އަސަލް އައުމުގެ އުފަލުގައި ރޭގަނޑުގެ ކެއުމަށް ޖާހަތު ތައްޔާރުކުރީ މުޅިން ވެސް އަސަލްއަށް ކަމުދާ އެއްޗިއްސެވެ. އިރުއޮއްސުނީއްސުރެން އޭނަ އުޅުނީ އެކަމުގައެވެ. އަސަލް އައުމުން ޖާހަތުގެ ހިތަށް ފިނިކަމެއް ލިބުނެވެ. ކަންބޮޑުވުންތަކާއި ވެސް ދުރުވެވުނެވެ. ޖާހަތު މަސައްކަތްކުރީ ދިރިއުޅުމުގެ ކޮންމެ ހާލަތެއްގައި ވެސް އަސަލްއަށް ޢާއިލާގެ ލޯތްބާއި އަޅާލުން ލިބޭނެކަން ބުނެދޭށެވެ. އަސަލްގެ ހުރިހާ ނިންމުމަކަށް އެމީހުންގެ އެއްބާރުލުން ލިބޭނެކަން ހާމަކޮށްދޭށެވެ. ހުސްނާ ވެސް ޖާހަތަށް އަތްގާތްކޮށްލަ ދިނުމުގައި އުޅުނެވެ.
''ހާދަ ވަސްގަނޑު ރަނގަޅޭ...'' އިޝާ ނަމާދުކޮށްލައިގެން އަސަލްއާއެކުގައި މިސްކިތުން އައި ހައިދަރު ކާކޮޓަރިއަށް ވަންނަމުން ބުންޏެވެ. ކާމޭޒުމަތީގައި އަތުރާފައި ހުރި ކާއެއްޗިސް ފެނުމުން އަސަލްގެ ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުން ފުންވިއެވެ. އެތެރެއަށް ދަމާލެވުނު ނޭވާއާއެކުގައި ކުޅިދިޔާވެލިއެވެ. ހައިކަމުގެ އިހުސާސް ކުރެވި ބަނޑުން އަޑުތައް ގޮއްވަން ފެށިއެވެ. އަސަލްއަށް ލުއި ހުނުމަކާއެކުގައި އޭނަގެ ބަނޑުގައި ފިރުމާލެވުނެވެ.
''އަވަހަށް އިށީނދޭ...'' ޖޫސްފުޅިން ތަށްޓަށް ޖޫސްއަޅަން އުޅުނު ޖާހަތު ބަލައިލީ އަސަލް އަށެވެ.
''މިރޭ މީ ދަރިފުޅަށް ހާއްސަ ރެއަކަށްވުމުން ދަރިފުޅަށް ކަމުދާ އެއްޗިސް ތައްޔާރުކޮށްފައި ހުންނާނީ...'' އަސަލް ގޮނޑީގައި އިށީނުމާއެކުގައި ހުސްނާ ބުންޏެވެ.
ކުރިމަތީ ބަންޑުން އޮތް ތަށި އަނގަމައްޗަށް ލަމުން ބޯތަށިތަކުގައި ހުރި ކާއެއްޗިއްސަށް އަސަލް ނަޒަރު ހިންގާލިއެވެ. ތަށްޓަށް އަޅާނެ އެއްޗަކާ މެދު ވިސްނާލަމުން ތަށި ފުރެންދެން އަސަލް އެޅީ ހިކިކޮށް ހަދާފައި ހުރި ނޫޑްލްސްއެވެ. މަންމަ ތައްޔާރުކުރާ ނޫޑްލްސްތަކުގައި އާދަޔާ ޚިލާފު މީރު ރަހައެއް ހުރެއެވެ. އެރަހައާއި ކިރިޔާ ވެސް ގާތަށް އާދެވުނީ މައިހާ އަށެވެ. އެވަގުތު އަސަލްގެ ހަނދާނަށް އައީ އިރުއޮއްސުނު ގަޑީގައި މައިހާއާއި ދެކެވުނު ވާހަކަތަކެވެ. އޭގެ ސަބަބުން އަސަލްގެ ތަބީއަތަށް ހެޔޮ ބަދަލެއް އައިސްފިއެވެ.
އަސަލްއަށް ބަލައިލި ޖާހަތަށް ހިނިތުންވެވުނީ އަސަލްގެ މޫނުން ފެނުނު އުފާވެރިކަމުންނެވެ. އެއުފާވެރިކަން ލެހެއްޓެވުމަށް އެދި އާލަމްތަކުގެ ވެރި އިލާހަށް ދުޢާކޮށްލެވުނެވެ.
އުފާވެރިކަމުގެ މާހައުލެއްގައި ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ އެވެ. ރަށުގެ ގިނަ މަޢުލޫމާތުތައް މާމަގެ ފަރާތުން އަސަލްއަށް އޮޅުންފިލިއެވެ. ރަށުގައި އަލަށް ހުޅުވި ނޭޗާ ޕާކުގައި ކެނޯ ދުއްވަން ދެވޭކަން ވެސް އެނގުނީ އެހިސާބުންނެވެ. ވަގުތުން ސިކުނޑީގައި ކަމެއް ރާވާލެވުނެވެ. މައިހާއާއި އެކު ވަގުތު ހޭދަކުރަން ތަފާތު ޚިޔާލުތަކާ މެދު އަމިއްލަ ނަފުސާއި މަޝްވަރާކޮށްލެވުނެވެ.
މާމަގެ ވާހަކަތަކުން އަޟްޚާ ޢީދަށް ރަށު މީހުން ވަމުން އައި ތައްޔާރީތައް ވެސް އަސަލްއަށް އޮޅުންފިލިއެވެ. އެއީ ވެސް ރަނގަޅު ފުރުސަތެއްކަމުގައި އަސަލް ދެކުނެވެ. ޗުއްޓީ ނިމުމުގެ ކުރިން ހިތުގެ ހާލު މައިހާއަށް ބަޔާންކުރުން އެއީ އަސަލްގެ އަމާޒެވެ. ބިރުވެރިކަމާއި ކުރިމަތިލާން އޭނައަށް ހިތްވަރުލިބުނީ ދާމިންގެ ސަބަބުންނެވެ. އޭނަ ފުރުވަން އެއާޕޯޓަށް ގޮސްފައި ވެސް ދާމިން ދިން ނަސޭހަތަކީ ފަސްޖެހުމުގެ ބަދަލުގައި މައިހާދެކެ ވާލޯބި ދުލާހަމައަށް ގެނައުމަށެވެ. އިހުސާސްތަކަށް ފިލަން ދުވުމުގެ ބަދަލުގައި އަސަލް މިފަހަރު ގަސްދުކުރީ އެކަމާއި ކުރިމަތިލާށެވެ.
ޖޫސްތަށިން ކޯވަރެއް ބޯލަމުން ފަހަރަކު މީހެއްގެ މޫނަށް އަސަލް ބަލައިލިއެވެ. ހިނިތުންވެލައިގެން ތިއްބަސް އުފާވެރިކަން ފަނޑުވެފައިވާކަން އަސަލްއަށް ފާހަގަ ކުރެވުނެވެ. އޭނައަށް ކަމުދާ އެއްޗިސް މަންމަ ތައްޔާރުކުރި ސަބަބު ވެސް އަސަލްއަށް ނަގައިގަނެވުނެވެ. ހަވީރު ގަޑީގައި ވެސް އޭނައަށް ފެނުނު އުދާސްކަމުގެ ބަނަކަން ތަކުރާރުވަނީއެވެ.
''އަޅުގަނޑު ބޭނުން ވާހަކައެއްދައްކާލަން...'' މޭޒުމަތީގައި ޖޫސްތަށި ބަހައްޓަމުން އަސަލް ބުންޏެވެ. އެއާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ އަސަލް އަށެވެ. މޫނުގެ ކުލަވަރުތައް ލުއި ހިނިތުންވުމެއްގެ ފަހަތުގައި ސިއްރުކުރަން އުޅޭ ހާލުގައެވެ.
''ޤައިލާގެ ވާހަކަދެއްކުމަކުން އަޅުގަނޑުގެ މައްސަލައެއް ނެތޭ، އަޅުގަނޑަށް ދަސްވި ގޮތުގައި އިހުސާސްތައް ފޮރުވުމުގެ ބަދަލުގައި ހިއްސާކުރުން އެއީ އެންމެ ރަނގަޅު ގޮތް... އަޅުގަނޑު ބޭނުމެއް ނޫން ޤައިލާގެ ނުފުޒޫ އިތުރަށް ޢާއިލާއަށް ފޯރާކަށެއް... ޤައިލާގެ ބޭވަފާތެރިކަން އެނގުމުގެ ކުރިން ވެސް އަޅުގަނޑު ހުރީ ވަކިވާން ނިންމައިގެން، އަޅުގަނޑު އުޅެމުން ދިޔައީ އުފަލުގައެއް ނޫން، މަންމެންނަށް އެކަން ސިއްރުކުރަން ހަދައިގެން ދިރިއުޅުމުގެ މިސްރާބު ގެއްލުނީ... ޤައިލާއަކީ އަހަރެން އުއްމީދުކުރި ފަދަ ބައިވެރިޔަކަށް ނުވި، ދޮގާއި އޮޅުވާލުން ނޫނީ ކުރިމައްޗެއް ނުވި... އަޅުގަނޑު ބޭނުންވަނީ އެދުވަސްތައް ހަނދާންނައްތާލަން، އައު ފެށުމަކުން ފަށަން... ވަރިވުމަކުން އަޅުގަނޑު ދެރައެއް ނުވޭ، ކުރިން އޮތް ލޯބި ފަނޑުވެގެން ހިނގައްޖެތާ ކިތަންމެ ދުވަހެއް.. މިއަދު މަންމަމެން ގާތަށް އާދެވުމުން އަޅުގަނޑަށް އެނގިއްޖެ އަޅުގަނޑު ދެކެ ލޯބިވަނީ ކޮންބައެއްކަން...... އަޅުގަނޑު ރަނގަޅޭ... ދެން އެއްވެސް މީހަކު ކަންބޮޑުވެގެން ނުވާނެ... ހިތާމަވެރި މޫނެއް ފެނިގެންނުވާނެ، އިނގޭ... އަޅުގަނޑުގެ އެދުމަކީ އެއީ...'' ފުންނޭވާއެއް ދޫކޮށްލަމުން އަސަލް ބުންޏެވެ.
އަސަލްގެ ވާހަކަ އަޑުއަހަން އިން ޖާހަތުގެ ދެލޮލުން ނީރާލި ކަރުނައިގައި މާޔޫސްކަމެއް ނުވެއެވެ. ދަރިފުޅުގެ ހިތްވަރާއި އަޒުމު ފެނުމުން ޖާހަތުގެ ސިކުނޑީގެ ހަލަބޮލިކަމަށް ނިމުން އަތުވެއްޖެއެވެ. ރަނގަޅު ތަރުބިއްޔަތެއް ދަރިފުޅަށް ދެވުނުކަމުގެ ތަސައްލީއާއެކުގައެވެ. ކުރިމަތިވި އުނދަގޫހާލާތާއި ކެރިގެން ކުރިމަތިލާން ނިންމުމުން ފަހަރުވެރިކަމާއެކުގައި އަސަލްގެ މޫނަށް ޖާހަތު ބަލައިލިއެވެ.
''މަންމަ ރޮނީތަ؟...'' ހާސްކަމާއެކުގައި އަސަލްއަށް އަހާލެވުނެވެ. ގޮނޑިން ތެދުވެލަމުން އަވަސް ފިޔަވަޅުތަކެއްގައި މަންމަގެ ގާތަށް އަސަލްއަށް ދެވުނެވެ. ކުރުފައިމައްޗަށް ތިރިވެލަމުން މަންމަގެ ކޯތާފަތުން ރޮނގުދެމި ކަރުނަ ފޮހެލިއެވެ.
''ދަރިފުޅުގެ ހިތްވަރުފެނި މަންމައަށް އަސަރުކުރީ...'' އަސަލްގެ އަތުގައި ޖާހަތަށް ހިފަލެވުނެވެ. ''ދަރިފުޅުގެ އެދުން މަންމަ ފުރިހަމަކޮށްދޭނަން، މަންމަ ވެސް ބޭނުމެއް ނޫން އިތުރަށް ޤައިލާގެ ވާހަކަތައް ދައްކާކަށް، އެކަމުން ލިބޭނެ މަންފާއެއް ވެސް ނެތް...''
މަންމަގެ އަތްތިލައިގައި އަސަލް ބޮސްދިނެވެ. އެއަށްފަހު މަންމައާއި ހަތަރުކަޅި ހަމަކޮށްލީ ޝުކުރުވެރިކަމާއެކުގައެވެ. މަންމަގެ ތުންފަތުގައި ދެމިލި ހިނިތުންވުމުން އަސަލްގެ މެޔަށް ފިނިކަމެއް ގެނެސްދިނެވެ.
''އާނ!، ކީއްކުރަން އޭނަގެ ވާހަކަދައްކަނީ... ދަރިފުޅާއި އޭނަ ވަކިވުން އެއީ މާމަ ދެކޭ ގޮތުގައި ލިބުނު ނިޢުމަތެއް... ބަލައްޗޭ އެއަށްވުރެން ރަނގަޅު ކުއްޖެއް ދަރިފުޅުގެ ހަޔާތަށް އަންނާނެ...'' ހުސްނާ ވެސް ޖާހަތާއި އެއްބަސްވެލިއެވެ.
''ދަރިފުޅާއެކު އެންމެން މިތިބީ...'' އަސަލްގެ ބޮލުގައި ހައިދަރު ފިރުމާލިއެވެ.
*****
ފަތިހުގެ ހިމޭން މާހައުލުގެ ތެރެއިން ބަންގީގެ އަޑު އިވުނެވެ. މިސްކިތަށް ދާން ތައްޔާރުވެގެން ހައިދަރަށް ކޮޓަރިން ނިކުމެވުނީ އަސަލްގެ ކުރިމައްޗަށެވެ. ފެނުނު މަންޒަރުން ހައިދަރުގެ މޫނު އުޖާލާކޮށްދިނެވެ. އަސަލްއާއިއެކުގައި އޭނަ މިސްރާބުޖެހީ މިސްކިތަށް ދިއުމަށެވެ.
ނަމާދުން ވާގިއަށް އެދޭ މީހާގެ ދިރިއުޅުން މާތްﷲ ބާއްޖަވެރިކޮށްދެއްވާނެއެވެ. ހިތާމައާއި އުދާސްތަކުން ދުރުކޮށްދެއްވާނެއެވެ. އުއްމީދު ގެނެސްދޭނެއެވެ. ދުޢާއަކީ މުއުމިނުންނަށް ލިބިފައިވާ ވަރުގަދަ ހަތިޔާރެކެވެ. ކަރުނައާއި ހިތާމަތަކުން ދުރުކޮށްދޭނެ ގާތް މިތުރެކެވެ. ހާއްސަކޮށް ދަރިންނަށްޓަކައި މައިންބަފައިން ކޮށްދޭ ދުޢާއަކީ ނިއުމަތެވެ. ހައިދަރުގެ ދުޢާއަކީ އަސަލްއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލްވުމެވެ. އަލިކަމުގެ ނޫރުން އަސަލްގެ ހަޔާތް އަލިވެގެން ދިއުމެވެ.
*****
ފަތިސް ނަމާދުކޮށްލައިގެން ގެއަށް އައި މަގުމަތީގައި އަސަލްގެ ނަޒަރު ހުއްޓުނީ ނޫކުލައިގެ ދޮރާއްޓަށެވެ. އެއާއެކު އޭނަގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ދެވަނަ ޚިޔާލަކަށް ދިއުމެއް ނެތި ޖިންސުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ.
''ބައްޕާ... އަޅުގަނޑު ބޭނުމީ ޖޯލީގަ މަޑުކޮށްލަން، ވަރަށް ދުވަސް ފަހުން މިކަހަލަ ހިމޭން މާހައުލަކަށް މިއާދެވުނީ...'' ކުރީގައި ހުރެ ހިނގަމުން ދިޔަ ބައްޕައަށް އަސަލް ބުންޏެވެ.
''އެންމެ ރަނގަޅު...'' ފަސްއެނބުރި އަސަލްއަށް ބަލައިލި ހައިދަރު ބުންޏެވެ. އަސަލްއަށް މަޑުކުރުމެއް ނެތި ގޭޓު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
އަސަލް އިށީނީ ބޭރު ޖޯލީގައެވެ. ފަތިހުގެ ފިނިކަމަށް މަޑުމަޑުން ނިމުމެއް އަންނަނީއެވެ. އިރުގެ ފުރަތަމަ ދޯދީގެ ނިޝާންތައް ވެސް އުޑުމަތިން ފާޅުވެއްޖެއެވެ. ކޮވެލީގެ ރީތި މިޔުޒިކީ އަޑު ފަޒާގައި ގުގުމައެވެ. ދޭތެރެއަކުން ކާޅެއްގެ އަޑު ވެސް އިވިލައެވެ. ޖޯލީގައި ހަމަޖެހިލަމުން، މައިހާއަށް އަސަލް މެސެޖްކޮށްލިއެވެ. ފޯނުގެ ސްކްރީނަށް އޭނަ ބަލަހައްޓައިގެން އިނީ މައިހާގެ ރައްދެއް ލިބޭނެ އިރެއްގެ އިންތިޒާރުގައަވެ. ވަގުތު ދިގުލާން ފެށުމުން އަސަލްގެ ދެލޮލުގައި ބަބަޅުމުންދިޔަ އުއްމީދުގެ ކުލަވަރު ފަނޑުވެލައިފިއެވެ.
''ނަމާދުކުރަނީހެން ހީވަނީ...'' ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލެވުނެވެ. މޭމަތީގައި ފޯނު ބާއްވަމުން ޖަންބުގަސް ބަރާވެފައިވި މާތަކަށް ބަލަމުންދަނިކޮށް ފޯނު ވައިބްރޭޓްވެލައިފިއެވެ. އަސަލްގެ ވިންދުތައް އަވަސްވެލީ ހަމަ ކުއްލިޔަކަށެވެ. އަވަސްއަވަހަށް ފޯނު ބަލައިލެވުނެވެ.
''މޯނިންގް...'' މައިހާގެ މެސެޖާއެކުގައި އަސަލްއަށް ހިނިތުންވެވުނެވެ.
''ކޮފީއެއް ބޯނަންތަ؟...'' އަސަލް ސުވާލުކޮށްލިއެވެ. ރައްދު ލިޔާކަމުގެ ތިން ބޮޅު އަރާފައި ހުންނަތާ މިނެޓެއްފަހުން ވެސް މައިހާގެ ޖަވާބެއް ނުލިބުމުން އަސަލް ހައިރާންވިއެވެ. މައިހާއާއި ބައްދަލުކުރާ ހިތުން އޭނައަށް ކުރެވުނީ ގޯސް މެސެޖެއްބާވައޭ އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ.
''ޑިޑް އައި މޭކް އިޓް ވިއާޑް؟...'' އަސަލްއަށް އޭނަގެ ނިތްކުރީގައި ބޮޑުވާއިނގިލި ހިންގާލެވުނެވެ.
''އޯކޭ، އަޒް ކޮންތާކުތަ؟...'' މައިހާގެ ޖަވާބު އަސަލްއަށް ލިބުނީ ވިސްނުމަކަށް ގެއްލިފައިވަނިކޮށެވެ. މެސެޖު ފެނުމާއެކު ހަމަޖެހުމުގެ ދޫކޮށްލެވުނެވެ.
''ބޭރު ޖޯލީގަ...'' އަސަލް ލިޔުނެވެ.
''އެބަ އަންނަން ކޮފީ ތައްޔާރުކޮށްގެން... ބްލެކްދޯ؟...'' މައިހާ ލިޔުނެވެ. މޮޔައަކު ފަދައިން އަސަލްއަށް އިނދެވުނީ ބައްތިރީސް ދަތް ސޭލް އަޅުވައިގެންނެވެ. އާނއެކޭ ބުނެ މެސެޖެއް ފޮނުވާލަމުން އަނެއްކާ ވެސް މޭމަތީގައި ފޯނު ބޭއްވިއެވެ. މޭގެ ތެރޭގައި ޖަޒުބާތުގެ އޮޔެވަރު ދައުރުވާން ފެށިއެވެ. ކެތްތެރިކަމާއެކު އިންތިޒާރުކުރަން ފެށީ މައިހާ އަންނާނެ އިރަކަށެވެ.
*****
އަސަލްގެ މެސެޖު މައިހާއަށް ލިބުނީ ފަތިސް ނަމާދުން ފޭބިތަނާއެވެ. އެވަގުތަކީ އޭނައަށް މެސެޖު ލިބޭ ގަޑިއަކަށް ނުވުމުން ކާކުބާއޭ ވެސް ހިތަށް އެރިއެވެ. އަސަލްގެ މެސެޖު ފެނުމާއެކުގައި މައިހާގެ ހުރިހާ ހިއްސެއް ގަނޑުކޮށްލިއެވެ. ފޯނު އަތަށް ލައިގެން އޭނައަށް އެނދުގައި އިށީނދެވުނެވެ. ހެނދުނުގެ ތަހުނިޔާއާއެކުގައި އަސަލް ކުރި މެސެޖުން އޭނަގެ ދުވަސް އުޖާލާވި ކަހަލައެވެ. އެވަރުން ދަންޏާ އޭނަގެ ހާލަކީ ކޮބާ ހެއްޔެވެ؟ އެންމެ މެސެޖަކުން ވީ ވަރެވެ. އޭނަ އެހުރީ އަސަލްއާއެކުގައި ވަގުތު ހޭދަކުރަން އަޒުމުކަނޑައަޅައިގެންނެވެ. އެކަމަކު އެއީ ކަތި ފިޔަވަޅެކެވެ. އަސަލްއާއެކު ސިކުންތެއް ހޭދަކޮށްލުމުގެ ނަސީބު ލިބުނަސް ޖަޒުބާތުގައި އޭނަ ބަނދެވިގެންދާނެ އެވެ.
''އަހަރެން މީ މޮޔައެއް، އައި ޑޯންޓް ތިންކް އައި ކުޑް އެވާ ސީ ހިމް އޭސް ޖަސްޓް އެ ފްރެންޑް... އޯހ ގޯޑް... ކިހިނެއްވާންތަ މިއުޅެނީ؟... އަޒް ޗުއްޓީ ހޭދަކޮށްފަ ފުރައިގެން ދާނީ މާލެ... އޭރުން އަނެއްކާ އަހަރެން ދެރަވުން ނޫންކަމެއް ނުވާނެ، ދޮންތި ބުނީ ހަމަ ތެދެއް... މީ މޮޔަ ކަމެއް... އެކަމަކު އަޒްއާއި ދުރުގައި އަހަންނަކަށް ނުހުރެވޭނެ... އާފްޓާ އެވްރީތިންގް ހީ ޓޯލްޑް މީ... އެބައުޓް ޤައިލާ، އެހުރިހާ ކަމެއް އަހަންނާއި ހިއްސާކުރީ އިތުބާރުކުރެވޭތީ، ރަށަށް އައިސް އަހަރެން ނޫން ދެން ކާކާއެކުގަތަ އަޒް ވަގުތު ހޭދަކުރާނީ؟، ސްކޫލްގައި އުޅުނު ގިނަ މީހުން އުޅެނީ ރިސޯޓްގަ...'' ތިރީތުންފަތުގައި ދަތް އަޅާލަމުން މައިހާއަށް ބުނެވުނެވެ.
''މޯނިންގް...'' މައިހާއަށް އޭނަގެ ޒަމީރުގެ އިރުޝާދުތަކަށް އިޖާބަނުދެވުނެވެ. ބުއްދިއަށްވުރެން ބޮޑަށް މައިހާއަށް ޚިޔާރުކުރެވުނީ އޭނަގެ އިހުސާސްތަކެވެ. ސަޒާއަކަށް ވެގެންދިޔަޔަސް ހެޔޮ ކަމަށެވެ. ނިކުމެދާނެ ނަތީޖާއަކާއި މެދުގައި ވިސްނާނީ ފަހުންނެވެ. ކުށްވެރިކަމާއި ނުލާ އަސަލްއަށް ބެލުމުގެ މިނިވަންކަން އޭނައަށް ލިބިގެންހިނގައްޖެއެވެ. ވޭނާއި ކެކުޅުންތަކުން ބުރަހެލިވެފައިވި ހިތަށް ތަސައްލީއެއް ހޯދުމުން ގޯހެއް އެބަ އޮތް ހެއްޔެވެ؟ އޭނަގެ ޚިޔާލުތައް އެނބުރޭ ވަހުތާނަކަށް ވެއްޖެއެވެ.
ކޮޓަރިން ނިކުތުމުގެ ކުރިން މައިހާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. ލައިގެން ހުރި އާދައިގެ ޓީޝާޓު ކުރުތާއަކަށް ބަދަލުކޮށްލަމުން ގޭގައި އަޅާ ބޮޑު ބުރުގާގެ ބަދަލުގައި މައިހާ އެޅީ އާދައިގެ ބުރުގާއެކެވެ. އަދިވެސް އެއްފަހަރު ފަރިބަލާފައި އޭނަ މިސްރާބުޖެހީ ބަދިގެއަށެވެ.
''އައިމް ސޯ ސްޓުޕިޑް!... އާރގް...'' ކޮފީ ތައްޔާރުކުރަމުން މައިހާއަށް ބުނެވުނެވެ. ދެ ޖޯޑު ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ. މައިދޮރާއްޓާއި އަރާހަމަވެފައި ދޮރުހުޅުވާނެ ގޮތަކާ މެދު ވިސްނަން ހުއްޓާ ފެނުނީ އަސަލް ދޮރު ހުޅުވާލި ތަނެވެ.
''ރަނގަޅު ގަޑިއެއްގަދޯ މިހުޅުވާލެވުނީ...'' އަސަލް ބުންޏެވެ. މައިހާ ބޯޖަހާލިއެވެ. އަސަލް ހަދިޔާކުރި ހިނިތުންވުމާއެކު ދެފައި އޮޅި އަނގަވަތަށް ނުވެއްޓުނީ ކިރިޔާއެވެ. އިރުގެ ދޯދިތަކުގެ ފަނޑު އަލިކަމުގެ ތެރޭން އެތޫނުފިލި ދެލޮލުގައިއެވާ ބާރު ބުނެދޭކަށް މައިހާއަކަށް ނޭނގެއެވެ. ކަޅުބުމައާއި ދިގު އެސްފިޔަތަކުން ހިޔާ ދީފައިވުމުން ހިއްސުތައް ހޭލައްވާލާނެ ފަދަ ބާރެއް އަސަލްއަށް ލިބިފައިވާކަން ގައިމެވެ.
އަތުގައި އޮތް ކަޅުކޮފީ ޖޯޑު އަސަލްއަށް މައިހާ ދިއްކޮށްލިއެވެ. ޖޯޑު ހޯދަން އުޅުމުގެ ތެރޭގައި އަސަލްގެ އިނގިލިތައް މައިހާގެ އަތުގައި ބީހިލިއެވެ. ބޭރަށް ލާން އުޅުނު ނޭވާ މައިހާއަށް ހިފަހައްޓާލެވުނެވެ. ކަރަންޓުގެ ބާނީތަކެއް ދުވެލައި ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. މެޔަށް ވެސް ފިނިވެލައިފިއެވެ.
''އެތެރޭގަތަ؟، ނޫނީ ބޭރުގަތަ؟...'' ސިކުނޑި ރަނގަޅަށް މަސައްކަތްނުކުރަނީސް އަސަލް އެހި އަޑު މައިހާއަށް އިވުނެވެ. އަސަލްގެ ތޫނު ނަޒަރު ހުއްޓިފައިވުމުން މައިހާގެ ވިންދުތައް އަސަވްކުރުވިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހުރެވުނެވެ.
''އާމްމް... އަޒް ބޭނުންވަނީ؟...'' އަޅައގަންނަމުން މައިހާ ބުންޏެވެ. އަސަލް އެއްބުމަ އަރުވާލިއެވެ. އެއީ އަސަލް ވިސްނާއިރުގައި އަންނަ ބަދަލެކެވެ. އޭނައާއި ދާދި ގާތުގައި އަސަލް ހުރުމުން މައިހާއަށް ހީވީ ދެންމެދެންމެ އަނބުރައިގެންފާނެ ހެންނެވެ.
''އައިމް އޭން އިޑިއަޓް، ހަމައެކަނި އެކުވެރިކަމޯ... ރޮއެރޮއެފަ ނިދި ނަގާލާފަ، މާޔޫސްވެފަ އުޅުނު ދުވަސްތައް ވެސް ހަނދާނެ ނެތުނީ؟...'' އޭނަގެ ޒަމީރު މަލާމާތްކޮށްލުމާއެކު މައިހާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނަގެ މޮޔަކަން ތަސައްވަރުކޮށްދޭން އެއީ އެކަށީގެންވާ ދަނޑިވަޅެއް ނޫނެވެ.
އަސަލް ގޮސް އިށީނީ ބޭރު ޖޯލީގައެވެ. މައިހާ ވެސް އަސަލްއާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އަވަސްވެފައިވި ވިންދުތައް ހަމައަކަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ.
''ތެންކިއު...'' ކޮފީގެ ރަހަ ބަލަމުން އަސަލް ބުންޏެވެ. ''ވަރަށް ދުވަސްވެއްޖެ ހަމަޖެހިލައިގެން ކޮފީއެއް ނުބޮވޭތާ... ރަށުގަ، ހާއްސަކޮށް މޭއިއާއެކު ހަމަޖެހިލާނެ ފުރުސަތެއް ލިބުމުން އުފާވެއްޖެ...''
''އަޒް އުފާވެއްޖެއްޔާ އެނިމުނީ...'' މައިހާ ބުންޏެވެ. އަވަސްއަވަހަށް ކޮފީ ބޯން އުޅެގެން ތަލި ފިހުނެވެ. ގަދަކަމުން ކޮފީފޮދު ދިރުވާލެވުނު ހިނދު ލޮލުން ކަރުނަ ހިލޭވަރު ވެއްޖެއެވެ.
''ޔޫ ގުޑް؟...'' މައިހާގެ މޫނަށް ގެނައި ކުލަވަރު ފެނިފައި އަސަލްއަށް އަހާލެވުނެވެ. އަޑުގައި ކަންބޮޑުވުމެވެ.
''ހޫމްމް... ކުޑަކޮށް ދޫ ފިހުނީ، އައިމް ގުޑް...'' މައިހާ ބުންޏެވެ. އަސަލް ބަލަހައްޓައިގެން އިންނަން ފެށުމުން މައިހާ ދެވަނަ ފަހަރަށް ޔަޤީންކަން ދިނެވެ.
''މިއަދު ކޮންކަމެއް ރޭވީ؟...'' މައުޟޫޢޫ ބަދަލުކޮށްލަން މައިހާ އެހިއެވެ. ''މިއަދު ސްކޫލަށް ދާން ޖެހޭނީ ވެސް ތަންކޮޅެއް ލަހުން، މެންދުރަށް އެއްކޮށް ނިމޭނެ...''
''އެހެންތަ؟... އެހެންވިއްޔާ ހިނގާ ނޭޗާ ޕާކަށް ދަމާ؟...'' އަސަލް ބުންޏެވެ.
''ނޭޗާ ޕާކް؟...'' މައިހާއަށް ހައިރާންކަމާއެކު އަހާލެވުނެވެ.
''އާނ، ކެނޯ ދުއްވަން، ކަމުނުދަނީތަ؟...'' މާޔޫސްކަން ސިއްރުކުރަމުން އަސަލް އާދައިގެ ރާގަކަށް ބުންޏެވެ.
''ނޫން!، ނޫން، މިހާރު ނޭނގޭ އެތަނަށް ނުދާތާ ވީ ދުވަހެއް ވެސް...'' މައިހާއަށް ބުނެވުނެވެ.
''އެހެންވިއްޔާ މީ ރަނގަޅު ޗާންސެއްނު؟... އަހަންނާއެކު ދިޔައީމަ މަޖާވާނެ... މިދުވަސްކޮޅު ރެދަން ނުލާތަ؟...'' މައިހާއާއި ވާހަކަދާލެވުމުން އަސަލްއަށް ހިތްހަމަޖެހުނެވެ. އެގޮތުގައި ޤައިލާއާއި ވާހަކަދައްކާލުން ދުވަހަކު ފަސޭހައެއް ނޫނެވެ. ޤައިލާގެ ނަން ސިކުނޑިއަށް ވެރިވުމާއެކު އަސަލްއަށް ބޯހޫރާލެވުނެވެ.
''ރެދަން ބަލަންދާން؟، އަޒްއަށް ކެރޭނެ؟...'' ލާނެއް ރާގަކަށް މައިހާ ބުންޏެވެ. އަސަލް ހަމަޖެހިލާފައި އިނުމުން މައިހާ އުފާ ވިއެވެ.
''ކެރޭނެ، މޭއި އަހަންނާއެކު ހުންނާނަމެއްނު؟...'' މައިހާއާއި ހަތަރުކަޅި ހަމަކުރަމުން އަސަލް ބުންޏެވެ. ގަދަ މުށިކުލައިގެ އެރީތި ކަޅިރަވައިގެ ތޫނުކަމުން އޭނަގެ މޭ ޒަހަމްކޮށްލައިފިއެވެ. ވޭނުގެ ބަދަލުގައި އިހުސާސްވީ ފޮނިފޮނި ރިހުމެކެވެ.
''އަހަންނަކީ އަޒްގެ ބޮޑީގާޑްދޯ؟... މިފަހަރު މަންމަމެން ރުޅި އައިސްދާނެތީ އުޅޭކަށް ނުޖެހޭނެ.. ހުސްނާއްތަ ބުނި ކުރީރެޔެއްގަ ރެދަން ލިޔޭ...'' މައިހާ ބުންޏެވެ.
''ތިހެން ވިއްޔާ ވާނެ ބަލައިލަން ދާން، މާމައަކީ ރަށު ނިއުސް ރިޕޯޓަރަށް ވީމަ އިތުބާރުކުރަން...'' އަސަލް ސަމާސާކޮށްލިއެވެ. އަމިއްލަ ދުނިޔެއަކަށް މައިހާއާއި އަސަލް ގެއްލިފައި ވަނިކޮށް ހެނދުނާ ހިނގަންދާން ތައްޔާރުވެގެން ހުސްނާ ނިކުތެވެ.
''އަނހާ... އަލިފުލޭލާ ވާހަކަ އަޅުވައިގެންދޯ...'' ސަމާސާއެއްކޮށްލަމުން ހުސްނާ ދިޔައީ ސާރިޔާ ބަލައެވެ. އޭގެ ކުޑަ އިރުކޮޅެއްފަހުން ދެމީހުން އެކުގައި ހިނގަން ނިކުމެއްޖެއެވެ. ދިއުމުގެ ކުރިން އަސަލްއާއި މައިހާއާއި ވާހަކަދައްކާލަމުންނެވެ. ރަމީޒާ ދޮރާށިން ބޭރަށް ބޯދިއްކޮށްލީ އެދަނޑިވަޅުގައެވެ.
''ސައިބޯން ދަރިފުޅު ހޯދަން މަންމަ މިއައީ...'' ރަމީޒާ ބުންޏެވެ. އަސަލް ފެނުމުން ރަމީޒާ ފުޅާ ހިނިތުންވުމެއް ދިނެވެ.
''އަޒް ވެސް ބައިވެރިވާންވީނު؟...'' ރަމީޒާ ބުންޏެވެ. ވަގުތުން އަސަލް އެއްބަސްވި އެވެ.
''އަންނާނަން މަންމަ ގާތު ބުނެލާފަ...'' އަސަލް ޖޯލިން ތެދުވިއެވެ. އޭނަ ހިނގައިގަންނަން އުޅުމުން މައިހާ ގޮވާލާފައި އަތުގައި އޮތް ކޮފީ ޖޯޑަށް އިޝާރާތްކޮށްލިއެވެ. ހީނލަމުން އަސަލް ޖޯޑު ދިއްކޮށްލިއެވެ. މައިހާ ޖޯޑުގައި ހިފިއެވެ. އަސަލް ގޮސް ގޭޓުން ވަންނަންދެން މައިހާ ބެލިއެވެ. ކަންފަތުގައި ގުގުމަނީ އަސަލްގެ ބަރު ފިރިހެންވަންތަ ހުނުމުގެ އަޑެވެ.
''އައިމް އިން ޓްރަބަލް...'' މައިހާއަށް މަޑުމަޑުން ބުނެވުނެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ވަރަށް ސަޅި. ހަމަ ކުރިއަށްހުރި ބައިތައް ކިޔާހިތުން ހިތް އޮބި ނޯވޭ..
ހަޔާ - 10 މަސް ކުރިން
ވާހަކަ ވަރަށް ރީތި….މިހާރި ކޮންމެ ދުވަހަކު ކިޔާލަން ލިބޭތީ ވަރަށް އުފާވޭ
ދުޢާ - 10 މަސް ކުރިން