ޗައިނާގެ އީ ކޮމާސް ޕްލެޓްފޯމެއްކަމަށްވާ އަލީބާބާގައި، ތަކެތި ވިއްކަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ބާއްވަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވޯކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށެވެ.

މި ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާ.ކޮމް ގެ އެކްސްޕާޓުންނެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އަލީބާބާ.ކޮމް އާއެކު މިކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެއެވެ." ސައީދު ވިދާޅުވިއެވެ.

ބޮޑެތި އީ ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ތަކެތި ވިއްކޭނެ ގޮތް ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ސައީދު ވިދާޅުވީ މިއީ އެ ވައުދުގެ ދަށުން އަލިބާބާއާއެކު ފަށައިފައިވާ މަސައްކަތެއް ކަމަށެވެ.