އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވަމުން ދިޔަ މަންޒަރު ބަލަން މައިހީ އިނީ ތުނޑީގައެވެ. ދޮންވެލިގަނޑުގެ މަތީގައި އިށީނދެލައިގެން އިން އިރުގައި އޭނަގެ ނަޒަރު ހުއްޓިފައި ވަނީ އުދަރެހުން ފަނޑުވަމުންދާ ދަޅަތަކަށެވެ. ދުރުދުރުން ތަރިތަކުގެ ވިދުން ފެނެއެވެ. ޤުދުރަތުގެ އެރީތި މަންޒަރަށް މައިހާގެ ޝައުޤުވެރިކަމެއް ނެތެވެ. އޭނަގެ ލޯކުރިމަތިން ނިއުޅެމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ހާމަވި ހަޤީޤަތެވެ. ޤައިލާއަކީ ގާތް ގުޅުމެއް ބާއްވައި ކުރެވުނު އިތުބާރަކީ މައިހާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ. ދިރިއުޅުމުގެ މިސްރާބު ގެއްލުނީ އެހިސާބުންނެވެ. ހަސަދަވެރިކަމުގެ ހޫނުން އޭނަގެ އުފާތައް ޤައިލާ އަނދާއަޅިއަށް ހަދާލި ހިނދުގައި ވެސް ރޭކާނުލިއެވެ. އޭނަގެ ހިތްހެޔޮކަމުގެ ފައިދާ ޤައިލާ ނަގައިފިއެވެ. އަސަލްގެ ދިރިއުޅުން ވެސް ބަރުބާދުކޮށްފިއެވެ.

މައިހާއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އޭނައާއި އަސަލްގެ ދެމެދަށް ޤައިލާ ނުވަންނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ހިތާމަޔާއި މާޔޫސްކަމުގެ ސިލްސިލާއެއްގެ ތެރޭގައި އޭނަގެ ނަފުސު ހައްޔަރުނުވީހެވެ. ހިތުގެ ވެރިޔާ ހާސިލްވީހެވެ. ފަސްޖެހެވުނަސް މައިހާ ހުރީ އަސަލްއަށް ހިތުގެ ހާލު ބަޔާންކޮށްދޭށެވެ. އެފުރުސަތު ނަގާލީ ޤައިލާ އެވެ. މަކަރުވެރި ދަންތުރައެއްގައި އޭނަ ހައްޔަރުކޮށްލަމުންނެވެ. ކުރެވުނު އިތުބާރު ޤައިލާ ނަގާލުމުން މައިހާ ހުރީ ސިހުމެއްގެ ތެރޭގައެވެ. ހަޤީޤަތް ހާމަވުމުން ދެރަ ނުވެޔޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ.

ލޮލަށް ޖަމާވި ކަރުނަތަކުން މަންޒަރުތައް ފުސްކޮށްލިއެވެ. ކަރުނަތައް ހިފަހައްޓަން މައިހާ މަސައްކަތެއް ނުކުރިއެވެ. އޭނަގެ ކަންފަތުގައި އަސަލް ބުނި ޖުމްލަތައް ގުގުމަން ފެށިއެވެ. އެއީ ލޯބީގެ އިޤުރާރެކެވެ. ބޭޤަރާރުކަމާއެކުގައި އޭނަ އިންތިޒާރު ކުރަމުން އައި ވަގުތުކޮޅުގެ ހާއްސަކަން ގެއްލުނީއެވެ. އަސަލް އޭނައަށް ލޯބި ހުށަހަޅާނެ ގޮތްތަކާ މެދުގައި ހާދަ ފޮނި ހުވަފެންތަކެއް އޭނަ ދެކުނެވެ. ޚިޔާލީފޮލާތަކެއްގެ ތެރެއަށް ގެއްލިފައި ހުރެވުނު އަދަދެއް ނޭނގެއެވެ. މިއަދު އޭނަގެ އުއްމީދުތައް އެވަނީ ހަޤީޤަތަކަށް ވެގެން ގޮސްފައެވެ. އަސަލް އޭނަ ދެކެ ލޯބި ވެއެވެ. ފާއިތުވެ ދިޔަ ދުވަސްތަކާއި މެދު ވިސްނާލެވުމުން އެކުގައި ހޭދަކުރި ވަގުތުތަކުގައި އެކުލެވިގެންވި ހާއްސަކަން މައިހާއަށް ދެނެގަނެވުނެވެ. އަސަލްގެ ގާތްކަމެވެ. އޭނައަށް ބަލައިލާ ތަފާތު ނަޒަރެވެ. ތުންފަތާއި ކުޅެލާ ހިނިތުންވުންތަކައެވެ. އޭނައާއި ކޮށްލާ ސަމާސާތަކެވެ. އެއީ ލޮބިވެތި އާދަތަކެވެ. އިޝާރާތްތަކުން އަސަލް ހާމަކޮށްދިނީ ލޯތްބެވެ. މަސްހުނިވަމުން ދިޔަ އިހުސާސްތަކުގެ ސަބަބުން މައިހާއަށް ފަހުމުނުކުރެވުނީއެވެ.

