ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ސަރަހައްދު ބަލައި ފާސްކޮށް ހޯދި މަސްތުވާތަކެތި ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ސަރަހައްދު ބަލައިފާސްކޮށްފައި ވަނީ އިއްޔެ ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ކަމަށެވެ.

އެތަން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.