އިއްޔެއަކީ ރާއްޖޭގައި ޕޯސްޓްގެ ހިދުމަތް ރަސްމީކޮށް ފެށިތާ 119 ވަނަ އަހަރު ފުރުނު ދުވަހެވެ. ދުވަހެއް ދުވަހަކަށް ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ރާއްޖޭގެ ޕޯސްޓްގެ ހިދުމަތް މިވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ހިދުމަތަކަށް ވެގެން ގޮސްފައެވެ.

ރާއްޖޭގައި ރަސްމީކޮށް ޕޯސްޓްގެ ހިދުމަތް ފުރަތަމަ ފަށާފައިވަނީ 9 ސެޕްޓެމްބަރ 1906 ގައެވެ. އެދުވަސްވަރު ޕޯސްޓްގެ ހިދުމަތް ހަމައެކަނި ދެމުން އައީ މާލޭގައި ހުރި ކުޑަ ޕޯސްޓް އޮފީހަކުންނެވެ. އެއިރު ޕޯސްޓްގެ ހިދުމަތް ބޭނުން ކުރަމުން އައީ ރަސްމީ ސިޓީތަކާއި މުއާމަލާތްތަކަށެވެ. އެގޮތުން އިންޑިއާ އާއި ސްރީލަންކާ އިން އަންނަ ރަސްމީ ސިޓީތައް ބަލަހައްޓަމުން އައީ ޕޯސްޓުންނެވެ.

ރާއްޖޭގައި ޕޯސްޓްގެ ހިދުމަތް ފުރަތަމަ ފެށި އިރު ރާއްޖޭގެ އަމިއްލަ ސްޓޭމްޕެއް ވެސް ނޯވެއެވެ. އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެންނެވެ. އަމިއްލަ ސްޓޭމްޕެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1909 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ސްޓޭމްޕަކީ ހުކުރު މިސްކިތު މުންނާރާއި އަރަބި އިބާރާތެއް ހިމަނައިގެން ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. ޕޯސްޓުން ފާހަގަކޮށްފައިވާ ގޮތުގައި އެ ސްޓޭމްޕަކީ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ފިލަޓެލިކް އުފެއްދުއްތައް ފެށުމުގެ ރަމްޒެކެވެ.

ރާއްޖޭގެ ޕޯސްޓްގެ ހިދުމަތް ކުރިއަރައިގެން ގޮސްފައިވަނީ ރާއްޖެ، ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ގެ މެންބަރު ގައުމަކަށްވި ހިސާބުންނެވެ. ރާއްޖެ، އެ ޔޫނިއަންގެ މެންބަރު ގައުމަކަށް ވެފައިވަނީ 1967 ވަނަ އަހަރެެވެ.

ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ފެށިތާ 88 އަހަރު ފަހުން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އުފައްދާފައިވަނީ 1994 ވަނަ އަހަރެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާ އެކު އުފެއްދި އެ ކުންފުންޏަކީ ކުދި ވިޔަފާރިތައް، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާކެޓްތަކާ ގުޅުވައިދީ، ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ކުންފުންޏެވެ.

އޭގެ ފަހުން ރާއްޖޭގެ ޕޯސްޓްގެ ހިދުމަތް ފުޅާވެ، އިތުރު ގައުމުތަކާ އެކު ޕޯސްޓްގެ ހިދުމަތްތައް ފެށިގެންދިޔައެވެ. އެގޮތުން މޯލްޑިވްސް ޕޯސްޓް ވެގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ޕޯސްޓަލް ސިސްޓަމްގައި ހިދުމަތްދޭ ދިވެހިރާއްޖޭގެ ޑެސިގްނޭޓެޑް އޮޕަރޭޓަރުގެ އިތުރުން އީއެމްއެސް ކޯޕަރޭޓިވް މެންބަރަށެވެ. އެކްސްޕްރެސް މެއިލް ސާވިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އެހެނިހެން ފަރާތްތަކުން ވެސް ލިޔެކިޔުމާއި ތަކެތި ފޮނުވުމަށާއި ލިބިގަތުމަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު، އިތުބާރު ހޯދާފައިވާ ހާއްސަ އަދި އަވަސް ހިދުމަތެކެވެ.

ދުވަހެއް ދުވަހަކަށް މޯލްޑިވްސް ޕޯސްޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ކުންފުނި މިއަދު މަތީ ހަރުފަތަކަށް ގޮސްފައިވާ އިރު، ޕިކްޕޯސްޓްގެ ހިދުމަތުގެ އިތުރުން އެކި ބްރާންޗްތަކާއި އޭޖެންޓުގެ ހިދުމަތާ އެކު މުޅި ރާއްޖެއަށް މި ހިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަދައިފައެވެ.

1 އޭޕްރީލް 2020، މާލެ، މޯލްޑިވްސް ޕޯސްޓް ބިލްޑިންގްގައި ގާއިމްކޮށްފައިވާ ޕިކްޕޯސްޓް ސްޓޭޝަން -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

މީގެ އިތުރުން ވެސް އިތުރު އެތަކެއް ހިދުމަތްތަކެއް މޯލްޑިވްސް ޕޯސްޓުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ތައާރަފުކޮށްފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ އީޓުކުރި ލޯކަލް ޕްލެޓްފޯމެވެ. އެއީ ވިޔަފާރިކުރާ ފަރާތްތަކާއި ރާއްޖެ އާއި ދުނިޔޭގެ މާކެޓްތަކާ ގުޅުވައިލަދީފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ ކޮމިއުނިޓީ އޮންލައިން ޝޮޕްތަކަކީ ސީދާ ދިވެހި އުފެއްދުންތެރީންނާއި ހުނަރުވެރީންގެ އުފެއްދުންތަކަށް ހާއްސަ ބައެކެވެ. އަދި އީޓުކުރި އިންޓަނޭޝަނަލްއަކީ ރާއްޖެއިން ބޭރުން ތަކެތި ގަންނަ ފަރާތްތަކަށް އެތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ފުރިހަމަ ހައްލެއް ގެނެސްދީފައިވާ ޕްލެޓްފޯމެކެވެ.

ގަރުނަކަށްވުރެ ދިގު މާޒީގައި ޕޯސްޓްގެ ހިދުމަތް ފުޅާވެގެން ގޮސްފައިވާއިރު، މި ހިދުމަތަކީ ޒަމާނީ އަދި އީޖާދީ ގޮތެއްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްވެސް، އެއްރަށް އަނެއްރަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކާ ގުޅުވާލަދީފައިވާ ވިޔަފާރި އާއި އަމިއްލަ ފަރުދުންގެ ބައިވެރިއެކެވެ. ޕޯސްޓްގެ ހިދުމަތަކީ ދިވެހިރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިގުތިސޯދު ކުރިއެރުވުމުގައި ވަރަށް ފުޅާ ދައުރެއް އަދާކޮށްފައިވާ އަދި އަދާ ކުރަމުން އަންނަ އެއް ހިއްސާދާރެވެ.