލަށް ބަންޑާރަ ނާއިބުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ދިރާސާކުރުމަށް މިމަހުގެ 10 ގައި ބޭއްވި ބައްދަލުވުންވެސް ކުރީ ސިއްރެވެ. އެ ދުވަހުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ، އެ ކޮމިޓީގެ ނައިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިނެވެ.

އެ ދުވަހުގެ ބައްދަލުވުން ސިއްރުކުރަން ފާސްކުރީ ކޮމިޓީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް އޭޖީ އުޝާމް އަމިއްލަފުޅަށް ވަނީ ސޯޝަލް މީޑިއާގައި އެ އިސްލާހުތައް ހާމަކުރައްވައިފައެވެ.

ގާނޫނީ ދާއިރާގެ ގިނަ ފަރާތްތަކަކުން ވެސް ބުނަމުން އަންނަނީ، އެ ކޮމިޓީތައް ސިއްރުކުރަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނެތެވެ. މީހަކު ފަލީހަތް ވާނެ ފަދަ ބައްދަލުވުމަކަށް ވެސް ނުވެއެވެ.

އެހެންކަމުން ރައްޔިތުންގެ ގޭގައި ރައްޔިތުންގެ މަންދޫބުން މި ބައްދަލުވުންތައް ސިއްރުކުރުމުގައި، މިހާރަށްވުރެ ބޮޑަށް ވިސްނައިވަޑައިގަތުން މުހިންމެވެ. ގަވައިދުގެ ތެރެއިން، ޖާގަ ލިބިގެން ކޮންމެހެން ކުރާން ޖެހިގެން މެނުވީ ބައްދަލުވުންތައް ސިއްރު ނުކުރުމުގެ ސިޔާސަތު އިސްކުރާން ޖެހެއެވެ. ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކޮމެޓީ ބައްދަލުވުންތައް ގެންދިއުމުގެ ވިސްނުން އިސްކުރާން ޖެހެއެވެ. ބައްދަލުވުމެއް ސިއްރު ކުރާނަމަވެސް، އެ ހުށަހެޅުމެއް ހުށަހެޅަނީ ގަވައިދުގެ ކޮން މާއްދާއެއްގެ ދަށުންކަން ހުށަހެޅުމުގައި އޮންނާން ޖެހެއެވެ. އަދި ރިޔާސަތުން އެ ހުށަހެޅުން ގަބޫލުކުރާނަމަ، އެކަން ކުރަނީ ކޮން މާއްދާއެއްގެ ދަށުންކަން އިއުލާނު ކުރުން އެއީ ބޭނުންތެރި ކަމެކެވެ. މިކަންކަން ޔައުމިއްޔާގައިވެސް ލިޔެފައި އޮތުން މުހިންމެވެ.