ރިޓަޔާކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއަކަށް ދާނަމަ، އެ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލުމަށް ގަވާއިދުތައް އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު އޮންނަ ގޮތުން ނަމަ، ދައުލަތުގެ ވަޒީފާއެއްގައި ހުރުމަށްފަހު ރިޓަޔާވާ ފަރާތްތަކުން އަލުން ދައުލަތުގެ ވަޒީފާއަކަށްދާ ނަމަ، މުސާރައިގެ އިތުރުން ރިޓަޔާމަންޓް ޕެންޝަން ވެސް ލިބެއެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވާހަކައެވެ. ގިނަ ބަޔަކު އެކަމަށް ތާއީދުކޮށް ވާހަކަދައްކަމުން އަންނަ އިރު، އެ އިނާޔަތްތައް ކުޑަކުރުމަށް ރައީސް މުއިއްޒު ވެސް ތާއީދުކުރައްވައެވެ.
ކުރީގެ ރައީސުންގެ ތެރެއިން އެއް ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް 75،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ. އޭގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ކުލީގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކުރީގެ ރައީސުންގެ ތެރެއިން އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ.
ކުރީގެ މެންބަރުންގެ ތެރެއިން އުމުރުން 55 އަހަރު ވެފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ އިރު، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސަންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސަންޓު ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނަށް ހެލްތު އިންޝައަރެންސް ވެސް ހަމަޖައިސައިދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު