މައިހާއަށް އިސްޖަހާލެވުނެވެ. ދެކެވުނު ވާހަކަތަކަށް ކަންފަތް ހުޅުވާލައިގެން ހުރިކަން އަސަލްއަށް ފާހަގަވެއްޖެކަން އެނގުމުން ލަދުގަތީއެވެ. ހިތް ވެސް ބާރަށް ތެޅެން ފަށައިފިއެވެ. އަތުގައި މަޑު ތުރުތުރުލުމެއް އުފައްދާލަމުންނެވެ. އެސްފިޔަތައް ތިރިކޮށްލި ކަމުގައި ވިޔަސް ލިބުނު އުފާވެރިކަން މައިހާއަށް ސިއްރެއް ނުކުރެވުނެވެ. އަސަލްއާއި ވަކިވާން ނުޖެހޭނެކަމުގެ އުފާވެރިކަމެވެ. އޭނަގެ ގާތުގައި އަސަލް ހުންނާނެތީއެވެ. ކޮންމެ ދުވަހަކު އަސަލްގެ މޫނު ފެނުމުގެ ނަސީބު ލިބޭނެތީއެވެ. އެކުގައި ވަގުތު ހޭދަކޮށްލެވޭނެތީއެވެ. ނަމަވެސް އެކަން އެގޮތުގައި ދެމި އޮންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޤައިލާގެ ހަނދާންތައް މުޅިން ފޮހެވިގެން ދިއުމާއެކުގައި އައު ދިރިއުޅުމެއް ފަށަން އަސަލް ގަސްދުކުރާނެއެވެ. އޭނަ ނޫން އެހެން އަންހެންކުއްޖަކު އަނެއްކާވެސް އަސަލްގެ ހަޔާތާއި ގުޅިގެންދާނެއެވެ. އަސަލްގެ ހަޔާތުން އޭނަ ބާކީވެދާނެއެވެ. ދެވަނަ ފަހަރަށް އެމަންޒަރު ދުށުމުގެ ކުޅަދާނަކަން އޭނައަށް ލިބޭނެ ހެއްޔެވެ؟

އުދާސްކުރުވަނިވި އެޚިޔާލުތަކުން މައިހާގެ އުފާވެރިކަމަށް ފަނޑުކަމެއް ގެނައެވެ. އޭނައަށް ފުން ނޭވާއެއް ދޫކޮށްލެވުނީ އެޚިޔާލުތަކާއި ދުރުވުމަށެވެ. ވަށައިގެންވި މާހައުލަށް ދިން ނަޒަރާއެކުގައި ތުންފަތުގައި ހިނިތުންވުމެއް ކުރަހާލިއެވެ.

އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަމުގެ ފަރުދާތައް ފަތުރާލާފައިވުމުން ތަރިތަކުގެ ވިދުން ދުރުދުރުން ފެނެއެވެ. ކުކުޅާއި ސޮސެޖުތައް ފިހެވުމުން އެންމެން އެކުގައި ދޮންވެލިގަނޑު މަތީގައި ކާން އިށީނެވެ. ވާހަކަތައް ގުޅުނީ ޢީދަށް ވަމުން އައި ތައްޔާރީޔާއެވެ. މައިހާއާއި ވަކިން ވާހަކަދައްކާލަން އަސަލް ބޭނުން ވިޔަސް، އެވަގުތުކޮޅު އޭނަ ހާއްސަކޮށްލީ ޢާއިލާ އަށެވެ. މިރޭ ފަހުން މައިހާއާއި ބައްދަލުކުރަން ހިތުލަމުންނެވެ. އެކަމުގެ އިޝާރާތެއް އަސަލްއަށް މައިހާ ދިނީ ގެނައި ބާބެކިއު ސާމާނުތައް ގެއާއި ހަމައަށް އުފުލުމުގެ މަސައްކަތުގެ ތެރެއިންނެވެ.

''މިރޭ ވާނެ ރެދަން ބަލަން ދާން...'' އާދައިގެ ރާގަކަށް އަސަލް ބުންޏެވެ.

''ރޭގަ ވެސް ނުފެނުނުނެއްނު...'' މައިހާ ބުނެލިއެވެ.

''މިރޭ ލާނެ، އައިމް ޕޮޒިޓިވް...'' އަސަލް ދިނީ ޔަޤީންކަމެވެ.

''ހަމަ ތިހެން ރޭގަ ވެސް ބުނީ...'' މައިހާއަށް ހީނލެވުނެވެ.

''އައިމް ހަންރެޑްޕަސެންޓް ޝުއާ ދިސް ޓައިމް...'' އަސަލް ބުންޏެވެ.

''އޯކޭ... ބަލަމާ...'' މައިހާ އެއްބަސް ވިއެވެ. އަސަލްގެ އެއްވެސް ހުށަހެޅުމަކަށް ނޫނެކޭ ބުނުމުގެ ޤާބިލުކަމެއް މައިހާއަކަށް ލިބިގެން ނުވެއެވެ.

''ފަހުން ގަޑި މެސެޖެއްކޮށްލާނަން...'' އަސަލް ބުންޏެވެ. މައިހާ ބޯޖަހާލިއެވެ.

*****

ގަޑިން ރޭގަނޑު ނުވައެއް ޖެހީއެވެ. މައިހާ ކޮޓަރިން ނިކުތީ އަސަލް އޭނައަށް މެޖެކު ކުރި ގަޑި ކައިރިވުމުންނެވެ. ނިކުމުތުގެ ކުރިން ރީވާމޭޒު ކުރިމައްޗަށް ހުއްޓިލަމުން ބުރުގާ ރަނގަޅުކޮށްލިއެވެ. ޕާކިސްތާނު ވައްޓަފާޅިއަށްދާ މަޑު ރީނދޫކުލައިގެ ހެދުމަކާއި ހަރުވަޅިއެއްގައި މައިހާ ހުރިއިރުގައި ހެދުމުގެ ކުލަ އޭނައާއި ވަރަށް ގުޅެއެވެ.

ގޭގެ ފެންޑާއަށް މައިހާ ނިކުތެވެ. އޭނަގެ ލޮލުގައި އަޅައިގަތީ ޖޯލީގައި ތިބި މަންމައާއި ޖާހަތެވެ. އެއީ އާންމުކޮށް އަނގަތަޅާލަން ޖާހަތު އެގެއަށް އަންނަ ގަޑިއެވެ. މާމަގެ ހިލަމެއް ނުވުމުން ނިދަން ކޮޓަރިއަށް ވަނީ ކަމުގައި މައިހާ ނިންމިއެވެ. ފަތިހާ ހޭލަން އަވަހަށް ނިދުމަކީ މާމަގެ އާދައެކެވެ.

''ބޭރަށްދަނީތަ؟...'' ރަމީޒާއަށް މައިހާ ފެނުމުން އަހާލެވުނެވެ.

''ލައްބަ މަންމާ، އަޒް ވަރަށް ޔަޤީންކަމާއެކު ބުނެފި މިރޭ ރެދަން ލާނެޔޭ، އެހެންވެ މިދަނީ އެކަމުގެ އަޖުމަ ބަލައިލަން...'' ލުއި ހުނުމަކާއެކުގައި މައިހާ ބުންޏެވެ. ރަމީޒާއާއި ޖާހަތަށް އެކުއެކީގައި ހިނިތުންވެވުނެވެ. މައިހާ ނިކުންނަންދެން ޖާހަތު ބެލިއެވެ. އުފާވެރިކަން އޭނަގެ ދެލޮލުން ފެނެއެވެ. އަސަލްގެ ތަބީއަތަށް އައިސްފައިވި ހެޔޮ ބަދަލުތަކުން އޭނަ ހުރީ މައިހާއަށް ޝުކުރުވެރިވާނެ ގޮތެއް ނޭނގިފައެވެ.

''ރަށަށް އައިފަހުން އަޒްގެ މިޒާޖު މުޅިން ބަދަލުވެއްޖެ، މާލެއިން ފެނުނު އަޒްއެއް ނޫން އެއީ، މޭއިއާއެކު ވަގުތު ހޭދަކުރަން ފެށީމަ އައި ބަދަލެއްކަމަށް ލަފާކުރެވެނީ...'' މައިދޮރާށިން މައިހާ ނުކުތުމާއެކުގައި ޖާހަތު ބުނެލިއެވެ.

''ހޫމްމް، ކުރިން އުޅުނު ސަކަ މިޒާޖުގަ އުޅެނީ، މިއަދު ހެނދުނާ ސަކަރާތްގަނޑު ބޮޑުކޮށްލައިގެން އުޅޭ ބަދިގެއަށް ކޮފީ ޖޯޑު ބަންޑުންކޮށްގެން، މޭއި ވެސް ގިނަގިނައިން ހިނިތުންވެލާތަން ފެނޭ، ކުރިން އަބަދު އުޅޭނީ ސްކޫލްގަ...'' ރަމީޒާ އިތުރުކޮށްލިއެވެ.

''އަހަރެން ހާދަ ބޭނުމޭ އެދެކުދިން ގުޅެން...'' ޖާހަތަށް ބުނެވުނެވެ. ހިތުގެ އެދުން ދުލާ ހަމައަށް އައީއެވެ. ހާއްސަކޮށް މައިހާއާއި އަސަލްގެ ގާތްކަމުގެ ސަބަބުން އޭނަގެ ހުވަފެނުގައި ހަޤީޤީ ކުލަ ޖެހިގެން ދިއުމަށް އެދެވެއެވެ.

''ޖާތު...'' ރަމީޒާއަށް ބުނެވުނެވެ. ''އަހަރެން ވެސް، އެކަމަކު އެކުދިންގެ އަތްމައްޗަށް ދޫކޮށްލަމާ، ޤައިލާއާއި އަސަލް ވަކިވިތާ އެހާ ގިނަ ދުވަހެއް ނުވޭ...''

''އާނ، ތިހެންވެ އެއްޗެއް ބުނަން ނުކެރިފަ މިހުންނަނީ... ހިތަށް އެރި އެއްޗަކުން މިހެން މިބުނެވުނީ...'' ޖާހަތު ބުންޏެވެ. ޖަހަތާއި ރަމީޒާ ބަދަލުކޮށްލި ނަޒަރުން ޖާހަތު ބުނި ޖުމްލައިގެ މާނަ ނަގައިގަނެވުނުކަން ހާމަކޮށްދިނެވެ.

''އަދި ރަމީ ކައިރި ނުބުނެވިގެން މިއުޅެނީ...'' ވާހަކައިގެ މިސްރާބު ޖާހަތު ބަދަލުކޮށްލިއެވެ.

''އަވަހަށް ބުނެބަލަ...'' ރަމީޒާ ބުންޏެވެ.

''އަޒް ރަށަށް ބަދަލުވާން ނިންމައިފި...'' އުފާވެރިކަމާއެކު ޖާހަތު ބުންޏެވެ.

''ނާހަމަ ތެދެއްތަ؟...'' ރަމީޒާއަށް ހިނިތުންވެވުނެވެ. ޖާހަތު ބޯޖަހާލީ ރަމީޒާއަށް ޖަވާބު ދިނުމަށެވެ.

''މަޑުމަޑުން ހުރިހާ ކަމެއް ހަމައަކަށް އެޅެމުންދާތީ ހިތްހަމަޖެހިފަ މިހުރެވެނީ...'' ޖާހަތު ބުންޏެވެ.

*****

މައިހާގެ އިންތިޒާރުގައި އަސަލް އިނީ ބޭރުގައި ހުންނަ ޖޯލީގައެވެ. ދޮރާށި ހުޅުވުނުއަޑާއެކުގައި އަތުގައި އޮތް ކުޑަ ޕިކްސީ ކެމެރާގެ ވާގަނޑު އަތުގައި އަޅަމުން އޭނަ ކޮޅަށް ތެދުވިއެވެ. މައިހާއަށް ހުއްޓުނު އަސަލްގެ ނަޒަރާއެކު މައިހާގެ ރީތި ކަމަށް ހިތާހިތުން ތައުރީފު ކުރެވުނެވެ. މައިހާގެ ސާދަކަމާއި މަޑުމަތިކަމަކީ އަސަލްއަށް އެންމެ ކަމުދާ ސިފައެވެ.

''ރެޑީ؟...'' އަސަލް ހުއްޓުނީ މައިހާގެ ކުރިމައްޗަށެވެ. މޭމަތީ އެއަތް ޖައްސާލަމުން އަނެއް އަތުން މައިހާއަށް ހިނގައިގަތުމަށް އޭނަ އިޝާރާތްކޮށްލީ މައިހާއަށް ކުރުނީސްކޮށްލަމުންނެވެ. މައިހާއަށް ވީ މަޖާކަމަށެވެ. ދެފަރާތަށް ބޯހޫރާލަމުން ކުރިއަށް އަޅާލި ފިޔަވަޅާއެކުގައި އޭނައަށް ހެވިއްޖެއެވެ. މައިހާގެ އަޑުގެ ދަށުން އަސަލްގެ ހުނުމުގެ އަޑު އިވުނެވެ.

ގޮނޑު ދޮށަށް ފައިބަން ހުރި ސިޑީގެ އަރިމަތިން ހުއްޓެމުން ފުރަތަމަ މައިހާ ފޭބުމަށް އަސަލް ބުންޏެވެ. އެހިސާބުގަނޑުގައި ހޭލަމޭލަވަމުން ދިޔަ މީހުންގެ ލޮލުގައި އަޅައިގަނެފާނެތީ މައިހާ ހުރީ ލަދުގަންނަ ގޮތް ވެފައެވެ.

''ވައި އާ ޔޫ ބިއިންގް ވިއާޑް؟...'' ސިޑީގެ ފަހު ހަރުފަތުގައި ހުއްޓި ހުރެ މައިހާ ފަސްއެނބުރެމުން ބުންޏެވެ. އަސަލް ހުރީ މައިހާއާއި ދާދި ގާތުގައެވެ. އެތޫނު ދެލޯ ހުއްޓިފައިވުމުން މައިހާގެ ނޭވާ ކުރުވާން ފެށިއެވެ.

''އައިމް ބިއިންގް އެ ޖެންޓްލްމޭން...'' ފަހުރުވެރިވެލާފައި އަސަލް ބުންޏެވެ. ''ކިހިނެއްވީ، މޭއިއަށް ކަމުނުދަނީތަ؟...''

އަސަލްގެ ސުވާލު ކުރި ރާގާއި އެދެމެދުގައި އޮތް ދާއިރާގެ ހަނިކަމުން މައިހާގެ ސިކުނޑި ރަނގަޅަށް މަސައްކަތެއް ނުކުރިއެވެ. ދޫއޮޅިދާނެތީ ހިމޭންވެފައި ހުރެވުނެވެ. ރޭގަނޑުގެ ފިނީކަމާއި ޖެހެމުންދާ ރޯޅިތަކުގެ އަސަރެއް ވެސް ނުކުރިއެވެ. ހިންދިރުވާލެވުނީ އުނދަގުލުންނެވެ.

''އުހޫނ...'' މައިހާ އުޅުނީ އޭނައާއި އަސަލްއާ ދެމެދަށް ދުރުކަމެއް ގެންނާށެވެ. އެހެންނޫންނަމަ އޭނަގެ ހިއްސުތައް އިހުތިޔާރުގެ ދަށުން ދޫވެދާނެކަމުގެ ބިރު ހީވިއެވެ. ފިޔަވަޅުތައް އަވަސްކޮށްލައި ރާޅުފަށާ ތަންކޮޅެއް ދުރުގައި މައިހާ ހުއްޓުނެވެ. އަސަލްގެ ފިޔަވަޅުތަކުގެ އަޑު މައިހާއަށް އިވުނެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވިއެވެ. އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. މައިހާ ދޮންވެލިގަނޑު މަތީގައި އިށީނުމުން އަސަލް ވެސް މައިހާގެ ހަރަކާތްތައް ނަކަލުކުރަމުން އިށީނެވެ.

''ސޯ... އަޒް ރަށަށް ބަދަލުވަނީތަ؟...'' މައިހާ އެހިއެވެ. ޖަވާބު އެނގޭހާލުގައި ވެސް އެސުވާލުކޮށްލީ ހިމޭންކަމަށް ނިމުމެއް ގެނައުމަށެވެ.

''ހޫމްމްމް... މާލޭގަ އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތް... އަހަރެން މާ ގަޔާވާ ތަނެއް ނޫން އެއީ... އައި ލައިކް ދިސް އައިލޭންޑް، މައި ފެމިލީ... އެންޑް ޔޫ...'' އަސަލް ބުންޏެވެ. ފަހަކަށް އައިސް އެކުވެރިކަމުގެ ލަފުޒުން މައިހާއާއި މުހާތަބު ކުރަން އަސަލްގެ ޒަމީރު ދެކޮޅުހަދައެވެ.

''މިތާ ތިބެގެން ރެދަން ނުފެންނާނެ... ހިނގާ ތުނޑިއަށް، އެންމެ އަވަހަށް ތުނޑިއަށް ދެވޭނީ ކާކަށް؟...'' އަސަލް ކޮޅަށް ތެދުވިއެވެ.

އަސަލްގެ ވާހަކަތަކުން ހޭލައިގެން އައި ޖަޒުބާތުތަކުން މައިހާއަށް ތަސްވީރުކުރެވުނީ ފުރާވަރުގެ މަންޒަރެކެވެ. އާލާވި ހަނދާންތަކުން މައިހާއަށް އުފާވެރިކަން ގެނެސްދިނެވެ.

''ކޮބާ ޕްރައިޒަކީ؟...'' އަސަލްއާއި ދިމާއަށް މައިހާ އެނބުރުނެވެ. ސޯޓުގެ ޖީބަށް އަތްޖަހައިގެން ހުރި އަސަލް ވެސް މައިހާއަށް ބަލައިލިއެވެ.

''ބޭނުން އެއްޗެއް ދޭނަން...'' އަސަލްގެ ޖުމްލައާއެކު މައިހާގެ ހިތް އަވަސްވެލީ ކުއްލިޔަކަށެވެ.

''ބޭނުން އެއްޗެއް؟...'' ވިސްނުމަކާނުލާ މައިހާއަށް ތަކުރާރުކޮށްލެވުނެވެ. އެއީ އޭނަގެ އަމިއްލަ ނަފުސާ އޭނައަށް ކުރެވުނު ސުވާލެއްކަމަކު އަސަލްގެ ކަންފަތާހަމައަށް ފޯރައިފިއެވެ.

''ހޫމްމް...'' އަސަލް ޔަޤީންކަމާއެކުގައި ބުންޏެވެ.

މައިހާއަށް ބަލަން ހުރެވުނީއެވެ. އޭނަގެ ސިކުނޑި ހިސާރުކޮށްލި ޚިޔާލުތަކާ ދުރެއްނުވެވުނެވެ. އަސަލްގެ ގާތުން އޭނަ ބޭނުމީ ހަމަ އެންމެ ކަމެކެވެ. އޭނަ އަސަލް ދެކެ ވާ ލޯބި ޤަބޫލުކުރުމެވެ. އޭނަގެ ހިތް ބަލައިގަތުމެވެ. ލޯތްބާއި ވަފާތެރިކަމާއެކުގައެވެ. އޭނަގެ ހަޔާތާއި އަސަލް ގުޅިލާމެހިގެން ދިއުމެވެ. އޭނަގެ ހުވަފެންތަކުގެ ރާޖާ ހާސިލް ވުމެވެ. އެކަން އަސަލްއަށް ފުރިހަމަކޮށްދޭނެ ބާވައޭ ލަސްލަހުން އޭނަގެ ޒަމީރާއި މައިހާއަށް ސުވާލުކުރެވުނެވެ. އަސަލްގެ ހަޔާތުން އޭނައަށް ޖާގައެއް ދޭނުތޯ އަހަންވީ ހެއްޔެވެ؟

''މޭއި؟...'' މައިހާ ސިހުނީ އަސަލްގެ އަޑަށެވެ. ބިލާހުތަކުގެ ތެރެއަށް ގެއްލިފައި ހުރެވުނުކަން ރޭކާލީ ދެނެވެ. މައިހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަފުސު ހަމައަކަށް އެޅުވޭތޯއެވެ.

''ފަށަންވީ؟...'' މައިހާ ބުންޏެވެ. އަސަލްގެ ނަޒަރު އޭނައާއި ވަކިނުވާތީ މައިހާ ނުތަނަވަސްވިއެވެ.

އަސަލް ބޮޑު ފިކުރެއްގައި ހުރި ކަހަލައެވެ. މައިހާގެ މޫނުން ފެނުނު ކުލަވަރުތައް ދޭހަކުރާކަށް އޭނައަށް އުނދަވޫވެއްޖެއެވެ. ފިކުރުތައް ގިނަވެ އޭނަގެ ބުމަ ކައިރިވެލައިފިއެވެ. މައިހާއައި ގާތަށް އަސަލް އެޅި ފިޔަވަޅާއެކުގައި މައިހާ ދުއްވައިގަތީ ތުނޑިއާއި ދިމާއަށެވެ. އަސަލްއަށް އެދިމާއަށް ބަލަން ހުރެވުނެވެ.

''ކަމެއްވީތަ ނޫނީ އަހަންނަށް ހީވާހީވުމެއްތަ؟...'' އަސަލްއަށް ބުނެވުނެވެ. މައިހާގެ ފަހަތުން އަސަލް ދުއްވައިގަތީ ވިސްނުމަކަށް ގެއްލިފައި ހުރެއެވެ. މައިހާއާއި އެއްހަމަ ކުރަން އަސަލްއަށް އުނދަގުލެއް ނުވިއެވެ.

މިލަހަނދުވަރުގެ ސަބަބުން މައިހާގެ މޫނު ދިރާސާކުރަން އަސަލްއަށް ފަސޭހައެއް ނުވިއެވެ. މައިހާގެ ތުންފަތާއި ކުޅެމުން ދިޔަ ލުއި ހިނިތުންވުން ފިޔަވައެވެ. އެއީ ހެޔޮ ފާލެއްކަމުގައި ޔަޤީންކުރަން އަސަލްއަށް އުނދަގޫވުމުން ދިގު ނޭވާއެއް ދޫކޮށްލެވުނެވެ. އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ބަނދެވި މިވަގުތުކޮޅު ގެއްލިދާކަށް އޭނަ ބޭނުމެއް ނުވިއެވެ.

''ކޮބާ އަހަރެން ބުނީމެއްނު...'' ތުނޑީގެ ކޮޅާ ހަމައަށް ދެވުމުން ރާޅުތަނކުގެ ގޯނާތަކުން ދިއްލެމުންދާ ރެދަން ފެންނަން ފެށިއެވެ.

''ދެން އަޒްގެ ޤާބިލުކަމާ މެދު ޝައްކެއް ނުކުރާނަން...'' ފިޔަވަޅުތައް މަޑު ޖައްސާލަމުން މައިހާ ބުންޏެވެ. ބާރަށް ތެޅެމުން ދިޔަ ހިތުގެ ވިންދުތައް ހަމައަކަށް ނޭޅުނެވެ. ދުވުމުން ހަށިގަނޑަށް ލިބުނު ލޮޑުކަން ފިލިކަމުގައި ވިޔަސް މެއެވެ. އޭނަގެ ހިތަށް ބާރުފޯރުވަނީ އަސަލްއެވެ. އޭނަގެ ގާތުގައި އަސަލް ހުންނަހާ ހިނދަކު ވިންދުތައް ހަމައަކަށް ނޭޅޭނެއެވެ.

''ބައިދަވޭއި ޔޫ ވޮން...'' އަސަލް ބުންޏެވެ. ''އަވަހަށް ބޭނުންވާ ގިފްޓް ބުނޭ...''

''މާކުރިން ގިފްޓް ލިބިއްޖެ...'' ތަފުސީލަކަށް ދިއުމުއް ނެތި މައިހާ ބުންޏެވެ. ދޮންވެލިގަނޑުމަތީގައި ފައިވާން ބަހައްޓަމުން މައިހާ މިސްރާބު ޖެހީ ރާޅުފަށާއި ދިމާއަށެވެ. އަސަލްއާއި ދުރަށެވެ. އެކަހެރި މާހައުލެއްގައި އަސަލްއާއި އެކުގައި ހުރެވުމުން މައިހާ ހުރީ ހާސްވެފައެވެ. އޭނަ އަސަލްއަށް އިތުބާރު ކުރެއެވެ. އޭނައަށް އިތުބާރު ނުކުރެވެނީ އަމިއްލަ ނަފުސަށެވެ.

''ތިހާ ފަސޭއިން ސަލާމަތެއް ނުވެވޭނެ... ތަފުސީލު ދޭންވާނެއެއްނު...'' އަސަލްގެ އަޑު މައިހާއަށް އިވުނެވެ. މައިހާ ސަމާލުވެލީ ރެދަނުން ދިއްލިފައިވި ދޮންވެލިގަނޑަށެވެ. އުޑުގައި ވިދާބަބުޅަމުންދާ ތަރިތަކުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކުރުފައިމައްޗަށް މައިހާ ތިރިވިއެވެ. ޝަހާދަތް އިނގިލީގެ ކުރިން ދޮންވެލިގަނޑުގައި އަސަލްގެ ނަން ލިޔެލަން ބޭނުންވިއެއްކަމަކު ފަސްޖެހުނެވެ. މައިހާގެ ވާތް ފަރާތުން އަސަލް ތިރިވެލީ އެވިސްނުމުގައި މައިހާ އިންދަ އެވެ.

''މޭއި...'' އަސަލްގެ ގޮވާލުމުގައި ތަފާތު އަސަރެއްވާހެން މައިހާއަށް ހީވިއެވެ. ލަސްލަހުން އެސްފިޔަތައް އުފުއްލާލެވުނެވެ. އަސަލްއާއި ހަތަރުކަޅި ބައްދަލުވުމާއެކު އެދެލޮލުން މައިހާއަށް ފެނުނީ ތަފާތު ޝުއޫރެކެވެ. ކަރަންޓު ޝޮކެއް ލިބުނު ކަހަލައެވެ. ޕުއްޕާމެއިން ހުރިހާ ވަޔެއް ބޭރުވެއްޖެއެވެ. މައިހާގެ މެޔަށް ވެރިވެގެން އައީ އާދަޔާ ޚިލާފު ފިނިކަމެކެވެ. ކަންފަތުގައި ގުގުމަނީ ހިތުގެ ވިންދެވެ. އަސަލް ހުރީ މައިހާއާއި ދާދި ގާތުގައެވެ. މައިހާގެ ނަޒަރު އަސަލްގެ މޫނުގެ ހުރިހާ ސިފައެއް ދެނެގަތެވެ. އެރީތި ދެލޮލެވެ. ހަތަރެސްކަން ބަށްޓަމުގެ މޫނެވެ. ދިގުކޮށްފައިވި ތުނބުޅިއެވެ. އިނގިލިތަކުގެ ކުރި އެނބުޅީގައި ހިންގާލަން އަތް މުނިމުނިކަވަން ފެށިއެވެ. އަސަލްގެ ތުންފަތަށް ވެސް މައިހާއަށް ބެލުނެވެ.

އަނެއްކާ ވެސް އަސަލްގެ ދެލޮލަށް މައިހާ ސަމާލުވެލިއެވެ. އެދެލޮލުން އޭނައަށް ސިއްރެއް ބުނެދޭން އުޅޭ ކަހަލައެވެ. އަސަލްގެ ބެލުމުގައި ވަނީ ގާތްކަމެވެ. މައިހާ އިނީ ގަބު އަރާފައެވެ. މިއީ އޭނަގެ ސިކުނޑި އޭނައަށް ދައްކާ ހުވަފެނެއް ހެއްޔެވެ؟ ހޭލާ ހުރެގެން ވެސް ހުވަފެން ފެންނަ ހިސާބަށް ދިޔައީ ހެއްޔެވެ؟ އޭނަ މޮޔަވީ ހެއްޔެވެ؟ ދުށުމަށް ބޭޤަރާރުވެފައިވި ލޯބީގެ އަސަރު ފެނިދާނެ ހެއްޔެވެ؟ ލޯބީގައި އާވާރާވުމުން ވަހުމެއްގެ ތެރެއަށް ޖާން ދޫކޮށްލެވުނީ ހެއްޔެވެ؟

''މީ ހަޤީޤަތެއްތަ؟... އަޒް އަހަރެން ދެކެ؟...'' މައިހާއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. މައިހާގެ މުޅި ހަށިގަނޑަށް އެނގުން ވެއްޖެއެވެ. ހިނދުރުވާލުން ވީ ދަތި ކަމަށެވެ. އަތުގައި މަޑު ތުރުތުރުލުމެއް އުފެދެން ފަށައިފިއެވެ. އޭނަގެ މުޅި ވުޖޫދު އަރިއަޅާލި ފަދައެވެ.

ގަރުނުތަކަށް ދެމިގެން ދިޔަ ސުކޫތަށް ނިމުމެއް ގެނުވީ އަސަލްގެ ފޯނު ވައިބްރޭޓްވާން ފެށި އަޑުންނެވެ. މައިހާއަށް ލިބުނު ސިހުމުގައި އިސްޖަހާލެވުނެވެ. އަސަލްއަށް ބަލައިލުން މައިހާއަށް ކުޅަދާނަކަމަކަށް ނުވިއެވެ. އޭނަގެ ސިކުނޑީގައި ހައިޖާންގަނޑެއް އުފައްދާލައިފިއެވެ. އަމިއްލަ ސަފުސާއި ކުރެވުނު ސުވާލުތަކަށް ޖަވާބެއް ނުމެލިބުނެވެ. ދެންމެ ފާއިތުވެ ދިޔަ ވަގުތުކޮޅުގެ މާނަ ނަގަންވީ ކިހިނެއް ހެއްޔެވެ؟

''ފޯނު...'' މައިހާގެ އަޑު ނިކުތީ އުނދަގުލުންނެވެ. އަސަލް ފޯނު ނަގަން ނޫޅޭތީ މައިހާއަށް ބުނެވުނީއެވެ. އޭނަ ހުރީ އަސަލްއާއި ދެމެދު ދުރުމިނެއް ހޯދަން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ. އެހާ ގާތުގައި އަސަލް ހުންނަން ވެއްޖެނަމަ އޭނަގެ ހިތް މަގާމުން ދޫވެދާނެއެވެ. ގޯހެއް ހެދިދާނެތީ މައިހާ ބިރުގަތެވެ.

އައި ފޯނުކޯލުގެ ސަބަބުން އަސަލްގެ މޫޑު ހަރާބުވިއެވެ. އޭނައާއި މައިހާގެ ދެމެދަށް ހުރަސްތަކެއް އެޅުމުންނެވެ. ގާތުގައި ތިބެވުނު ހާއްސަ ދަނޑިވަޅަށް ނިމުން އަތުވެއްޖެއެވެ. ދެން އެކަހަލަ ފުރުސަތެއް ލިބޭކަމެއް އެނގެނީއެއް ވެސް ނޫނެވެ. ލޯބި ހުޝަހަޅަން އަސަލް ހުރީ ތައްޔާރަށެވެ.

''އަޒް، ފޯނު ނަގާބަލަ...'' މައިހާ ތަކުރާރުކޮށްލުމުން އަސަލްއަށް މަޖުބޫރުވީ ދުރަށް ޖެހިލާށެވެ. ސޯޓުގެ ޖީބުގައި އޮތް ފޯނު ނަގަމުން ސްކްރީނަށް އަސަލް ބަލައިލިއެވެ. އޭނައަށް ލިބުނީ ހައިރާންކަމެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. މައިހާއާއި ދުރަށް ހިނގައިގަންނަމުން އަސަލް ފޯނަށް ޖަވާބު ދިނެވެ.

އަސަލް ދުރަށް ޖެހިލުމާއެކުގައި މައިހާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ދެތިން ނޭވާ ދޫކޮށްލެވުނަސް ހަމަޖެހުމެއް ނުލިބުނެވެ. ޚިޔާލުތައް ގިނަވެ އޭނަގެ ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. އުދާސްކަމާއެކު މައިހާއަށް ދެލޯ މަރާލެވުނެވެ.

''އަޒް... އަހަރެން... އަހަރެން ވަރަށް ބޮޑަށް ލޯބިވޭ...'' މީގެ ކުރިން ދުވަހަކު އެލަފުޒުތައް މައިހާ ދުލާ ހަމައަށް ނުގެނެއެވެ. ބިރުންނެވެ. ހިތަށް ތަސައްލީއެއް ލިބޭތޯ ވޭނާއި ކެކުޅުމުގެ ތެރެއިން ވެސް މަޑުމަޑުން ބުނެލީ ކިރިޔާ އޭނައަށް އަޑުއިވޭނެ ވަރަށެވެ. މައިހާގެ ދެލޯ އެހިނދު ކަރުނުން ފުރުނެވެ. އެއާއެކު އަވަސްއަވަހަށް ކަރުނަ ފޮހެލެވުނެވެ. އަނދިރިކަމަށް ޝުކުރުވެރިވެވުނެވެ. އެހެންނޫންނަމަ އޭނަގެ މޫނުން އަސަލް ހުރިހާކަމެއް ދެނެގަތީހެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟

''ހަލޯ...'' ކަންފަތުގައި ފޯނު ޖައްސާލަމުން އަސަލް ބުންޏެވެ. ރައްދު ނުލިބުމުން އަސަލް އުޅުނީ ފޯނު ކަނޑާލާށެވެ.

''އަޒް...'' ގިސްލުމަކާއެކުގައި އަސަލްގެ ކަންފަތަށް އިވުނީ ދެވަނަ އަޑެއް ނޫނެވެ. އެއީ ޤައިލާގެ އަޑެވެ. އޭނައަށް އެރުއިން ދުވަހަކު ނޯޅޭނެއެވެ. އެއީ ދެއްކުންތެރިކަމެވެ. ހީލަތްތެރި ދަންތުރައެކެވެ. ޤާއިލާ ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ މަކަރާއި އޮޅުވާލުމުގައި އޭނަ ހައްޔަރުކުރެވިދާނެ ކަމަށް ހެއްޔެވެ؟

އަސަލްގެ މޫނުން ފާޅުވީ ރުޅިވެރިކަމެވެ. ޤައިލާގެ ނަންބަރުތަކަށް ދާންދެން އޭނަ ވަނީ ބްލޮކްކޮށްފައެވެ. ޤައިލާއަށް މެސެޖެއް ދޭށެވެ. އޭނަގެ ހަޔާތުން ކުޑަމީސް ޖާގައެއް ލިބުމެއް ނުވާކަން ހާމަކުރާށެވެ. ނުދަންނަ ނަންބަރުތަކުން ގުޅަން ފެށުމުން އޭނަގެ ބުއްދިއަށް ނޭދެވޭ އަސަރުކޮށްފިއެވެ. ހަމައެއާއެކު އޭނައާއި މައިހާގެ އުފާވެރި ވަގުތުކޮޅަށް ޤައިލާ ހުރަސްއަޅައިފިއެވެ. އަސަލްއަށް ބުމަގޮށްޖަހާލެވުނެވެ. އޭނަ ފޯނު ކަނޑާލީއެވެ. ސިކުންތެއް ނުވަނީސް ޤައިލާ ގުޅަން ފަށައިފިއެވެ.

ފަސްއެނބުރި މައިހާއަށް ބަލަމުން އަސަލް މިސްރަބުޖެހީ ދުރަށެވެ. އެދެމެދުގައި ދެކެވޭ ވާހަކަތައް މައިހާއަށް އަޑުއިވޭކަށް އަސަލް ބޭނުމެއް ނުވިއެވެ.

''ކީއްކުރަން ތިގުޅަނީ؟، އަހަންނަށް ޤައިލާ ގުޅަން ޖެހޭ ސަބަބެއް ނޯންނާނެ!...'' އަސަލްއަށް އޭނަގެ ރުޅި ސިއްރެއް ނުކުރެވުނެވެ.

''އަޒް... ޕްލީޒް... އަހަރެން...'' ރުއިމުގެ ތެރެއިން ޤައިލާ ބުނެލިއެވެ.

''ޕްލީޒްއޭ ކިޔާނެކަމެއް ނެތް!... އަހަންނަށް ގުޅައިގެން ނުވާނެ، ޤައިލާގެ ނަންބަރު ބްލޮކް ކުރީ ސަބަބެއް އޮވެގެންނޭ...'' އަސަލް ދިނީ އިންޒާރެކެވެ. ''އަހަންނާއި ޤައިލާގެ އެއްވެސް ގުޅުމެއް ނެތް، ބާއްވާކަށް ވެސް ނޫޅެން، ތި ރުއިމުގެ އަޑު ލޫކަސްއަށް އިއްވަން ދޭބަލަ، ކިހިނެއްވީ؟، އޭނައާއި ވަކިވީތަ؟... އެހެންވެގެންތަ އަހަންނަށް ތިގުޅަނީ؟، ފައިސާ ބޭނުންވީދޯ؟، ޤައިލާ!، ރަނގަޅު ވާހަކައެއް ބުނަންތަ؟... އަހަންނަށް ދެން ގުޅަން ނަހަދާތި، ޤާނޫނީ ފިޔަވަޅު ނަގަން ވެސް އަހަރެން ފަހެއް ނުޖެހޭނަން!... އަޑުއިވިއްޖެ؟، ދެނެއް ތި މަކަރުވެރިކަމުގައި އަހަރެން ހައްޔަރެއް ނުވާނެ...'' އަސަލްގެ ކޯކަށިގަނޑު ވާންވެލައިފިއެވެ. ޤައިލާއަށް އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަސަލް ފޯނު ކަނޑާލަމުން އެގުޅި ނަންބަރު ބްލޮކްކޮށްލިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އަބަދުގެ އަބަދަށް ޤައިލާގެ ހިޔައިން ސަލާމަތްވީ ކަމަށެވެ. ނަމަވެސް ލިބުނު ކޯލާއެކުގައި އަސަލްގެ މޫޑު ހަރާބުކޮށްލައިފިއެވެ. ފޯނުގައި ބާރަށް ހިފަހައްޓައިގެން ހުރެފައި ދިގު ނޭވާއެއް ދޫކޮށްލަމުން ސޯޓުގެ ޖީބަށް ފޯނު ލިއެވެ.

(ނުނިމޭ)