ކޮންގޯގައި އެބޯލާ ފެތުރެން ފަށައި 15 މީހުން މަރުވެއްޖެއެވެ.

ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ހެލްތު މިނިސްޓްރީން ބުނެފައިވާގޮތުގައި އެ ގައުމުގައި އެބޯލާ އުޅޭކަން މިފަހުން އެނގިފައިވަނީ ބަލީގެ ޝައްކުވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެޑްމިޓްކުރި އުމުރުން 34 އަހަރުގެ މާބަނޑު މީހަކު ޓެސްޓުކުރުމުންނެވެ.

މިނިސްޓްރީން ވަނީ އެ މީހާގެ ހަށިގަނޑުން އެބޯލާގެ އަލާމަތްތައް ފާހަގަވެ ޓެސްޓު ކުރުމުން ޕޮޒިޓިވް ވެފައިވާ ކަމަށް ފާހަގަކޮށްފައެވެ. އެ މީހާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ހުން ގަދަވެ ހޮޑުލުން ފަދަ އަލާމަތްތައް ފެނުމުން ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި އެ މީހާ މަރުވެފައިވަނީ އެޑްމިޓްކުރިތާ ގިނަ އިރުތަކެއް ނުވެ އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމުންނެވެ.

މީގެ ކުރިން ވެސް ކޮންގޯއިން އެބޯލާ ވައިރަސް ފެނިފައިވާ އިރު، މިއީ އެބަލި ފެނުނު 16 ވަނަ ފަހަރު ކަމަށް އޮފިޝަލުން ބުނެއެވެ.

އެބޯލާގެ އަސަރު ހުރިކަން ޔަގީން ވުމުން ކޮންގޯގެ އޮފިޝަލުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމައިފައެވެ. އެގޮތުން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ބަލި ފެތުރޭ ސަރަހައްދުތައް ދިރާސާކޮށް ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.