ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، އިޒްރޭލުގެ އެ ހަމަލާއަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި ކަނޑައެޅިގެން ގަތަރުގެ ސިޔާދަތާއި ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ހަމަ އެއާއެކު، ރާއްޖެ ދެމިއޮތީ ގަތަރާ އެކުގައި ކަމުގެ ޔަގީންކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ގަވައިދުތަކާ ހިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫހެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ގޮވާލައްވައިފައެވެ.

އިޒްރޭލުން ގަތަރުގެ ދޯހާއަށް ދިން ހަމަލާއަކީ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެ ހަމަލާ ދީފައިވަނީ ހަމާސްގެ ލީޑަރުންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށެވެ.

ދޯހާއަށް ހަމަލާދީފައިވާނެ ކަމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ލީޑަރުންނަށް ކަމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުންޏެވެ.

އެ ހަމަލާއާ ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާދީފައިވަނީ ހަމާސްގެ ޕޮލިޓިކް ބިއުރޯގެ މެންބަރުތަކެއް ދިރިއުޅޭ އިމާރާތްތަކަކަށް ކަމަށެވެ. އަދި އެ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ. އެ ހަމަލާގައި ހަމާސްގެ ލީޑަރަކު އަވަހާރަވި ކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.