ޢީދު ސަޔަށް ތައްޔާރުކުރި ކާއެއްޗިސް ހިފައިގެން ބޭރަށް ނިކުމެވުނުއިރު ސާރިޔާމެންގެ ޚަބަރެއް ބަލަން ދޮރާށި ހުޅުވާފައި ހުސްނާ ވަންނަނީއެވެ. ޢީދުގެ ތަހުނިޔާ އަރިސްކޮށްލަމުން ހުސްނާ ބޭރުގައި މަޑުކޮށްލި އެވެ. މައިހާގެ ނަޒަރު ހުއްޓުނީ ދޮރުގެ ކަނަކަށް ވާހެން ބޭރުގައި ހުރި އަސަލް އަށެވެ. ރޭގެ ހާދިސާއަށް ފަހުގައި އަސަލްއާއި ބައްދަލުވުމުން ވެދާނެ ގޮތަކާމެދުގައި މައިހާ ހުރީ ހިތް ނުތަނަވަސްވެފައެވެ. އެދެމެދަށް ދުރުކަމެއް އަންނަން މައިހާ ނޭދެ އެވެ. ފިކުރުބޮޑުވެފައި ވަނިކޮށް އަސަލް ހަދިޔާކޮށްލި ހިނިތުންވުމާއެކުގައި މައިހާގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދިނެވެ. ޚިޔާލުތަކާއި މުޅިން ދުރުނުވެވުނު ކަމުގައި ވިޔަސް މައިހާ ބެލީ އަސަލްގެ ފަރާތުން ރޭ ފެނުނު ގާތްކަމާމެދު މާ ބޮޑަށް ނުވިސްނުމަށެވެ. އިސްތިޚާރާއަށް ފަހުގައި މާތްﷲ އޭނައަށް ހުރިހާ ކަމެއް ހިންމަވައިދެއްވާނެކަމަށް އޭނަ ޤަބޫލުކުރި އެވެ. އަމިއްލަ އަތްމަތީގައި ނުވާ ކަންތަކާ މެދު ހާސްވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އަސަލްގެ ލޯތްބަކީ އޭނަގެ ނަސީބުގައި ލިޔެވިފައިވާ ނިޢުމަތެއްކަމުގައިވަނީނަމަ މާތްﷲ އޭނައަށް އެކަން ފަސޭހަކޮށްދެއްވާނެ އެވެ. މިފަހަރު ތަޤުދީރުގެ ނިޔާއާއި އޭނަ ރުހި ޤަބޫލުވާނެ އެވެ.
ޢީދު ނަމާދު އޮތީ ރަށުގެ ސްޓޭޑިއަމްގައެވެ. ނަމާދަށް ފަހުގައި ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ސަލާންގަލާން ބަދަލުކުރުން އޮތެވެ. އަވަށު އަންހެންވެރިންގެ ކޮމިޓީން އިސްނަގައިގެން އިންތިޒާމު ކުރި ސައި ވެސް ކުރިއަށް ދިޔައެވެ.
މޭޒު މަތީ އަތުރާފައި ހުރި ކާއެއްޗެހީގެ ތެރެއިން އަތުގައި އޮތް ތަށްޓަށް މައިހާ އެޅީ ބޯކިބަލެވެ. ޓޮންގުން ބޯކިބާ ފޮއްޗެއް ނަގަން އުޅެނިކޮށް މީހެއްގެ ހިލަން ގާތުން ވިއެވެ. އެއީ އަސަލް ކަން މައިހާ ދެނެގަތީ އޭނަގެ ހަވަނަ ހިއްސުގެ އެހީގައެވެ. އަސަލް ދިއްކޮށްލި ތަށްޓަށް މައިހާ ބޯކިބާ ފޮއްޗެއް ލިއެވެ.
''ޔޫ ލުކް ޕްރިޓީ، މަންމަމެން ތިބީމަ ބުނަން ނުކެރުނީ...'' އަސަލް އާދައިގެ ރާގަކަށް ބުންޏަސް މައިހާގެ ހިތަށް އެނގުންވިއެވެ. އޭނަގެ ރީތިކަމަށް މީގެ ކުރިން އެފަދަ ގޮތަކަށް އަސަލް ތައުރީފުކޮށްފައައެއް ނުވެއެވެ. އެކުވެރިކަމުގެ އިމުން ބޭރުވެދާނެތީ ކަމަށް ވެދާނެއެވެ. އަސަލްގެ އިޝާރާތުން މައިހާގެ ހަނދާނަށް ގެނުވީ ރޭގެ ހާދިސާއެވެ. އަސަލްގެ ދެލޮލުން ފެނުނު ޝުއޫރުތަކެވެ.
''އަޒް ވެސް...'' ހިނިތުންވުމެއްގެ ފަހަތުގައި ނުތަނަވަސްކަން މައިހާ ކަޝްފުކޮށްލިއެވެ. އަތުގައި ތުރުތުރުލުމެއް އުފެދުމުން މޭޒުމަތީ ހުރި ވަތުތަށްޓަށް ޓޮންގް ލިއެވެ.
''ޕްރިޓީ؟...'' ލާނެއްކަމާއެކު އަސަލް ބުންޏެވެ. ބުނެވުނު އެއްޗެއް މައިހާއަށް ރޭކާލީ އަސަލް ދިމާކޮށްލުމުންނެވެ. އަސަލްގެ ސަމާސާތަކުން މައިހާގެ ވިންދުތައް ހަމައަކަށް އަޅުވައިދިނެވެ.
''ހޫމްމްމް، ޕްރިޓީ...'' މައިހާ ބުންޏެވެ.
''މޭއި ވީމަ އޮފެންސެއް ނުނަގާނަން...'' އަސަލް ބުންޏެވެ. އަސަލް ހުރީ މައިހާއާއި ވާހަކަދައްކާލަން ބޭނުންވެފައެވެ. ޤައިލާގެ ފޯނުކޯލަށް ފަހުގައި އޭނައަށް އެނޫން ކަމަކާއި ނުވިސްނުނެވެ. ރެދަން ބަލާފައި ގެއަށް ދިޔަ އިރުގައި އޭނައާއި މައިހާގެ ދެމެދަށް ވެރިވި ހިމޭންކަމުން އަސަލްއަށް އުނދަގޫކުރިއެވެ. އޭނަގެ މޫޑު ހަމައަކަށް އެޅުނީ ރޭ ވަރަށް ބޮޑަށް ފިކުރު ކުރި ފަހުންނެވެ. ޤައިލާގެ ފޯނުކޯލު މަތިން ހަނދާންނައްތާލައި އޭނަ ސަމާލުވެލީ މައިހާ އަށެވެ. ހާސްތަރިތަކުގެ ދަރުބާރުގައި ހޭދަވި ހާއްސަ ވަގުތުކޮޅަށެވެ. މައިހާގެ ދެލޮލުން އޭނަ ހޯދަމުންދާ ޖަޒުބާތުތަކުގެ އިޝާރާތެއް ފެނުނުހެން ހީވުމުންނެވެ. ދަމާބާރެއް އެދެމެދުގައި އުފެދުމުންނެވެ. އެބާރުގެ އެހީގައި ކުރިއަށް ދާން އަސަލް ނިންމިއެވެ. އޭނަ ވަނީ މައިހާއަށް އެހިތުގެ އިހުސާސްތައް ބަޔާންކޮށްދޭން އަމިއްލަ ނަފުސަށް ވަޢުދުވެފައި ނޫން ހެއްޔެވެ؟ ލަސްކުރުމުގެ ބޭނުމެއް އަސަލްއަކަށް ނުފެނުނެވެ.
*****
ހަވީރެވެ. ޤައިލާ އިނީ ފްލައިޓުގައެވެ. ކުޑަ ދޮރުން ފެންނަން ފެށި ރަށުގެ މަލައްޗާ މެދު އޭނަ ގަޔާ ނުވިއެވެ. ދެބުމަ ކައިރިކޮށްލަމުން ތުން އަނބުރާލިއެވެ. އެއީ އޭނަގެ ވަޒަނެއް ނޫނެވެ. މައިންބަފައިން ނިޔާވުމުގެ ކުރިން އޭނަ އުޅެމުން ދިޔައީ މާލޭ ގައެވެ. އެކްސިޑެންޓެއްގައި މައިންބަފައިން ނިޔާވުމުން އޭނައަށް މަޖުބޫރުވީ ބައްޕަ ފަރާތު ބޮޑުދައިތަ ގާތަށް ބަދަލުވާށެވެ. އޭގެ ކުރިން އޭނަގެ ލޮލަށް ބޮޑުދައިތަ ފެނުނު އަދަދު އެއް އަތުގެ އިނގިލިތަކުން ގުނާލެވޭނެއެވެ. ޖަނާޒާއަށް ފަހުގައި ރަށަށް ނުދާން އެތައް ބަހަނާއެއް ދައްކައި ބޮޑާ ހޭކިއެވެ. އޭނަގެ މުޅި ދިރިއުޅުން އަނދާއަޅިއަށް ވުމުން ޤައިލާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ބޮޑުދައިތަގެ ހަމްދަރުދީ އޭނަ ބޭނުމެއް ނުވިއެވެ. މާލޭގައި އުޅޭ ރައްޓެހިން ދޫކޮށް ބީރައްޓެހި ރަށަކަށް ދާންވުމުން އެކަމާ ނުރުހެވުނެވެ. އެހުރިހާ އުދާހެއްގެ ތެރޭގައި ހަނާވަމުންދަނިކޮށް އޭނައާއި ދިމާވީ މައިހާ އެވެ. މައިހާގެ އޯގާތެރި ހިނިތުންވުންތަކުން ޤައިލާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
''ހެޔޮ އެދޭ މީހަކަށް ވެގެން އުޅުނީ، ބޮޑު މުސީބާތެކޭ، މަށަކީ ނުބައި މީހެއްކަން ކަލެއަށް އަންގަދޭނަން!...'' ފްލައިޓް ޖައްސަންދެން ޤައިލާ ވިސްނީ މައިހާގެ ފަރާތުން ބަދަލުހިފާނެ ގޮތަކާ މެދުގައެވެ. ދޭތެރެއަކުން މޫނަށް ވައްތަރުތަކެއް ޖަސާލައެވެ. ގޮނޑީގެ އަތްގަނޑުގައި މުށްކަވާފައި ޖެހުމުން، އޭނައާއި ޖެހިގެން ހުރި ސީޓުގައި އިން ދެބައި އުމުރުގެ އަންހެން މީހާ ޤައިލާގެ ހާލު އޮޅުންފިލުވަން ސުވާލުކޮށްލުމާއެކު ވަގުތުން ލޯއަޅާލިއެވެ. އެހިސާބުން އެމީހާ އަމާން ދީފިއެވެ.
*****
ޓެކްސީގައި އިން ޤައިލާގެ ކެތްތެރިކަން ކޮޅުން ލައިފައެވެ. ކާރުގެ ދުވެލި މަޑުވެގެން އެކަމުގެ ޝަކުވާއާއެކުގައި ޑްރައިވަރާއި ދިމާއަށް ވެސް ހަޅޭއްލަވައިގަތެވެ. ޑްރައިވަރު އިނީ ޤައިލާ ދެކެ ހިތްހަމަނުޖެހިފައެވެ. ހޫނު ޒުވާބަކާ ހަމައަށް ދިއުމުގެ ކުރިން ޤައިލާ ބުނި އެޑްރެސް ކައިރިއަށް ޓެކްސީ މަޑުކޮށްލިއެވެ. އެއާއެކު އަވަސްއަވަހަށް ޓެކްސީގެ ދޮރުހުޅުވާފައި ޤައިލާ ފޭބިއެވެ.
ޤައިލާގެ ނަޒަރު ހުއްޓުނީ ކަޅުކުލައިގެ ގޭޓަށެވެ. އޭނަ އައީ އަސަލްގެ ގެއަށެވެ. މޮޅު ޑްރާމާއެއް ކުޅެލުމަށެވެ. ޑިކީގައި ހުރި އޭނަގެ ލަގެޖުތައް ޑްރައިވަރު ނަގަންދެކަށް ޓެކްސީއަށް ލާރި ދައްކަން ދެކޮޅު ހެދިއެވެ. މޭގައި ދެއަތް ހުރަސްކޮށްލައިގެން ޤައިލާ ހުއްޓެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. ތަންކޮޅެއް ދުރުން ފުއްޓާރާއިވީ ހިސާބުން ކުޑަކުދިންގެ ހުނުމުގެ އަޑު އިވެއެވެ.
ފޮށި ކައިރީގައި ބެހެއްޓުމުން އަތްދަބަހުގެ ތެރެއިން ޤައިލާ ވޮލެޓު ނެގިއެވެ. ޓެކްސީއަށް އޭނަ ފައިސާ ދެއްކީ ކަނޑައެޅިފައިވާ އަދަދަށްވުރެން މަދުންނެވެ. ޑްރައިވަރާއި ދިމާއަށް ލޯއަޅަމުންނެވެ. ޑްރައިވަރު ދެފަރާތަށް ބޯހޫރާލާފައި ޓެކްސީ ދުއްވާލީ ޤައިލާގެ ގަޔަށް ހިރަފުސް ބުރުވާލާފައެވެ. ވާރޭ ނުވެހޭތާ ދުވަސްކޮޅެއް ވެފައިވުމުން މަގުތަކުގައި ވަނީ ހިރަފުސް ހިފާލާފައެވެ. ކެއްސުން ގަނޑާއެކުގައި ޤައިލާގެ ދުލުން ހަޅޭކެއްގެ އަޑު ނިކުތެވެ.
ފޮށި ދަމަމުން ގޭޓު ހުޅުވާލާފައި ޤައިލާ ވަނެވެ. އެތެރެއިން މީހެއް ހިލަމެއް ނުވިއެވެ. ފެންޑާއާއި އަރާހަމަކޮށްލަމުން މައިދޮރު ހުޅުވަން ބެލިއިރުގައި ހުރީ ތަޅުލާފައެވެ. ކުޑަދޮރުގެ ލޫވާގައި ދެލޯ ޖަހަމުން އެތެރެ ފެނޭތޯ ގައިލާ އުޅުނެވެ. ދޮރުގެ ފަރުދާތައް ކަހާލާފައި ހުރުމުން ބޮޑުކޮޓަރި ފެނުނެވެ. ދިރޭފުރާނައެއްގެ ހިލަމެއް ނުވުމުން ޤައިލާ އެނބުރުނީ ގެއިން ނިކުތުމަށެވެ. އޭނައާއި އަސަލްގެ ކައިވެންޏަށް ނިމުން އަޔަސް ޤައިލާ ހުރީ އެގޭގައި މަޑުކުރަން އަމާޒު ހިފައިގެންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި މަގަށް ނިކުންނަމުން ގޭޓު ލެއްޕުމުގެ ޚިޔާލެއް ވެސް ނުކުރިއެވެ. ދެފަށް ބާރުލަމުން ފުއްޓަރާއި ދިމާއަށް ހިނގައިގަތެވެ. ޖެހިގެން ހުރި ގޭގެ ނޫކުލައިގެ ދޮރާށި ލޮލުގައި އަޅައިގަތުމާއެކުގައި ޤައިލާއަށް މުށްބާރުކޮށްލެވުނެވެ. އިހުނަށް ވުރެން ބާރަށް ހިނގަން ފެށިއެވެ.
*****
ކަނޑުގެ ސަތަހައާއި އަރާހަމަކުރަމުން ދިޔަ އިރުގެ ކުލަތަކުގެ ފުރިމަކަމުން އުދަރެސް ވަނީ ޖަރީކޮށްލާފައެވެ. ރޯޅިތައް ވެސް މަޑު ދުވަހެކެވެ. ދުރުދުރުން ފަރުމައްޗަށް ބިންދާލާ ރާޅުތަކުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. ފުޅަނދުބުރަށް ފަހުގައި އަވަށުގެ ގިނަ މީހުން ގޮނޑުދޮށަށް އެއްވެފައި ތިބީ ކުރިއަށްދާ ފެންކުޅީގެ ހަރަކާތްތަކުގައި ބައިވެރިވާށެވެ. އެކިއެކި އުމުރުފުރާތަކުގެ މީހުންނާއިގެން ގޮނޑުދޮށް އޮތީ ފުރިފައެވެ. ނޫކަށި ފުރައިގެ ޒުވާނުންގެ ފަރާތުން އާދަޔާ ޚިޔާލު ޖޯޝާއި ފޯރި ފެނެއެވެ. ކުޑަކުދިންތައް ފެންބަޑިތަކަށް އަޅާފައި ހުރި ފެންކުލައާއިގެން ސަކަރާތްޖެހުމުގައި އުޅެއެވެ. އެއްބަޔަކު މޫދުގައެވެ. މުސްކުޅިން ތިބީ އަތިރިމަތީ ހުރި އަށިތަކުގައި ކުޅިވަރު ބަލާށެވެ. އެއީ އުފާވެރި މާހައުލެކެވެ. އެއްބައިވަންތަކަމުން މަންޒަރުތަކަށް ދިރުން ގެނެސްދެއެވެ.
އަށްޓެއްގައި އިށީނދެގެން އިން ސާރިޔާއަށް އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ ޤައިލާ އެވެ. ހައިރާންކަމާއެކުގައި ބަލަން އިނދެވުނެވެ. ޤަބޫލުނުކުރެވިގެން ކައިރީގައި ހުރި ހުސްނާގެ އަތުގައި ކޮއްޓާލިއެވެ. ރާޅުފަށުގައި އުޅުނު އަސަލްއާއި މައިހާއަށް ބަލަމުން ދިޔަ ހުސްނާއަށް ލިބުނީ ސިހުމެވެ. ފާއިތުވި ދުވަސްތަކުގައި އަސަލްއާއި މައިހާގެ ގާތްކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. އެކަމާ ހުސްނާ ހުންނަނީ އުފަލުންނެވެ. ޚިޔާލީ ފޮލާކައްކާލަކައްކާލައެވެ.
''ހުސްނާ... ބަލާބަ، އެއީ ޤައިލާދޯ؟...'' ސާރިޔާއަށް އަހާލެވުނެވެ.
''ކޮބާ؟...'' ޤައިލާގެ ނަންއިވުމާއެކުގައި ހުސްނާގެ ތަބީއަތު ގޯސްވެއްޖެއެވެ. ހިނިތުންވުން މިލައިފިއެވެ. އޭނައަށް ބަލައިލެވުނީ ސާރިޔާ އިޝާރާތްކޮށްލި ދިމާއަށެވެ. އޭނައަށް ކޮޅަށް ތެދުވެވުނީ ހަމަ ކުއްލިޔަކަށެވެ.
''އާނ، ކީއްކުރަން އޭނަ މިތަނަށް އައިސްގެން އުޅެނީ؟، ހިނގާބަލަ، ސަހަލު ކަމަކު ނޫން އޭނަ އުޅެނީ...'' ސާރިޔާއަށް ބަލަމުން ހުސްނާ ބުންޏެވެ. ޤައިލާ ފެނުމުން ސުވާލު އުފެދިފައި ހުރި ސާރިޔާ ވެސް ކޮޅަށް ތެދުވިއެވެ. ކޮންމެވެސް ކަންތައްގަނޑެއް ހިނގަންއުޅޭކަމުގެ ބިރު ހީވިއެވެ. ޤައިލާގެ ސަބަބުން ވަށައިގެންވި އުފާވެރިކަމުގެ މަންޒަރަށް ހިޔަނި އެޅިގެން ގޮސްފިއެވެ. ނުތަނަވަސްވީ ޤައިލާގެ މިސްރާބު ފެނުމުންނެވެ.
ހުސްނާގެ ފަހަތުން ސާރިޔާ ހިނގައިގަތެވެ. އޭރު ޖާހަތާއި ރަމީޒާއަށް ވެސް ޤައިލާ ފެނިއްޖެއެވެ. ކޮންމެ މީހެއްގެ މޫނުން ފާޅުވަނީ ހައިރާންކަމެވެ. ދެލޮލުގައި ސުވާލެވެ.
*****
''ކޮބާ، ހުރިހާ ކުދިން ރެޑީތަ؟، ހިނގާ އަވަހަށް މިސް ތެންމާލަން...'' އަސަލް ބުންޏެވެ. އޭނަ އުޅުނީ މައިހާ ކިޔަވައިދޭ ކްލާސް ކުދިން އެއްކޮށްލައިގެންނެވެ. ލާނެއްކަން އަސަލްގެ ދެލޮލުން ފާޅުވެއެވެ. އަސަލްގެ ފަހަތުން ސަފަކަށް އެތުރިގެން ތިބީ މުޅިން ވެސް އަށް އަހަރަށްދާ ކުޑަކުދިންނެވެ. ކޮންމެ ކުއްޖެއްގެ ތުންފަތުގައި މައުސޫމް ހިނިތުންވުމެކެވެ. އަސަލްގެ އިރުޝާދަށް ބޯލަނބަން ތައްޔާރަށެވެ.
''އަޒް!، ނޫން...'' އަތުގައި އޮތް ކުޑަ ބަޑި އަސަލް ދިއްކޮށްލުމާއެކުގައި މައިހާ ބުންޏެވެ. ފެނުގެ ހަމަލާ އަމާޒުވުމާއެކުގައި މައިހާއަށް މޫނުގައި އަތް ހުރަސްކޮށްލެވުނެވެ. މައިހާގެ ހުނުމުގެ އަޑު ފަޒާގައި ގުގުމާލިއެވެ. ބަޑީގައި ހުރި ފެންކުލައިން މައިހާ ތެންމާލައިފިއެވެ. ހެމުންހެމުން މޫނަށް ހުރަސްކޮށްލި އަތް މައިހާ ތިރިކޮށްލިއެވެ. މައިހާގެ އުފާވެރިކަމަށް ނިމުމެއް ގެނައީ އޭނައަށް ފެނުނު ސޫރައިންނެވެ. ހައިރާންކަމާއެކުގައި ދެލޯ ބޮޑުކޮށްލެވުނެވެ.
މައިހާއަށް އައި ބަދަލުން އަސަލްއަށް ފަސްއެނބުރިލެވުނެވެ. ޤައިލާ ފެނުމުން އަސަލްއަށް ވެސް ލިބުނީ ސިހުމެވެ. ދެވަނަ ސިކުންތުގައި ހިއްސުތަކުގެ މައްޗަށް ގަދަވެގެން އައީ ރުޅިވެރިކަމެވެ. ބުމަ ކައިރިކޮށްލެވުނެވެ. އޭނަގެ މޫޑު މުޅިން ޚަރާބުވެއްޖެއެވެ. ޤައިލާގެ ސޫރަ ދެކޭކަށް ވެސް އަސަލް ބޭނުމެއް ނުވިއެވެ. އެތަނުން ޤައިލާ ފެންނަން ޖެހުނު ސަބަބާ މެދުގައި ވިސްނާލެވުނެވެ. ރޭގައި ޤައިލާ ފޯނުކުރީ ރަށަށް އަންނަ ވާހަކަ ބުނަން ހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟ ޤައިލާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟
ޤައިލާގެ ނަޒަރު ހުއްޓިފައިވަނީ މައިހާ އަށެވެ. މައިހާގެ މޫނުގައިވި އުޖާލާކަމާއި އުފާވެރިކަމުން ޤައިލާގެ ހޭބުއްދި ފިލުވާލައިފިއެވެ. އަލިފާން ފަރުބަދައެއް ދުންބުރުވާލާފައި ފަޅައިގެން ދިޔަ ކަހަލައެވެ. ވަށައިގެންވި މާހައުލުން ވެސް ޤައިލާއަށް ފެނުނީ ހަމައެކަނި މައިހާ އެވެ.
''ވަރަށް އުފަލުންދޯ ތިހިރީ؟...'' ޤައިލާ ހަޅޭއްލަވައިގަތެވެ. މޭގެ ތެރޭގައި އުތުރިއަރަމުން ދިޔަ ނަފުރަތުގެ ހޫނު އޭނައަށް ބޭރުކޮށްލެވުނެވެ. އަތް މަޅާފައި މައިހާގެ ކޯތާފަތަށް ހޫނު އެތިފަހަރެއް އަމާޒުކޮށްލިއެވެ. މަންޒަރު ބަލަން ތިބި މީހުންނަށް ލިބުނު ސިހުމުގެ އަޑު މާހައުލަށް ތެފުރުނެވެ. ހުނުމާއި ސަކަރާތުގެ އަޑުތައް ވެސް ފަނޑުވެއްޖެއެވެ.
އަސަލްއަށް ޖެހިލެވުނީ މައިހާގެ ގާތަށެވެ. ކައިރީގައި އުޅުނު ކުދިންތައް ދުރަށް ފޮނުވާލަމުންނެވެ. އެފަދަ މަންޒަރެއް އެކުދިންނަށް ފެންނަން ބޭނުން ނުވާތިއެވެ.
''ޤައިލާ!...'' މައިހާގެ ގަޔަށް ޤާއިލާ އަތް އިސްކުރުމުން އަސަލްއަށް އޭނަގެ ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ދެވަނަ ހަމަލާއަށް ތައްޔާރުވެލި ޤައިލާގެ އަތުގައި ހުޝިޔާރުކަމާއެކުގައި އަސަލް ހިފިއެވެ. އެއަށްފަހު ޤައިލާއާއި އަސަލް ހަތަރުކަޅި ހަމަކޮށްލީ ދެލޯހަނިކޮށްލަމުންނެވެ.
''ދެވަނަ ފަހަރަށް މޭއިގެ ގަޔަށް އަތް އިސްނުކުރާތި...'' ޤައިލާގެ އަތް ފޮޅުވާލަމުން އަސަލް ދިނީ އިންޒާރެކެވެ. ކޯތާފަތުގައި އަތްއަޅައިގެން ހުރި މައިހާއަށް އަސަލްގެ ނަޒަރު ހުއްޓުމާއެކު މޫނަށް ވެރިވެފައިވި އަސަރުތައް ފަނޑުވެލިއެވެ. ކަތުރުކަށިގަނޑަށް އަރާފައި ހުރި ބާރު ފިލައިފިއެވެ. ޤައިލާއަށް ފުރަގަސްދެމުން އަސަލް އުޅުނީ މައިހާގެ ހާލު އޮޅުންފިލުވާށެވެ. އޭނަގެ ހިތް އެދުނީ މައިހާ ގެނެސް ކައިރިކޮށްލުމަށެވެ. ހިމާޔަތާއި ރައްކާތެރިކަން ދޭށެވެ.
''މޭއި...'' މައިހާގެ ކޮނޑުގައި އަސަލްއަށް ހިފާލެވުނެވެ. ބޯއަރިކޮށްލަމުން މައިހާއަށް އަސަލް ބަލައިލިއެވެ.
''މޭއި، އަހަންނަށް ބަލާބަލަ، އާރ ޔޫ އޯކޭ؟...'' ހާސްކަމާއެކުގައި އަސަލް ސުވާލުކޮށްލިއެވެ.
ލިބުނު ޝޮކު ފިލައިގެން ދިއުމާއެކުގައި މައިހާއަށް ފުރަތަމަ ވެސް އިހުސާސްކުރެވުނީ ކޯތާފަތުން ނަގަން ފެށި ދިލަ ހޫނުކަމެވެ. އޭނައަށް މަޑުމަޑުން ކޮލުގައި ފިރުމާލެވުނެވެ. އިސްއުފުލައި އަސަލްގެ ދެލޮލަށް މައިހާ ބަލައިލީ އަސަލްގެ ސުވާލު ތަކުރާރުވުމުންނެވެ. ކަންބޮޑުވުން އަސަލްގެ ދެލޮލުން މައިހާ ދުށްޓެވެ. ހަމައެއާއެކު މާނަ ފުން ޖަޒުބާތެއްގެ ހިލަން ވެސް ވިއެވެ. އަސަލްގެ ދެލޮލުގައިވި ދަމާބާރުގެ ތެރެއަށް ހިތާއި ޖާނު ދޫކޮށްލެވުމާއެކު، ހިނދުކޮޅަކަށް ވިޔަސް ވަށައިގެންވި މާހައުލުގެ މަތިން މައިހާ ހަނދާން ނެތުނެވެ. އަސަލްގެ ގާތްކަމުން މައިހާގެ ހިއްސުތައް އަބުއިކޮށްފިއެވެ. އަމިއްލަ އިހުސާސްތަކުގެ މައްޗަށް އޭނައަށް ބާރެއް ނުފޯރުވުނެވެ.
''ހުންނަ ގޮތްކުޑަކަން ބަލާބަލަ، ކަލެއަށް މަގޭ ފިރިމީހާ ނޫން މީހަކު ނުފެނުނީތަ؟، އޭނ!، ލަދު ހަޔާތްކުޑަ އަންހެނާ...'' ލޯކުރިމަތިން ނިއުޅެން ފެށި މަންޒަރުން ޤައިލާއަށް މަޑަކުން ނުހުރެވުނެވެ. އޭނަ އަތް ހޫރާލީ މައިހާގެ ބުރުގަލުގައި ހިފާށެވެ. ކާމިޔާބުނުކުރެވުނީ އަސަލް އެކަމަށް ހުރަސް އެޅުމުންނެވެ.
''ދޫކުރޭ... މިބުނީނު ދޫކުރާށޭ!...'' ޤައިލާ ގަދަހެދިއެވެ.
''ރަނގަޅަށް ވާހަކަދައްކާ... އަހަންނަކީ ޤައިލާގެ ފިރިމީހާއެއް ނޫން!... ރަނގަޅަށް އަޑުއަހާ!... މީ ފަހުގެ އިންޒާރު، މޭއިގެ ގަޔަށް އަތް އިސްނުކުރާތީ!...'' އޭނަގެ ފުރަގަހަށް މައިހާ ގެންނަމުން އަސަލް ބުންޏެވެ. މައިހާގެ އައްޑަނައަކަށް ވާން ތައްޔާރަށެވެ. އެމެސެޖު ޤައިލާއަށް ނަގައިގަނެވޭނެކަމެވެ.
އަސަލްއާއި މައިހާއަށް ނަޒަރު ހިންގާލި ޤައިލާ ފެށީ ހޭށެވެ. އެހުނުމުގައި އެކުލެވިގެންވަނީ މަލާމާތާއި ފުރައްސާރައެވެ. ފެންނަ މަންޒަރުތައް ޤަބޫލުކުރަން އުނދަގޫވެފައިވާ ކަހަލައެވެ.
''މިހުރިހާ އަހަރަކަށްފަހު ކަލޭ ބޭނުންވި ގޮތަށް ކަންތައް ވާނެ ކަމަށްތަ ކަލޭ ހީކުރީ، އޭނ!، ކަލެއަށް އަސަލް ލިބޭނެ ކަމަށްތަ ހީކުރީ؟...'' ޤައިލާ ދަތްކުނޑިވިކައިގަތެވެ. ހޭވިފައި އޮތް ބުޅި އިސްތަށިގަނޑާއިއެކު ޤައިލާ ފެންނަނީ ބިރުވެރި ސިފައެއްގައެވެ.
ޤައިލާގެ ޖުމްލައިން މައިހާގެ މެޔަށް ފިނިވެލިއެވެ. ސިހުމާއެކުގައި އޭނައަށް ބަލައިލެވުނީ ޤައިލާގެ މޫނަށެވެ. ޤައިލާގެ ޖުމްލައިގެ މާނަ ނަގަން މައިހާގެ ސިކުނޑި ނުކުޅެދުނެވެ. އުފެދުނު ހައިޖާންގަނޑާއެކުގައި މައިހާއަށް ހުރެވުނީ ހަރަކާތެއް ގެންނަން ވެސް ނޭނގިފައެވެ. އޭނަގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ޤައިލާގެ ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުމުން މައިހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޤައިލާގެ ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އޭނައަށް ފަހުމުކުރެވުނީއެވެ. ނޭވާލާން ވެސް މައިހާ ހަނދާން ނެތުނެވެ. އޭނަގެ މުޅި ވުޖޫދު އެނބުރެން ފެށިއެވެ. އަރުތެކެ ހިކި ވާހަކަދެއްކޭ ގޮތެއް ނުވިއެވެ.
''ޔޫ ނިއު؟...'' މައިހާގެ އަޑު ތުރުތުރުއަޅައެވެ. ކައިރީގައި ހުރި އަސަލްއަށް ނުބަލަން މައިހާ މަސައްކަތްކުރިއެވެ. ޤައިލާއަށް ހަޤީޤަތް އެނގިފައިވާނަމަ އިތުރަށް ސިއްރުނުކުރެވޭނެކަމުގެ އިންޒާރު އޭނަގެ ޒަމީރު ދިނެވެ. މިފަހަރު މައިހާ ބިރެއް ނުގަތެވެ. އެއްވުރެން ބޮޑު ޝޮކެއް ޤައިލާގެ އަމަލުތަކުން ލިބުމުންނެވެ. ހަޤީޤަތް އެނގޭ ހާލުގައި އެކަމަށް އެއްޗެއް ނުބުނީތީއެވެ. އެކަމާއި ޝުކުރުވެރިވާންވީ ކަމެއް ނޫނީ ހިތާމަކުރަންވީ ކަމެއް މައިހާއަކަށް ނޭނގުނެވެ.
މައިހާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޤައިލާ ފެށީ ހޭށެވެ.
''ކާކަށް ނޭނގޭނީ؟، ކަލޭ އަސަލްއަށް ބަލާއިރު ދެލޮލުން ހީވަނީ ހިތެއް ދިއްލިފައި ހުންނަހެން، އަސަލްއަށް ފާހަގަނުވީތީ އަހަރެން ހައިރާންވޭ... ދެން ކަލޭ ގެންގުޅެ ސްކެޗްބުކް، ޔޫ ކްރީޕް!...'' ޤައިލާގެ ހުނުމުގެ އަޑު މައިހާގެ ކަންފަތުގައި ގުގުމައިގަތެވެ.
''ސްކެޗްބުކް؟...'' މައިހާއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަގެ އިތުބާރު ޤައިލާ ނަގާލުމުންނެވެ. ގާތް އެކުވެރިޔެއްކަމުގައި ދެކެވުނީ އޭނަގެ ދުޝްމަނެއް ދެކެވެ. ލަސްލަހުން ހަޤީޤަތަށް މައިހާގެ ލޯ ހުޅުވާލެވުނެވެ.
''އާނ، އަހަރެން ދުށިން... ކަލޭ ތީ ފައްކާ މޮޔައެއް... އަސަލްއަށް ލޯބީގެ ކުރުހެންތައް ކުރަހަމުން ދިޔައީ ކޯޗެއް ހާސިލް ވާނެ ކަމަށްތަ؟، ކަލޭގެ ލޯބި އަސަލް ޤަބޫލުކުރަނެ ކަމަށްތަ؟...'' ޤައިލާ މަސައްކަތްކުރީ މައިހާ ހުރި ނާޒުކު ހާލަތުގެ މަންފާ ނަގާށެވެ. އެކަމަށް ހުރަސް އެޅީ އަސަލް އެވެ.
''ހުއްޓާލާ!....'' އަސަލް އަޑަށް ބާރުލާފައި ބުންޏެވެ. ހާމަވެގެން ދިޔަ ހަޤީޤަތުން އަސަލްއަށް ވެސް ސިހުން ލިބުނެވެ. އެވަގުތު އޭނަގެ ސިކުނޑީގައި ބޮއްކެއް ދިއްލުނެވެ. ޤައިލާގެ ނުނިޔަތް ބޭޒާރުވި ދުވަހު ދެއްކި ބަހަނާތަކުގައި ކަމެއް ފޮރުވިފައިވާކަމަށް އޭނައަށް ޝައްކުކުރެވުނެވެ. އޭނެ ދެކެ ލޯބި ނުވާ ހާލުގައި ރައްޓެހިވުމެވެ. އޭނައާއި ކައިވެނި ކުރުމެވެ. އޭނަގެ ހަޔާތުން އަހަރުތަކެއް ބޭކާރުކޮށްލުމެވެ. ޤައިލާ އޭނައަށް ދެއްކި އުޒުރުތައް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. އޭރު އަސަލް ބޭނުންވީ ޤައިލާގެ މަކަރުވެރިކަމުން އޭނަގެ ދިރިއުޅުން ސަލާމަތްކުރާށެވެ. އިތުރަށް ޤައިލާއާއި ކުރިމަތިލާން ނެހެދީ އެހެންވެގެންނެވެ. ނަމަވެސް، މިއަދު އޭނަގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެން ގޮސްފިއެވެ. ޚުދު ޤައިލާގެ ދުލުންނެވެ.
ހަސަދެވެރިކަމުގެ މޫތައް ގޮސްފައިވާ މިންވަރު އަސަލްއަށް ތަސައްވަރު ކުރެވުނެވެ. ރައްޓެއްސެއްގެ ގޮތުގައި އޭނައާއި މައިހާގެ ހަޔާތަށް ޤައިލާ އައީ ނުބައި ނިޔަތަކާއެކުގައެވެ. ޤައިލާގެ ފަރާތުން ބިރެއް ނެތްކަން ސާބިތުކޮށްދެމުންނެވެ. ޤައިލާއަކީ ހިތްހެޔޮކަމުގެ ނިވަލުގައި ފިލާ ހުރި ނާގަ ހަރުފައެވެ. ނަފުރަތުގެ ވިހައިން އޭނައާއި މައިހާގެ ދެމެދަށް ޤައިލާ ހުރަކަށްވި ސަބަބު އެނގި ހާމަވީއެވެ. މައިހާއާއި އޭނަގެ ލޯބި ކާމިޔާބުވާން ޤައިލާ ބޭނުން ނުވީއެވެ. އެފުރުސަތު އޭނައާއި މައިހާގެ އަތުން ނުބައި ރޭވުންތަކުގެ އެހީގައި ޤައިލާ ޖަހައިގަތީއެވެ. އޭނައާއެކު ލޯބީގެ ތަމްސީލު ކުޅުނީ މައިހާގެ ހިތުގައި ޖައްސަންށެވެ. ދެރަކުރަންށެވެ. އޭނައަށް ހުރިހާ ކަމެއް ފަހުމުވީ ވަގުތު ފާއިތުވީ ފަހުންނެވެ.
ރުޅިން ގޮސް އަސަލް ތުރުތުރުއަޅާ ހިސާބަށް ދިޔައެވެ. މުށްކަވާލެވުނު އަތުގެ ނާރުތައް ފުފުނެވެ. ނަޒަރަކުން މީހަކު މަރުވާނެ ނަމަ އަސަލްގެ ނަޒަރުން ޤައިލާ ޤަތުލުކުރީހެވެ. އެއީ ނަފުރަތުން ފުރިގެންވި ބަލައިލުމެކެވެ. އަސަލްއަށް ދިގު ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ އަތުގައި މައިހާ ހިފާލިކަމުގެ އިހުސާސާއެކުގައި މައިހާއަށް އަސަލް ބަލައިލިއެވެ. ހަވާނަފުސުގެ އަތްދަށުން މިނިވަންކަމެއް ލިބުނީ ދެނެވެ. މައިހާގެ ދެލޮލުގައި ބަބަޅަމުންދާ ކަރުނަތަކުން އަސަލްގެ މެޔަށް ތަދުކޮށްފިއެވެ. އެދެވުނީ މައިހާ ގެނެސް މޭގައި ފޮރުވާލާށެވެ. މައިހާ ވެސް އޭނަ ދެކެ ލޯބިވާކަން ހާމަވުމުން ހިތުގެ އިހުސާސްތައް ބަންޑުންކޮށްލުމަށެވެ. އޭނައަށް ހުރަސް އެޅީ ވަގުތާއި ހާލަތެވެ.
''އަހަރެން... އަހަރެން ދެކުނީ ޤައިލާއަކީ އަހަރެންގެ ރަހުމަތްތެރިއެއް ކަމުގައި... ކީއްވެ؟، ކީއްވެ އަހަރެން ކުރި އިތުބާރުގެ ފައިދާ ނެގީ...'' ލޮލުގައި ބޮނޑިވެގަތް ކަރުނަތައް ފޮހެލަމުން މައިހާ ބުންޏެވެ.
ޤައިލާއާއި ކުރިމަތިލާން އުޅުމުން، އެކަން މަނާކުރަން އަސަލް އުޅުނެވެ. އެއާއެކު މައިހާ ދެފަރާތަށް ބޯހޫރާލިއެވެ. ޤައިލާއާއި ކުރިމަތިލާން އޭނަ ފަސްނުޖެހޭނެކަން އަސަލްއަށް ބުނެދިނީ ހިމޭންކަމުގެ ދުލުންނެވެ. އިރުކޮޅެއް ވަންދެން މައިހާގެ މޫނަށް ބަލަން ހުރެފައި އަސަލް ބޯޖަހާލިއެވެ. އޭނަ ދުރަށް ޖެހިލީ ޤައިލާގެ ހަރަކާތްތަކަށް ސަމާލުވަމުންނެވެ.
''ކީއްކުރަން ތިއުޅެނީ؟... މަށަށް ބިރުދައްކަން؟...'' ޤައިލާ ދެލޯއަޅާލިއެވެ.
''އަހަރެން ނޫޅޭން ޤައިލާއަށް ބިރުދައްކާކަށެއް... އަހަންނަކީ މީހުންގެ ގަޔަށް އަތްއިސްކުރަމުން ވާހަކަދައްކަން ބޭނުންވާ މީހެއް ވެސްނޫން، ޤައިލާ ހީކުރީ އަހަރެން ވެސް ޤައިލާއާއި އެއް ފެންވަރަކަށް ވެއްޓޭނެ ކަމަށްތަ؟...'' ޤައިލާ ދެކެ މައިހާ ބިރެއް ނުގަތެވެ. ޤައިލާގެ ނުބައި ނިޔަތް ހާމަވުމުންނެވެ.
''ޔޫ ބި*...'' މައިހާގެ މޫނުގައި ޖަހަން ޤައިލާ އުޅުނެވެ. މިފަހަރު ޤައިލާގެ އަތުގައި ހިފެހެއްޓީ މައިހާ އެވެ. އޭނައަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ. ޤައިލާގެ އަތް މައިހާއަށް ފޮޅުވާލެވުނީ ބާރަށެވެ.
''ކީއްވެ އަހަރެން ސްކެޗްބުކް ހުއްދަނެތި ބެލީ...'' މައިހާ އެހިއެވެ.
''އާރ ޔޫ ކްރޭޒީ؟...'' ޤައިލާ ބުންޏެވެ. ''އަހަރެން ބޭނުންވީމަ!، އަޑު އިވިއްޖެ!...''
''އައިމް ނޮޓް ދި ކްރޭޒީ ވަން ހިޔާރ... ބުއްދި ހަމަނުޖެހޭ މީހަކަށް ހުރީ ޤައިލާ، ތިމާ މީހާއަށް އުޅެވޭ ގޮތް އެބަ އެނގޭތަ؟، އަހަންނަށް މިއަދު ޤައިލާ ތީ ކާކުކަން ވަރަށް ރަނގަޅަށް ދަސްވެއްޖެ، ޔޫ ސްޓޯލް މައި ފިއުޗާ ފްރޮމް މީ...'' މައިހާއަށް ބުނެވުނެވެ. ހިތާމައިގެ މައްޗަށް ކާމިޔާބުހޯދީ ރުޅިވެރިކަމެވެ.
''އައި ސްޓޯލް ޔޯ ފިއުޗާ!... ސީރިޔަސްލީ؟...'' ޤައިލާ ހެމުންހެމުން ބުންޏެވެ. ''ކަލޭގެ ފިނޑިކަމުން ކަލެއަށް އަސަލް ނުލިބުނީ، އަހަންނަށް ތުހުމަތުގެ އިނގިލި ދިއްކުރަން އުޅޭނެ ކަމެއް ނެތް...''
''އަހަރެން ހުރީ ބުނަން!، އެކަމަކު...'' މައިހާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޤައިލާ ވާހަކަދައްކަން ފެށިއެވެ.
