މިއަދު އުފެއްދި ގައުމީ ވަގުފު ކުންފުނި ވެގެންދާނީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިއަދު ވަނީ "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައި އެ ކުންފުނީގެ ރައުސުލްމާލަކީ 100 މިލިއަން ރުފިޔާ ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ވަގުފަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ހާއްސަ މަފްހޫމެއް ކަމަށާއި އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ލާމެހިގެންވާ އިލާހީ ހިކުމަތްވަންތަކަމުގެ ދަލީލެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް މި ކުންފުނީގެ ދަށުން ކުރިއަށްދާނެ ކަމަށާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކޮށް، ދީނީކަންކަމަށް ބޮޑެތި ހޭދަތައް ކުރުމަށް އެ ކުންފުނީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
"މާތް ﷲގެ ވާގިފުޅާއެކު މިއަދު މި އުފެއްދި ގައުމީ ވަގުފު ކުންފުނި ވެގެންދާނީ، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ގައުމީ އިޖުތިމާއީ އަދި އުމްރާނީ ވެށްޓަށް ލިބޭ ހާއްސަ ޒީނަތަކަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ މަސައްކަތުގައި ވަގުފު ކުންފުންޏަކީ މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެއް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް