ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މަޖިލިސް އިދާރާއިން އާއްމު ކުރަން ފަށައިފިއެވެ.
މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް ގަވާއިދުގައި ބުނެފައިވާއިރު، މިހާރު އޮތް 20 ވަނަ ރައްޔިރުންގެ މަޖިލީހުން ގަވާއިދަށް ގެނައި ބަދަލުގައި، މެންބަރު ހުވައިކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަސްފަހުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށްވަނީ ހަދައިފައެވެ.
އެއީ ހިނގަމުންދާ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަހަށެވެ.
މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ، މާލީ ބަޔާން، އަނބިން/ ފިރިން އަދި 18 އަހަރު ނުފުރޭ ދަރީންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރީން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މަޖިލިސް ވެބްސައިޓުން ދައްކާގޮތުގައި، 93 މެންބަރުން ހިމެނޭ މަޖިލީހުގެ ހަތް މެންބަރުން ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން މިއަދު 11:45 އާ ހަމައަށް ވަނީ އަޕްލޯޑް ކޮށްފައެވެ.
ނަމަވެސް މާލީ ބަޔާން އަޕްލޯޑް ކޮށްފައި ނުވާ މެންބަރުންނަކީ މާލީ ބަޔާން މަޖިލީހަށް ނުފޮނުވާ މެންބަރުންކަމެއް، ނުވަތަ އެ މެންބަރުންގެ މާލީ ބަޔާން އަޕްލޯޑް ނުކުރަނީކަމެއް، މަޖިލިސް މީޑިއާއިން ފޯނު ނުނަގާތީ ސާފުވެފައެއް ނުވެއެވެ.
މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނާމެދު ފިޔަވަޅުތަކެއް އަޅަންވެސް ގަވާއިދުގައި ބުނެފައިވެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އެ މެންބަރެއްގެ ނަން މަޖިލީހުގެ ޖަލްސާގައި އިއްވުމާއި، އެއަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ވެވޭނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމަށްފަހުގައިކަމަށް ހިމަނާފައިވެއެވެ. އެ ފިޔަވަޅާއެކު މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުން ދާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
މިހާތަނަށް މާލީ ބަޔާން ނެތް މެންބަރުން:
- މައްޗަން ގޮޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
- ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބުދުﷲ
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
- ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
- ފޭދޫ އުުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
މަރު
ބޭރު ކުޅިވަރު
ވެރިކަމަށް 19 މަސްވީފަހުން ގޮތްހުސްވެގެން މާލީބަޔާން ހުށައަޅާންމަޖުބޫރުވީިތަ
އިއްބެ - 10 މަސް ކުރިން