ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، ޑެސްކަޕް 2025 ނިންމާލައިފިއެވެ.

ދިރާގުން ބުނީ އެ މުބާރާތް ކުރިއަށް ގެންދިޔައީ ދިރާގުގެ މުވައްޒަފުންގެ ފަރާތުން ހޫނު ތަރުހީބަކާއި ބޮޑު ބައިވެރިވުމެއް ލިބިގެންކަމަށާއި މި އަަހަރުގެ މުބާރާތުގެ ތިން ލީގުން ޗެމްޕިއަންކަން ހޯދި ޓީމުތައް މިހާރު ހޮވައިފައިވާ ކަމަށެވެ.

ސީއީއޯ އެންޑް އެމްޑީސް ކަޕްގެ އެއްވަނަ ހޯދީ ޑީއެސްއެސް ޔުނައިޓެޑް ޓީމެވެ. ޕްރީމިއާ ލީގްގެ ޗެމްޕިއަންކަން ހޯދީ ފިނޭންޒެސް ޓީމާއެކު ވާދަވެރި މެޗެއް ކުޅެގެން ޑީއެސްއެސް ޔުނައިޓެޑް ޓީމުންނެވެ.

ސުޕަ ލީގުގެ ފައިނަލް މެޗުގައި ސީއެންއެފްސީ ޓީމާއި އާރްއޯސީ ޓީމު ވާދަކޮށްގެން ޗެމްޕިއަންކަން ލިބުނީ ސީއެންއެފްސީ ޓީމަށެވެ.

ދިރާގު އަންހެން މުވައްޒަފުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "ވިމެންސް ފިއެސްޓާ" މުބާރާތުގައި ޓެކްނޮލޮޖީ ކަނބަލުންނާއި ހިޔަލަ ޓީމުގެ ވާދަވެރި މެޗަކަށްފަހު ހިޔަލަ ޓީމުން ޗެމްޕިއަންކަން ހޯދާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ދިރާގު މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި މި އަހަރު ޖުމުލަ 321 މުވައްޒަފުންނާއެކު 20 ޓީމެއް ބައިވެރިވި ކަމަށް ވެސް ދިރާގުން ބުންޏެވެ.

މި ފަދަ މުބާރާތްތައް ކުރިޔަށްގެންދިއުމުގެ މަގުސަދަކީ، ދިރާގު އީ-ކްލަބް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ ބޭރުން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.