ކޮމިޓީން އިތުރު އިސްލާހުތަކެއް ހިމަނައިގެން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމެނޭ، ސަރުކާރުގެ "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.
މި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލަށް ގެނައި އިސްލާހުތައް:
- ރައީސަށް ފެނިއްޖެ ހިދެއްގައި ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި ހިޔާލު ހޯދަން އެ ސަރަހައްދެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެ
- އިންތިހާބުގައި ހިޔާލު ހޯދުމުގެ ވޯޓްދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ %50 އަށް ވުރެ ގިނަ ވޯޓް ލިބުމަކީ ވޯޓުގެ އަގުލަބިއްޔަތު ލިބުން ކަމަށް ބެލުން
- ވޯޓް ނެގުމުގެ 21 ދުވަހުގެ ކުރިން އެ ވޯޓާ ގުޅޭ މައުލޫމާތު ކަރުދާސް އާންމުކޮށް، ހޭލުންތެރިކުރުުވަން މަޖުބޫރުކުރުން
- ފެންނަ ނުފެންނަ ވޯޓް ނަގަން މަޖިލީހުން ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށް ކަނޑައެޅުން
- ވޯޓް ނަގަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އެ ވޯޓް ނެގުން
- ވަކި ސަރަހައްދަކަށް ނަގާ ވޯޓްގައި 45 ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވެސް އެފަދަ ވޯޓެއް ނެގިދާނެ ކަމަށާއި، ވޯޓުނެގުމަށް އިލެކްޝަންސް ކޮމިޝަނުން، ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުން ލާޒިމްކުރުން
މި ބިލުގައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ:
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
- ގައުމީ މުހިންމު މައްސަލަތަކުގައި ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް
- ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރާ ނަމަ
- ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެންނަނަމަ
- ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެންނަ ނަމަ
- ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނަ ނަމަ
- ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ
- ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް
އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެއެވެ.
އޭގެ އިތުރުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރުގައި އެއް މައްސަލައަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނަގަން ކަނޑައެޅިދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި އެމައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާ ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެއެވެ.
އެ ގަރާރުގައިވާ ގޮތުގެ މަތީން ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަން (އީސީ) އިންނެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެއެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ނެގުން ބާއްވަން ޖެހެއެވެ.
އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.
މި ބިިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރު، އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެ، ނަމަވެސް ގަރާރު އަނބުރާ ގެންދެވޭނީ ވޯޓު ނަގާނެ ތާރީހެއް އީސީން އިއުލާނު ކުރުމުގެ ކުރިންނެވެ.
އެ ގަރާރުގައި ވޯޓު ނުނަގަން ނިންމި ސަބަބު ބަޔާންކުރަން ޖެހޭނެއެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ނިމޭނެ ގޮތަކަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ. އެކަމަށް އެ މަނިކުފާނު ހުށަހަޅުއްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވުމަށް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިބްރާހިމް ޒަކީ
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ބޭރު ކުޅިވަރު