ޑްރަގް ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ޅ. ކުރެންދޫ މާސް އަހްމަދު ސިރާހް ގެ މައްޗަށް ދައުލަތުން ހުށަހެޅި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ މައްސަލައެކެވެ.

ސިރާހްގެ މައްޗަށް މި ދައުވާކޮށްފައިވަނީ ފ. ފީއަލީ ރަހުމަތުއުފާ، މުހައްމަދު އާދަމް އާއި ރ. އިނގުރައިދޫ ނައިޓްވިއު، ހުމައްމަދު ޝަހުދު މުސްތަފާ، އިތުރު ބަޔަކާ ބައިވެރިވެގެން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނަކާ ގުޅިގެންނެވެ.

އެދުވަހު މަޖީދީމަގުގެ އިރުން ހުޅަނގަށް ސައިކަލެއްގައި މުހައްމަދު އާދަމް ގޮސް، މަޖީދީމަގުގައި ހުންނަ މާލެ ގްރޭންޑް ކައިރިއަށް މަޑުކުރުމަށްފަހު، މުހައްމަދު އާދަމް ދުއްވި ސައިކަލު މުއްގަނޑުގައި އަޅުވާފައި ހުރި ކަރުދާސް ކޮތަޅު މާލެ ގްރޭންޑް ކުރިމަތީގައި ސައިކަލެއްގައި އެވަގުތު އިން އަހުމަދު ސިރާހު އަތަށް ދިނެވެ. އެވަގުތު މިދެމީހުން ހުއްޓުވަން ފުލުހުން އުޅުމުން ސިރާހު އެ ކޮތަޅު ބިންމައްޗަށްއެއްލައިލިއެވެ.

ފުލުހުން އެކޮތަޅު ނަގައި ބެލިއިރު އޭގައި ހުރީ ކެނަބިސް އެެވެ.

މި މައްސަލައިގައި ކުރި ދައުވާގައި، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން ސިރާހް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކަނޑައަޅައި 12 މަސްދުވަހުގެ ތެރޭގައި އެފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަން ސިރާހަށް އަންގައި ވަނީ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.