''ކީކޭ ބުނާނަމޭ ތިއުޅެނީ!...'' ޤައިލާ ހިނިގަނޑެއް ޖަހާލިއެވެ . ''ލޯބިވާ ވާހަކަ ބުނުމުން ކަލެއަށް އަސަލް ލިބޭނެ ކަމަށްތަ ހީކުރީ؟...''
''އާނ!...'' ޤައިލާއަށް ރައްދު ދިނީ އަސަލް އެވެ. ''ޤައިލާ އަހަންނާ ރަށްޓެހިވީ އަހަރެންގެ ހިތުގައި މޭއިއަށްޓަކައިވާ އިހުސާސްތައް އެނގިހުރެ، އަހަންނަށް ޤައިލާގެ ނުބައި އުޅުން ހާމަވި ދުވަހު ދެއްކި ވާހަކަ ހަނދާން ނެތުނީތަ... ނޫނީ ހަނދާންކޮށްދޭންވީތަ؟...''
ޤައިލާގެ ދުލުގައި ތަޅެއް ލެވުނެވެ. އަސަލް ހުރުމުން އޭނަގެ އުކުޅުތަކުން މައިހާގެ ވިސްނުމާއި ކުޅެވޭ ގޮތެއް ނުވިއެވެ. އޭނައަށް ކާމިޔާބު ލިބޭނެކަމާމެދު ޝައްކު އުފެދުނީ ދެނެވެ. މޫނު ހަދައިގެން ޤައިލާ ހުރީ އޭނަގެ ގޮތުގައެވެ.
މައިހާއަށް އަޑުއިވުނީ އޭނަ އިންތިޒާރުކުރަމުންދާ ލޯބީގެ އިޤުރާރެވެ. އަސަލްގެ ހިތުގައި އޭނައަށްޓަކައި ވިންދުޖަހަމުން ދިޔަ ލޯބި މައިހާއަށް އިހުސާސްކުރެވުނެވެ. ނަމަވެސް ލިބެންވާ އުފާވެރިކަމެއް ނުލިބުނެވެ. ޤައިލާގެ ސަބަބުންނެވެ. އެވަގުތުކޮޅު ވެސް ޤައިލާ ހަރާބުކޮށްފިއެވެ.
''ތީ ގަމާރު ދެމީހުން... ލޯބިވެޔޯ... ވަޓް އެ ޖޯކް...'' ޤައިލާ ބުންޏެވެ. އޭނަގެ ދުލުގެ ތޫނުކަމާއިގެން ހަމަލާ ދޭން ޤައިލާ އުޅުނެވެ.
''ކީއްވެ؟...'' މައިހާއަށް އަހާލެވުނެވެ. ޤައިލާގެ ވިހަ ބަސްތަކުން މައިހާއަށް އަސަރެއް ނުކުރިއެވެ. ޤައިލާގެ ފަތިފުށް ހާމަވުމުން ޤައިލާގެ ރުހުން ހޯދުން މުހިންމެއް ނުވިއެވެ.
ޤައިލާ ހުރީ ހިމޭނުންނެވެ. މައިހާއަށް ޖަވާބުދިނުމުގެ ބަދަލުގައި ތުންއަނބުރާލިއެވެ.
''އަހަރެން މިއެހީ ކީއްވެހޭ އެހެން ކަންތައް ކުރީ، ވައި ޑިޑް ޔޫ ސްޓީލް އަވާ ފިއުޗާ!...'' މައިހާއަށް އޭނަގެ ސުވާލު ތަކުރާރުކޮށްލެވުނެވެ.
''ރުޅި އަންނާތީ... އަހަންނާއި ބައްދަލުވި ދުވަހު އަހަރެންގެ ހިތާމަތަކާއި ރިލޭޓްކުރަން އުޅުނީތީ، ކަލޭ ހީކުރީ ކީކޭކަމަށްތަ؟، ކަލޭގެ ބައްޕަގެ މަރާއި އަހަރެންގެ މައިންބަފައިންގެ މަރާއި އެއްހަމަ ކުރެވޭނެ ކަމަށްތަ؟... އޭނ!، އެދުވަހުން ފެށިގެން އަހަރެން ރުޅި އާދޭ، ކަލެއަށް އަސަލް ކަމުދާކަން ޔަޤީން ވުމުން އަހަރެން ބޭނުންވީ ދެރަކޮށްލަން، ސޯ އައި ޓުކް ހިމް ފްރޮމް ޔޫ...'' ކުރެވުނު ކަންތަކާ ޤައިލާ ދެރައެއް ނުވެއެވެ.
''ފަހަރެއްގައި ވެސް ޤައިލާގެ ހިތާމަތަކަށް އުނިކަމެއް ގެނައުން އެއީ އަހަރެންގެ މަގުސަދެއް ނޫން، އަހަރެން ބޭނުންވީ ޤައިލާގެ އެކުވެރިއަކަށް ވާން، ހިތާމަތަކަށް ލުޔެއް ގެނެސްދޭން، އެކަމަކު ޤައިލައަކީ މީހުންގެ ހެޔޮ ނިޔަތް ދެނެގަނެވޭނެ މީހެއް ނޫން، އަހަރެން ޤައިލާއަށް މަޢާފެއް ނުކުރާނަން، މަޢާފު ލިބުން ހައްގެއް ވެސް ނޫން...'' މައިހާއަށް ބުނެވުނެވެ.
''ކަލޭގެ މަޢާފް ހޯދަން އަހަރެން އެބަ އުޅެންތަ؟...'' މައިހާއާއި ދިމާއަށް ޤައިލާ ފިޔަވަޅެއް އެޅިއެއްކަމަކު ޤައިލާގެ ޖުމްލަ ފުރިހަމަނުކުރެވުނީ މައިހާ އޭނައަށް ފުރަގަސް ދިނުމުންނެވެ. ޤައިލާއަށް ހީވީ އޭނަގެ ކަންފަތްމައްޗަށް މައިހާ އަތްވިހުރުވާލި ހެންނެވެ. ރުޅިން ގޮސް އޭނައަށް ކުޑަކޮށް ހަޅޭއްލަވައިގަނެވެ. އޭނައަށް ފަސްދީގެން ހުރި މައިހާއަށް ހަމަލާދޭން އުޅުމުން އަސަލް ގޮވާލީ އިންޒާރާއެކުގައެވެ. ހުރި ތަނުން ގުޑާލާކަށް ވެސް ޤައިލައަށް ނުކެރުނެވެ.
މައިހާ ހިނގައިގަތީ ދުރަށެވެ. އޭނަގެ މިސްރާބު ހުރީ ތުނޑިއާއި ދިމާއަށެވެ. ޝޮކު ފިލައި އޭނަގެ ސިކުނޑިއަށް ބާރު ބޮޑުވާން ފެށުމުން މައިހާ ގަސްދުކުރީ އެކަނިވެލާށެވެ.
''މިތަނުން ދާން އުޅޭ...'' އަސަލް އަމުރުކުރިއެވެ.
''އުހޫނ، އެހެން ދިއުމުގެ ފުރުސަތެއް ނުދެވޭނެ، މޭއި ގަޔަށް އަތް އިސްކޮށް މިތަނުގެ ހަމަޖެހުން ނަގާލާފަ އެހާ ފަސޭހައިން ނުދެވޭނެ، ޖާހަތު، ޕޮލިހަށް ގުޅާ... އޭނަ ހީކުރަނީތަ އެހެން ގަޔަށް އިސްކޮށްފަ ހުރެވޭނަކަމަށް...'' އިވުނީ ހުސްނާގެ އަޑެވެ. އަސަލްއަށް ސަމާލުވެލުވުނީ ދެނެވެ. ދުރުގައި ދެފަރާތުގެ ޢާއިލާ ވެސް މަޑުކޮށްގެން ތިއްބެވެ. ވެދިޔަ ހުރިހާ ކަމެއް ފެންނަ ހިސާބުގައެވެ.
''ދަރިފުޅު މޭއިގެ ގާތަށްދޭ...'' ކުރިއަށް ޖެހިލަމުން ޖާހަތު ބުންޏެވެ. މަންމައަށް އަސަލް ބަލައިލީ ޝުކުރުވެރިކަމާއެކުގައެވެ. އޭނައާއި މައިހާގެ ގުޅުމަށް މަންމަމެންގެ ރުހުން ލިބޭނެކަމުގެ ޔަޤީންކަމާއެކުގައި އަސަލް ހިނގައިގަތެވެ.
ޤައިލާ އުޅުނީ ދާށެވެ. އޭގެ ކުރިން ޤައިލާގެ ކުރިމައްޗަށް ހުސްނާ ހުއްޓުނެވެ. ހަމަހިލާ ޤައިލާއަށް ދޫދޭކަށް ސާރިޔާ ބޭނުމެއް ނުވިއެވެ. ޤައިލާގެ ނުބައި ރޭވުންތައް ހާމަވުމުންނެވެ.
''އަޅުގަނޑު މިގުޅަނީ ޕޮލިހަށް...'' ނަވްރާ ބުންޏެވެ.
''ނޫނޭވާ ނުބައި ނުލަފާކަމެއް ލިބިފަ އެބަހުރި، ކައިވެނިކޮށްގެން ހިލޭ ފިރިހެނުންނާ ގުޅުން ބާއްވާފަ ވަރިކުރީމަ އެވަރުން ނުފުދިގެން ހައިޖާން އުފައްދަން މިތަނަނަށް އައިސްފި، ލަދުހަޔާތް ވެސް ނެތީތަ؟...'' ހުސްނާ ހަޅޭއްލަވައިގަތެވެ.
''މަންމާ...'' ޖާހަތު ބުންޏެވެ. އެފަދަ ގޮތަކަށް ޤައިލާ ބޭޒާރުކުރަން ޖާހަތުގެ ޒަމީރު ފުރުސަތެއް ނުދިނެވެ. ޤައިލާ މަކަރުހެދީ އޭނަގެ އަމިއްލަ ނަފުސަށެވެ. އެކުވެރިކަމުގެ ފައިދާ ނަގައިގެން ކުޅުނު ތަމްސީލުން އާހިރުގައި ޤައިލާއަށް ކުރިމަތިލާން މަޖުބޫރުވީ ނާކާމިޔާބީއާއެވެ. ކިތަންމެ ވަރަކަށް ފަސްއަޅައި ފޮރުވަން އުޅުނަސް ހަޤީޤަތަކީ ހާމަވާނެ އެއްޗެކެވެ.
ޤައިލާއަށް ލިބުނީ ހާސްކަމެވެ. ވަށައިގެން އޭނައަށް ހޯދާލެވުނެވެ. ފޯނުން މީހުން ވީޑިއޯ ކުރާ މަންޒަރު ފެނުމުން ހުއްޓުވަން ޤައިލާ އަވަސްވެގަތެވެ. އެކަން މީހުންނަށް ވީ މަޖާކަމަށެވެ. އޭނަ ފަޟީޙަތްވަމުންދާތީ ޤައިލާގެ ބުއްދި ގޯސްވެއްޖެއެވެ. ހަޅޭއްލަވައިގަންނަމުން އެތާ ހުރި އަންހެންކުއްޖެއްގެ ގަޔަށް އަތް އިސްކޮށްފި އެވެ. އެހޫނުކަމުގައި އެކުއްޖާ ވެސް ޤައިލާގެ މޫނުގައި ޖެހި ޖެހީނުން ދޮންވެލިގަނޑު މައްޗަށް ވައްޓާލައިފި އެވެ.
ޤާއިލާއަށް ބާރުބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަތް ދަބަސް ހޫރާލަމުންނެވެ. ހަމަ ރަނގަޅަށް ވެސް މޮޔަވީ އެވެ. އެމަންޒަރު ފޯނުތަކުގައި ރިކޯޑުވެ މީސްމީޑިޔާގައި އޭނަ ވައިރަލް ވާނެތީ ޤައިލާގެ ލޮލުން ކަރުނަ ހިލުނެވެ.
މާއިހާ ލަދުގަންނަވާލަން އުޅުމުން އޭނަގެ އަގުވެއްޓުން ނޫންކަމެއް ނުވިއެވެ. މިއީ އިންސާފެއް ނޫނެވެ. ޤައިލާއަށް އޭނަގެ މޫނުގައި އަތްއަޅާލެވުނެވެ. ރޮވުމުން އަމިއްލަ ނަފުސުދެކެ ނުރުހެވުނެވެ.
''ޕެތެޓިކް!...'' ޤައިލާއަށް މަލާމާތްކުރީ އޭނަ ވައްޓާލި އަންހެންކުއްޖާ އެވެ. ބަލާކަށް ނުހުރެ ޤައިލާ ކޮޅަށް ތެދުވިއެވެ. ޕޮލިހުން އައީ ޤައިލާ ރެސްލިން މެޗެއް ކުޅެމުން ދަނިކޮށެވެ. ޕޮލިހުން އައިސް ދުރުކުރަން އުޅުމުން ޕޮލިހުންނަށް ވެސް ހަމަލާދިނެވެ. އެންމެފަހުން ޤައިލާ ގެންދަން ޖެހުނީ ބާރުގެ ބޭނުންކޮށް ބިޑި އަޅުވައިގެންނެވެ. އެއްވެފައި ތިބި މީހުންގެ ކުރި މަތިންނެވެ. ޤައިލާ ހުރީ އިސްޖެހިފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)
ދޭނުހޭ ކަލާ
ނަސީބެއްނު ޤައިލާ އައިސް ގެން މޭއި އެންޑް އަސަލް ގުޅިއްޖެއްޔާ.... އަހަރެން ހީކުރީ ފުރަތަމަ އެ ދެމީހުން ދުރު ވާނީ ކަމަށް ޤައިލާ އައިމަ
ޢައިޝަތު - 10 މަސް ކުރިން
ވަރައް ކިޔާ ހިތުން ހުއްޓަ ކޮއްމެ އެޕިސޯދެއް ނިމެނީ. ސިފަކުރުންތައް ހަމައެއްވަނަ. ލޮލައް މަންޒަރު ސިފަކޮއްލެވޭހާ ސަޅި. ގައިލާއައް އެވީހަމަވާންވީ ގޮތައް، ކޮއްމެ ދުވަހެއްގެ ގެނެސްދޭތީ ސުކުރިއްޔާ. ވަރައް ރީތި މިވާހަކަ.
އަޒޫ - 10 މަސް ކުރިން
ވަރައްރީތި ގައިލާ ބަންދުކޮއްފާ އަސަލް ޢާ މައިހާ މެރީކޮއްގެން ރަނގަޅުދިރިއުޅުމެއް އުޅުނީމާ އަދިވަރައް ސަޅިވާނެ
ސަލް - 10 މަސް ކުރިން
ތިވީ ހަމަ ރަނގަޅަށް. ވަރަށް ސަޅި. މިފަހަރު ގައިލާ އައުމުން މިވީ ފައިދާ އެންނު.
ހަޔާ - 10 މަސް ކުރިން
ރީތިވެއްޖެއެއްނު
ފާތު - 10 މަސް ކުރިން