އެތުލެޓިކްސް ކްލަބް، ސާއިދު ސްޕޯޓްސްއިން، އެ ޖަމިއްޔާގެ އެތުލީޓުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ އެތުލެޓިކްސް މުބާރާތް، "ސްޓްރީކް ހީޓްސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ކުރިއަށް ދިޔަ މުބާރާތުގެ އެކިއެކި އިވެންޓްތަކުގައި 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެއެވެ. އެއީ އެ ކްލަބުން ތަމްރީނު ހަދަމުންދާ އެތުލީޓުންގެ ތެރެއިން ބޮޑު ޕަސެންޓެކެވެ.

"ސްޓްރީކް ހީޓްސް"ގެ އިވެންޓްތައް ކުރިއަށް ގެންގޮސްފައި ވަނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެގޮތުން 4-6 އަހަރުގެ ކުދިންނަށް ވަކި އިވެންޓްތަކެއް، -9 އަހަރުގެ ކުދިންނަށް ވަކި އިވެންޓްތަކެއް ކުރިއަށްދިޔައެވެ. އޭގެ އިތުރުން 13-15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަ ސީނިއާ ކެޓަގަރީއަށްވެސް ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

"ސްޓްރީކް ހީޓްސް"ގެ ކްރޮސް ކަންޓްރީ ރޭހާއި 60، 80، އަދި 100 މީޓަރު ޝަޓްލް ރިލޭވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ސާއިދު ސްޕޯޓްސް އިން ބުނީ، އިއްޔެގެ އިވެންޓް ކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ އެތުލީޓުން، އިވެންޓްތަކުގައި ބައިވެރިވެ، އިވެންޓް ފުރިހަމަކުރަން އެ ބެހެއްޓި ޝައުގުވެރިކަން ކަމަށެވެ.

އިއްޔެގެ އިވެންޓް ނިންމާ ހުރިހާ އެތުލީޓުންނަށްވެސް މެޑަލް ދީފައިވާ އިރު، އިވެންޓްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ހުސެއިން ނިހާދާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު، އަހުމަދު ފާއިލްއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ އެތުލެޓިކްސް ކްލަބު އިފްތިތާހުކުރީ 2017 ވަނަ އަހަރުއެވެ. އެ އަހަރު "ސާއިދު ސްޕޯޓްސް ލިޓްލް ޗޭމްޕް ފިއެސްޓާ"ގެ ނަމުގައިވެސް ކާމިޔާބު އިވެންޓެއް ބާއްވާފައިވާ އިރު، މިފަހަރުގެ "ސްޓްރީކް ހީޓްސް"އަކީ އޭގެފަހުން ބޭއްވި ފުރަތަމަ މުބާރާތެވެ.

އިއްޔެގެ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލުމުގައި ސްޕޮންސަރުންނާއި ޕާޓްނަރުން ދިން އެއްބާރުލުން ސާއިދު ސްޕޯޓްސްއިން ވަނީ ފާހަގަކޮށްފައެވެ.