ނޭޕާލްގެ މުޒާހަރާތައް ވަނީ ހައިޖެކްކޮށްފައި ކަމަށް އެ މުޒާހަރާތައް ފުރަތަމަ ފެށި ޖެންޒީ ކުދިންގެ ފަރާތުން ބުނެފިއެވެ.

ނޭޕާލްގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ޖެންޒީން އިސްނަގައި ފެށި މުޒާހަރާތައް ހޫނުވެ އެމުޒާހަރާތަކުގެ ފުރުސަތުގެ ބޭނުން ހިފައި އެހެން ބަޔަކު ވަދެގަނެފައިވާ ކަމަށް ޖެންޒީ ކުދިންގެ ފަރާތުން ބުނެފައިވެއެވެ.

މުޒާހަރާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ވަނީ މުޒާހަރާތައް ހޫނުވެ ސަލާމަތީ ބާރުތަކާ ކުރިމަތިލައި 30 މީހަކު މަރުވެފައިވާ ކަމަށާއި 1000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ބުނެފައެވެ.

ނޭޕާލްގެ ބޮޑުވަޒީރުގެ އިސްތިއުފާއާ އެކު މުޅި ސަރުކާރު ހުއްޓި ގައުމު ހުއްޓުމަކަށް އަތުވެފައިވާ ދަނޑިވަޅުގައި އެގައުމުގެ މިލިޓަރީ އިން ވަނީ އިސްނަގައި މަގުތަކަށް ނުކުމެ ފޯރިމަރަން ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިލިޓަރީ އާއި ޖެންޒީގެ އިސް ފަރާތްތަކުން މިހާރު މަޝްވަރާތަކަށް ގޮސްފައިވާ ކަމަށާއި ޖެންޒީގެ ޑިމާންޑުތަކަށް މިލިޓަރީއިން އެއްބަސްވަމުން އަންނަ ކަމަށެވެ.

ނޭޕާލްގައި މުޒާހަރާތައް ހޫނުވެ ގައުމުގެ މުހިންމު ތަންތަނުގައި ހުޅުޖަހައި ރޯކޮށްލާފައިވާ އިރު، ނޭޕާލްގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.