ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ގިނަ ހިދުމަތްތަކެއް ސިޓާއިން ދިނުމަށް އަމާޒު ހިފައިފިއެވެ.
ސިޓާއަކީ 1949 ވަނަ އަހަރު އުފެއްދި، އެއާލައިންގެ ދަތުރުތަކުގައި ޓެކްނޮލިޖީގެ ޒަރިއްޔާއިން އައިޓީ އަދި ޓެލެކޮމް ހިދުމަތްދޭ ކުންފުންޏެކެވެ.
ނަސަންދުރާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސިޓާގެ އޭޝިޔާ ޕެސިފިކް ޕްރެސިޑެންޓު ސުމޭޝް ޕާޓެކް ވިދާޅުވީ އެ ކުންފުނިން އަމާޒު ހިފާފައިވަނީ ރާއްޖޭގައިވެެސް ޑިޖިޓަލް ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ލުއިފަސޭހަ ގޮތްތަކެއް ވީއައިއޭގެ އާ ޓާމިނަލްގައި ކުރިއަށްގެންދިއުމަށް ކަމަށެވެ.
އެގޮތުން ޕާސްޕޯޓު ޖިޑިޓަލް ކުރުމާއި ގެއްލޭ ލަގެޖު ޑިޖިޓަލްކޮށް ފަސޭހައިން ހޯދައިދިނުމުގެ އިތުރުން ރާއްޖޭއިން ބޭރުން އަންނަ ފަތުރުވެރިންނަށް ލުއިފަސޭހަ ޑިޖިޓަލް ޕާސްޕޯޓެއް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ވީއައިއޭގައި ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑިޖިޓަލް ޓްރާސްޕޮމޭޝަނަށް ރާއްޖެ މިސްރާބު ޖަހާފައިވާ އިރު، ސިޓާ އިން ފޯރުކޮށްދޭ ހިދުމަތްތައް އާ ޓާމިނަލުގައި މިހާރުވެސް، ސެލްސް ސާވިސް ކިއޮސްކުތަކާއި އެއާޕޯޓު މެނޭޖްމަންޓު ސިސްޓަމްތައް ހިމެނޭ ކަމަށެވެ.
"މި ކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ގާއިމުވުމުން އާ ޓިމިނަލްގައި 300 މީހުންނަށް 10 މިނެޓުުތެރޭ ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ. އެއީ ރާއްޖެއިން ބޭރުން އެއާޕްލޭނަށް އެރުމާ ހިސާބުން ފެށިގެން ރާއްޖެ އައިސް، ބޭނުންވާ ރިސޯޓަކަށް ކަރުދާހުން އެއްކިބާވެގެން ހިދުމަތްތައް ލިބޭނެ. މިހާރު އޮންނަ ގޮތުންނަމަ، ގިނަ ހިދުމަތްތައް ހޯދުމަށް ވަރަށް ވަގުތު ނަގާ. ނަމަވެސް ސިޓާގެ ޓެކްނޮލޮޖީ ގާއިމުވުމުން އެ ހިދުމަތް އެތައް ގުނައަކަށް އަވަސްވެގެންދާނެ،" ސުމޭޝް ވިދާޅުވިއެވެ.
އެންމެ ބޮޑު އިންވެސްޓްމަންޓްތައް މިހާތަނަށް ސިޓާގެ ތަޖުރިބާއިން ކޮށްފައިވަނީ ގެއްލޭ ލަގޭޖުހޯދުމަށް ކަމަށާއި އަދި ދުނިޔޭގެ އެކި ގައުމުތަކުން ރެޑް ނޯޓިސް ދީފައިވާ ފަރާތްތަކާއި އެކި ގައުމުތަކުން ހޯދަން ބޭނުންވާ މީހުންގެ މައުލޫމާތުތައްވެސް ރާއްޖެއަށް މިސްރާބު ޖެހުމުގެ ކުރިން ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ވީއައިއޭގައި ބަޔޯމެޓްރިކް ސިސްޓަމް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. އެ ހިދުމަތްތައް ގާއިމުވެފައި ހުރުމުން ޓުއަރިސްޓުންނަށް ފަސޭހައިން ރިސޯޓުތަކަށް ދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ވީއައިއޭ އާއި ސިޓާ ގުޅިގެން ޑިޖިޓަލް ދުނިޔޭގެ އިތުރު ހަރުފަތެއް މައްޗަށް ގިރާކުރެވޭނެ ކަމަށާއި އެމްއެސް އަދި ކްލައުޑްފްލެކްސް ފަދަ ޑިޖިޓަލް ފޯނު އެޕްތައް ބޭނުންކޮށްގެންވެސް ވީއައިއޭގެ ހިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސިޓާއިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 1994 ގައެވެ. އަދި މިހާރު އެ ކުންފުނިން ދަނީ ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ވީއައިއޭގެ އާ ޓާމިނަލުގައި ޖިޑިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
ސިޓާގެ 4،900 މުވައްޒަފުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވެއެވެ. 2،500 އަށްވުރެ ގިނަ ކަސްޓަމަރުން ސިޓާގެ ބޯޑުގައި ހިމެނެއެވެ. އެ ކުންފުންޏާއެކު 410 އަށްވުރެ ގިނަ އެއާލައިނާއި އެއާޕޯޓުންތަކުން ހިދުމަތް ހޯދައެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް