ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންގެ އިނާޔަތް ކުޑަކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލާފައިވާ އިރު، ރައީސް ވެސް އެކަމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވަނީ ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކުޑަކުރުމަށް ތާއީދުކުރައްވާ ކަމަށާއި ރައްޔިތުން ވެސް އެދެނީ އެގޮތަށް ކަމަށެވެ.

ނަމަވެސް ވަކި ގޮތަކަށް ހުށަހެޅުއްވުމެއް ހުށަހެޅުއްވުމަށް ރައީސް އަންގަވާފައެއް ނުވެއެވެ.

ކުރީގެ ރައީސުންގެ ތެރެއިން އެއް ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަކުރައްވާ ރައީސުންނަށް 75،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވައެވެ. އޭގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ކުލީގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކުރީގެ ރައީސުންގެ ތެރެއިން އިނާޔަތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ.

ކުރީގެ މެންބަރުންގެ ތެރެއިން އުމުރުން 55 އަހަރު ވެފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ އިރު، އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސަންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސަންޓު ލިބެއެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނަށް ހެލްތު އިންޝައަރެންސް ވެސް ހަމަޖައިސައިދެއެވެ.