ފަހަތުން ފިޔަވަޅުތަކެއްގެ އަޑު މައިހާއަށް އިވުނެވެ. ފަސްއެނބުރި ބަލައިލުމުގެ ބަދަލުގައި މައިހާ ކަރުނަތައް ފޮހެލިއެވެ. ނަމަވެސް މާޔޫސްކަމުގެ ކުލަވަރުތައް އޭނައަށް ސިއްރެއް ނުކުރެވުނެވެ. އަސަލް އޭނަގެ ގާތުގައި އިށީނުމުން މައިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

''މޭއި...'' މާހައުލަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަމުން އަސަލް ގޮވާލިއެވެ. މައިހާ އިސްއުފުލާލީ ދެނެވެ. ލަސްލަހުން އަސަލްގެ މޫނަށް މައިހާ ބަލައިލިއެވެ. ހިނދުރީގައި ނޭވާ ތާށިކޮށްލީ އަސަލްގެ ދެލޮލުން ފާޅުވަމުން ދިޔަ ޖަޒުބާތުތަކުންނެވެ. އެއީ ދިގު އިންތިޒާރެއްގެ ނިމުމެވެ. މައިހާގެ މެޔަށް ފިނިވެލިއެވެ. ބާރުވި ހިތުގެ ތެޅުން އަސަލްއަށް އަޑުއިވޭނެ ހެއްޔެވެ؟

އަސަލް ދިއްކޮށްލި އަތްތިލައަށް މައިހާގެ ނަޒަރު ހުއްޓުނެވެ. ފިނިވެފައިވާ ހާލުގައި އަސަލްގެ އަތުގައި މައިހާ ހިފިއެވެ. އެހިނދު ލޮލަށް ބޮނޑިވި ކަރުނަތަކުން ކޯތާފަތް ތެތްމާލިއެވެ. އަސަލްގެ އަތުގެ ހޫނުކަމުން މައިހާއަށް ރާހަތެއް ގެނެސްދިނެވެ. ކަރުނައާއި އުދާސްކަމުގެ ވޭނަށް ލުޔެއް ލިބުނު ކަހަލައެވެ. މޭގެ ޒަހަމްތަކަށް ޝިފާއަކަށްވީ އަސަލްގެ އޯގާތެރިކަމުންނެވެ. އޭނައަށް ދިން ހިމާޔަތާއި ރައްކާތެރިކަމުންނެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ވާހަކަތަކެއް އެދެމެދުގައި ބަދަލުކުރެވުނެވެ. ދޫ ހިމޭންވެފައި ވިޔަސް އަމަލުތަކުން ބަޔާންކޮށްދިނީ ދެހިތުގައި ޒަމާންތަކެއް ވަންދެން ފޮރުވިފައި އޮތް ލޯތްބެވެ. ޖެހިލުންވުމެއް ނެތި އެލޯބި ހިއްސާކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.

''އާރ ޔޫ އޯކޭ؟...'' މައިހާގެ ކޯފާތުން ފެންނަން ހުރި ރަތްކުލަ ފާހަގަވުމުން އަސަލްއަށް އަހާލެވުނެވެ. ޤައިލާގެ ސަބަބުން އޭނަގެ ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފައިވި ރުޅިއަށް ނިމުން އައުމާއެކުގައި އަސަލްގެ ފުރިހަމަ ސަމާލުކަން ހުއްޓުނީ މައިހާ އަށެވެ. މައިހާގެ ގާތަށް އަސަލްއަށް ޖެހިލެވުނެވެ. އެދެލޮލުގައި ބަބުޅަމުންދާ ކަރުނަތަކަށް ބަލަން އަސަލްއަށް ފަސޭހައެއް ނުވިއެވެ. މައިހާގެ މޫނުގައި އަސަލް ދެއަތުން ހިފަހައްޓާލިއެވެ. ހަތަރުޅަކި ހަމަކޮށްލަމުން އަތުގެ ބޮޑުވާ އިނިގިލިން މައިހާގެ ކަރުނަތައް ފޮހެލަދިނެވެ.

''ރަނގަޅު...'' މައިހާއަށް ބުނެވުނެވެ. ޖަޒުބާތުގެ އޮޔެވަރުގެ ތެރެއަށް މައިހާއަށް އޭނަގެ ނަފުސު ދޫކޮށްލެވުނެވެ. އަސަލްގެ އަތުގައި މައިހާ ހިފާލިއެވެ. އަސަލް މަޑުމަޑުން ކުރިއަށް ޖެހިލައި އޭނަގެ ނިތްކުރި މައިހާގެ ނިތްކުރީގައި ޖައްސާލިއެވެ. ހިނދުކޮޅަކަށް ވެސް މައިހާއާއި ނަޒަރު ވަކިކުރުމެއް ނެތިއެވެ. އޯގާތެރިކަމާއެކު މައިހާގެ ކޯތާފަތުން ރަތްވެފައިވި ހިސާބުގައި ޝަހާދަތް އިނގިލީގެ ނުފުށުން އަސަލް ފިރުމާލިއެވެ. މައިހާއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިފިއެވެ. އަސަލްގެ ބީހުންތަކުން އޭނަގެ ވިންދު އަވަސްކުރުވިއެވެ. މިއީ ހުވަފެނެއް ނަމަ ހޭލާކަށް އޭނަ ބޭނުމެއް ނޫނެވެ.

''އަޒް...'' މައިހާއަށް އުނދަގުލުން ބުނެވުނެވެ. އަސަލްގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނަން މައިހާ މަސައްކަތްކުރިއެވެ.

''މިހާރު ރަނގަޅޭ، އަހަންނަށް ޝޮކު ލިބުނީ ޤައިލާގެ އަމަލުތައް ގޮސްފައިވާ ދަރަޖަ ނަގައިގަނެވުމުން... އަޒް ބުނީ ތެދެއް، ޤައިލާއަކީ ހެޔޮއެދޭނެ މީހެއް ނޫން... ކީއްވެ އަހަންނަށް ކުރިން ނޭނގުނީ؟...'' މައިހާގެ އަޑުގައި ރިހުމެއް ވިއެވެ.

''އަހަރުމެން ކުރި އިތުބާރުގެ ބޭނުން ޤައިލާ ނަހަމަގޮތުގައި ހިފުމަކީ އޭނަގެ އުނިކަން، ޤައިލާގެ ހަޤީޤަތް ވެސް އެނގުނީތާ، އިތުރަށް އެކަމާ ވިސްނުމުގެ ބޭނުމެއް ނެތް، ކުރިއަށް ދިއުން އޮތީ...'' އަސަލް ބުންޏެވެ. މާޒީއާއި މެދު ފިކުރުކުރަން އަސަލްގެ ޒަމީރު ދެކޮޅު ހެދިއެވެ. މުސްތަޤުބަލަށް އެކަމުގެ ހިޔަނި އެޅިދާނެތީއެވެ. މާތްﷲގެ ރަހުމަތުން ޤައިލާގެ ފިތުނަވެރިކަމުން އޭނައާއި މައިހާ ވަނީ މިނިވަންވެފައެވެ. އެހުރިހާ ހަނދާނެއް މާޒީގެ ތެރެއަށް ދޫކޮށްލަން ގަސްދުކުރަމުން މައިހާގެ އަތުގައި އަސަލް ހިފާލީ ސާބިތުކަމާއެކުގައެވެ. އަތުގެ އިނގިލިތައް ގުޅުވާމަހާލީ ވަޢުދުތަކެއް ވަމުންނެވެ. ގައިދުކުރެވިފައިވި އިހުސާސްތައް އަސަލްއަށް ބަންޑުންކޮށްލެވުނެވެ. މައިހާއަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. ފުރާނައިގެ ދިރުމެވެ. އެހިތުގެ މަންޒިލެވެ. އަޑިގުޑަން ދިގު ރާސްތާއަކަށް ފަހުގައި އޭނަގެ ހިތަށް އިޝްޤުގެ ރާހަތު ލިބިއްޖެއެވެ.

''އަހަންނަށް ހިތްވަރުދީ ހިމާޔަތް ދިނުމުން ޝުކުރުވެރިވާނެ ގޮތެއް ވެސް ނޭނގިފައި މިހުންނަނީ...'' މައިހާ ބުންޏެވެ. އޭނައާއި އަސަލްގެ ގުޅިލާމެހިފައިވާ އިނގިލިތަކަށް މައިހާ ބަލައިލިއެވެ. ހުވަފެނެއް ނޫންކަން އޭނައަށް ބުނެދިނީ އަސަލްގެ ޖިސްމުގެ ހޫނުންނެވެ.

''އަހަރެން އަބަދުވެސް ހުންނަން ބޭނުމީ މޭއިގެ ގާތުގައި، ކޮންމެ ހާލެއްގައި ވިޔަސް ހުންނާނަން...'' އަސަރުން ފުރިފައިވި އަޑަކުން އަސަލް ބުންޏެވެ. ''މޭއި، ހަނދާންވޭތަ ދިހައެއް ނިންމާފަ ގްރެޖުއޭޝަން ޕާޓީ ބޭއްވި ރޭ؟... އެއީ އަހަރެންގެ ހިތުގައި މޭއިއަށްޓަކައި ތަފާތު ވިންދެއް ޖަހަން ފެށި ރޭ، އަހަރެން ވަރަށް ބިރުގަތް، މޭއި ގާތު ރައްޓެހިވާން އަހަން އުޅުނިން، އެކަމަކު ފަހު ވަގުތު ފަސްޖެހެވުނީ، އޭގެ ފަހުން ވެސް އުޅުނިން، އެކުވެރިކަމަށް ނިމުމެއް އަތުވެދާނެ ކަމުގެ ބިރަށްޓަކައި ބުނާކަށް ނުކެރުނު... މޭއި... އަހަރެންގެ މިހިތް ދުވަހަކު ބަދަލެއް ނުވާނެ، އަހަރެން ކުރިން ވެސް ބުނީ ތެދެއް، އަހަރެން މޭއި ދެކެ ލޯބިވޭ، މިހާރު ލޯބިވާކަން ހާމަކުރަން އަހަރެން ފަހެއް ނުޖެހޭނަން... ބެކް ދެން ވީ ވާ ސޯ ނައީވް، އެކަމަކު ފައިދާ ޤައިލާ ނެގީ... އޭނައަށް އަހަރުމެންގެ ދިރިއުޅުމަށް ބާރުފޯރުވުމުގެ ފުރުސަތު ދީގެން ނުވާނެ...''

މައިހާގެ ދެލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. އެސްފިޔަތައް ތަޅުވާލެވުނީ ލޮލަށް ފެންނަ މަންޒަރު ފަނޑުވުމުންނެވެ.

''އަހަރެން ވެސް ވަރަށް ބޮޑަށް އަޒް ދެކެ ލޯބިވޭ... އައި ހޭވް ބީން، ފޯރ އެ ވެރީ ލޯންގް ޓައިމް...'' އަސަލްގެ ދެލޮލަށް ބަލަމުން މައިހާ ބުނެލީ ހިނިތުންވުމަކާއެކުގައެވެ.

ރައްދުގައި އަސަލް ހިނިތުންވެލިއެވެ. އުފާވެރިކަމުގެ ޖޯޝާއެކުގައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލްވި ކަހަލަ އެވެ. ފުދިއިތުރުވިއެވެ. މާތްﷲއަށް އަސަލް ހަމްދާއި ޝުކުރުކުރިއެވެ. އޭނަގެ އިންތިޒާރަށް ނިމުމެއް ގެނެސްދިނުމުންނެވެ.

''އައި ލަވް ޔޫ...'' އަސަލް އިޤުރާރުވިއެވެ. މައިހާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އެލަފުޒުތައް އަޑުއިވޭނެ ދުވަހަކަށް ބޭޤަރާރުވެފައިވާ މިންވަރު އޭނަގެ ނަފުސު މައިހާއަށް އަންގައިދިނެވެ. އޭނައަށް ރޮވުނީ އެހެންވެގެންނެވެ.

''މޭއި...'' އަސަލްއަށް ގޮވާލެވުނެވެ.

މައިހާއަށް އޭނަގެ މޫނު ޖައްސާލެވުނީ އަސަލްގެ މޭގައެވެ. އަސަލްގެ ހިތުގެ ތެޅުން އިހުސާސްވުމާއެކުގައި މައިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަސަލްގެ ބާރުގަދަ ދެއަތުން މައިހާގެ ހަށިގަނޑު ވަށާލަމުން ގެނެސް މޭގައި ލައްކޮށްލިއެވެ.

''ވަރަށް ލޯބިވޭ، ތިގޮތުގައި ދެމިހުންނައްޗޭ، އަޒްގެ ގާތުން އަހަރެން އެދޭނީ ދެ ކަމަކަށް، އަހަންނަށް ލޯތްބާއި ވަފާތެރިކަން ލިބުން، ދޭނަންތަ؟...'' މައިހާއަށް އަހާލެވުނެވެ.

''އަބަދުވެސް... މީ އަހަރެން ވާނެ ވަޢުދެއް...'' މައިހާގެ ނިއްކުރީގައި އަސަލް ބޮސްދިނެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. އަސަލްގެ އަތުގެ ތެރޭގައި ހުރެލުމުގެ ޝަރަފު ލިބުމުން މައިހާގެ ތުންފަތާއި ހިނިތުންވުން ވަކިނުވެއެވެ. އޭނައަށް އަސަލްގެ މޭގައި ފިރުމާލެވުނެވެ. އޭނަގެ ހިނދުރީގައި ހަރުލާފައި ވަނީ އަސަލްގެ ލުއި ފިރިހެންވަންތަ ވަހެވެ.

''އަހަންނަށް ދައްކާނަންތަ؟...'' އަސަލް އެހިއެވެ. އެސުވާލު މައިހާއަށް ނަގައިގަނެވުނެވެ. ބޯޖަހާލަމުން އަސަލްއާއި ދުރަށް މައިހާ ޖެހުނެވެ.

*****

މައިހާގެ އިންތިޒާރުގައި އަސަލް އިނީ ޖެޓީގެ ކޮޅުގައެވެ. ފެންކުޅީގެ ހަރަކާތްތައް ނިމި މުޅި މާހައުލުން ފެންނަނީ ފަޅުކަމެވެ. ފަނިފަކުސަޔާއި ރާޅުތަކުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ރޯޅިތައް ވެސް މަޑެވެ. އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ގެއްލިފައި ވަނިކޮށް އޭނައާއި ޖެހިގެން މައިހާ އިށީނެވެ. މައިހާއާއި ދިމާއަށް އަސަލް އެނބުރުނެވެ. މައުނަވީ ހިނިތުންވުމަކާއެކުގައެވެ.

އަތުގައިވި މަޑު ތުރުތުރުލުމާއެކުގައި އަސަލްއަށް މައިހާ ސްކެޗްބުކް ދިއްކޮށްލިއެވެ. އަސަލް ސްކެޗްބުކްގައި ހިފީ މައިހާގެ އިނގިލިތަކާއެކުގައެވެ. ލަދުރަކި ހިނިތުންވުމެއް އަސަލްއާއި މައިހާ ބަދަލުކޮށްލިއެވެ.

''ޔޫ ލުކް ސޯ ޕްރިޓީ...'' މައިހާގެ ރީތިކަމަށް އަސަލް ތައުރީފުކޮށްލިއެވެ. މައިހާގެ ލަދުވެތިކަން އަސަލްއަށް ނުހަނު ކަމުގޮސްފިއެވެ. އަސަލް ކުރި ތައުރީފާއެކު މައިހާ އިތުރަށް ލަދުގަތެވެ. ނޭފަތުގެ ކުރިއާއެކު ކޯތާފަތަށް ފަނޑު ރަތްކަމެއް ވެރިވާން ފެށިއެވެ. އެމަންޒަރު ބަލަން އަސަލް ހުރީ އާޝޯހުވެފައެވެ.

ސްކެޗްބުކް ހުޅުވާލުމުގެ ކުރިން އެވަގުތު މުހިންމުކަން އަސަލްއަށް ތަސައްވަރުކުރެވުނެވެ. އޭނަ ބަލައިލީ މައިހާ އަށެވެ. އެއަށްފަހު ސްކެޗްބުކް ހުޅުވާލިއެވެ. އޭގައި ހުންނާނެ ކުރެހުންތަކާ މެދުގައި އަބަދުމެ އޭނަ ވިސްނިއެވެ. އެކުރެހުންތައް ދުށުމުގެ ނަސީބު ލިބުމަށް އެދެމުން ދަނިކޮށް އެފުރުސަތު އެންމެފަހުން ލިބުނީއެވެ. ފުރަތަމަ ސަފުހާތަކުގައި ހުރީ މާމެލާމެއްޔާއި އިރުއޮއްސޭ މަންޒަރުތަކެވެ. މައިހާގެ ކުޅަދާނަކަން އަސަލްއަށް އަންދާޒާކޮށްލެވުނެވެ.

ސްކެޗްބުކްގެ މެދަކާ ހިސާބަށް ދިއުމާއެކު މައިހާ ނުތަނަވަސްވިއެވެ. އޭނައަށް އިނދެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. ސަމާލުވެ އަސަލްގެ މޫނަށް މައިލާ ބެލިއެވެ. އާޝޯހުވެފައިވާ ކަމުގެ ކުލަވަރުތައް މެނުވީ ނުފެނުނެވެ. އުފާވެރިކަމުގެ ލިސާންތައް ވެސް މައިހާ ދުށްޓެވެ.

އަސަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެފަހަރެއްގެ މަތިން ވާހަކަދައްކަން އުޅުނަސް ކާމިޔަބެއް ނުވިއެވެ. ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. އޭނަދެކެ މައިހާ ވާ ލޯބި ކުރެހުންތަކުން އެކަނި ވެސް އަސަލްއަށް އިހުސާސްކުރެވުނެވެ. ހިތުގެ ހިމަ ނާރާ ހަމައަށް ދުވެލީ އުފާވެރިކަމުގެ ބާނީތަކެވެ. ބައެއް ސަފުހާތަކާ ހަމައަށް ދެވުމާއެކު، އަސަލްއަށް މަޑުޖެހިލެވުނެވފެ. ސަފުހާގެ ބައެއް ތަންތަންކޮޅުން ފާހަގަ ކުރެވުނު ކަރުނައިގެ ސަބަބުން ކުރެހުން ވަނީ ފުސްވެފައެވެ. އަސަލްއަށް އެހިސާބުގައި އިނގިލި ހިންގާލެވުނެވެ. މައިހާ އުފުލި ވޭނާއި އުދާސްތައް ކަރުނައިގެ ނިޝާންތަކުން ރަމްޒުކޮށްދިނެވެ. އަސަލްގެ މޭގައި ރިހުމެއް އުފެދުނެވެ.

އަސަލް ސްކެޗްބުކް ލައްޕާލިއެވެ. އިތުރަށް ބެލުމުގެ ބޭނުމެއް ނެތެވެ. އެއީ މާޒީ އެވެ. ކަރުނަޔާއި ހިތާމައިގެ ހިޔަނި އެޅުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. މައިހާގެ އަތުގައި އަސަލް ހިފިއެވެ. ގަޔާވާކަމަކަށްވީތީއެވެ. މައިހާއާއި ވީހާވެސް ގާތުގައި ވުމަށް އެދެވުނެވެ.

''އަހަރެން ލޯބިވާ މިންވަރު އަޒް ގާތު ބުނަން ފަސޭހަވި ގޮތަކީ ތިއީ...'' މައިހާގެ ވާހަކަ ގުޅުވާލީ ސްކެޗްބުކްއާއެވެ. ''އަހަރެން އުއްމީދުކުރިން، ކޮންމެވެސް ދުވަހަކުން އަޒްއަށް މި ކުރެހުންތައް ދައްކާލެވޭނެކަމަށް، އޭރުން އަޒްއަށް ނަގައިގަނެވޭނެކަމަށް....''

''އައިމް ހިޔާރ...'' މައިހާގެ އަތްތިލައަށް ފިތާލަމުން އަސަލް ބުންޏެވެ. އެއީ މައިހާއަށް އަސަލް ދިން ޔަޤީންކަމެވެ. ''އަހަންނަށް މޭއިގެ ހިތް ދިނީތީ ޝުކުރިއްޔާ، މޭއި އަހަރެން ދެކެ ތިވާ ލޯތްބާ ގާތަށް އާދެވޭތޯ އަހަރެން މަސައްކަތްކުރާނަން...''

މައިހާގެ ތުންފަތާއި ކުޅެލީ ރީތި ހިނިތުންވުމެކެވެ. އުއްމީދު ލިބިގެން ހިނގައްޖެއެވެ. މާތްﷲ އޭނަގެ ދުޢާ އިޖާބަކުރައްވައިފިއެވެ. ކެތްތެރިކަމުގެ މޭވާގެ ފޮނިކަން ލިބުނީއެވެ. ދުނިޔެއާއި އާހިރަތުން ވެސް އެދެވޭނެ ހަމައެކަނި ބައިވެރިޔަކީ އަސަލް އެވެ. އަސަލްގެ ލޯބި އޭނަގެ މިންވަރުގައި ލިޔެވިގެން ހިނގައްޖެއެވެ. މުސްތަޤުބަލުގައި ވެދާނެ ގޮތެއް ލަފާކުރުމަކީ އިންސާނުންނަށް ކުޅަދާނަކަމެއް ނޫނެވެ. ނަމަވެސް އަސަލްގެ އަތުގައި އޭނަ ހިފާނީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އެހުނަވްފެންތައް އަސަލް ހަޤީޤަތަކަށް ހަދައިދޭނެކަމުގެ ޔަޤީންކަމާއެކުގައެވެ.

*****

ދެފަރާތުގެ ޢާއިލާއަށް ލިބުނީ އުފާވެރި ޚަބަރެކެވެ. މައިހާއާއި އަސަލް ގުޅުމަކީ ޒަމާންވީ ހުވަފެނެއްގެ ނިމުމެވެ. ވަކިން ހާއްސަކޮށް ހުސްނާގެ ހިނިތުންވުން ފިލައިގެން ނުދެއެވެ. ޤައިލާގެ ސަބަބުން ކުރިމަތިލާން ޖެހުނު ހައިޖާން މަތިން އޭނަ ހަނދާންނެތުނެވެ. ވަކިވަކިން އަސަލްއާއި މައިހާގެ ގައިގައި ހުސްނާ ބެއްދިއެވެ. ސާރިޔާ ވެސް ހުރީ އުފަލުންނެވެ. ރަމީޒާއާއި ޖާހަތަށް ތިބެވުނީ ތަޖުބާތީވެފައެވެ. އެކަކުއަނެކަކުގެ މޫނަށް ބަލައިލަމުން ދެއެކުވެރިންނަށް ހެވުނެވެ.

އެހާރުއްސުރެން ކައިވެނީގެ ތައްޔާރިތައް ފަށަން ހުސްނާ ހުރީ ތައްޔާރަށެވެ. ޢާއިލާގެ ހެޔެއެދުމާއި ދުޢާތަކަށް ފަހުގައި މައިހާއާއި އަސަލް ވެސް ކައިވެނި ފަސްކުރާކަށް ބޭނުމެއް ނުވިއެވެ. މައިހާ ހުރީ ލަދުންނެވެ. އެކަމާ އަސަލް ދިމާކޮށްލުމުން ވަކިން ބޮޑަށް މޫނު ރަތްވެއްޖެއެވެ.

*****

ޤައިލާގެ ވީޑިއޯ މީސްމިޑީޔާގައި ވައިގައިހިފާލައި މާސިންގާ ހުޅުގަނޑެއްގެ ސިފައިގައި ފެތުރުނެވެ. ގިނައީ ޤައިލާއަށް މަލާމަތްކޮށްފައި ހުރި ކޮމެންޓުތަކެވެ. އޭރު ޤައިލާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނައާއި ދެކޮޅަށް ދައުވާ ކުރުމަށް އޮތީ ނިންމާފައެވެ. އެކަމާ ރުޅިގަދަވެ ޤައިލާ ހަޅޭއްލެވިއެވެ. އަވަގުރާނަ ގޮވިއެވެ. އޭނައަށް ކުރިއެރުމެއް ނުލިބުމުން ފެށީ ރޯށެވެ. އޭނަގެ ހީލަތުގައި ޖެހޭނެ މީހަކު ނެތުމުން ޤައިލާއަށް ކަރުއެލުވާލެވުނެވެ. ވިސްނާލުމެއް ނެތި ކުރެވުނު ކަންތަކުން ބޮޑު ލަދެއްގައި ބެދުނީއެވެ. ނުވީތާކަށް ޤާނޫނީ ފިޔަވަޅުތަކުން ސަލާމަތްވެވޭކަށް ނެތެވެ. އޭނަ ހީކުރީ އޭނައާއި ދެކޮޅަށް މައިހާ ދައުވާ ނުކުރާނެ ކަމަށެވެ. ނަމަވެސް، ކަންތައް ވީ އޭގެ އިދިކޮޅަށެވެ. ޤައިލާއަށް މަޢާފްކުރުމުގެ ވިސްނުމެއް މައިހާގެ ނެތެވެ. ގަޔަށް އަތްއިސްކޮށް ބިރުދެއްކިކަމުގެ ދައުވާ އުފުލަން މައިހާ ނިންމިއެވެ. ކޯޓާ ހަމައަށް ދާން ވެސް މެއެވެ. ހަމައެކަނި މައިހާ އެއް ނޫނެވެ. ޤައިލާ މާރާމާރި ހިންގި އަންހެންކުއްޖާ ވެސް ދުލެއް ނުދިނެވެ.

ދުނިޔެއިން އޭނަ ބާކީވުމުން ޤައިލާއަށް ބާރުބާރަށް ރޮވުނެވެ. އެކަނިވެރިކަމުގެ ކަސްތަޅުގައި އޭނަގެ ޤައިދުވިއެވެ. ވަންނާނެ ތަނެއް ނެތެވެ. ބޮޑުދައިތަގެ ގޯތި ހުރީ ވީރާނާ ވެފައެވެ. އެކުވެރިންނެއް ނެތެވެ. މަދަދުވެރިވެ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވިއެވެ. އެހާލުގައި ވެސް ޤައިލާ ހުރީ އޭނަގެ ގޮތުގައެވެ. ކުރެވުނު ކުށާ މެދުގައި ދެރައެއް ނުވިއެވެ. އޭނަ ރުޅިއައީ މައިހާއަށް ފިލާވަޅެއް ނުދެވުމުންނެވެ. ބަދަލު ނުހިފުމުންނެވެ.

*****

ހަތަރު މަސް ފަސް...

ދާމިންއަށް ކައިވެނީގެ ދައުވަތު އަސަލް ދިނެވެ. އޭނައަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ދާމިންގެ ފަރާތުން ވިއްޔާއެވެ. ޤައިލާގެ ވިހަގަދަ ބަސްތަކުގެ ތެރޭގައި އޭނަގެ ނަފުސު ހައްޔަރުނުވީ ދާމިންގެ ނަސޭހަތުންނެވެ. ދާމިން އޭނަގެ ގާތުގައި ނެތްނަމަ މިއުފާވެރިކަމާއި ބައްދަލުކުރުމުގެ ނަސީބު އޭނައަށް ނުލިބުނީހެވެ.

ކައިވެންޏަށް ރަންކިއުމުގެ ރަސްމިއްޔާތު އޮތީ މައިހާގެ ގޭގައެވެ. ދައުވަތު ދެވުނީ ދެފަރާތުގެ ޢާއިލާއާއި ގަތްތިމާގެ މީހުންނާއި އަވަށްޓެރިންނެވެ. ދާމިން ވެސް ޗުއްޓީ ނަގައިގެން އަސަލްއާއި މައިހާގެ ކައިވެންޏަށް އައެވެ. ހަފްލާގެ ތައްޔާރީތަކުގައި އިސްކޮށް އުޅުނެވެ. އަސަލްގެ އުފާވެރިކަން ފެނި ދާމިން ހުރީ ހިނިތުންވެލައިގެންނެވެ. މައިހާއާއި އަސަލް ގުޅޭ މިންވަރާއި ގުޅުވައިގެން އޭނަ ވާހަކަދެއްކިއެވެ.

*****

ގޭގެ މެދު ގޯތި ވަނީ ހުދުކުލައިގެ ފެއަރީ ލައިޓުތަކުން ޒީނަތްތެރިކޮށްފައެވެ. ފެންޑާގައި ހުރި ބޮޑު އިނދޯލިވަނީ ކުލަކުލައިގެ ފިނިފެންމަލުން ޒީނަތްތެރިކޮށްފައެވެ. އުނދޯއްޔާއި ޖެހިގެން ބޮޑު ކެންވަސްއެއްގައި ހުދުކުލައިގެ ބޮޑު ފޮތިކޮޅެއް އަޅައި ނިވާކޮށްފައި ހުއްޓެވެ. ރަންކިއުމުގެ ރަސްމިއްޔާތު ފުރަތަމަ ބާއްވަން ހަމަޖެހުނީ ތުނޑީގައެވެ. ދިވެހި ސަގާފަތާ ގުޅުވައިގެންނެވެ. ނަމަވެސް މޫސުން ތަންނުދިނުމުން މައިހާގެ ގެއަށް ބަދަލުކުރެވުނީއެވެ. އާދައިގެ ގޮތަކަށް ތައްޔާރީތައް ވެފައި ހުރީ ފަހު ވަގުތު ހުރިހާ ކަމެއް ބަދަލުކުރަން ޖެހުމުންނެވެ. އެހެނަސް މާހައުލުގެ އުފާވެރިކަމަށް ފަނޑުކަމެއް ނާދެއެވެ.

މައިހާ ހުރީ ފިނިވެފައެވެ. އޭނައަށް އިރުއިރުކޮޅާ ބެލެނީ އަސަލް އަށެވެ. އަސަލް ހުރީ މައިހާ ލައިގެން ހުރި ރަންކުލައިގެ ހެދުމާއި ގުޅުވައިގެން ހަމަ އެކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައެވެ. ތުނބުޅި ޓްރިމްކޮށްލައި އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލާފައެވެ. އަސަލް އޭނައަށް ހަދިޔާކޮށްލާ ލޮބުވެތި ހިނިތުންވުންތަކުން މައިހާގެ ހިތަށް ފިނިކަން ގެނެސްދިނެވެ. އަސަލްގެ ހައްޤަކަށް ވެވޭނެ އިރަކަށް އޭނަގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އަސަލްގެ އަންބެއްގެ މަޤާމު ލިބުމުން ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް މިލްކުކުރެވޭނެއެވެ.

ރަންކިއުމުގެ ރަސްމިއްޔާތު ނިމުމާއެކުގައި އޮތީ ފޮޓޯ ނެގުމެވެ. ރަނަކަށް މައިހާ ހުށަހެޅީ އޭނައާއި އަސަލް އުފަންވި އަހަރެވެ. ދެހާސް އެއް ރުފިޔާއެވެ. ވަކަރުން ފަރުމާކޮށްފައިވި ކުޑަ ފޮށްޓެއްގައި ކައިވެނީގެ ރަން މައިހާއަށް އަސަލް ވެދުންކުރިއެވެ. ފޮޓޯ ނެގުމުގެ ތެރެއިން ކެންވަސްގައި ހުރި ފޮޓީ އަސަލްއަށް މައިހާ ދައްކާލިއެވެ.

ކުރެހުމުގައިވަނީ އަސަލްއާއި މައިހާ އެވެ. ރީދޫކުލައިގެ ހޫޑީއެއްގައި އަސަލް ހުރިއިރުގައި މައިހާ ހުރީ ކްރީމްކުލައިގެ ސްވެޓާއެއްގައި ޕީޗްކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. މައިހާގެ ނިއްކުރިއަށް އަސަލް ބޮސްދޭއިރުގައި ފުޅާ ހިނިތުންވުމެއް މައިހާގެ ތުންފަތުގައި ވެއެވެ. ހުދުހުދު ދަތްތައްވެސް ފެނެއެވެ. ލޯބިން ދިރުންގެނެސްދީފައިވާ ކުރެހުމެކެވެ.

''އަޒް ހަންދާންވޭތަ މާލެއިން ބައްދަލުވެ ހަދިޔާއަކަށް ޕެއިޓިންގް ސާމާނު ދިން ދުވަސް؟، އެދުވަހު ބުނީމެއްނު އަހަރެން ކުރަހާ އެއްޗެއް ދައްކާލަން ވާނެޔޭ، ދިސް އިޒް މައި ގިފްޓް ފޯ ޔޫ......'' މައިހާ ހަނދާންކޮށްދިނެވެ. ކުރެހުމުގެ ތެރެއަށް ގެއްލިފައި ހުރި އަސަލްގެ ނަޒަރު މައިހާގެ މޫނަށް ހުއްޓުނެވެ. މައިހާގެ ގާތަށް ޖެހިލަމުން ލޯތްބާއެކު މައިހާގެ އަތުގައި އަސަލް ހިފާލިއެވެ. އެދެލޮލުން ފާޅުވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ވަފާތެރިކަމާއި އޯގާތެރިކަމެވެ. ހިމާޔަތާއި ރައްކާތެރިކަމެވެ.

އަސަލްގެ ތޫނު ބަލައިލުމުން މައިހާގެ ވިންދާއި ކުޅެލިއެވެ. މޭގައި ޖަހާ ކޮންމެ ވިންދަކުން ވެސް އަސަލް ދެކެ ވާ ލޯބި ހާމަކޮށްދިނެވެ. އެއީ ނިމުމެއް ނުވާ އިހުސާސެކެވެ. ފަހު ނޭވާއާއި ޖެހެންދެން ޖަޒުބާތުތައް އޭނަ ބަންޑުންކުރާނެއެވެ. އަސަލްގެ ފަރާތުން އެދެވުނު ލޯބި މައިހާއަށް ހާސިލްވެއްޖެއެވެ.

އާލަމްތަކުގެ ވެރި އިލާހަށް މައިހާ ހަމްދާއި ޝުކުރުކުރިއެވެ. އޭނަގެ އަލަތު ލޯބި ހާސިލްވީ އެއިލާހުގެ ރޭއްވުމާއި އެކުގައެވެ. އެކަމަށް ކަނޑައެޅިފައި އޮތް ވަގުތާއި އަރާހަމަވުމުންނެވެ. ބައެއްފަހަރު އިންސާނާ އެދޭ ކަމެއް އެކަލާނގެ ލަސްކުރައްވައެވެ. ކެތްތެރިކަން އިމްތިހާނު ކުރެއްވުމަށެވެ. މާޔޫސްކަމުގެ ތެރޭގައި ބަނދެވުމުން ނާއުއްމީދުގެ އަނދިރިކަމަށް ދައުވަތު ދެވެއެވެ. ދުޢާގެ ބާރު އިންސާނާއަށް އިހުސާސްކުރެވޭނެ ނަމަ ހިނދުކޮޅަކަށް ވެސް އެއިލާހުގެ ރަހުމަތުން އުއްމީދު ކަނޑާނުލާނެއެވެ. އެކަލާނގެއީ އެންމެ ފުރިހަމައަށް ކަންތައް ރާއްވަވާ އިލާހެވެ. އެކަލާނގެ ރަހުމަތަށް އުއްމީދުކުރާ މީހާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާނެއެވެ. އިންތިޒާރާކީ އޭގައި ފޮނި ރިހުމެއް އެކުލެވިގެންވާ ކަމެކެވެ. އުއްމީދު ކަނޑާނުލާށެވެ. ދުޢާކުރުމުގައި ދެމި ތިބޭށެވެ. ﷲ ތިބާގެ ދިރިއުޅުން އުޖާލާކުރައްވާނެއެވެ.

(ނިމުނީ)