މަސްވެރިކަމަށް، ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 17ގެ ކުރިން އެ މިނިސްޓްރީ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމަށް އަލަށް ނުކުންނަން ބޭނުންވާ ފަސް ޒުވާނަކަށެވެ.
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރުން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
އެތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޝަރުތުތައް އަދި ހުށަހަޅަންޖެހޭ ތަކެތި:
- މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން.
- އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން.
- މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުން.
- ތަމްރީނުގެ ބައިވެރިވުމަށް އެދޭ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- 18 އަހަރު ދަށުގެ ޒުވާނެތްނަމަ، ބެލެނިވެރިޔާ ހުއްދަ އޮތްކަމުގެ ލިޔުމެއް
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް