ގއ. ކޮނޑޭ އާއި ކަނޑުހުޅުދޫގައި އޭޓީއެމްގެ ހިދުމަތް ފަށައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަސޭހައިން ބޭންކިން ހިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މި ދެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރި 10 ވަނަ އަތޮޅަކަށް ގއ. އަތޮޅު ވާނެ ކަމަށެވެ.
އެ ދެ ރަށުގައި އޭޓީއެމް ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލުން ބުނީ އަލަށް ގާއިމުކުރެވުނު އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިން ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި އާ އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށެވެ. މިއަދުން ފެށިގެން ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެ ކަމަށާއި އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް މިހާރު ކޮންމެ ރަށަކުންވެސް ލިބޭނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 158 ސެލްފްސާވިސް ބޭންކިން ސެންޓަރު، 217 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް