ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މާލީ ބަޔާން ހުށަހެޅުމަށް 15 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.

މިހާރު އޮތް މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާ އިރު، މާލީ ބަޔާންތައް ހުށަހެޅި މެންބަރުންގެ ބަޔާން ވަނީ މަޖިލީހުން އާއްމު ކޮށްފައެވެ.

އެ މުއްދަތުގެ ނިޔަލަށް މާލީ ބަޔާން ހުށަނާޅައި 5 މެންބަރުން ތިއްބެވި އެވެ. އެއީ:

  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
  • މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (ޕީއެންސީ)
  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު (ޕީއެންސީ)
  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ)

މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސަދު މިއަދު ވިދާޅުވީ މާލީ ބަޔާން ހުށަނާޅައި ފަސް މެންބަރުންނަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 15 ދުވަހުގެ ނޯޓިސް މިމަހު 1ގައި ފޮނުވާފައިވާނެ ކަމަށެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާ މެދު ފިޔަވަޅުތަކެއް އަޅަން ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާގައި އިއްވުމާއި އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ވެވޭނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމަށްފަހުގައި ކަމަށް ހިމަނާފައިވެއެވެ. އެ ފިޔަވަޅާއެކު މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.