ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު އެ ފުރުސަތު ހުޅުވާލާފައިވަނީ އެޗްއާރުސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް، ރައީސް އޮފީހުން ކަމަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް އިއްޔެ ދެ ބޭފުޅަކު ވަނީ އައްޔަންކުރައްވައިފައެވެ. އެއީ މ. ޕޮޕީ، މުހައްމަދު ޝަފީގު މަހުމޫދާއި ސ. ހުޅުދޫ، ސީބްރީޒް، އަހުމަދު މަގުސޫމްއެވެ. އެ ބޭފުޅުން އައްޔަންކުރެއްވީ، ކުރިން ކޮމިޝަންގައި ހިމެނިވަޑައިގެންނެވި މުއުމިނާ ވަހީދާއި ޝިފާއަތު އަބްދުއްރައްޒާގުގެ ދައުރު ހަމަވުމުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ތެރެއިން، ކޮމިޝަންގެ ރައީސް މަރިޔަމް މުނާގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާނެއެވެ.