ބެލްކަނީގައި ހުރި ޤައިލާގެ އަރުތެރެއިން ރުޅިވެރިކަމުން ފުރިގެންވި ހަޅޭކެއްގެ އަޑު ނިކުތެވެ. މާހައުލުގައި އެއަޑު ގުގުމާލިއެވެ. ކަންފަތާއި ތިރިކޮށްލެވުނު ފޯނު އޭނައަށް ހޫރާލެވުނީ ޖެހިގެން ހުރި ސޯފާ މައްޗަށެވެ. ރެއިލިންގައި ބާރަށް ހިފަހައްޓާލަމުން ދިގު ނޭވާއެއް ދޫކޮށްލިއެވެ. ކޯތާފަތުން ރޮނގު ދެމި ކަރުނަ ތިކި ވެސް ރުޅިވެރިކަމާއެކު ފޮހެލިއެވެ. ދަތްކުނޑިވިކައިގަނެވުނީ އަސަލް ދިން އިންޒާރު ކަންފަތުގައި ގުގުމާލުމުންނެވެ. އޭނަގެ މަކަރުވެރިކަމުގެ ދަންތުރަ ފެތުރުމުގައި ކުރިމަތިލާންޖެހުނު ނާކާމިޔާބީ ޤަބޫލުކުރަން ޤައިލާއަށް އުނދަގޫވެއްޖެއެވެ. ރުޅިން ގޮސް މީހާގެ ބުއްދިއަށް އަސަރުކުރަން ފަށައިފިއެވެ.

ދިރިއުޅުމުގެ އެއްވެސް ކަމެއް އޭނަ ދާން ބޭނުންވަ މިސްރާބަކަށް ނުދެއެވެ. ތިން ހަފްތާ ވެގެން ދިޔައިރުގައި ވެސް ލޫކަސްގެ ޚަބަރެއް ނުވިއެވެ. ރިއުމާން ގާތު އާދޭސްކޮށްގެން ވެސް ލޫކަސް އަނބުރާ މާލެ އަންނާނެ ދުވަހެއް އޮޅުން ނުފިލިއެވެ. އޭނަ މަތިން ލޫކަސް ހަނދާންނައްތާލައިފިކަން ޔަޤީން ވިޔަސް އެކަމާ ކުރިމަތިލާން ޤައިލާ ބޭނުމެއް ނުވެއެވެ. ފާއިތުވި ދުވަސްތަކާއެކުގައި އުއްމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. ލޯބިވެވުނީ ހަމައެކަނި އޭނަ އަށެވެ. ލޫކަސްއަށް މުހިންމުވީ އޭނަގެ ހަށިގަނޑުން އުފާ ހޯދުމެވެ. އޭނަގެ ޖިސްމު ލޫކަސްއަށް ހިބައިން ދިނުމުން ވެސް އިއްޒަތާއި ޤަދަރެއް އޭނައަކަށް ނުލިބުނެވެ. ލޫކަސްގެ ކުރިމަތީގައި އޭނަގެ ކުޑަމީސް އަގެއް ނެތެވެ. އޭނަ ވީ ލޯތްބަށް ފާޅުގައި ދިނީ ފުރަގަހެވެ. ލޯބިން ވެދުން ކުރި އޭނަގެ ހިތަށް ވެސް ރަހުމެއް ނުކުރިއެވެ. މިވީހާ ތަނަށް އޭނަ ފޮނުވި މެސެޖަކަށް ވެސް ރައްދެއް ނުދިނެވެ. ލޫކަސްގެ ހަޔާތުން އޭނަ ބާކީވީއެވެ. ކުނިކޮޅެއްހެން އޭނަ އެއްފަރާތްކޮށްލީ ހަމްދަރުދީ ނުވާ ހާލުގައެވެ.

ލޫކަސްގެ ނުފޫޒުން ލިބުނު ވަޒީފާ ވެސް ޤައިލާއަށް ގެއްލިއްޖެއެވެ. އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ. އޭނައާއި އަސަލްގެ ޖޮއިންޓް އެކައުންޓް ވަރީގެ ކުރިން އަސަލް ބަންދުކޮށްފިއެވެ. ލޫކަސްގެ ޚަބަރެއް ނުވެގެން ލިބުނު ހާސްކަމުގައި އެކައުންޓް ދޮވެލަން ވެސް ހަނދާނެއް ނެތެވެ. ބުއްދީގެ ބޭނުން ނުހިފުމުން އާހިރުގައި ބިކަ ހާލުގައި ޖެހުނީ އޭނަ އެވެ. ވަންނާނެ ތަނެއް ހުރީއެއް ނޫނެވެ. ރިދާގެ އެޕާޓްމެންޓުން ނިކުތުމަށް ރިދާ އޮތީ އަންގާފައެވެ. ދިނީ ފަސް ދުވަހެވެ. އެކައުންޓްގައި ހުރީ މަދު ފައިސާ ކޮޅެކެވެ. އާދައިގެ ހޮޓެލަކަށް ދާކަށް ހަމަހިލާ ޤައިލާގެ ޒަމީރު އެއްބަހެއް ނުވިއެވެ. ޤައިލާ ދެކޭ ގޮތުގައި އޭނަ އުޅެން ޖެހޭނީ މުއްސަނދި ދިރިއުޅުމެކެވެ. އަނގަޔާ އަތާ ދިމާ ނުވިޔަސް ހެވެވެ.

ލަދެއްގައި ބެދިދާނެތީ އަސަލްގެ ގާތަށް ދާން ޤައިލާ ހުރީ ތައްޔާރަށެވެ. އޭނަގެ އާދޭސްތަކުގެ ބާރުގައި އަސަލްގެ ސިކުނޑިއާއި ކުޅެލެވޭނެކަމަށް ޤައިލާ ހުރީ އުއްމީދުކޮށްގެންނެވެ. އަސަލްއާއި ބައްދަލުކުރަން އެޕާޓްމެންޓަށް ދާން އުޅުމުން އިމާރާތަށް ވަނުމުގެ ހުއްދައެއް ނުލިބުނެވެ. އަސަލް އޮތީ އޭނަ ނުވެއްދުމަށް ސެކިއުރީޓިންނަށް އަންގާފައެވެ. އައި ރުޅީގައި ސެކިއުރިޓީ މީހާއާއި ހޫނު ޒުވާބެއް ހިންގާލިއެވެ. އަނގަޔަށް އައިހާ ނުބައި އެއްޗެއް ގޮވާލިއެވެ. އަސަލްގެ ފޯނަށް ގުޅަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އޭނަގެ ނަންބަރު ބްލޮކްކޮށްފިކަން އެނގުނެވެ. އެވަރުން ވެސް ޤައިލާ ދުލެއް ނުކުރިއެވެ.

އަސަލްއާއި ބައްދަލުކުރަން ދެން އޭނަ އަމާޒު ހިފީ އަސަލްގެ އޮފީހުންނެވެ. އެޚިޔާލާއި މެދު ވިސްނާލަން ޖެހުނީ ސެކިއުރިޓީން ފެނުމުންނެވެ. އެޕާޓްމެންޓަށް ވަނުމުގެ ހުއްދަ ނުލިބުނު އިރުގައި އަމުދުން އެތަނަށް ވަދެވޭނެކަމާމެދު ޝައްކު އުފެދުނެވެ. އަސަލް ފެނޭތޯ މުގޯޅިއަޅަމުން ޤައިލާ ދެދުވަހެއް ވަންދެން އުޅުނެވެ. އޭނައަށް އަސަލް ނުފެނުނެވެ. ދާމިން ދެ ފަހަރެއްގެ މަތިން ފެނުނެވެ. އެކަންޏެވެ. އެކަމުން ޤައިލާއަށް ލިބުނީ ހައިރާންކަމެވެ. ދާމިން އެކަނި އުޅެންޏާ އަސަލް އޮފީހުގައި ނޫޅޭނީކަން ޔަޤީންކުރެވުނެވެ. ދާމިން ދެކެ ވާ ފޫއްސެއްގެ ބޮޑުކަމުން، ދާމިންއާއި ހަމަހިލާ ވާހަކަދައްކަން ޤައިލާގެ ޒަމީރު އެއްބަހެއް ނުވިއެވެ.

އެޕާޓްމެންޓް ކައިރިން ވެސް އަސަލްގެ އިޝާރާތެއްވޭތޯ ޤައިލާ އުޅުނެވެ. ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް އަސަލްގެ ކާރު އޮތް ދިމާލުން ހަފްތާއެއް ވީއިރުގައި ވެސް ގުޑާނުލުމުން، އަސަލް މާލޭގައި ނޫޅެނީކަން ޔަޤީން ކުރެވުނެވެ. އަސަލް ދިޔަތަނަކާ މެދުގައި ސުވާލު އުފައްދާކަށް ނުޖެހުނެވެ. ރަށް ނޫންތަނަކަށް އަސަލް ނުދާނެތީއެވެ. ޤައިލާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މައިހާ މަތިން ހަނދާންވުމުން ދަތްޕިލަ ފައިބާ ހިސާބަށް ނުދިޔައީ ހަމަ ކިރިޔާއެވެ. ރުޅިއާއި ދުރުވުންވީ މުސްތަހީލު ކަމަކަށެވެ. އެފަދަ ހާލެއްގައި ވަނިކޮށް، މިރޭ އިއްތިފާގަކުން ވައިބާއިން ފެނުނު ފޮޓޯއަކުން ޤައިލާގެ ތަބީއަތު ޚަރާބުވެއްޖެއެވެ.

މަތީ ސާނަވީގައި އުޅުނު ކްލާސްކުދިން އެއްވެގެން ހެދި ގްރޫޕު ބްލޮކްކޮށްފައިނުވާތީ، ގުރޫޕަށް ފޮނުވާފައި ހުރި ފޮޓޯތައް ޤައިލާއަށް ފެނުނެވެ. ޢީދަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މަޖަލާއި ސަކަރާތުގައި ނަގާފައި ހުރި ފޮޓޯތަކެވެ. އެފޮޓޯތަކުގެ ތެރެއިން ޤައިލަގެ ލޮލުގައި އަޅައިގަތީ އެންމެ ފޮޓޯގަނޑެވެ. އޭގައި ތިބީ މައިހާއާއި އަސަލް އެވެ. ރަށުގައި ބާއްވަން އުޅޭ ފުޅަނދުބުރުގެ އިންތިޒާމުތަކުގެ ތެރެއިން އަސަލްއާއި މައިހާ ހުއްޓިލައިގެން ތިބީ ދާދި ކައިރީގައެވެ. އަސަލް އުޅުނީ އަތުގައި އޮތް ފެންކުލައިގެ ފިހިގަނޑުން މައިހާގެ ނޭފަތުގައި ކުލަޖައްސާށެވެ. ހެވިފައި ހުރި މައިހާ އަސަލްގެ އަތުގައި ހިފަން އުޅެއެވެ.

ޤައިލާގެ ރުޅިގަނޑުގައި ހިފަން ފެށީ ގިނި އަލިފާނެވެ. މައިހާގެ ހިނިތުންވުން ފެނި ނަފުރަތުގެ ހުޅުގަނޑަށް ޕެޓްރޯލް އަޅާލެވުނު ފަދައެވެ. އެމަންޒަރު އޭނައަށް ހަޖަމެއް ނުކުރެވުނެވެ. މައިހާ އުފަލުގައި ހުންނަން އޭނަގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. މައިހާގެ ހިތާމަތަކަކީ އޭނަގެ ހަމަޖެހުމެވެ. އުފާވެރިކަމެވެ. މައިހާގެ އަތުން އޭނަ އަސަލް ޖަހައިގަތީ ވެސް މައިހާ ދެރަކޮށްލާށެވެ. ހިތުގައި ޖައްސަންށެވެ.

ކިތަންމެ ވަރަކަށް މައިހާ ސިއްރުކުރަން އުޅުނަސް އަސަލް ދެކެ މައިހާ ވާލޯބި ޤައިލާއަށް އޮތީ ފަޅާއަރާފައެވެ. ކުރިން ވެސް އޭނައަށް ޝައްކު ވިއެވެ. އެކުވެރިކަމުގެ ފަރުދާގެ ނިވަލުގައި ހުރެގެން މައިހާއާއި ސުވާލު ކުރީ އޮޅުންފިލުވުމުގެ ނިޔަތުގައެވެ. ނަމަވެސް މައިހާ ވަރަށް ހުޝިޔާރެވެ. ހަމަހިލާ އެއްބަހެއް ނުވިއެވެ. އެންމެފަހުން ޔަޤީންކުރަން ޤައިލާއަށް މަޖުބޫރުވީ މައިހާ ގެންގުޅޭ ސްކެޗްބުކް ބަލާށެވެ. އެހާވަރުން ސްކެޗްބުކްގައި ކުރަހާ ތަސްވީރުތައް ފޮރުވުމުގެ ބޭނުމެއް އޮންނާނެތީއެވެ. އެމަޤުސަދު އޭނަ ހާސިލުކުރީ މައިހާގެ މައުސޫމްކަމާއި އިތުބާރުގެ ނާޖާއިޒްފައިދާ ނަގައިގެންނެވެ. އޭނައަކީ މައިހާއަށް ހުރި ބޮޑު ބިރެއްކަމުގެ ހިލަމެއް މައިހާއަކަށް ނުވިއެވެ.

އިމްތިހާނުގެ ތައްޔާރީތަކުގެ ތެރެއިން މައިހާގެ ގެއަށް ޤައިލާ އެއްދުވަހު ދިޔައެވެ. ފިލާވަޅުތައް މުރާޖާކުރަން ކޮޓަރީގައި ތިބެފައި ފެން ގެނެސްދިނުމަށް ޤައިލާ އެދުނެވެ. މައިހާ ކޮޓަރިން ނިކުތުމާއެކު ޤައިލާ އަތްމަތި އަވަސްކޮށްލިއެވެ. ސްކެޗްބުކް ހޯދަން އޭނައަށް އުނދަގުލެއް ނުވިއެވެ. މައިހާގެ ފޮތްދަބަހުން ނަގައި އޭގެ ސަފުހާތައް ހާވާލުމުން އޭނަގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.

''ޔޫ ކްރީޕް...'' އޭގައި ހުރީ ހަމައެކަނި އަސަލްގެ ކުރެހުންތަކެއް ނޫނެވެ. އަސަލްއާއި މައިހާ ގުޅުވައިގެން ކުރަހާފައި ހުރި ކުރެހުންތައް ވެސް މަދެއް ނޫނެވެ. ބަޔާން ނުކުރެވުނު ލޯބި މައިހާ ބަންޑުންކޮށްފައި ހުރި ގޮތް ފުރިހަމަވުމުން ޤައިލާގެ މޭނުބައިކުރުވައިގަތެވެ. މައިހާގެ ފިނޑިކަމަށް އޭނައަށް ހިތާހިތުން މަލާމާތް ކުރެވުނެވެ. ލިބުނު ކާމިޔާބީގައި އޭނަގެ ރޭވުމުގެ ދެވަނަ މަރުހަލާއަށް އަމާޒު ހިފިއެވެ. އަސަލްގެ ވިސްނުމާއި ކުޅެލުމެވެ. އޭނަ އަސަލްއާއި ގާތްގުޅުމެއް އުފެއްދި ސަބަބަކީ އެއީ އެވެ. އަސަލް ވެސް މައިހާއަށް ހާއްސަ ނަޒަރަކުން ބަލައިލާކަން އެނގިހުރެއެވެ. ހިނދުރީގައި ނޭވާ ހުރިހާ ހިނދަކު މައިހާގެ ލޯބި ކާމިޔާބުނުވުމަށް އަމިއްލަ ނަފުސަށް ވި ވައުދުގެ މަތީގައި ޤައިލާ ދެމިހުއްޓެވެ.

ނިޔާވެފައިވި މައިންބަފައިންގެ ވާހަކައާއި، އަސަލްއަށް އޭނަގެ އުދާސްތައް ނަގައިގަނެވޭކަމާއި، އޭނައާއި އަސަލް ގުޅެޔޭ ކިޔައިގެން އަސަލްގެ ހިތުން އޭނަ ޖާގައެއް ކަށަވަރުކުރިއެވެ. އެހާ ފަސޭހައިން ކާމިޔާބުވުމުން އޭނަ ހައިރާން ވިއެވެ. ޤައިލާއަށް ހީކުރެވުނީ އޭނަގެ ގާތްކަމަށް އަސަލް ފުރަގަސްދޭނެކަމަށެވެ. ނަމަވެސް ކަންތައް ވީ އޭގެ އިދިކޮޅަށެވެ. އެކަމާ ޤައިލާ ހިތްހަމަޖެހުނެވެ.

މައިހާ ދެކެ ޤައިލާ އަންނަ ރުޅީގެ ސަބަބުން މައިހާގެ ދިރިއުޅުން އޭނަ ނަރަކައަކަށް ހެދިއެވެ. އޭނައަށް އެންމެ މަޖާކަމަކަށްވީ މައިހާގެ މޮޔަކަމުންނެވެ. އެކުވެރިކަމުގެ ހައްޤުގައި އޭނަ ޖެހި ކޮންމެ ބެރަކަށް މައިހާ ނެށިއެވެ. ކައިވެނީގެ ތައްޔާރީތަކުގައި މައިހާގެ ޚިޔާލު ހޯދަން އުޅުނީ މައިހާ ދެރަކޮށްލުމަށެވެ. ކަރުނަ ހިފަހައްޓަން މައިހާ ކުރިހާ ހިތްވަރު ފެނި ޤައިލާއަށް ވީ މަޖާކަމަކަށެވެ.

ކައިވެނި ކުރި ރޭގައި ހުތުބާގެ ތެރެއިން މައިހާއަށް ޤައިލާ ބެލިއެވެ. މަކަރުވެރިކަމުގެ ހިނިތުންވުމަކާއެކުގައެވެ. މައިހާގެ ދެލޮލުން ވިދި ކަރުނަތަކުން ޤައިލާއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. މައިހާގެ އުފާތައް އޭނަ ފޭރިގަތީ އޭނައާއި މައިހާ ބައްދަލުވި ފުރަތަމަ ދުވަހު އޭނަގެ މައިންބަފައިންގެ ކުއްލި ވަކިވުމާއި ހިތާމަތަކާއި އެއްހަމައަކަށް އަންނަން މައިހާ މަސައްކަތްކުރީތީއެވެ. މައިހާ ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ އޭނަ ބޭނުންވީ އެކަނިމާއެކަނި އުދާސްތަކާއި ކުރިމަތިލާށެވެ. މައިހާގެ އެހީތެރިކަމަށް އޭނަ އެދުނު ހެއްޔެވެ؟ އެކުވެރިކަމުގެ އިޝާރާތެއް ކުރި ހެއްޔެވެ؟ ދަލު ބޭރުން ޖެހިގަތީ މައިހާ އެވެ.

ނަފުރަތާއި ހަސަދަވެރިކަމުން ޤައިލާ ބަރުބާދުކޮށްލީ ހަމައެކަނި މައިހާގެ ދިރިއުޅުމެއް ނޫނެވެ. އަސަލްގެ ދިރިއުޅުމުގެ މައްޗަށް ވެސް އޭނަ އަތްގަދަ ކުރިއެވެ. މުޅި ކޮންޓްރޯލް ހޯދިއެވެ. އޭނަގެ މުށުތެރޭގައި އަސަލް ގައިދުކޮށްލެވުމާއެކު ޤައިލާ ދިޔައީ މުއްސަނދިކަމާއި އުފާވެރިކަމުގެ އާލަމުގައި ފިޔަ ޖަހަމުންނެވެ. އޭނަގެ ކޮންމެ އެދުމެއް ފުރިހަމަކޮށްދޭން އަސަލް ހުރީ ތައްޔާރަށެވެ. އޭނަގެ ފަރި އާދަތަކަށް އަސަލް ހުރީ ލެނބިފައެވެ. އަސަލް އޭނަ ދޫކޮށްނުލާކަމުގެ ޔަޤީންކަމާއެކުގައި ކައިވެނީގެ ބޭރުން ނަހަމަ ކިތަންމެ ގުޅުމެއް ޤައިލާ ހިންގިއެވެ. ކިރިޔާ ވެސް މައިތިރިވީ ލޫކަސްއާއި ބައްދަލުވި ހިސާބުންނެވެ. އެއީ އޭނަގެ ހަޤީޤީ ލޯބި ކަމުގައި ޤައިލާ ދެކުނެވެ. ފުރާނައިގެ ބައިވެރިޔާ ކަމުގައި ވެސް މެއެވެ.

ޤައިލާއަށް ގޮށްމުށްކަވާފައި ރެއިލިންގްގައި ބާރަށް ޖަހާލެވުނެވެ. ތަދުވީ އޭނަގެ އަތަށެވެ. އަނެއްކާ ޤައިލާ ހަޅޭއްލަވައިގަތެވެ. މިފަހަރު ރުޅީގެ ހަމަލާ އަމާޒުކޮށްލީ ބެލްކަނީގައި ހުރި ގަސް ޕޮޓަކަށެވެ. ފެއިން ޖެހިގެހީނުން އޭތި ވައްޓާލައި ތަޅާލައިފިއެވެ. ރިދާ ބެލްކަންޏަށް ނިކުތީ އެއަޑުފަށްގަނޑަށެވެ.

''ކޮން އަޑެއްތަ؟...'' ބިއްލޫރި ދޮރުން ބެލްކަންޏަށް ބޯދިއްކޮށްލަމުން ރިދާ އެހިއެވެ. ރިދާގެ ނަޒަރު ޤައިލާއާއި ވަކިވެގެން ހުއްޓުނީ ތަޅައިގެން ގޮސްފައި އޮތް ޕޮޓަށެވެ. އެއީ އޭނަ އަގުބޮޑުކޮށް ގަނެފައި ހުރި އޮރެންޖް ގަހެކެވެ. ގަހުގައި އޮރެންޖް އަޅަން ހުރީ ކައިރިވެފައެވެ. ރިދާ ހިތްހަމަނުޖެހުނެވެ.

''ކީއްވެ މީތި ތަޅާލީ؟...'' ރިދާ މޫނު ހަދާލިއެވެ.

ޤައިލާ ދެލޯއަޅާލުމާއެކު ރިދާއަށް މޭމަތިން ދެއަތް ހުރަސްކޮށްލެވުނެވެ.

''ކިހިނެއްތަ ޤައިލާ ތިއުޅެނީ... އެއްޗިސް ހަލާކުކުރަން ވެއްޖެއްޔާ މިތަނުން ދާން އުޅޭ...'' ރިދަ ތުންއަނބުރާލިއެވެ. އޭނަ ޤައިލާއަށް ދިން ނޯޓިސް މާދަމާއަށް ހަމަވާނެއެވެ. ޝުގާޑެޑީ އައުމުގެ ކުރިން ކޮންމެހެން ހަދާފައި ވިޔަސް ޤައިލާ ބޭރުކުރަން ރިދާ ހުރީ ނިންމައިގެންނެވެ.

''ފަ* *، ކަލޭގެ މުސްކުޅިގަނޑާއެކު އުޅެބަލަ...'' ޤައިލާ އަޑަށް ބާރުލާފައި ބުންޏެވެ.

''އަހަރެން ވިއްޔާ މުސްކުޅިގަނޑަކާއެކު އެބައުޅެމެއްނު، ޤައިލާއަށް ޕާފެކްޓް ފިރިއެއް ލިބުނީމަ އެކުގަ އުޅެވުނުތަ؟، އޭނ!... ތިހާލު ޖެހުނީ އަމިއްލަ މީހާގެ ހުރި ނުކުޅެދުންތެރިކަމުން، އަޒް ކަހަލަ ހޭންޑަމް އެންޑް ކެއިރިން ހަޒްބެންޑަކު ލިބުމުން ވެސް ހިތެއް ނުފުރުނު، ފަހުން ވީ ގޮތް މާ ދެރައެއްނު، ކޮބާ ލޫކް؟، އޭނަ އެބަހުރިތަ ޤައިލާއަށް އެހީވާން... ހީ ނިއު ޔޫ ވާރ ކްރޭޒީ، އެ ބި*... އަދި ފޮނި އަރުވަންވެގެން ހިތުން އަޒްއަށް ދައްކަން ލޫކް ގެންގޮސްފިއެއްނު... ހެހެހެ... ރަނގަޅު ބޮނޑިއެއް ލިބިއްޖެއެއްނު... ހަމަވާންވީ ގޮތަށް ތިވީ... މީހުންނަށް ލަނޑުދޭން އުޅޭ މީހުންނަށް ވާނީ ތިހެން... އަހަރެން އުޅެފިން ޤައިލާގެ އެކުވެރިޔަކަށްވެވޭތޯ، ބަޓް ޔޫ އާރ ކްރޭޒީ... މާދަމާ ފަހު ދުވަސް، ޕޮލިހުން ގެނެސްގެން ވިޔަސް މިތަނުން ބޭރު ކުރާނަން!، އަޑުއިވިއްޖެ؟...'' ތަންފުކެއް ވެސް ޤައިލާއަށް ދޫކުރުމެއް ނެތި ރިދާ އިއްވާލިއެވެ.

ޤައިލާގެ ލޮލުން އަލިފާންކަނި ބުރާލިއެވެ. ހީވީ އޭނަގެ ނަޒަރުން އެކަނި ވެސް ރިދާ އަނދާއަޅިއަށް ހަދާލާނެ ހެންނެވެ. ރިދާގެ ކޮނޑުގައި ބާރަށް ޖެހިގެންފައި ޤައިލާ ގޮސް ވަނީ އޭނަ ހުރުމަށް ރިދާ ދެއްކި ކޮޓަރިއަށެވެ. އަތުގެ ކޮޅަށް ކޮޓަރީގެ ދޮރު ޖަހަމުން ޤައިލާ އެނދަށް ވެއްޓިގަތެވެ. އަރުތެރެއިން ބޭރުވީ ބާރު ހަޅޭކެއްގެ އަޑެވެ. އެނދުގައި ހުރި ބާލީސްތައް ހޫރާލިއެވެ.

''މިހުރިހާ ކަމެއްވީ މައިހާގެ ސަބަބުން، އޭނަ މާލެ ނައިނަމަ މިހެން ނުވީސް، އަޒްއާއި އަހަންނާ ދެމެދު މައްސަލައެއް ނުޖެހޭނެ، ލޫކް އަހަރެން ދޫކޮށެއް ނުލާނެ... ނުލަފާ އަންހެނާ!، ކަލޭ ހީކުރީ އަހަރެން ކަލެއަށް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ދޭނެކަމަށްތަ؟، އަހަރެންގެ ދިރިއުޅުން ހަލާކުކޮށްފަ ކަލެއަށް އުފަލުގައި އުޅެވޭނެ ކަމަށްތަ؟، ކަލެއަށް އަޒް ލިބޭނެ ކަމަށްތަ؟، ކަލޭގެ ހުވަފެންތައް އަހަރެން ހުއްޓަކާ ފުރިހަމައެއް ނުވާނެ، އަހަރެން ކަލޭ މަރާލާނަން!...'' ޤައިލާއަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭގުނެވެ. އޭނަގެ ލޮލަށް ސިފަވަނީ ހެވިފައި ހުރި މައިހާއެވެ. އެމޫނުން ފާޅުވާ އުޖާލާކަމެވެ. މައިހާގެ ރީތިކަމާއި ބަނިޔާދަކަމެވެ. އެސިފަތަކާއި ގާތަށް ވެސް އޭނައަށް ނާދެވޭނެކަން ޤައިލާ ޤަބޫލުކުރެއެވެ. ހޭބުއްދިފިލާދިޔައީ އެހެންވެގެންނެވެ.

ޤައިލާއަށް އެންމެފަހުން ރޮވުނީއެވެ. ގޮދަޑީގައި މޫނު ޖައްސާލަމުން ލެވި ހަޅޭކުން އަރުތެރެ ފާރުވެގެން ގޮސް ލޭރަހަލިއެވެ.

''ރަށަށް ގޮސް އެންމެން ތެރޭ އޭނަ ލަދުގަންނުވާލައި ބެޒާރުކުރާނަން... ހޭއަރުވާލާނަން...'' ޤައިލާއަށް ކުއްލިޔަކަށް މޮޅު ޚިޔާލެއް ލިބުނެވެ. ފޯނު ނަގައި ރަށަށް ދާން މާދަމާއަށް އެއްކޮޅު ޓިކެޓެއް ނެގިއެވެ. އެއާއެކު ވިހަ ހިނިތުންވުމެއް ޤައިލާގެ ތުންފަތާއި ކުޅެލިއެވެ.

''ހޯމްވްރެކާރ!، ބަލަން ހުންނާތި...'' އޭނަގެ ޒަމީރާއި ސައްލާކުރަމުން ޤައިލާ ބުންޏެވެ.

*****

މައިހާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެސްފިޔަތައް މަރާލިޔަސް ފެންނަނީ މިރޭގެ މަންޒަރުތަކެވެ. އޭނަގެ ގާތުގައި އަސަލް ހުރި ތަނެވެ. އަސަލްގެ ދެލޮލުން ފެނުނު ޝުއޫރުތަކެވެ. ދެމެދުގައި އުފެދުނު ގާތްކަމެވެ. ވިސްނި ވަރަކަށް މައިހާގެ ބޮލުގައި ރިއްސަން ފެށިއެވެ. ރިހުން ކުޅާދާނަނުވާނެހެން ހީވުމުން އެނދުން ތެދުވިއެވެ. ބޭސްއަޅާފައި ހުންނަ ފޮށިން ޕެރެސެޓަމޯލް ގުޅައެއް ނަގައިގެން އައިސް އެނދުގެ އަރިމަތީމޭޒު މަތީ ހުރި ފެންފުޅި ނަގައި، ފެންކޯވަރަކާއެކުގައި ބޭސްގުޅަ ދިރުވާލިއެވެ. ނިތުގައި ފިރުމާލަމުން މައިހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މޭގައި މަޑުމަޑުން ފިރުމަމުން ކޮޓަރީގެ ދެކޮޅަށް ހިނގަން އޭނަ ފެށިއެވެ.

އޭނަގެ ސިކުނޑި ހުއްޓުމެއް ނެތި މިރޭގެ ހާދިސާގެ މާނަ ހޯދަން އުޅެނީއެވެ. ނަފުސުގެ ހަމަޖެހުން ނަގާލަމުންނެވެ. ޚިޔާލުތަކަށް ނިމުމެއް ގެނައުމުގެ މަގުސަދުގައި މައިހާ ކުރަހަން އުޅުނެވެ. ޑްރޯވިންގް ޓޭބަލްގައި އިށީނުމުން ވެސް އާލާވީ އަސަލްގެ ހަނދާންތަކެވެ. ޑްރޯވިންގް ޓޭބަލް މަތީ އަތުރާފައި ހުރީ މޭލެއިން ބައްދަލުވުމުން އަސަލް އަދިޔާކުރި ކުލައާއި ފިހިތަކެވެ. މައިހާގެ ދެލޮލުން ފާޅުވީ އުދާސްކަމެވެ.

''ކިހިނެއް މިވަނީ؟... އަޒް... އަޒްގެ ދެލޮލުން އަހަންނަށް ފެނުނީ އަހަރެން އިންތިޒާރުކުރަމުންދާ އިހުސާސުތަކެއްތަ؟، ނޫނީ އެއީ ކުށްހީއެއްތަ؟، ބައެއް ފަހަރު ކަމަކަށް މާ ބޮޑަށް އެދެވުމުން މަންޒަރުތަކުގެ މާނަ އޮޅިގެންދޭ، ހަޤީޤަތެއް ނުވާ ކަންތައް އެއީ ހަޤީޤަތެއް ކަމުގައި ފެނިދޭ، އަހަންނަށް އެވީ އެހެން!، އަޒް އެފަދަ ނަޒަރަކުން އަހަންނަށް ބަލާފާނެތަ؟... އެހެން ވެދާނެތަ؟... އަޒް އަހަރެން ދެކެ ލޯބި ވެދާނެތަ؟، ނޫން އެހެނެއް ނުވާނެ!، އޯހް ގޯޑް!، އަހަރެން މޮޔަވަނީ...'' މައިހާއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. މިނިވަންކަމާއެކު ދޫކޮށްފައި އޮތް އިސްތަށިގަނޑުގައި އަތްފުނާ އަޅާލެވުނެވެ.

އުދާސްތަކަށް ލުޔެއް ނުލިބުމުން މައިހާ ގަސްދުކުރީ މާތްﷲގެ ހަޒްރަތުން ވާގިއަށް އެދޭށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ނިކުތެވެ. ލިޔާ މޭޒުމަތިން ނެގި މުސައްލަ އެނދު ކަރިން ހުރަހަށް ފަތުރާލިއެވެ. އޭނަ އުޅުނީ އިސްތިޚާރާ ނަމާދުކުރާށެވެ. ސިކުނޑީގެ ހަލަބޮލިކަމަށް އޭރުން ނިމުމެއް އަތުވެދާނެކަމުގެ އުއްމީދުގައެވެ.

އިސްތިޚާރާ ނަމާދަށް ފަހުގައި މައިހާ ދުޢާކުރިއެވެ. ކުށްހީތަކެއް ހިތުގައި ވާނަމަ އޭނައަށް ދާންވީ ރާސްތާ ފަސޭހަކޮށްދެއްވުމަށް އެދިއެވެ. އަސަލްގެ ލޯބި އޭނަގެ ނަސީބުގައި ލިޔެވިފައިވާނަމަ އޭނައަށް ސާބިތުކަން ދެއްވުމަށް އެދިއެވެ. ދުޢާކޮށް ނިންމާލަމުން މައިހާއަށް މޫނުގައި އަތްއަޅާލެވުނެވެ. ކޯތާފަތުން ތިރިއަށް ރޮނގުދަމާލި ކަރުނަތައް މައިހާއަށް އިހުސާސްކުރެވުނީ ދެނެވެ. ކަރުނަ ފޮހެލަމުން މައިހާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

''ﷲ އަހަންނަށް ރަނގަޅު މަގު ދައްކަވާނެ...'' މައިހާ އޭނަގެ ހިތަށް ވިސްނައިދިނެވެ.

(ނުނިމޭ)