ވައްކަމާއި މުދާ ފޭރުން ފަދަ ކަންކަން އާންމުވުމަކީ އިންސާނީވަންތަކަން އަނދައި ހުލިވެ އަޅިއަށްވެފައިވާ މިންވަރުގެ ނަތީޖާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަހުލާގަށްށް އަންނަ ބަދަލެއް ނޫން ކަމަށާއި، އެއީ ބައެއްގެ ތެރޭގައި އިންސާނީވަންތަކަން އަނދައި ހުލިވެފައިވާ މިންވަރުގެ ނަތީޖާއެއް ކަމަށެވެ. އެފަދަ ހާލަތެއްގައި މުޖުތަމައެއްގައި އެއްވެސް އަމާންކަމެއް ނުވަތަ ހިތްހަމަޖެހުމެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެފަދަ ކަންކަން އިޝާރާތްކުރަނީ އެ އަށްވުރެ މާ ހިތާމަވެރި މާ ނުރައްކާ އިޖުތިމާއީ އަދި ގައުމީ ހާލަތްތަކަކަށް" ރައީސް ވިދާޅުވިއެވެ.

ދިވެހީން އިސްލާމްދީން ލިބިގަތް ފަހުން އެ ދީނުގެ މަތިވެރި ހިދާޔަތާ އެކު ބިނާކޮށްފައިވަނީ މިފަދަ ނުރައްކާތަކުން ބަރީވެފައިވާ ގައުމެއްކަން އިހުގެ ފަތްފުށްތަކުން އެނގޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ދިވެހީންގެ ކިބައިގައި އޮތް އިތުބާރާއި ރައްކާތެރިކަމުގެ މިސާލުތައް ދައްކަވަމުން، އޭރު ގޭގޭގެ މައިދޮރުގައި ތަޅުލާން ނުޖެހޭކަމާއި ފިހާރަތަކަށް ގޮސް ތަޅުދަނޑި ހަވާލުކުރުމާއި ނުވަތަ ފޮތުގައި ލިޔެލުމަށްފަހު މުދާ ގެންދިއުމުގެ އާދަ އޮތްކަން އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭރު ބައެއް ރަށްރަށުގައި ފިހާރައަށް އެއްޗެތި ގަންނަން އަންނަ މީހާ އަތަށް އެބަ ފިހާރައިގެ ތަޅުދަނޑި ދިއްކޮށްލެވޭ. ނުވަތަ ހުޅުވައިފައި ހުރިއްޔާ ބޭނުން އެއްޗެއް ނަގައިގެންދާށޭ، ލާރި ނުގެނެވެންޏާ މޭޒުމަތީ ފޮތުގައި ލިޔެލާށޭ ތަނުގެ ވެރިމީހާއަށް ބުނެލެވޭ. މިއީ ތިޔައިގެ ތެރޭން އެތައް ބޭފުޅުންނެއް ތަޖުރިބާކޮށްފައިވާނެ ހަގީގަތް. މިއީ ދިވެހީން ދެކެފައިވާ ދިވެހި އިސްލާމީ އިތުބާރު. އިސްލާމްދީން ރާއްޖޭގައި އުފެއްދި ޔަގީންކަން. ރައްކާތެރިކަމާއި ކަށަވަރުކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނަކީ ހަމައެކަނި ރޫހާނީ ދީނެއް ނޫން ކަމަށާއި އެއީ ނަފުސާނީ ތަސައްލީއެއްގެ އިތުރުން މާއްދީ ތަރުބިއްޔަތާއި އަހުލާގީ ހަގީގަތް ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނަކީ މުޖުތަމައަކަށް ބޭނުންވާ އެންމެހައި ސަލާމަތާއި ރައްކާތެރިކަން ގެނެސްދޭ މަތިވެރި އިލާހީ ނިއުމަތެއް ކަމަށް އެ މަނިކުފާނުގެ ވިދާޅުވިއެވެ.