ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހަދިޔާގެ ގޮތުގައި މިއަހަރު ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އޭނަގެ މާލީ ބަޔާނުން ދައްކައިފިއެވެ.

މަޖިލިސް މެންބަރުންގެ މާލީ ބަޔާން މަޖިލިސް ވެބްސައިޓަށް މިއަދު ވަނީ އަރުވަން ފަށައިފައެވެ.

އޭގެ ތެރޭގައި ހިމެނޭ، އަބްދުއްރަހީމްގެ މާލީ ބަޔާނުން ދައްކާގޮތުގައި، ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓު ކާޑުގެ ފައިސާ ދެއްކުމަށްޓަކައި ހެޔޮއެދޭ އެކި މީހުންގެ ފަރާތުން އޭނާއަށް 958،982 ރުފިޔާ މި އަހަރު ލިބުނެވެ.

މާލީ ބަޔާނުގައިވާގޮތުން އަބްދުއްރަހީމުގެ ބޭންކު އެކައުންޓުގައި މިދިޔަ ޖުލައިމަހުގެ ދެޔަކާ ހަމައަށް ހުރީ އެންމެ 101،698 ރުފިޔާ އެވެ.

އަބްދުއްރަހީމުގެ މާލީ ބަޔާނުގައި ވާގޮތުން ދިރިއުޅުމަށް އެއްކުރި ފައިސާ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު 2017 ވަނަ އަހަރު ރެހެންދި ފުލެޓުން 4.5 މިލިއަން ރުފިޔާއަށް އޭނާ އެޕާޓްމަންތެއް ގަނެފައިވެއެވެ. އަދި ދިރިއުޅުމަށް ކުރި މަސައްކަތުން އިމާރާތް ކޮށްފައިވާ ފަސްމިލިޔަން ފުރިޔާގެ ގޯއްޗެއް ލ.ފޮނަދޫގައި އޮންނަ ކަމަށްވެސް ބަޔާނުގައިވެއެެވެ.

ދިރިއުޅުމަށް ކުރި ވިޔަފާރީން 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދަކާއި، 67،000 ރުފިޔާގެ ސައިކަލެއް ވެސް އޭނާގެ ނަމުގައި އޮތްކަން ބަޔާނުގައިވެ އެވެ.