މެންދުރު އެކެއް ޖެހީއެވެ. ވައިރޯޅީގެ ހިލަމެއް ނުވާ ތާނގައި ވިލާ ރޮއްޖެއްގެ މިންވަރު ވެސް އުޑުމަތިން ފެންނާކަށް ނެތެވެ. ރުކުގެ ފަނާއި ގަހިގެ އޮފިތައް ވެސް ފުން ހިމޭންކަމެއްގެ ތެރެއަށް ގެނބިފައިވާ ކަހަލައެވެ. އެކުގައި މަސައްކަތްކުރާ ޓީޗަރުންނާއި ވަދާއުގެ ސަލަން ބަދަލުކޮށްފައި މައިހާ މިސްރާބު ޖެހީ، ސްކޫލްގެ އޮފީސް ކުރިމައްޗަށް ވާހެން އޮތްނަ ޕާކިން ޒޯނާއި ދިމާއަށެވެ. އަތްދަބަހުން ނެގި އަވިއައިނު ލޮލުގައި އަޅަމުން އޭނަގެ ސައިކަލު ކައިރިއަށް މައިހާ ހުއްޓުނެވެ. މައިހާގެ މޫނުން އުފާވެރިކަމުގެ އަސަރު ފެންނަމުން ދިޔައެވެ. ފަތިހު އަސަލްއާއި ބައްދަލުވެ ހެނދުނުގެ ސަޔަށް އަސަލްއާއި އެކުގައި އިންސާފުކުރެވުމުން މައިހާއަށް އިހުސާސްކުރެވުނީ އޭނަގެ އެކަނިވެރިކަމާއި މޮޅިވެރިކަމަށް ނިމުމެއް އައި ހެންނެވެ. އަސަލްގެ ސަކަ މިޒާޖު ފެނުމުން އެއީ ހެޔޮ ބަދަލެއް ކަމުގައި މައިހާ ދެކުނެވެ. ހަމައެއާއެކު އަސަލްގެ ތުންފަތާއި ކުޅެލާ ރީތި ހިނިތުންވުންތަކުން ވެސް މައިހާގެ ހިތުގެ ވިންދުތަކަށް ބާރުފޯރުވަން ފަށައިފިއެވެ. އެއީ އިންޒާރުގެ ރަނގަބީލެކެވެ. ނަމަވެސް މައިހާ ސަމާލުކަމެއް ނުދިނެވެ. އޭނަ ބޭނުންވީ މި ހިނދުކޮޅުގެ ތެރޭގައި ވަގުތު ހޭދަކޮށްލާށެވެ. އުފާވެރި ހަނދާންތަކެއް ސިކުނޑީގައި ރައްކާކުރާށެވެ.
ގެއާއި ހަމައަށް މައިހާއަށް ދެވުނުއިރުގައި ބޮލުން ހޫނު އަރާހެން ހީވިއެވެ. ގަރާޖުގައި ސައިކަލު ބަހައްޓަމުން މައިހާ އަވަސްވެގަތީ ގަރާޖުން ލާފައި ގެއަށް ވަދެވެން ހުރި ދޮރާއި ދިމާއަށެވެ. އަނބުގަހާއި، ބަނބުކެޔޮ ގަހުން މެދު ގޯއްޗަށް ހިޔާދީފައިވުމުން އަރާފައި ހުރި ހޫނަށް ލުޔެއް ލިބުނެވެ. ކޮޓަރިއަށް ދިއުމުގެ ކުރިން މައިހާ މިސްރާބުޖެހީ ބަދިގެއަށެވެ. އައިސްފެންފޮދެއް ބޯލާށެވެ. ފައިވާން ހަރުގަނޑުގައި ފައިވާން ބަހައްޓަމުން ބޮޑުކޮޓަރިއަށް މައިހާ ނަޒަރު ހިންގާލިއެވެ. އެހެންޏާ އެގަޑީގައި މެންދުރުފަސް ޕްރޮގްރާމް ބަލަން މާމަ ހުންނާނެއެވެ. މަންމަގެ ހިލަމެއް ވެސް ނުވާތީ މައިހާ ހައިރާންވިއެވެ.
''ކޮޓަރީގަތަވީ؟...'' މައިހާއަށް މަޑުމަޑުން އޭނަގެ ނަފުސާއި ސުވާލުކޮށްލެވުނެވެ. ބަދިގެއަށް ވަންނަން ދިޔަ ތަނާ މާމަގެ އަޑު މައިހާއަށް އިވިއްޖެއެވެ. އަޑު އަންނަނީ ބަދިގެއިން ނިކުމެވެން އޮންނަ މާމަގެ ކުޑަ ދަޑުންނެވެ. ދަޑަށް ނިކުންނަ ދޮރު ހުޅުވާފައި ހުރުމުން، އައިސްއަލަމާރިއާއި ކައިރިވުމުގެ ބަދަލުގައި މައިހާ ހުއްޓުނީ ދޮރު ކައިރިއަށެވެ. ދޮރުން ބޭރަށް ބޯދިއްކޮށްލުމާއެކު ފެނުނު މަންޒަރުން އޭނަގެ ތަލިން ކުޅު ހިކުނެވެ. މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ފަދައެވެ. ދެލޯބޮޑުކޮށްލަމުން މައިހާއަށް ބަލަން ހުރެވުނީ ހުސްގަޔާ ހުރި އަސަލް އަށެވެ.
އަސަލް އުޅުނީ ކުޑަކޮށް އަރިއަޅާލާފައި ހުރި ޖުމްހޫރީމޭވާގަހުގެ ދެޔޮގަނޑު ރަނގަޅުކުރުމުގައެވެ. މަސައްކަތުގެ ތެރޭން ދަލާ ތެމުނު ޓީޝާޓު ބާލައި ދެޔޮގަނޑުމަތީ ބާއްވާފައި އޮތެވެ. އަސަލްގެ ގާތުގައި ސާރިޔާއާއި ރަމީޒާ ތިއްބެވެ.
އަސަލް ހުރީ މައިހާއަށް ފުރަގަސްދީގެންނެވެ. ގެންނަ ހަރަކާތްތަކުން އަސަލްގެ ބުރަކަށީގެ މަސްތަކަށް އަންނަ ވާންކަން މައިހާއަށް ފެނުނެވެ. އޭނައަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހުއްޓުން އަރާފައި ވަނިކޮށް މާމަ އޭނައަށް ގޮވާލި އަޑު މައިހާއަށް އިވުނެވެ. އަސަލް ފަސްއެނބުރި ބަލައިލީ އެވަގުތެވެ. މައިހާ ލާން އުޅުނު ނޭވާ ހިނދުރީގައި ތާށި ވެއްޖެއެވެ. އެސްފިޔަތައް ތިރިކޮށްލަން އުޅުނުކަމުގައި ވިޔަސް ކާމިޔާބެއް ނުވިއެވެ. އަސަލްގެ ކަސްރަތީ ހަށިގަނޑާއި، މޭމަތީގައި ތުނިކޮށް ފަޅާފައި ހުރި އިސްތަށިތަކުގައި ހުރި ދަލުގެ އަސަރުން ފިރިހެންވަންތަނަކަން އިތުރުކޮށްދެއެވެ. އިސްތަށިގަނޑު ވެސް އޮތީ ހޭވިފައެވެ. ކަޅުކަންގަދަ ބުމައިން ތިރިއަށް ދެމިލި ދާތިކި ހިނދުނީ ތުނބުޅީގެ ތެރެއަށެވެ. މައިހާގެ ހަނދާނުގައި އެމަންޒަރު ބިންވަޅު ނެގުނެވެ. ލޯމަރައިގެން ހުރެ އެމަންޒަރު ކުރަހާލެވޭނެހާ ފުރިހަމައަށެވެ.
ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވުމާއެކު އަސަލް ހިނިތުންވެލިއެވެ. އެހިނިތުންވުން ވެގެންދިޔައީ ރުވާފަދޫކޮށްލި ތީރަކަށެވެ. ސީދާ އަމާޒުވީ މައިހާގެ މެޔަށެވެ. ކަކުލުހުޅުން ވާގިދޫވެދާނެކަމުގެ ބިރާއެކު ދޮރުކަނީގައި ބާރަށް ހިފަހައްޓާލެވުނެވެ. މާމަ ދެވަނަ ފަހަރަށް ގޮވާލި އަޑު މައިހާއަށް އިވުނެވެ. ހޭވެރިކަންވީ ދެނެވެ.
''ދަރިފުޅާ، އަޒްއަށް ދޭން ލުނބޯޖޫސް ތައްޔާރުކޮށްލަބަލަ...'' މާމަ ބުނި އަޑު އިވުނެވެ. މައިހާ އަވަސްއަވަހަށް ބޯޖަހާލިއެވެ. އަސަލް ނުފެންނަ ހިސާބަކަށް ދާން މައިހާ އަވަސްވެގަތެވެ. އިތުރަށް މަޑުކުރަން ވެއްޖެނަމަ ހަމަ ރަނގަޅަށް ވެސް އޭނަ އަނބުރައިގަންނާނެއެވެ.
ޖޫސްތައްޔާރުކުރުމުގެ ކުރިން މައިހާ މިސްރާބު ޖެހީ އޭނަގެ ކޮޓަރިއަށެވެ. ހެދުން ބަދަލުކުރުމަށެވެ. ކޮޓަރިއަށް ވަދެވުމާއެކު ދޮރަށް ލެނގިލެވުނެވެ. އޮބިނޯންނަވަރަށް ތެޅެމުން އައި ހިތުގެ ހިނގުމުގެ ސަބަބުން މޭގައި އޭނައަށް ފިރުމާލެވުނެވެ. ހުރި ފިޔަވަޅުމަތީގައި ގުޑި ނުލައި އޭނައަށް ހުރެވުނެވެ. ކުރިންވެސް ހުސްގަޔާ އަސަލް ހުއްޓާ ފެނިފައި ވިޔަސް މިވަރެއް ނުވެއެވެ. ޤައިލާއާއި އަސަލް ރައްޓެހިވި ދުވަހުން ފެށިގެން ކޮންމެހެން މަޖުބޫރުވެގެން ނޫނީ އަސަލްއާއި ދިމާއަށް މައިހާ ބަލާފައި ނުވެއެވެ. ޒަމާންތަކަކަށްފަހު ހިތްފުރެންދެން އަސަލްއަށް ބަލައިލުމުގެ ނަސީބު އޭނައަށް ލިބިއްޖެއެވެ. ލަދުރަކި ހިނިތުންވުމެއް މައިހާގެ ތުންފަތުގައި ދުވެލިއެވެ.
ގަޔަށްދޫ އަތްދިގު ޓީޝާޓަކާއި ޖިންސަކަށް އަބަޔާ ބަދަލުކޮށްލަމުން މައިހާ ވަނީ ފާޚާނާއަށެވެ. އޭނަ ކޮޓަރިން ނިކުތީ މެންދުރު ނަމާދުކޮށްލައިގެންނެވެ. ބަދިގެއަށް ވަދެ ލުބޯޖޫސް ތައްޔާރުކުރަން އުޅެމުން ވެސް ބަދިގޭގައި ހުންނަ ކުޑަދޮރުން ބޭރަށް މައިހާގެ ނަޒަރު ދަތުރުކުރެއެވެ. އެދިމާލުން ހުރަހަކާނުލާ އަސަލް ފެނެއެވެ.
ބިއްލޫރި ގަޖެއްގައި ލުނބޯޖޫސް ތައްޔާރުކޮށްލައިގެން މައިހާ ބޭރަށް ނިކުތެވެ. ބޭރު ޖޯލިކުރިމަތީ ހުންނަ ތިރި މޭޒު މަތީގައި ޖަގު ބަހައްޓާފައި އަނބުރާ ބަދިގެއަށް ވަނީ ތަށިތައް ބަލައެވެ. ތަށި ހިފައިގެން ނިކުމެވުނީ އަސަލްގެ ކުރިމައްޗަށެވެ. މައިހާއަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާނުލެވެނީސް ނޭފަތުގެ ކުރި ޖެހުނީ އަސަލްގެ މޭގައެވެ. ލިބުނު ސިހުމުގައި އޭނަގެ އަތުން ތަށިތައް ދޫނުވީ ކިރިޔާއެވެ. ވިސްނުމަކާނުލައި ގެނެވުނު ކުއްލި ހަރަކާތާއެކު އޭނަ އަރި އަޅާލިއެވެ.
ކުރިއަށް ޖެހިލައި މައިހާގެ އުނގަނޑުގައި އަސަލްއަށް ހިފަހައްޓާލެވުނެވެ. އެއާއެކު މައިހާ މުޅިން ފިނިވެއްޖެއެވެ. އަސަލްގެ އިނގިލިތަކުގެ ހޫނުކަމުން އުނަގަނޑަށް އެނގުންވިއެވެ.
''ކިރިޔާއެއްނު...'' އަތްތިލަ ތިތިކޮށްލަމުން އަސަލް ބުންޏެވެ. ހިފަހައްޓައިގެން ހުރި ނޭވާ މައިހާއަށް ދޫކޮށްލެވުނީ ދެނެވެ. އޭނައަށް ފަހަތަށް ޖެހިލެވުނެވެ. އެތެރެއަށް ވަންނަން އަސަލްއަށް ޖާގަ ދައްކަމުންނެވެ. އޭރު ވެސް އަސަލްގެ އިނގިލިތައް ޖެހުނު ހިސާބުން ހޫނުކަމުގެ އަސަރު ފިލައިނުދެއެވެ.
އަސަލް ހުއްޓުނީ ސިންކު ކައިރިއަށެވެ. އަތްދޮންނަށެވެ. ފުރުސަތު ބަލާފައި މައިހާ ނިކުތެވެ. ތަށި ބަހައްޓަމުން ހިންދެމިލުނެވެނީސް އަސަލްގެ ހިލަން އޭނައަށް ވެއްޖެއެވެ. ކަނދުރާގެ މަތިން ލޯލިތައް ކޮޅަށް ޖެހުނެވެ.
''ހާދަ ހޫނޭ...'' އަސަލް ބުނެލިއެވެ.
''ހޫނު ވީމަތަ ޓީޝާޓު ބޭލީ، ދެން ސަން ބާންވެގެން އުޅޭނީ...'' މައިހާ ވާހަކަދެއްކީ ތަށްޓަކަށް ޖޫސް އަޅަމުންނެވެ. އެހެންޏާ އެކަމަށް ނުދޭވަރުގެ ސަމާލުކަމެއް މައިހާ ދިނެވެ. އަސަލް އޭނައާއި ދާދި ގާތުގައި ހުރުމުން އަތް ތުރުތުރުއަޅަން ނުފެށިކަން އެއީ އޭނަގެ ނަސީބެވެ. ތަށި ފުރުމާއެކު އަސަލްއާއި ކުރިމަތިލަމުން ތަށި ދިއްކޮށްލިއެވެ. ޝުކުރުވެރިވަމުން ތަށީގައި އަސަލް ހިފިއެވެ.
''މާލޭގަ އުޅެމުން އައްވަށް ނުނިކުމެވޭ، ބަލާފަ ހިޔެއް ނުވޭތަ؟، އެހެންވެ ޓޭންވެލަން ބޭނުމީ...'' އަސަލް ސަމާސާ ރާގަކަށް ބުނެލަމުން އުނދޯލީގައި އިށީނެވެ.
''މިއަވީގަ އަނދާނީ، އިރުކޮޅަކުން ފެންނާނީ ލޮބްސްޓާއަކަށް ވެފަ ހުއްޓާ...'' މައިހާ ރައްދުގައި ބުނެލިއެވެ.
އަސަލް ހީގަތް ބޮނޑީގައި ނޯށަށް އަރައިގަނެ ކެއްސަން ފެށިއެވެ. މައިހާ ކަންބޮޑުވިއެވެ. އޭނައަށް އަސަލްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލެވުނީ އިހްތިޔާރަކާ ނުލައެވެ. އަސަލްގެ ތޫނުފިލިދެލޯ މައިހާއަށް ހުއްޓުނެވެ. ވަގުތު މަޑުޖެހިލިކަހަލައެވެ. އެދެލޮލުގެ ތެރެއަށް މައިހާ ގެއްލުނެވެ. ތަފާތުކަމެއް އެނަޒަރުގައި އެކުލެވިގެންވެޔޭ މައިހާގެ ހިތް ބުންޏެވެ. އަސަލް ވެސް އިސްޖަހާލާކަށް ނޫޅުނެވެ. މައިހާއަށް ހުރެވުނީ ހަނދަންވީ ކިހިނެއްކަމެއް ނޭނގިފައެވެ. އެދެމެދުގައި އުފެދުނު ދަގަތްޕާނީ ބާރަށް ފުރަގަހެއް ނުދެވުނެވެ. ސިކުނޑީގައި ހައިޖާންގަނޑެއް އުފައްދާލައިފިއެވެ. ހިމޭންކަމުގެ ސުކޫތައް ނިމުމެއް ގެނުވީ ރަމީޒާގެ އަޑުންނެވެ.
''އެއްކަލަ ކުރީގެ ސަކަރާތްގަނޑު ފަށައިގަތީދޯ؟...'' މަންމަގެ ޖުމްލައާއެކު މައިހާއަށް ފަހަތަށް ޖެހިލެވުނެވެ.
''ރަމިއްތާ، މޭއި ކޮމީޑިއަންއަކަށްވީމަ ވާނެ ގޮތޭ އެއީ...'' އަސަލް ބުންޏެވެ.
ހިނދުކޮޅު ފާއިތުވިއެވެ. މައިހާ މަސައްކަތްކުރީ އުތުރިއަރައިގަތް ހައިޖާންގަނޑާއި ދުރުވެލާށެވެ. މީހާގެ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރަށެވެ. އަސަލްގެ ދެލޮލުން ފެނުނުހެން ހީވި ޝުއޫރުތަކާމެދު މާބޮޑަށް ވިސްނާކަށް ނެހެދިއެވެ. އެފަދައިން ނުވާނެ ނޫން ހެއްޔެވެ؟ އެއީ އޭނަގެ އިހުސާސްތަކުގެ ސަބަބުން ކުރެވުނު ކުށްހީއެކެވެ.
''އަޞްރު ނަމާދުކޮށްގެން ރެޑީ ވައްޗޭ...'' އަސަލް ހަނދާންކޮށްދިނެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވާއާއެކުގައި މައިހާ ބޯޖަހާލިއެވެ.
އަޞްރަށް ބަންގި ދިނުމުގެ ކުރިން ސާރިޔާގެ ބަނބޮކެޔޮ މެޝިން ވެސް އަސަލް މަރާމާތުކޮށްދިނެވެ. އެމަސައްކަތުގައި އަސަލް އުޅުނުއިރުގައި އަސަލްއަށް އަތްގާތްކޮށްލި ދިނުމުގައި އުޅުނީ މައިހާ އެވެ.
*****
ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ކުޅީގެ ރީތިކަމުން ހިތަށް ފިނިކަމެއް ގެނެސްދެއެވެ. އެއީ ރަށުގެ ހުޅަނގު އުތުރުގައި އޮންނަ މޫދާއި ގުޅިގެން އުފެދިފައިވާ ލޮނުކުޅިއެކެވެ. ރަށުގައި ޓޫރިޒަމް ފުޅާ ވުމުގެ ކުރިން އެހިސާބަށް މީހުން ނާދެއެވެ. ޖިންނިއާއި ފުރޭތައިގެ ވާހަތަކުންނެވެ. މިހާރު އެދުވަސްތައް މާޒީގެ ތެރެއަށް ގެއްލިއްޖެއެވެ. ރޭގަނޑަށް ތަރިތަކުގެ ޗާލުކަން ބަލަން އެތަނަށް ގިނައަދަދެއްގެ މީހުން ދެއެވެ.
ޤުދުރުތަކުގެ ޗާލުކަމާއި ފުރިހަމަކަން ބަލައިލާ ކޮންމެ ދިމާއަކުން ފާޅުވެގެންދެއެވެ. ކުޅީގައި ހެދިފައި ހުރި ކަނޑޫފަލާއި ކުއްޅަވައްފާތަކުގެ މަތީގައި މަޑުކޮށްލައިގެން ތިބި ދޫނިތައް ދޭތެރެއަކުން ފިޔަތައް ތަޅުވާލައި އުދުހިގަނެއެވެ. މާކަނާތައް އެސޮރުމެންގެ ކޮއްތުގެ އިންތިޒާރުގައި ފެންގަނޑުގައި ފައިނަގައިގެން ތިއްބެވެ. ކުޅީގެ ފެންގަނޑުގައި ފަތުރާލާފައިވި އޮމާންކަމުގެ ސަތަހައިގައި ބާނީތައް އުފައްދަމުން ކުރިއަށް ދިޔަ ކެނޯގެ ކުރީގައި އިނީ މައިހާ އެވެ. ފަހަތުގައި އަސަލް އެވެ. އަތުގައި އޮތް ޕެޑަލް ފެންގަނޑުގެ ތެރެއަށް ކޮއްޕާލަމުން އަސަލްގެ މިސްރާބު ހުރީ ތަންކޮޅެއް ދުރުން ފެންނަ ކަނޑޫފަލާއި ދިމާއަށެވެ. އެދިމާގައި މީހުން މަދެވެ. ދޭތެރެއަކުން މައިހާގެ މޫނަށް އަސަލް ބަލައިލައެވެ.
ބުރުގާމަތިން އަޅާފައި އޮތް ބޮޑު ތޮފީގެ ހިޔަނި މައިހާގެ މޫނަށް އެޅިފައިވުމުން ވަށައިގެންވި ޤުދުރަތުގެ ރީތިކަމަށް ވުރެން އަސަލްގެ ނަޒަރުގައި މައިހާ މާބޮޑަށް ޗާލެވެ. މައިހާގެ ތުންފަތާއި ފަނޑުނުވާ ހިނިތުންވުންތަކުން އަސަލްއަށް އުފާވެރިކަން ގެނެސްދިނެވެ.
''އަޒް ބަލާބަ...'' މައިހާ ފެންގަނޑަށް އިޝާރާތްކޮށްލި އެވެ. ފެންގަނޑުގެ ތެރޭން ކުރިއަށް ދިޔަ މަޑި އަސަލްއަށް ފެނުނެވެ. މައިހާގެ ޖޯޝު ފެނި އަސަލްއަށް ހެވުނެވެ. ކެނޯ މަޑުޖައްސާލަމުން އަސަލްއާއި މައިހާގެ ސަމާލުކަން މަޑިއަށް ހުއްޓުނެވެ. ކުދި މިޔަރުތައް ވެސް ދުރުދުރުން ފެނުނެވެ.
ހިމޭންކަމުގެ ތެރެއިން އަސަލްގެ ލޮލަށް ތަސްވީރުކުރެވުނީ މެންދުރުގެ ހާދިސާއެވެ. ފުރަތަމަ ބަދިގެތެރެއިން މައިހާއާއި މުޑި އެރި ތަނެވެ. އެއަށްފަހު އޭނަ ކޮށި އެރުމުން އޭނަގެ ބުރަކަށީގައި މައިހާ ފިރުމާލި މަންޒަރެވެ. އެދެމެދުގައވި ގާތްކަމެވެ. އަވަސްވި ހިތުގެ ވިންދެވެ. މައިހާގެ ދެލޮލުން ތަފާތު ޝުއޫރެއް ފެނުނުކަން ގައިމެވެ. އަސަލްއަށް އެޚިޔަލާއި ދުރުނެވުނެވެ. ވިސްނުނުވަރަކަށް އޭނަގެ ޒަމީރު އޭނައަށް ބުނެދެނީ އެކުވެރިކަމަށްވުރެން ތަފާތު ގުޅުމެއް އެދެމެދުގައި އުފަންވެދާނެ ކަމަށެވެ. ކުރިން މައިހާއަށް ބަލައިލަން އަސަލް ޖެހިލުންވެއެވެ. އޭނަގެ ސިއްރު ބޭޒާރުވެދާނެތީއެވެ. ހިތުގައި ވިންދުޖަހަމުންދާ ލޯބި ސިއްރުކުރަން އޭނަ ބޭނުމެއް ނޫނެވެ. ދެވަނަފަހަރަށް ހަޔާތުގެ މަންޒިލް ގެއްލިގެން ދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ. އެއީ އަމިއްލަ ނަފުސަށް އޭނަ ވި ވަޢުދެއް ނޫން ހެއްޔެވެ؟
*****
ކަނޑޫފަލާއި ކުޅީގައި އުޅުނު މަސްތަކަށް ގެއްލިފައި އިން މައިހާ ސިހުނީ އޭނަގެ މޫނަށް އަސަލް އަމާޒުކޮށްލި ފެންގޮށީގެ ހަމަލާއާއެކުގައެވެ. ޤަބޫލުނުކުރެވިފައި މައިހާ އިނެވެ.
''ޔޫ ޑިޑް ނޮޓް!...'' ލަސްލަހުން މައިހާ ފަސްއެނބުރުނެވެ. އަސަލް އިނީ ލާނެއް ހިންޏެއް އައިސްފަ އެވެ.
''މޭއި މާބޮޑަށް އެހެންކަމަކަށް ގެއްލިފަ އިނީމަ...'' އަސަލް ބުނެލިއެވެ. ''ފަލިޖަހަޖަހާ އަހަރެންގެ އަތް ވަރުބަލިވެއްޖެ...''
''އަޒްއެއްނު ބުނީ ތިމަންނައޭ ފަލި ޖަހާނީ، ރަށަށް އައީމަ ޖިމަށް ނުދެވެޔޭ...'' މައިހާ ދެލޯ ހަނިކޮށްލިއެއްކަމަކު ނުރުހުމުގެ ކުލަވަރެއް ނެތެވެ. އޭނަ ވެސް ފެންގަނޑުގެ ތެރެއަށް އަތް ކޮއްޕާލައި އަސަލްއާއި ދިމާއަށް ފެންޖަހާލި އެވެ.
''މޭއި!...'' އަސަލްގެ ހުނުމުގެ އަޑު ފަޒާގައި ގުގުމާލިއެވެ. ކައިރީގައި ހުރި ގަސްތަކުގައި ތިބި ދޫނިތައް ސިހިގެންފައި އުދުއްސައިގަތެވެ. މައިހާ އިނީ އެހުނުމުގެ ތެރެއަށް ގެއްލިފަ އެވެ. ބޯ ކުޑަކޮށް ފަހަތަށް ގެނެސް އަސަލް ހެމުން ދިޔައިރު މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. ދެލޯ މެރި ދެލޮލުގެ ކައިރިއަށް ރޮނގުތައް އަރައިފިއެވެ. ރޫހަށް ދިރުން ލިބިފައިވާ ފަދައެވެ. އޭނަގެ ސަބަބުން އެފަދަ ބަދަލެއް ފެނުމުން މައިހާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މައުނަވީ ހިނިތުންވުމެއް މައިހާގެ ތުންފަތާއި ކުޅެލި އެވެ.
''އަޒް ބިހޭވް އިނގޭ، މިތަނަށް ދެމީހުން ބަންޑުން ޖެހިދާނެ...'' މައިހާ ބުންޏެވެ. އަސަލް އެވަގުތު ކެނޯ ތަޅުވާލުމުން މައިހާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނވެ.
''ސީރިޔަސްކޮށޭ، ދެމީހުން ފައިންކޮށްފާނެ، އަޒްގެ އަޑަށް ދޫނިތައް ބިރުން އުދުއްސައިގެންފި...'' މައިހާ ލާނެއްކަމާއެކު ބުންޏެވެ.
''އަހަރެންތަ؟، ދެންމެ އާހް އޭ ކިޔާ ހަޅޭއްލަވައިގަތީ ކާކުތަ؟...'' އަސަލް ބުމަ އަރުވާލިއެވެ. އަސަލް އިނީ ޕެޑަލް ކެނޯ ތެރެއަށް ލައިގެން ކެނޯގެ ދެފަރާތުގައި އަތުން ހިފަހައްޓައިގެންނެވެ. ދެލޮލުގައި ލާނެއްކަމެވެ.
''ވެލް އަޒް ކެނޯ ތަޅުވައިގަތީމަ ބިރުގަތީ، މި ބަންޑުން ވެއްޖެއްޔާ ރީއްޗެއް ނުވާނެޔޭ...'' މައިހާ ދެލޯހަނިކޮށްލިއެވެ. ރުޅި އަންނަކަމަށް ހެދުނަސް އަސަލްގެ ސަމާސާތަކުން މައިހާއަށް ނޫހީނުހުރެވުނެވެ. ސަމާސާތަކުގައި ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އިރުއޮއްސި ދުނިޔެ މައްޗަށް އަނދިކަމުގެ ކުލަތައް ފާޅުވާންދެން މައިހާއާއި އަސަލް މަޑުކޮށްލައިގެން ތިއްބެވެ. އިރުއޮއްސޭ މަންޒަރަށް ބެލުމުގެ ބަދަލުގައި އަސަލް ސަމާލުކަން ދިނީ މައިހާ އަށެވެ. ފޯނު ނަގައި ސިއްރުސިއްރުން މައިހާގެ ފޮޓޯއެއް އޭނަ ނެގިއެވެ.
*****
އަސަލްއާއި އެކު ދެހަފްތާ ފާއިތުވެގެން ދިޔަ ގޮތެއް ވެސް މައިހާއަކަށް ނޭނގުނެވެ. ފަތިހަށް އަލިވިލެނީ އަސަލްގެ މެސެޖެކުންނެވެ. އެއާއެކު މައިހާގެ ދުވަސް އުޖާލާކޮށްލައެވެ. އެކުގައި ހެނދުނާ ކޮފީ ބުއިން އާދައަކަށް ވެއްޖެއެވެ. އެއްބައިފަހަރު ޖޯލީގައެވެ. އަނެއްބައިފަހަރު ކޮފީ ހިފައިގެން ގޮސް ތިބެނީ ފުއްޓަރުފަރާތުގައި ހުންނަ ފާލަން މަތީގައެވެ. ލަސްލަހުން މައިހާ އަނގަގަދަވާން ފަށައިފިއެވެ. ފޫހިކަމެއް ނެތި އަސަލް އޭނަގެ ވާހަކަތައް އަޑުއަހާތީ ކަމަށް ވެދާނެއެވެ.
މައިހާ މާޔޫސްވަމުން ދިޔައީ ހިތުގެ އިހުސާސްތަކާއި ދުރުނުވެވުނީތީއެއް ނޫނެވެ. ނަމަވެސް އަސަލް ފުރާ ދުވަސް ކައިރިވަމުންދާތީއެވެ. މާލެއަށް އަސަލް ދާނެކަން ކުރިން ވެސް އޭނައަށް ލަފާކޮށްލެވުނު ނޫންހެއްޔެވެ؟ އަސަލްއާއި އެކު ވަގުތު ހޭދަކުރުމަކީ ގޯހެއްކަމުގެ އިންޒާރު އޭނަގެ ޒަމީރު ދިން ނޫން ހެއްޔެވެ؟ ބީރު ކަންފަތެއް ދިނީ އޭނަ ނޫން ހެއްޔެވެ؟ އެހެން ނަމަވެސް ހިތުގެ ނާރުތަކާއި ކުޅެން ފެށި އުދާސްކަމާއި މައިހާއަށް ދުރެއް ނުވެވުނެވެ.
މިރޭ ދެ ޢާއިލާ ގުޅިގެން ބާބެކިއުއެއް ތާވަލުކުރެވުނު ރެއެކެވެ. އަސަލް ފުރަން އޭރު ހަފްތާއަކަށް ވެއްޖެއެވެ. މައިހާ ހުރީ ހިނިތުންވުމެއްގެ ފަހަތުގައި އޭނަގެ މޮޅިވެރިކަން ކަޝްފުކޮށްލައިގެންނެވެ. ނަވްރާއަށް ފާހަގަ ވިޔަސް އެއްޗެކޭ ބުނާމެ ފުރުސަތެއް ނުލިބުނެވެ. މައިހާ ވެސް އެމައުޟޫޢޫއަށް ދާން ބޭނުންނުވުމުން ވާހަކަދައްކަން ނަވްރާ ފަސްޖެހުނެވެ.
ހުޅުގަނޑު ރޯކުރުމުގައި އުޅުނީ އަސަލްއާއި ނަވްރާގެ ފިރިމީހާ ޒައިނު އެވެ. އަލިފާންގަނޑު ރޯކޮށްނިމުނުތަނާ ހައިދަރު އަތުވެއްޖެއެވެ. އޭނަ ހުރީ އަސަލްއާއި ވާހަކަދައްކާލަން ބޭނުންވެފައެވެ. އަސަލް ގާތަށް ހުއްޓިލަމުން ހައިދަރު ގޮވާލިއެވެ.
އަލިފާންގަނޑު ރަނގަޅަށް ރޯވުމުން، ކުކުޅާއި ސޮސެޖުގައި ލޮނުމިރުސްލާން އުޅުނު ނަވްރާއަށް އެހިވާން ޒައިނު ހިނގަތެވެ. ބާބެކިއު ސްޓޭންޑާއި ކައިރީގައި މޭޒު ހުރުމުން ހައިދަރާއި އަސަލް ދައްކަން ފެށި ވާހަކަ މައިހާއަށް އަޑު އިވުނެވެ.
''ބައްޕަ މިވާހަކަ ދައްކަން ހުންނަތާ ދުވަސްކޮޅެއް ވެއްޖެ...'' ހައިދަރު ފެށިއެވެ.
''ބައްޕާ، ކޮން ވާހަކައެއްތޯ؟...'' އަސަލްއަށް ލިބުނު ހައިރާންކަމުގައި ސުވާލުކޮށްލެވުނެވެ.
''ދަރިފުޅު ރަށަށް ބަދަލުވާންވީނު؟...'' ހައިދަރު އެދުނެވެ.
އަސަލްއަށް ބަލައިލެވުނީ ބައްޕަގެ މޫނަށެވެ. އުއްމީދު އަސަރުތައް އޭނައަށް ފެނުނެވެ. އަސަލްގެ ތުންފުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. ޗުއްޓީ ނިމުމަކާ ހަމައަށް އަންނާތީ ޚުދު އޭނަގެ ސިކުނޑިއަށް ވެރިވެފައިވާ ޚިޔާލަކީ ވެސް އެއީއެވެ. މާލެއަށް އޭނަ ދިރިއުޅުން ބަދަލު ކުރި ވަގުތާއި ހާލަތު ބަދަލުވެއްޖެއެވެ. އަނބުރާ އެޕާޓްމެންޓަށް ދާ ޚިޔާލާއެކު އަސަލް ފޫހި ވެއެވެ. ޤައިލާގެ ހަނދާންތަކާއި ގުޅިފައިވުމުންނެވެ. ރަށުގައި ހޭދަކުރެވުނު އުފާވެރި ވަގުތުތަކުން އޭނަގެ މުޅި ތަސައްވަރު ބަދަލުވެގެން ހިނގައްޖެއެވެ. އޭނަ ބޭނުމީ ރަށުގައި ހުންނާށެވެ. ޢާއިލާގެ ލޯތްބާއި ދުރަށް ދާން އޭނަގެ ޒަމީރު ފުރުސަތެއް ނުދިނެވެ. ލޮލުގެ ފިނިކަން ކަމުގައިވާ މައިހާގެ ސޫރަ ނުފެންނަ ހިސާބަކަށް ދާން އަމުދުން ބޭނުމެއް ނޫނެވެ. މައިހާއަށް ހިތުގެ ހާލު ބަޔާންކޮށްދޭން އަސަލް ދިޔައީ ތައްޔާރުވަމުންނެވެ.
''ބައްޕާ، އަޅުގަނޑު ބޭނުމީ ރަށުގަ މަޑުކުރަން...'' އަސަލްގެ ޖަވާބުން ހައިދަރު އުފާވިއެވެ.
''ހާދަ އުފާވެރި ޚަބަރެކޭ ތިދިނީ، ބައްޕަ ރައްޓެއްސަކާ ވާހަކަދައްކައިފިން މިކޮޅުން ދަރިފުޅަށް ވަޒީފާ ހަމަޖައްސަން، ވަރަށް ފަހުން އިމާރާތްކުރުމާގުޅޭ ކުންފުންޏެއް ހުޅުވައިގެން އެބައުޅޭ...'' ހައިދަރު ބުންޏެވެ.
ބައްޕަގެ ވާހަކަތައް އަޑު އަހަން ހުރި އަސަލްއަށް މައިހާގެ ނަޒަރު އިހުސާސް ކުރެވުނެވެ. މައިހާއާއި ދިމާއަށް އަސަލްއަށް ބަލައިލެވުނެވެ. އެއާއެކު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މައިހާގެ މޫނުން އަސަލްއަށް އުފާވެރިކަން ފެނުނެވެ. އޭނަގެ ޖަވާބު މައިހާއަށް އަޑުއިވިއްޖެކަން އަސަލްއަށް ޔަޤީންކުރެވުނެވެ. އޭނަ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ. މައިހާއެކު ހޭދަކުރެވުނު ވަގުތަށްފަހުގައި އަސަލްއަށް އުއްމީދުތަކެއް ލިބިއްޖެ އެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ވވވ ރީތި މިބައި މާޝާﷲ❤️❤️
ފާތު - 10 މަސް ކުރިން
ވާއު... ހާދަ ސަޅިއޭ. ކިޔާ ފޫހިނުވޭ. ސިފަ ކުރުންތައް ރީތި ކަމުން ހީވަނީ މަންޒަރު ފެންނަ ހެން. ދެންއޮތް ބަޔަށް އިންތިޒާރުގައި....
ހަޔާ - 10 މަސް ކުރިން