ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެންް ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީއޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ޗައިނާގެ ރައީސާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

މި ސަމިޓުގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސް ވަނީ އެހެން ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ހާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ ގޮތުން، ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ. އަދި، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.