ރަންވޭ މައްޗަށް ތިރިކޮށްލި މަތިންދާބޯޓުގެ ކުޑަދޮރުން ބޭރު ބަލަން އިން އަސަލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލިއެވެ. ދުވަސްތަކަކަށްފަހު އުފަން ވަޒަނަށް އާދެވުމުން އެކަމުގެ ހިތްހަމަޖެހުން އެމޫނުން ފާޅުވެއެވެ. ފާއިތުވި ދުވަސްތަކުގައި ހަޔާތަށް އައި ތޫފާނުގެ އަސަރު ހިނދި، މުޅިން އައު ދުވަހަކަށް އަލިވިލިގެން ގޮސްފިއެވެ. އަސަލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޢާއިލާއާއި ބައްދަލުކުރާހިތުންނެވެ. މައިހާ ދެކިލާހިތުންނެވެ. މައިހާއާއި ވާހަކަދައްކަން އަސަލް އިންތިހާއަށް ބޭނުމެވެ.
*****
ގޭގެ ބޭރު ޖޯލީގައި ހުސްނާއާއި ސާރިޔާ ތިބީ އޮލަވާހަކައެއްގައެވެ. ހަވީރުގެ ވަގުތަށް ވުމުން ފިނި ބުރުޖަހަން ނިކުމެ އުޅޭ މީހުން ގިނައެވެ. ރައްޓެއްސަކު ފެންނައިރަށް ހުސްނާ ގޮވާލައެވެ. ހާލުއޮޅުންފިލުވައެވެ. ހަވީރަކީ ރަށުތެރޭ ވާހަކަ ފަތުރަން މީހުން ނިކުމެ އުޅޭ ވަގުތަށްވުމުން ތާޒާކަމާއެކުގައި ޚަބަރުތައް ހުސްނާގެ ކަންފަތާ ހަމައަށް ފޯރައެވެ.
ހުސްނާއަށް ހައިރާންކަން ލިބުނީ ގޭގެ ކުރިމައްޗަށް މަޑުކޮށްލި ޓެކްސީ ފެނުމުންނެވެ. ސާރިޔާ ވެސް ވާހަކަ މެދުކަނޑާލައި ބަލާލައިފިއެވެ. ކުރީ ސީޓުގެ ދޮރު ހުޅުވާލާފައި ފޭބި އަސަލް ފެނުމާއެކުގައި ހުސްނާ ކޮޅަށް ތެދުވިއެވެ. އަސަލްއަށް ޓެކްސީގެ ދޮރު ލައްޕާނުލެވެނީސް، އަސަލްގެ ގާތަށް ހުސްނާ ހުއްޓުނެވެ. މަންޒަރު ބަލަން އިން ސާރިޔާ ވެސް ކޮޅަށް ތެދުވެ އަސަލްއާއި އުފާވެރި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ހުސްނާއެކޭ އެއްފަދައިން އެހާ ދުވަސްފަހުން އަސަލް ފެނުމުން ސާރިޔާ ވެސް ޖަޒުބާތީވެއްޖެއެވެ. ކުލުނާއި ލޯބީގެ އަސަރު އޭނަގެ ދެލޮލުގައި ވިދަ އެވެ. އަސަލްގެ ގާތަށް ދާން ބޭނުން ވިޔަސް މަޑުކޮށްލީ ހުސްނާއަށް ވަގުތު ދެމުންނެވެ.
''މާމަގެ ދަރިފުޅު...'' އަސަލްގެ ގައިގައި ހުސްނާއަށް ބައްދާލެވުނީ ބާރަށެވެ. އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. އަސަލް އަންނަން އޮތް ދުވަހަށްވުރެ ކުރީން އައުމުންނެވެ. ހަޤީޤަތެއްކަން ޔަޤީން ކޮށްލަން އަސަލްއާއި ދުރަށް ޖެހިލަމުން، އަސަލްގެ ކޯތާފަތުގައި އަތްތިލަ ޖައްސާލިއެވެ. އެހިނދު ހުސްނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ކަރުނައިގެ ތެރެއިން އޭނައަށް ހިނިތުންވެވުނެވެ. ދެލޮލުގެ ނޫރު ފަދަ ލޯބިވާ މާމަ ދަރިފުޅާއި ބައްދަލުވުމުން ހުސްނާ ހުރީ އިންތިހާއަށް އުފާވެފައެވެ.
''މާމަ ރޮނީތަ؟...'' މާމަގެ ދެލޮލުން ވިދާލި ކަރުނުން އަސަލް ކަންބޮޑުވިއެވެ. އޯގާތެރިކަމާއެކުގައި މާމަގެ ދެލޯ ފޮހެލަދިނެވެ.
''އުފާވެރިކަމުގެ ކަރުނައޭ، ދަރިފުޅު ލޮލަށް ފެންނާނެ އިރެއްގެ އިންތިޒާރުގައި މާމަ ހުންނަތާ ހާދަ ދުވަހެއް ވެއްޖެޔޭ... މާދަމާ އަންނާނަމޭ ބުނެފަ އޮތީމަ މާމަ މިހުންނަނީ މާދަމާ އެއާޕޯޓަށް ދާން ނިންމައިގެން...'' އަސަލްގެ އަތުގައި ހިފާލަމުން ހުސްނާ ބުންޏެވެ. ''ދަރިފުޅު ފެނުމުން މާމަ ވަރަށް އުފާވެއްޖެ...''
މާމަގެ ޖުމްލައިން އަސަލް ދެރަވިއެވެ. ޢާއިލާއާއި ދުރުގައި ހޭދަކުރެވުނު ދުވަސްތަކާ މެދުގައި ވިސްނި އޭނަ މާޔޫސްވިއެވެ. ޤައިލާގެ ސަބަބުން ލޯބިވާ އެންމެނާއި އޭނައަށް ދުރުވެވުނީއެވެ. އޭރު އޭނައަށް އުޅުނީ ޤައިލާގެ ރުހުން ހޯދާށެވެ. ކައިވެނީ ބާއްޖަވެރިކުރެވޭތޯއެވެ. ވަގުތު ހުސްކުރީ އެކަމަށެވެ. ނަމަވެސް، އެއީ ހެދުނު ކިހާ ބޮޑު ގޯހެއްކަން އޭނައަށް މިހާރު ރޭކާލައިފިއެވެ. މާމަގެ ދެލޮލުން ފެނުނު ކަރުނައިގައި އުފާވެރިކަން އެކުލެވިގެން ވިޔަސް އަސަލްގެ ހިތަށް ތަދުކުރުވީ އެހެންވެގެންނެވެ. މިއީ ހީނަރުވެފައިވި ގުޅުންތައް އާރާސްތުކުރަން އޭނައަށް ލިބުނު ފުރުސަތެކެވެ.
''މާމައަށް ސަޕްރައިޒެއް ދޭން އަޅުގަނޑު ބޭނުންވީ، ކިހިނެއްވަނީ؟...'' މާޔޫސްކަމުގެ އިހުސާސްތަކާ ދުރުވެލަމުން އަސަލް ހިނިތުންވެލިއެވެ.
''ވަރަށް ބޮޑަށް، މާމަ މިހުންނަނީ ޤަބޫލުކުރަން ނޭނގިފަ... ސާރިޔާ، މީ އަހަންނަށް ފެންނަ ހުވަފެނެއްތަ؟، ސާރިޔާއަށް މިސޮރު ފެނޭތަ؟...'' ފަސްއެނބުރި ސާރިޔާއަށް ބަލަމުން ހުސްނާ ބުންޏެވެ. ސާރިޔާ ކުރިއަށް ޖެހިލީ ދެނެވެ.
''ހުވަފެނެއް ނޫން، އަހަންނަށް އެބަފެނޭ...'' ސާރިޔާ ބުންޏެވެ. ''ދަރިފުޅު ކިހިނެއްތަ؟...''
''އިރާދަކުރެއްވިއްޔާ ރަނގަޅު...'' އަސަލް ބުންޏެވެ. ސާރިޔާ އޭނައަށް ދިން ނަޒަރު އަސަލްއަށް ފާހަގަކުރެވުނެވެ. އުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވި ކަންބޮޑުވުންތައް ދޭހަކުރެވުނެވެ. އޭނަގެ ކައިވެންޏަށް ނިމުން އައިސްފިކަމުގެ ޚަބަރު ސާރިޔާމެންނަށް ލިބިފައިވާކަން އަސަލްއަށް ޔަޤީންކުރެވުނެވެ. އަސަލް ދެކެނީ އެއީ ވެސް އޭނަގެ ޢާއިލާގެ ގޮތުގައެވެ. އެހެންކަމުން އެއީ ބޮޑުކަމެއްކަމުގައި އޭނަ ނުދެކުނެވެ. ނަމަވެސް މައިހާގެ ނަން ހިމޭންކަމުގެ ދުލުން ކިޔާލެވުމާއެކުގައި އަސަލްގެ މެޔަށް ފިނިވެލައިފިއެވެ. ސާރިޔާމެނަށް އެނގިއްޖެނަމަ މައިހާގެ ކަންފަތާހަމައަށް މިހާރު އޮންނާނީ ފޯރާފައެވެ. މައިހާ އެކަމާ ދެކޭނީ ކިހިނެއްބާވައޭ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އެސުވާލުގެ ޖަވާބު ހޯދަން އަސަލް ހުރީ ބޭނުންވެފައެވެ.
''ހިނގާ އެތެރެއަށް، ދަރިފުޅުގެ މަންމަ އެބައުޅޭ ސައި ތައްޔާރުކުރަން، ސާރިޔާ ދޭބަލަ ރަމީޒާ ގޮވައިގެން އަންނަ، މޭއި ވެސް ގޮވައިގެން އަންނާތި... މިއަދު އެންމެން އެކުގަ ސައިބޯނީ...'' ހުސްނާ ބުންޏެވެ. ސާރިޔާ ބޯޖަހާލަމުން ދާން ހިނގައިގަތީ އަސަލްގެ މުލައްދަނޑީގައި ފިރުމާލާފައެވެ.
ސާރިޔާ ދިޔަ ދިމާއަށް ބަލަން ހުރި އަސަލްގެ ވިންދުތައް އަވަސްވެލިއެވެ. އޭނަގެ ދެލޯ ދުށުމަށް ބޭޤަރާރުވެފައިވި ސޫރަ ދެކިލާ ހިތުންނެވެ. މައިހާގެ މޫނު ފެނުމުން ނޫނީ ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެކަން ގައިމެވެ. ސިކުނޑިއަށް ވެރިވެގެން އައި މައިހާގެ ޚިޔާލުތަކާ ދުރުވެލަން އަސަލްއަށް މަޖުބޫރުވީ އޭނަގެ އަތަށް މާމަ ދަމާލުމުންނެވެ. އޭރު މާމަ ހުރީ ސީދާ އޭނަގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުރިމަތިން ފެންނަން ހުރި ނޫކުލައިގެ ދޮރާއްޓާއި އަސަލްއަށް ނަޒަރު ވަކިކޮށްލެވުނެވެ.
''މޭއިއާ ބައްދަލުކުރަން ބޭނުންވެފަދޯ؟...'' މާމައަށް އެހާ ފަސޭހައިން ނަގައިގަނެވުމުން އަސަލްއަށް ހައިރާންކަން ލިބުނެވެ. މާމައަށް ޖަވާބުދިނުމުގެ ބަދަލުގައި އަސަލް ހަމައެކަނި ހިނިތުންވެލީއެވެ.
ކާރުގެ ޑިކީން ޑްރައިވަރު ނަގައިދިން ލަގެޖުތައް ހިފައިގެން އަސަލް ހިނގައިގަތެވެ. ކަޅުކުލައިގެ ގޭޓުން އެތެރެއަށް ވަދެވުމާއެކުގައި ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ވަށައިގެން އަސަލް ބެލިއެވެ. ކުލަ ރީތި މާތައް ފޮޅިފައިވި ގޭގެ ބަގީޗާ އަށެވެ. ހާމަފެންޑާގައި ހުރި އިހުޒަމާނުގެ ބޮޑު އުނދޯއްޔަށެވެ. މަޑު ފެހި ކުލައެއް ބޭރުގައި ލާފައިވި މައި ގެއަށެވެ. އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. މާލޭގައި އުޅުނު އިރުގައި އަސަލް އެންމެ ބޮޑަށް ހަނދާންވީ އުޅެބޮޑުވި މާހައުލު މަތިންނެވެ. އުދާސްތަކަށް ނިމުމެއް އައީ ހަމަ ކުއްލިޔަކަށެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''ޖާހަތު!، ހައިދަރު!...'' ހުސްނާ ގޮވާލީ އަސަލްގެ އަތުން ދޫކޮށްލުމެއް ނެތިއެވެ. މާމަގެ ފަހަތުން މައިގެއަށް އަސަލް ވަނެވެ.
ކާކޮޓަރީގައި އުޅުނު ޖާހަތަށް ހުސްނާގެ އަޑު އިވުނެވެ. އާންމުކޮށް އެގަޑިއަކީ ގޭގެ ހާދިމުންނަށް ޖާހަތު ބްރޭކްދޭ ގަޑިއަށް ވުމުން ޖާހަތަށް އަތްގާތްކޮށްލަދޭން އުޅުނު ހައިދަރު ވެސް އަޑު އައި ދިމާއަށް ސަމާލުވެލައިފިއެވެ. އެއީ އަސަލް ގޮވައިގެން ހުސްނާ ކާކޮޓަރިއަށް ވަން ވަގުތެވެ. ފެނުނު މަންޒަރުން ހައިދަރާއި ޖާހަތުގެ ހަރަކާތްތައް ވެސް މަޑުޖެހިލިއެވެ. ހުއްޓުން އަރާފައި ހުރި ޖާހަތުގެ ގާތަށް ހައިދަރު ޖެހިލަމުން ޖާހަތުގެ އަތުގައި އޮތް ތަށި އަތުލިއެވެ. އެއްފަހަރު ހައިދަރުގެ މޫނަށް އަނެއްފަހަރު އަސަލްއަށް ޖާހަތު ބަލައިލިއެވެ. އަސަލް ފެނި ލިބުނު ޝޮކު ފިލައިދިއުމާއެކު، އަވަސްއަވަހަށް އަސަލްގެ ގާތަށް ޖާހަތު ދިޔައެވެ.
އަސަލްގެ ގައިގައި ބައްދާލަމުން ފުންނޭވާއެއް ޖާހަތު ދޫކޮށްލިއެވެ. ސިކުނޑީގެ ހާސްކަމަށް ނިމުމެއް އައި ކަހަލައެވެ. އޭނަގެ ލޮލަށް އަސަލް ފެނުމާއެކުގައި މައިލަގޮނޑިއަށް ފިނިކަމެއް ލިބިގެން ހިނގައްޖެއެވެ.
''ކީއްވެ އަންނަ ވާހަކަ ނުބުނީ، ދަރިފުޅު ބަލާ އެއާޕޯޓަށް ދެވުނީހެއްނު...'' ޖާހަތަށް ޝަކުވާކޮށްލެވުނެވެ.
''އޭރުން މަންމަގެ މޫނުން ތިފެންނަ އުފާވެރިކަން އަޅުގަނޑަށް ފެނުނުމުގެ ނަސީބު ނުލިބުނީހެއްނު...'' އަސަލް ބުންޏެވެ. ބައްޕައަށް ވެސް އަސަލް ހިނިތުންވެލިއެވެ. އޭނަގެ އެކަނިވެރިކަމަށް ނިމުމެއް އަތުވެއްޖެއެވެ. ވަށައިގެން ތިބީ މުޅިން ވެސް އޭނަ ދެކެ ލޯބިވާ މީހުންނެވެ.
ރަމީޒާ ގޮވައިގެން ސާރިޔާ ވެސް އަތުވެއްޖެއެވެ. އޭރު އެންމެން ތިބީ ކާމޭޒު ދޮށުގައި އިށީނދެލައިގެންނެވެ. އިސްއުފުލައި އަސަލްއަށް ބަލައިލެވުނީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އޭނަގެ މޫނުގެ ކުލަވަރު ފަނޑުވެލީ މައިހާ ފެންނަން ނެތުމުންނެވެ. އޮޅުންފިލުވަން ދުލުކުރިއާއި ހަމައަށް އެސުވާލު ގެންނަން އުޅެފައި ވެސް އޭނަ ފަސްޖެހުނެވެ.
''ކޮބާ މޭއި، ގޭގަ ނޫޅެނީތަ؟...'' ހަމައެކަނި ރަމީޒާއާއި ސާރިޔާ އައުމުން ހުސްނާއަށް އަހާލެވުނެވެ. މާމާ ކުރި ސުވާލާއި މެދު އަސަލްއަށް ޝުކުރުވެރިވެވުނެވެ.
''މާދަން ރިޕޯޓް ދޭދުވަހެއްނު، އެހެންވެ ސްކޫލަށް ގޮއްސަވީ، މިހާރު އަންނަން އުޅޭނެ...'' ހުސްނާގެ ސުވާލަށް ޖަވާބު ދިނީ ރަމީޒާއެވެ. މޭޒު ދޮށުގައި އިށީނުމުގެ ބަދަލުގައި ރަމީޒާ އަވަސްވެގަތީ ސުފުރާމަތި ހަމައަކަށް އެޅުވުމުގައި ޖާހަތަށް އެހީވެދޭށެވެ. ރަމީޒާ އައުމުން ހައިދަރު ވެސް ގޮނޑީގައި އިށީނެވެ.
''އެހެންތަ؟، ދެން އެހެން ދުވަހަކުން ސަޔެއް ބާއްވާނީ...'' ހުސްނާ ބުންޏެވެ.
ކާމޭޒު ދޮށުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ޤައިލާގެ ނަން ދުލާއި ހަމައަށް ގެންނަން އެންމެން އުޒުރުވެރިވެފައިވާކަން އަސަލްއަށް ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން ހިސާބެއްގެ ނުތަނަވަސްކަމެއް މާހައުލަށް ފެތުރުނެވެ. އަސަލް ގަސްދުކުރީ ފަހުން މަންމަމެންނާއި ވާހަކަދައްކާށެވެ. ޤައިލާގެ އެއްވެސް ނުފޫޒެއްގެ ހިޔަނި އެޅިގެންދިއުމުގެ ފުރުސަތެއް އޭނަ ނުދޭނެވެ. އެއީ އޭނަގެ މާޒީ އެވެ.
ހަވީރުގެ ސަޔަށްފަހުގައި އެންމެން ތިބީ ބޮޑުކޮޓަރީގެ ސޯފާގައެވެ. އަސަލް ވެސް އިރުކޮޅަކަށް މަޑުކޮށްލާފައި ވަނީ އޭނަގެ ކޮޓަރިއަށެވެ. ޤައިލާއާއި ކައިވެނިކުރަން ވެގެން ފުރާވަރުގެ ކޮޓަރިއަށް އަސަލް ބަދަލުތައް ގެނައެވެ. ފަރުނީޗަރު އައުކޮށް، ފާރުތަކުގެ ކުލަ ބަދަލުކުރިއެވެ. އެކަމުގައި ޤައިލާގެ ޚިޔާލު އޭނަ ހޯދިއެވެ. ނަމަވެސް ޤައިލާއަށް ރަށްފުށުގެ ދިރިއުޅުން ކަމުނުދިޔައެވެ. މުސާރަ ރަނގަޅު ވަޒީފާއެއް ލިބުމުން މާލެ ބަދަލުވާންޖެހުނީ އެހެންވެގެންނެވެ.
ކޮޓަރިއަށް ހިންގާލި ނަޒާރައެކު ސިކުނޑިއަށް ވެރިވާން އުޅުނު އުދާސްކަމަށް އަސަލް ޖާގައެއް ނުދިނެވެ. ފޮށި ގެންގޮސް އަލަމާރި ކައިރީ ބަހައްޓަމުން އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދިނެވެ. ފަހެއް ޖަހާ ބޮޑު ވެއްޖެއެވެ. ރަމީޒާގެ ވާހަކަތަކަށް ބުރަވެލަމުން މައިހާ އަންނަންވާއިރަށް އަތްމަތި އަވަސްކޮށްލީ ފެންވަރާ ތާޒާވެލާށެވެ.
*****
ކަނޑުގެ ސަތަހައާއި ނިވާވަމުން އައި އިރުގެ ކުލަތަކުން ހުވަފެނީ މަންޒަރެއް ކުރަހާލާފައިވެއެވެ. ގެއާއި އަރާހަމަވުމުން އިރުއޮއްސޭ މަންޒަރުގެ ޗާލުކަން މައިހާއަށް ފެނުނެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން އައި ސައިކަލު ގޭގެ ގަރާޖު ކުރިމައްޗަށް މަޑުކޮށްލިއެވެ. ސައިކަލު ގަރާޖަށް ވައްދަން އުޅެނިކޮށް މައިހާއަށް ކުރެވުނީ އާދަޔާ ޚިލާފު އިހުސާސެކެވެ. ޖެހިލި ފިނި ރޯޅިއާއެކު އޭނަގެ ނޭފަތާ ހަމައަށް ގެނެސްދިނީ ސިކުނޑީގައި ބިންވަޅުނެގިފައިވި ސެންޓެއްގެ ވަހެވެ. މައިހާއަށް ލިބުނީ ހައިރާންކަމެވެ. އެތެރެއަށް ނޭފަތް ދަމާލެވުނ ބޭއިހްތިޔާރުގައެވެ. އެއާއެކު ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ވަގުތުން ފަސްއެނބުރިލެވުނެވެ. މަގުގައި ހުރި ޖޯލި ކައިރީ ހުއްޓިލައިގެން ހުރީ ދެވަނަ މީހެއް ނޫނެވެ.
''އަސަލް؟...'' މައިހާއަށް އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އޭނައާއި އަސަލްގެ ހަތަރުކަޅި ބައްދަލުވުމާއެކު އަސަލް ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ހުދުހުދު ދަތްތައް ވެސް ފެނެއެވެ.
ސައިކަލު މަތީ މައިހާއަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. އެހެން އިންދާ އޭނަގެ ގާތަށް އަސަލް އަތުވެއްޖެއެވެ.
މައިހާގެ ހިތް ތެޅިގަތެވެ. އެއީ ހަމަ އަސަލް އެވެ. އޭނަގެ ދެލޯ އޭނައަށް ދައްކާ ބިލާހެއް ނޫނެވެ.
''މޭއިއަށް ވެސް ޤަބޫލުނުކުރެވިފަތަ؟... ހޫމްމްމް، މާމަ ނަމަ އޯކޭ... އެކަމަކު މޭއިއާ މާލެއިން ބައްދަލުވިތާ އަދި މިވީ ދެ ހަފްތާ ވިއްޔާ...'' ސަމާސާ ރާގަކަށް އަސަލް ބުންޏެވެ.
''މާދަމާގައެއް ނޫންތަ އަންނަން އޮތީ؟...'' މައިހާއަށް އަހާލެވުނެވެ. ސައިކަލު ހުރި ތަނުގައި ޕާކުކޮށްލަމުން މައިހާ ފޭބިއެވެ.
''ޓިކެޓް ބަދަލުކޮށްލީ...'' އަސަލް ބުންޏެވެ. އަސަލްގެ ތޫނުފިލިދެލޯ އޭނައަށް ހުއްޓިފައިވުމުން މައިހާއަށް އެދެލޮލަށް ބެލުން ކުޅަދާނަކަމަކަށް ނުވިއެވެ. ރޭ ހަތަރުދަމު އޭނަގެ ހިތަށް މައިހާ ވިސްނައިދިނީ އޭނަގެ އިހުސާސްތަކަށް ޖާގަ ދެވެން ނެތްކަމަށެވެ. އަސަލްއަށް މުހިންމުވާނީ އެކުވެރިއެއްކަމުގައެވެ. އޭނަގެ އިހުސާސްތަކަށް ފުރަގަސް ނުދޭހާ ހިނދަކު އެކަން އޭނައަށް ހާސިލެއް ނުވާނެއެވެ. ނަވްރާއަށް ދިން ބަހުގެ ސާބިތުކަމުގައި ދެމިހުރުން އެއީ އޭނަގެ ގަސްދެވެ. ރޭގަނޑުގެ ނިދިނަގާލައިގެން ފަތިސްވިއިރު އޭނަގެ ޒަމީރަށް ވިސްނައިދެވިދާނެ ކަމަށޤ މައިހާ އުއްމީދުކުރިއެވެ. ނަމަވެސް، އޭނަގެ ކުރިމައްޗަށް އަސަލް ހުއްޓުމާއެކު އުތުރިއަރައިގެން އައި ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އާދައިގެ މަތިން އޭނަގެ ހިތް ކެހިދީފިއެވެ.
''އަހަންނާއެކު ބީޗަށް ދާނަންތަ؟...'' އަސަލް އެހިއެވެ. މައިހާއަށް ދެކޮޅެއް ނުހެދުނެވެ. އަސަލްއާއި ވާހަކަދައްކާލައި ހާލު އޮޅުންފިލުވަން ބޭޤަރާރުވެފައިވުމުންނެވެ.
''ހިނގާ...'' މައިހާ ބުންޏެވެ. އަތްދަބަހުގެ ވާގަނޑު ރަނގަޅުކޮށްލަމުން މައިހާ ހިނގައިގަތެވެ. އަސަލްއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުންނެވެ. އަސަލްއަށް ނުބަލަން މައިހާ ވަރަށް މަސައްކަތްކުރިއެވެ.
ފުއްޓަރާ ހަމައަށް ދެވުމުން އައިސްފައިވި ބަދަލުތައް އަސަލްއަށް ފެނުނެވެ. ކުރިން އޮންނަ ހުދުކަންގަދަ ދޮންވެލިގަނޑު ކޮންމެވެސް ވަރަކަށް ގިރާފައެވެ. ގަސްތައް ކޮށާލައި ކުޑަ ޕާކެއް ހަދާފައެވެ. މޫދާއި ހަމައަށް ދެވޭނެހެން އޮތް ފާލަމަކީ އޭނަ ރަށުން ދިޔަ ފަހުން ހެދި ތަނެކެވެ. ކުރީގައި ހުންނަ ހޮޅުއަށިތައް ނަގާފައި އޭގެ ބަދަލުގައި ހުރީ އުނދޯލިތައް ބަހައްޓާފައެވެ. ރަށުގެ ނަން ލިޔެފައިވާ އުނދޯޔެއް ވެސް ރާޅުފަށުގައި ހުއްޓެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ހޭލަމޭލަވަމުންދާތަން އަސަލްއަށް ފެނުނެވެ.
''ބީޗް ބަދަލުވެއްޖެދޯ...'' ދުރު ހަނދާނަކަށް ގެއްލިފައި ހުރި އަސަލްއަށް ބުންޏެވެ.
''ނޮޓް މަޗް...'' ދެމާނަ އެކުލެވިގެންވާ ޖުމްލައެއް މައިހާ ބުންޏެވެ.
މައިހާގެ މިސްރާބު ހުރީ ފާލަމުގެ ކޮޅަށެވެ. ދޮންވެލިގަނޑަށް އެރަން ހުރި ސިޑިއާއި ދިމާއަށް ދާން އުޅެފައި ވެސް، އޭނަގެ ފިޔަވަޅުތައް ބަދަލުކޮށްލައި އަސަލް ދިޔައީ މައިހާގެ ފަހަތުންނެވެ. މައިހާގެ ސަމާލުކަން ދެވިފައިވަނީ އޮއްސެމުންދާ އިރަށެވެ. ފުން ނަޒަރަކުން މައިހާއަށް އަސަލް ބަލައިލިއެވެ. އެމޫނުގެ ޝުއޫރުތައް ދެނެގަންނާށެވެ. މައިހާގެ ހިމޭންކަމުން އަސަލްއަށް އުނދަގޫވާން ފެށިއެވެ.
އަރައިގެން ހުރި ބޫޓު ކައިރީގައި ބަހައްޓަމުން ދަފައި ތިރިއަށް ލަމުން މައިހާ އިށީނެވެ. އަބަޔާގެ ފަސްބައި ވަޔާއެކު ވިހުރިލިއެވެ. ދިޔަވަރު ހިކިފައިވުމުން ރާޅުތަކުގެ އުނދަގުލެއް ނުވެއެވެ. އިރުގެ ރަން ދޯދިތައް މައިހާގެ މޫނަށް އެޅިފައިވުމުން ބަލާބަލާ ފޫހިނުވާނެހާ ޗާލެވެ. މައިހާއާއި ޖެހިގެން ހުސްޖާގައެއް ދޫކޮށްލަމުން އިށީން އަސަލްގެ ވިންދުތައް މައިހާގެ ޖާދޫގައި ބަނދެވި ލޭނާރުތަކުގައި ދުވެލީ ތަފާތު ޖަޒުބާތެކެވެ.
''މޭއިއަށް އެނގިއްޖެދޯ؟...'' ހިމޭންކަމަކަށް ނިމުމެއް ގެނުވީ އަސަލްގެ ސުވާލުންނެވެ. އަސަލް އިނީ މައިހާއަށް ބަލަހައްޓައިގެންނެވެ.
މައިހާ ހަމައެކަނި ބޯޖަހާލީއެވެ. އަސަލް ދޫކޮށްލީ ފުން ނޭވާއެކެވެ. ހީވީ އޭނަގެ ނަފުސު ތައްޔާރުކޮށްލީހެންނެވެ.
''އާރ ޔޫ ޑިސްއެޕޮއިންޑެޓް؟...'' އަސަލްއަށް އަހާލެވުނެވެ. މައިހާގެ ސިކުނޑީގައި ދައުރުވާ ޚިޔާލުތައް އެނގޭނެ ނަމައޭ އަސަލްގެ ހިތަށް އެރިއެވެ.
ދޭނެ ޖަވާބެއް ނޭނގިފައި މައިހާ އިނެވެ. ވާހަކަދައްކަން މައިހާއަށް ފަސޭހައެއް ނުވިއެވެ. އޭނަގެ ހާލު އަސަލްއަށް ހަމާނުކުރެވޭނެތީއެވެ. ލަފުޒުތައް ދުލަކާހަމައަށް ނުވެސް ގެނެވޭނެއެވެ.
''އަހަރެން ހުރީ މޭއި ގާތު ބުނަންވެގެން، ޑޫ ޔޫ ރިމެންބާރ ދަ ޑޭއި އައި ޓޯލްޑް ތިންގްސް ވާރންޓް ފައިން ބިޓްވީން މީ އެންޑް ޤައިލާ؟...'' އަސަލް ބުންޏެވެ. މައިހާގެ ހަނދާނަށް އައީ ރަސްފަންނުގައި އޭނައާއި އަސަލްއާ ދެމެދު ދެކެވުނު ވާހަކަތަކަށެވެ. މައިހާ ބޯޖަހާލިއެވެ.
''އެދުވަހު މޭއިއަށް ކިޔައިދޭން އަހަރެން ބޭނުންވި، އެކަމަކު ކިޔައިދޭނެ ގޮތެއް ނޭނގުނީ، އޭރު ވެސް ކައިވެނީގައި މައްސަލަތައް ޖެހެމުން އައީ، ޤައިލާއާއި އަހަންނާ ދެމެދު ޒުވާބުކުރުން ނޫންކަމެއް ނުވޭ، ލޯބިން ކައިވެނި ކުރިޔަސް އެލޯބި ފަނޑުވެގެން ހިނގައްޖެ، ޤައިލާގެ އުޅުމުން ފޫހިވެސް ވެއްޖެ... ވަކިވާން އަހަރެން ހުރީ ނިންމައިގެން... އެހެން ހުއްޓާ އަހަންނަށް ޤައިލާގެ ބޭވަފާތެރިކަން އެނގުނީ، އޭގެ ކުރިން ވެސް ޤައިލާގެ އުޅުން އަހަންނަށް ހާމަވެފަ އޮތީ... މޭއި، މިހުރިހާ ކަމެއް މޭއިއަށް ކިޔައިދޭން އަހަރެން ބޭނުންވީ މޭއިއާ ބައްދަލުވުމަށްފަހުގައި، އެހެންވެ ފޯނުން ކިޔައިނުދިނީ، އައިމް ސޮރީ ދެޓް ޔޫ ފައުންޑް އައުޓް ލައިކް ދިސް... އަހަންނަށް އެނގޭ މޭއި ދެކެނީ ޤައިލާއަކީ ގާތް ރައްޓެއްސެއްގެ ގޮތުގައިކަން، އެކަމަކު ޤައިލާއަކީ ރަނގަޅު މީހެއް ނޫން، އަހަންނަށް އެނގޭ މޭއިއާއިއާއެކު ޤައިލާ ބޭރަށް ދިޔަ ރޭގައި ދިމާވި ކަންތައް ވެސް، މޭއި ގޮވައިގެން އޭނަ ދިޔަތަނާ ދިމާވި މީހުން... ފުރަން އޮތް ދުވަހު އެއާޕޯޓުން މޭއި ފެނުމާއެކުގައި އަހަންނަށް ޔަޤީންވި ކަމެއް ގޯސްކޮށް ހިނގައިފިކަން، މޭއި އަހަރެންގެ ސުވާލަށް ޖަވާބު ދޭން އުޒުރުވެރިވި ސަބަބު ވެސް އަހަންނަށް އެނގޭ، ކުރިން ޤައިލާއާއި ދެމެދު މައްސަލަޖެހިގެން އުޅޭކަން ބުނެވިފަ އޮތީމަ އިތުރު މައްސަލައެއް ޖެހިދާނެކަމަށް މޭއިއަށް ހީވީ... ނޫންތަ؟... ޤައިލާގެ ފަރާތުން ދިމާވި ހާދިސާ ސިއްރުކުރަން އުޅުނީ އެހެންވެއެއްނު؟... އެކަމާ އަހަރެން މޭއި ކުށްވެރިއެއް ނުކުރާނަން، ކުށްވެރިއަކީ ޤައިލާ، އޭނަ މޭއި ގޮވައިގެން ބާރަށްދާން އުޅުނު ހިސާބުން އަހަންނަށް އެނގުނު ނުބައި ނިޔަތެއް ވާނެޔޭ...'' އަސަލް ބުނުމާއެކު، އަޑުއަހަމުން ދިޔަ މައިހާއަށް ލިބުނީ ސިހުމެވެ. އެހާ ތަފުސީލުކޮށް އަސަލް ބުނެދިނުމުން ސުވާލު އެފެދުނެވެ. މައިހާގެ މޫނަނަށް ވެރިވި ކުލަވަރުތައް އަސަލްއަށް ދޭހަކުރެވުނެވެ.
''އަހަންނަށް އަޑުއިވުނީ އެވާހަކަތައް ޤައިލާ ދައްކަނިކޮށް، އޭނަގެ ރަހުމަތްތެރިޔަކާ ހީހީފައި ކިޔައިދޭން ހުއްޓާ... އަހަންނަށް ޤައިލާ ދަސްވީ އެހިސާބުން، އޭނަ މޭއިދެކެ އަންނަ ރުޅީގެ ފަހަތުގައި އޮތް ސަބަބު ވެސް އެނގުނު... މޭއި، ޤައިލާ އޮޅުވާލީ ހަމައެކަނި އަހަންނަކަށް ނޫން، އޭނަ ވަނީ މޭއިއަށް ވެސް އޮޅުވާލާފައި، އެކުވެރިކަމުގެ ފަހަތުގައި ހަސަދަވެރިކަން ސިއްރުކުރަމުން އައީ، މޭއި މާލެ އަންނަ ވާހަކަ ބުނީއްސުރެން ޤައިލާގެ ފަރާތުން ފެނުނު ރުޅިވެރިކަމުން އުފެދުނު ސުވާލުތަކަށް ޖަވާބު ލިބުނު... ޤައިލާއަކީ އަހަރުމެން ހީކުރި ކަހަލަ މީހެއް ނޫން... އައިމް ސޮރީ ޝީ ހާޓް ޔޫ... މޭއިއާއި އަހަންނަށް ވެސް އެންމެ ރަނގަޅު ވާނީ ޤައިލާގެ މަތިން ހަނދާން ނައްތާލިއްޔާ... ޝީ ވޯޒް ނެވާ ދަ ޕާސަން ވީ ތޯޓް ޝީ ވޯޒް....'' ޤައިލާގެ ހަޤީޤަތް އަސަލް ހާމަކުރިއެވެ. ޤައިލާއާއި މެދުގައި މައިހާއަށް ވިސްނުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. ޤައިލާއާ މެދު ސަމާލުވާން ޖެހެއެވެ.
މައިހާ އިނީ ސިހުމެއްގެ ތެރޭގައެވެ. އަސަލް ހާމަކޮށްދިން ހަޤީޤަތް ސިކުނޑިއަށް ފަހުމުކުރަން އިރުކޮޅެއް ނެގިއެވެ. ޤައިލާގެ ފަރާތުން ފެނުނު ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެނގުމުން އެކަމާ ވިސްނަންވީ ކިހިނެއްކަމެއް މައިހާއަކަށް ނޭނގުނެވެ. އޭނަ ދެކެމުން އައީ ޤައިލާއަކީ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައެވެ. އޭނަގެ ފުށުން ޤައިލާ ނުރުހޭ ފަދަ ކަމެއް ދިމާވީ ބާވައެވެ. ހަސަދަވެރިކަމާއި ނަފުރަތާ ހަމައަށް އެގުޅުން ދިޔައީ ކިހިނެއް، ކޮން ހިސާބަކުން ހެއްޔެވެ؟ އެސުވާލުތަކުގެ ޖަވާބު ހޯދޭނީ ޤައިލާއާއި ކުރިމަތިލައިގެންނެވެ. އެކަމަށް އޭނަ ތައްޔާރު ހެއްޔެވެ؟
''މޭއި...'' މައިހާއަށް ހޭވެރިކަންވީ އަސަލް ގޮވާލުމުންނެވެ. ލޮލުން ފޭބި ކަރުނައިގެ ފިނިކަން މައިހާއަށް އިހުސާސްވިއެވެ. އަސަލްގެ ކަންބޮޑުވުންތައް ފުސްވެފައިވި ދެލޮލުން މައިހާ ދުށްޓެވެ.
ކުލަ ފަނޑުވެފައިވި މައިހާގެ މޫނާއި އެދެލޮލުގައި ވިދަމުން އައި ކަރުނުން އަސަލްގެ މޭގައި ޅިޔައަޅުވާލައިފިއެވެ. ޤައިލާގެ މަކަރުވެރިކަން ހާމަވުމުން މައިހާ ދެރަވާނެ މިންވަރު އަސަލްއަށް އަންދާޒާ ކުރެވުނެވެ. މައިހާ ގެނެސް މޭގެތެރޭގައި ފޮރުވާލަން އަސަލްގެ އަތްތިލަ ހަރަކާތްކުރިއެވެ. އޭގެ ކުރިން އޭނަ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އެފަދަ އަމަލަކުން މައިހާއަށް ސިހުން ލިބިދާނެތީ އެވެ.
''އަޒް... އާރ ޔޫ އޯކޭ؟...'' އަމިއްލަ އިހުސާސްތައް ހަމައަކަށް އަޅުވަމުން މައިހާއަށް އަހާލެވުނެވެ. ޤައިލާއާއި މެދު މައިހާގެ މުޅި ހިތް ބަދަލުވެގެން ހިނގައްޖެއެވެ.
''މާކުރިން ވެސް އަހަރެން ހުރީ ވަރިވާން ނިންމައިގެން، ދަ ހޯލް މެރިއޭޖް ވޯޒް ޓޮކްސިކް... ވަކިވުން އެއީ އަހަންނަށް މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން، އަހަރެންގެ އަމާޒަކީ ވެދިޔަ ހުރިހާ ކަމެއް މާޒީގެ ތެރެއަށް ދޫކޮށްލުން، އެކަމުން މުސްތަޤުބަލަށް އަސަރުކުރުމުގެ ފުރުސަތެއް ނުދެވޭނެ، ބޯތް އޮފް އަސް ނީޑް ޓު މޫވް އޮން ފްރޮމް ހާރ...''
މައިހާއަށް އެއްބަސްވެވުނެވެ. އިތުރަށް ޤައިލާއާއި މެދުގައި ވިސްނަން ޚުދު އޭނަގެ ޒަމީރު ވެސް ދެކޮޅު ހަދައިފިއެވެ. އޭނައަށް ޤައިލާ ދަހެއް ނުވިއެވެ. ޤައިލާގެ އަމަލުތަކާއި މެދު އުފެދިފައިވި ސުވާލުތަކަށް ޖަވާބު ހޯދުން މައިހާއަށް މުހިންމެއް ނުވިއެވެ. އޭނަގެ ސަމާލުކަން ދެވުނީ އަސަލް އަށެވެ. އަސަލް އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ.
''މިއީ އާ ފެށުމެއްކަމުގައި އަހަރެން ދެކެނީ...'' މައިހާގެ މޫނަށް ބަލަމުން އަސަލް ބުންޏެވެ. ހިއްސާކުރަން އެތައް ވާހަކައެއް އަސަލްގެ ހިތުގައި ފޮރުވިފައި ހުއްޓެވެ. އެހެނަސް އެއީ އެންމެ މުނާސަބު ދަނޑިވަޅަށް ނުވުމުން ފަސްކޮށްލެވުނީއެވެ. މައިހާ ދެކެ ވާ ލޯބި އޭނަ ބަޔާންކޮށްދޭނެއެވެ. ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފައިވި ބިރާއި ކުރިމަތިލަމުންނެވެ.
''އަޒް ބުނިހެން ކުރިއަށް ދިއުން އޮތީ، ވީ ކޭން މޫވް ޕާސްޓް ދިސް. ބޯތް އޮފް އަސް...'' ކޯތާފަތުން ރޮނގުދަމާލި ކަރުނަތައް މައިހާ ފޮހެލިއެވެ. ''ސްކޫލް ޗުއްޓީ ކައިރިވެފައިވަނިކޮށް އަޒް ތިއައީ، އެހެންވީމަ އަހަންނަށް ޓައިމް ވާނެ، ވީ ކޭން ހޭންގް އައުޓް...''
އަސަލްއަށް ބޭނުންވާ ފަދަ ރަހުމަތްތެރިއަކަށް ވުމަށް މައިހާ އަތުކުރި އޮޅާލިއެވެ. ތަފާތު އަޒުމަކާއެކުގައެވެ. ސިކުނޑީގެ ހާސްކަމާއި ހިނދުކޮޅަކަށް ވިޔަސް ދުރުވެވުނެވެ.
އަސަލްގެ ތުންފަތާއި ކުޅެލީ މަޢުވަނީ ހިނިތުންވުމެކެވެ. މާއިހާއާއެކުގައި ވަގުތު ހޭދަކުރުން އެއީ އޭނަގެ މުރާދެވެ. ހިތް އެދެމުންދާ ފަދަ ފުރުސަތެއް ފަހިވެގެންދާނެކަމުގެ ޔަޤީންކަން ލިބުނެވެ.
ހިއްސާކުރެވުނު ވާހަކަތަކަށް ފަހުގައި މައިހާއާއި އަސަލްގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް އަތުވެއްޖެއެވެ. މަޢުރިބު ނަމާދަށް ބަންގި ގޮވުމުން އަސަލް މިސްކިތަށް ދާން ތެދުވިއެވެ. މައިހާއައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައެވެ.
''ޤައިލާ... އަހަރެން ހީކުރީ ޤައިލާއާއެކު އަޒްއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް، އެކަމަކު ޤައިލާ އެންމެނަށް އޮޅުވާލީ... ސަބަބު ހޯދާކަށް އަހަރެން ބޭނުމެއް ނޫން، އައި ޑޯންޓް ތިންކް އައި އެވާ ވޯންޓު ސީ ޔޫ އެގެއިން...'' ހިމޭންކަމުގެ ދުލުން މައިހާއަށް ބުނެވުނެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