ފައިގެ ދަށުން ބިންގަނޑު ގުޑައިގެން ދިޔަ ކަމުގެ އިހުސާސު މައިހާއަށް ކުރެވުނެވެ. އޭނައަށް ހުރެވުނީ ގަބު އަރާފައެވެ. ނޭވާލާން ވެސް ހަނދާނެއް ނެތެވެ. ޤައިލާގެ ޖުމްލައާއެކުގައި ސިކުނޑީގައި އުފައްދާލީ ވަރުގަދަ ހައިޖާނެކެވެ. މޭގައި އުފެދިގެން އައީ ގަދަ ފަދަ ރިހުމެކެވެ. އެވޭނުގެ އަސަރު ނުކުރާ އެންމެ ސެލްއެއް ވެސް ހަށިގަނޑުގައި ނުވެޔޭ ބުނެފިނަމަ ވާނީ ދޮގަކަށެވެ. ބިރު ހީވެފައި އޮތް ހަޤީޤަތް އެންމެފަހުން އޭނައާއި އަރައި ހަމަކުރީއެވެ. މައިހާއަށް އޭނަގެ އަމިއްލަ ނަފުސު ތައްޔާރެއް ނުކުރެވުނެވެ. ހިތުގައި އަޅަން ފެށި ރިހުމާއެކުގައި ދެލޮލުން ދިލަނަގަން ފެށިއެވެ. އޭރު ޤައިލާގެ ނަޒަރު ހުއްޓިފައިވަނީ މައިހާގެ މޫނަށެވެ. ޤައިލާގެ ތުންފަތް ހަރަކާތްކުރެއެވެ. ވާހަކަދައްކަނީކަން އެނގުނަސް ޤައިލާ ބުނާ އެއްޗެއް މައިހާއަށް ސާފެއް ނުވިއެވެ. ކަންފަތް ބައްވެ އޭނަގެ މުޅި ވުޖޫދު ވެސް އެނބުރެމުންދާ ކަހަލައެވެ. ކަރުނަ ހިފަހައްޓަން މައިހާ މަސައްކަތްކުރިއެވެ.

ޤައިލާގެ އުފާވެރިކަން އެތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުމުން މައިހާއަށް ބުނެދިނެވެ. ޤައިލާގެ އަޑުގައިވި ޖޯޝާއި ފޯރި ވެސް ސިއްރެއް ނުވިއެވެ. އަސަލް ރައްޓެހިވާން އެހުމުން އާސްމާނުގައި ފިޔަ ޖަހަނީއެވެ.

ޤައިލާގެ އުފާވެރިކަމުގައި މައިހާއަށް ބައިވެރިޔެއް ނުވެވުނެވެ. ވެވޭނީވެސް ކިހިނެއް ހެއްޔެވެ؟ އަސަލްއަކީ އޭނަގެ ފުރަތަމަ ލޯތްބެވެ. ހުވަފެންތަކުގެ ރާޖާއެވެ. ހާސިލްވުމަށް އެދެވުނު މިތުރާއެވެ. ލޯބި ދަސްކުރަން އެދެވުނީ އަސަލްއާއި އެކުގައެވެ. މިއަދު މައިހާއަށް ތަސައްވަރުކުރެވުނީ އޭނަގެ މޮޔަކަމެވެ. އަސަލް އޭނައާއި ދިމާއަށް ލޯބީގެ ނަޒަރަކުން ބަލައިނުލާނެއެވެ. އެދެމެދުގައި އޮތްނާނެ ހަމައެކަނި ގުޅުމަކީ އެކުވެރިކަމެވެ. އިތުރު ހަރުފަތަކަށް އެ ގުޅުން ނުދާނެއެވެ.

މޭ ފިތުނު ހިނދު އުފެދުނު ތަދާއެކު އާހެއްގެ އަޑު މައިހާގެ ދުލުން ބޭރުނުވީ ހަމަ ކިރިޔާއެވެ. ޤައިލާގެ ވާހަކަތައް ހުއްޓުނީ ކުއްލިޔަކަށެވެ. އޭނަގެ ދެލޯ ހޯދަނީ މައިހާގެ މޫނެވެ. ޖަޒުބާތުތަކުގެ ތެރޭގައި ހަނާވަމުން އައި ނަފުސު ހަމައަކަށް އެޅުވޭތޯ މައިހާ ބެލިއެވެ. ބިރުވެރިކަމުގެ ރާޅުބާނީތަކެއް ލޭނާރުތަކުގައި ދުވެލިއެވެ. ޤައިލާއަށް އޭނަގެ ހާލަތު އެނގުމުގެ ފުރުސަތެއް މައިހާ ނުދިނެވެ.

''މޭއި؟...'' މައިހާގެ އަތުގައި ޤައިލާ ހިފާލިއެވެ. ''އާރ ޔޫ ލިސިނިންގް؟... މޫނު ހާދަ ވަރަކަށް ހުދުވެފަ...''

ޤައިލާގެ ސުވާލުތަކުން މައިހާ ނުތަނަވަސްވިއެވެ. ފުން ނޭވާއެއް ދޫކޮށްލަން އުޅުނަސް ކާމިޔާބެއް ނުވިއެވެ. ނޭވާތަކުގައި ރިހުން އެކުލެވިގެންވާތީއެވެ.

''އައިމް ފައިން...'' މައިހާއަށް މަޖުބޫރުވީ ހިނިތުންވެލާށެވެ. އޭނަގެ ސިއްރު އެންމެން ކުރިމަތީ ހާމަވެދާނެތީއެވެ. އޭރުން މީހުން އޭނައާއި މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ އެދުން ބޮޑު މީހެއްގެ ގޮތުގައެވެ. އެކުވެރިންގެ އުފަލުގައި ބައިވެރިނުވެވޭ ހަސީލަތް ގަދަ މީހަކަށެވެ. ލޯބި ނާކާމިޔާބުވުމުން ޤައިލާގެ އުފަލާއި މެދު ހަސަދަވެރިވެފައިވާ މީހެއް ކަމުގައެވެ. އެއީ އޭނަގެ މިޒާޖެއް ނޫނެވެ. ކަތި ފިޔަޅެއް އެޅުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.

''ޤަބޫލުނުކުރެވިފަދޯ ތިހުރީ؟...'' މައިހާއާއި ހަތަރުކަޅި ހަމަކުރަމުން ޤައިލާ އަހާލިއެވެ.

މައިހާގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ސިކުނޑިއަށް ވެރިވި ހަލަބޮލިކަމުގެ ތެރެއިން ޤައިލާގެ ސުވާލު އޭނައަށް ފަހުމުނުކުރެވުނެވެ.

''މިބުނީ އަޒް އަހަންނާއި ރައްޓެހިވާން އެހީތީ...'' ލުއި ހުނުމަކާއެކުގައި ޤައިލާ ބުނެލިއެވެ. މައިހާ ހިނިތުންވެލީ ތުންފަތުގައި ވަރެއް ނެތިއެވެ.

''އަހަންނަށް ވެސް ފުރަތަމަ ލިބުނީ ޝޮކެކޭ، އަޒް ހީކުރީ އަހަންނަށް އަޒް ކަމުނުދަނީއޭ... އެހާހިސާބުން އެނގުނީ ސަމާސާއެއް ނޫންކަން... ހެހެހެ... މީ ހަމަ ހަޤީޤަތެއްބާ... އަޒް އެހާ ހޭންޑްސަމް ވެފަ ޕޮޕިއުލާވީމަ އަޒް ބޭނުން ކޮންމެ މީހަކު ލިބޭނެ، ކޮންމެ މީހަކު... އަޅެ ނިކަން ބަލާބަލަ އަޒްއަށް، ހާދަހާ ފިރިހެންވަންތައޭ، ވިސްނުންތޫނުވެފަ އެހާ ރަނގަޅު... އަހަންނާ ރައްޓެހިވާން އެހުން އެއީ ލިބުނު ބޮޑު ޝަރަފެއް... ނޫންތަ؟...'' ޤައިލާގެ ވާހަކަތަކުން މައިހާގެ ހިތަށް ތަދުކުރުވިއެވެ. ޤައިލާ ބުނީ ތެދެކެވެ. ހަޔާތުގެ ބައިވެރިޔަކަށް އަސަލް ލިބޭނީ ނަސީބުވެރިޔަކަށެވެ. އެނަސީބު ލިބުމަށް ތަޤުދީރުގައި ލިޔެވިފައިވަނީ ޤައިލާގެ ނަމެވެ. އެއީ ހަޤީޤަތެވެ. ކިތަންމެ އުނދަގޫ ވިޔަސް އޭނަ ޖެހޭނީ ޤަބޫލުކުރާށެވެ. ކެކުޅުންތައް ސިއްރުކުރާށެވެ. އެކުވެރިންގެ އުފަލުގައި ޝާމިލުވާށެވެ. ކަރުނަ ފޮހެލާފައި ސިއްރުކޮށްލާށެވެ. އަސަލް ދެކެ ވާލޯބި ހާމަކުރެވޭކަށް ނެތެވެ. ވަގުތު ފާއިތުވެގެން ގޮސްފިއެވެ.

ޖެހިލުންވުމުގެ ބަދަލުގައި އިޤުރާރުވެވުނުނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހިތަށް ރާހަތެއް ލިބުނީސް ހެއްޔެވެ؟ އުފާވެރިކަމުގެ އާލަމުގައި ފިޔަ ޖަޔާލުމުގެ ނަސީބު ލިބުނީސް ހެއްޔެވެ؟

ޤައިލާ ބަލަމުން ދިޔައީ ތަންކޮޅެއް ދުރުގައި ހުރި އަސަލް އަށެވެ. ހުވަފެނީ ބެލުމެކެވެ. މައިހާގެ ދެލޮލަށް ފެންނަ މަންޒަރު ފުސްވި ހިނދުގައި، ލޮލުގެ ހިމަކޮޅުން ލާފައި ފޭދުނު ކަރުނަ އަވަސްއަވަހަށް ފޮހެލެވުނެވެ. ޤައިލާގެ ސަމާލުކަން އޭނައަށް ހުއްޓިފައިނެތްކަން އެއީ އޭނަގެ ނަސީބެވެ.

''ނޫން!، އައި ކާންޓް ކްރައި އިންފްރޮންޓް އޮފް އެލީ...'' އަމިއްލަ ނަފުސަށް މައިހާ ހިތްވަރުދިނެވެ. ރޯލައިގެން ނޫނީ ލުޔެއް ނުލިބޭނެޔޭ އޭނަގެ ޒަމީރު މައިހާއަށް އަންގާލަދިނެވެ. ބައެއް ފަހަރު ކަރުނައަކީ ގާތް މިތުރަކަށް ވެދެއެވެ. އުދާސްތައް ލުއިކޮށްދެއެވެ. ތަސައްލީއެއް ގެނެސްދެއެވެ.

އަސަލްއަށް ބެލުން މައިހާއަށް ފަސޭހައެއް ނުވިއެވެ. އެހައްޤު ލިބިގެން ނުވާހެން ހީވުމުންނެވެ.

''އަޒް ނުބުނޭތަ އެއްވެސް ވާހަކައެއް؟، މިބުނީ އަހަންނާއި ރައްޓެހިވާން އުޅޭކަމުގެ އިޝާރާތެއް ނުދޭތަ؟...'' ޤައިލާގެ ސުވާލުތަކަށް ނިމުމެއް ނުވާކަހަލައެވެ. މައިހާ ހީކުރީ އެއީ ލިބިފައިވި އުފާވެރިކަމުގެ ސަބަބުން އައ ބަދަލެއް ކަމަށެވެ. އަސަލް އޭނައާއި ރައްޓެހިވާން އެހިނަމަ ޚުދު އޭނަގެ ދެފައި ވެސް ބިމުގައި ހަރުނުލާނެއެވެ. އުފަލުން ގޮސް ހުންނާނީ ފޮޅިފައެވެ.

''އުހޫނ، ނުބުނޭ...'' ހިކިފައިވި އަރުތެރޭން ލަފުޒުތައް ނިކުތީ އުނދަގުލުންނެވެ. ވާހަކަދެއްކުން މައިހާއަށް ފަސޭހައެއް ނުވިއެވެ. އޭނަގެ ޒަމީރު ވިސްނައިދިނީ މީހުންގެ ލޯތަކުން ދުރަށް ދިއުމަށެވެ. ހިތާމަތައް ބޮއްސުން ލުމުގެ ކުރިން ހިމޭން މާހައުލެއް ހޯދުމަށެވެ. އެކަނިވެރިކަމާއެކުގައި ރޯލުމަށެވެ.

އަސަލް އޭނަގެ ގާތުގައި ޤައިލާއާއި ރައްޓެހިވާން ބޭނުންވާކަން ހާމަނުކުރުން އެއީ ލެއްވި ރަހުމަތެއް ކަމުގައި މައިހާ ދެކުނެވެ. އެހެން ނޫންނަމަ އަސަލްގެ ކުރިމަތީގައި ތަމްސީލެއް ކުޅެން އޭނައަށް ފަސޭހައެއް ނުވީހެވެ. އެތިކޮޅުތަކަށް ބުރައިގެން ގޮސްފައިވި ހިތުގެ ހާލު އަސަލްއަށް ފެނުނީހެވެ.

''މޭއިއަށް ޝުކުރު އަދާކުރަން ނޭނގިފަ މިހުންނަނީ، މޭއިގެ ސަބަބުން އަހަންނާއި އަޒް ކްލޯޒްވެވުނީ... އަހަންނާއި އެކުވެރިކަން ބަދަހިކުރީތީ ޝުކުރިއްޔާ، މުޅިން އައު ރަށަކަށް އަންނަން ޖެހުމުން އަހަރެން ހުރީ ހާސްވެފައި، އެކަމަކު މޭއިއާ ބައްދަލުވި ހިސާބުން އަހަންނަށް ލުޔެއް ލިބުނު، މޭއި ތީ ހަމަ އެންމެ ބެސްޓް...'' މައިހާގެ ގައިގައި ޤައިލާ ބައްދާލިއެވެ. ފުރަތަމަ މައިހާއަށް ހުރެވުނީ ގެންނާނެ ހަރަކާތެއް ނޭނގިފައެވެ.

''އޯކޭ، އަހަރެން މިދަނީ އަޒް ކައިރިއަށް، ފަހުން މިރޭ ޑޭޓަކަށް ދާންޖެހޭ...'' މައިހާއާއި ދުރަށް ޖެހިލަމުން ޤައިލާ ބުންޏެވެ. މައިހާ ހިނިތުންވެލިއެވެ. ޤައިލާ ވެސް ރައްދުގައި ހީނލަމުން ހިނގައިގަތީ އަސަލްގެ ގާތެވެ. މައިހާ ދިނީ ފުރަގަހެވެ. އޭނަގެ ކެތްތެރިކަން ކޮޅުންލީއެވެ. ވަށައިގެންވި މާހައުލު މައިހާއަށް ހޯދާލެވުނެވެ. ފާޚާނާ ލޮލުގައި އަޅައިގަތުމާއެކުގައި މައިހާ ހިނގައިގަތެވެ. ދެފަޔަށް ލެވުނުހާ ބަރެއް ލަމުންނެވެ.

ފަހަތުން ނަވްރާ ގޮވާލި އަޑު މައިހާއަށް އިވުނެއްކަމަކު އޭނަ މަޑެއް ނުކުރިއެވެ. އޭރު މައިހާގެ ތުންފަތުގައި ތުރުތުރުލުމެއް އުފެދިއްޖެއެވެ ގިސްލުތައް ދުލާ ހަމައަށް އަންނަން ކައިރިވީއެވެ. މައިހާއަށް އޭނަގެ ތުންފަތް މަތީގައި އަތްއަޅާލެވުނެވެ. ފުރަތަމަ ކަރުނަތިކި އެސްފިޔަތަކަށް ބަރުކޮށްލީ ދެނެވެ. ފާޚާނާގެ ދޮރު ހުޅުވާލަފައި މައިހާ އެތެރެއަށް ވަނެވެ. ފާޚާނާ އޮތީ ފަޅުކޮށެވެ. އެކަމާ މައިހާއަށް ޝުކުރުވެރިވެވުނެވެ.

ބަރިބަރިއަށް ހުރި ފާޚާނާ ބައިތަކުގެ ތެރެއިން މައިހާ ހިނގައިގަތީ ދޮރާއި ވީހާވެސް ދުރުގައި ހުރި ބަޔެކެވެ. އެތެރެއަށް ވަދެ ތަންޑުއަޅުވާލަމުން މަތި ޖަހާފައި ހުރި ފާޚަނާ ތަށީގެ މަތީގައި އިށީނދެވުނެވެ. ބަޑިފަޅައިގެން ދިޔައީދެނެވެ. މައިހާއަށް އޭނަގެ މޫނުގައި އަތްއަޅާލެވުނެވެ. ހިމަހޯލި އިނގިތަކުގެ ތެރޭން ކަރުނަތައް ފޭދިގަތެވެ. ނާކާމިޔާބުވި ލޯބީގެ ހިތިކަމެވެ.

''އަޒް ލޯބިވަނީ އެލީ ދެކެ...'' ގިސްލުމުގެ ތެރެއިން މައިހާއަށް ބުނެވުނެވެ. އެތިކޮޅުތަކަށް ބުރައިގެން ގޮސްފައިވި ހިތުގެ އާހްތައް ދުލުން ބޭރުވާން އުޅުމުން މައިހާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ހިތާމައިގެ އަޑު އިތުރު ކަންފަތަކާހަމައަށް ފޯރާކަށް މައިހާ ބޭނުމެއް ނުވިއެވެ.

ހަޤީޤަތާ ކުރިމަތިލުން މައިހާއަށް ފަސޭހައެއް ނުވިއެވެ. ލަގޮނޑިއަށް އަރާފައިވި ލޮޅުމާއެކުގައި މައިހާއަށް މޭގައި ފިރުމާލެވުނެވެ. މޭކަށިގަނޑުގެ ދެމެދަށް ވާންކަމެއް އަރާފައި ހުއްޓެވެ. ނޭވާލިޔަސް ހަމަޖެހުމެއް ނުލިބުނެވެ. ނޭވާތައް ވަނީ ކުރުވެފައެވެ.

''އަހަންނަށް އަޒްގެ ލޯބި ލިބޭކަށް ނެތް، އެކަމަކު ކީއްވެތަ އެކަން އަހަންނަށް ޤަބޫލުނުކެރިވެގެން މިއުޅެނީ؟... އެލީއަކީ އަހަރެންގެ ރަހުމަތްތެރިއެއް... އެކަމަކު އެލީގެ އުފަލުގައި އަހަންނަށް ބައިވެރިނުވެވުނު، އަހަންނަކީ ނުބައި މީހެއްތަ؟... ރަނގަޅު އެކުވެރިއަކަށް އަހަންނަށް ވެވޭނެތަ؟.... އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ނުކުރެވެނެތަ؟... އެލީއަށްޓަކައި އުފާވާން އަހަރެން ބޭނުން، އެލީއާއި ރައްޓެހިވާން އަޒް އެހީ ލޯބިވާތީ... އަހަރެން ޖެހޭނީ އަޒްގެ އެނިންމުމާ ޤަބޫލުވާން... އަޒްގެ ހަޔާތުން ކުޑަމީސް ޖާގައެއް ބެނުންވާނަމަ އަހަރެން ޖެހޭނީ އަހަރެންގެ ހިތުގައި ވިމާ އިހުސާސްތައް ސިއްރުކުރަން، އެހެންނޫނީ އަޒްގެ ހަޔާތުން އަހަރެން ބާކީވެދާނެ...'' މައިހާގެ މޫނު ވަނީ މިލައިފައެވެ. ރުއިމުގެ ސަބަބުން ކޯތަފަތާއި ނޭފަތަށް ވެރިވެފައިވަނީ ރަތްކަމެވެ. ލޮލުގެ ކައިރި ފަށަލަ ވެސް ވަނީ ކުޑަކޮށް ދުޅަވެފައެވެ.

''އަޒްއަށް އެލީ ތަޢާރަފްކޮށްނުދެވުނުނަމަ އަހަންނަށް ފުރުސަތެއް ލިބުނީސްތަ؟...'' މައިހާގެ ކަންފަތުގައި ގުގުމާލީ ޤައިލާ އޭނައަށް ރައްދުކުރި ޝުކުރުގެ ބަސްތަކެވެ. އެއާއެކު މައިހާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ޝައިތާނީ ވަސްވާސްތަކުގައި ހައްޔަރުވެވޭކަށް ނެތެވެ. އެހެންނޫންނަމަ ގޯހެއް ހެދިދާނެއެވެ.

''ނޫން!، އެހެން ވިސްނައިގެން ނުވާނެ... އެލީ ނުފެނުނު ނަމަވެސް އަހަންނަށް އަޒް ނުލިބުނީސް، އެންމެ ފަހަރަކު ވެސް ހާއްސަ ނަޒަރަކުން އަހަންނާ ދިމާއަށް އަޒް ނުބަލާ... އަހަންނަށް އުޅެވުނީ ހުވަފެނެއްގެ ތެރޭގައި... މީ އެހުވަފެން ހޭލަންވީ ވަގުތު... އަހަރެން ޖެހޭނީ މިހިތްދަތިކަމާއި ކުރިމަތިލާން، އެކުވެރިންގެ އުފަލުގައި އަހަރެން ބައިވެރިވާނަން... މިދުވަސްތައް ހިނގައިދާނެ... އަހަރެން ކެތްތެރިވާނަން... ކެތްކުރާނަން...''

އުދާސްތަކުގެ ތެރޭގައި ހަނާވަމުން ދަނިކޮށް ފާޚާނާގެ ދޮރުގައި ޓަކިދިން އަޑު މައިހާއަށް އިވުނެވެ. އެއަށްފަހު އޭނައަށް ގޮވާލީ ނަވްރާގެ އަޑު ވެސް މެއެވެ. މައިހާއަށް އޭނަގެ މޫނުގައި އަތްއަޅާލެވުނީއެވެ. އެވަގުތު އޭނަ ހުރީ މީހެއްގެ ހަމްދަރުދީއާއި އެހީތެރިކަމަށް ކެތްމަދުވެފައެވެ.

''މޭއި... ދޮރުހުޅުވަބަލަ...'' ނަވްރާ އަނެއްކާ ވެސް ގޮވާލިއެވެ. މައިހާއަށް ލޯހުޅުވާލެވުނެވެ. އޭނައަށް ހުރެވުނީ އާޓް އެގްޒިބިޝަންގެ ފާޚާނާގެ ބަދަލުގައި އޭނަގެ ކޮޓަރީގައެވެ. އަތުގައި އޮތް ސްކެޗްބުކްގެ ގަނޑުތައް ވަނީ ކަރުނުން ތެމި ފޯވެފައެވެ. މާޒީގެ ތެރެއިން މައިހާއަށް ނިކުމެވުނީ ދެނެވެ. މަންޒަރުތައް ބަދަލުވިޔަސް ހިތުގައި އަޅަމުންދާ ވޭނަށް ކުޑަމީސް ބަދަލެއް ނައެވެ. އޭނަ ހާދަ މޮޔައެވެ. އޭރު އޭނައަށް ހީކުރެވުނީ ކެކުޅުންތައް ބަރުދާސްތުކުރެވިދާނެ ކަމަށެވެ. ނަމަވެސް އަހަރުތަކަކަށް ދެމިގެން ދިޔަ ވޭނީ ސިލްސިލާއަށް ކުޑަމީސް ބަދަލެއް ނައެވެ. ވަގުތާއި ހާލަތު ވެސް ބަދަލެއް ނުވިއެވެ. ވިރާނާކަން ވެރިވެފައިވީ ހަމައެކަނި އޭނަގެ ހަޔާތަށެވެ.

''މޭއި...'' ނަވްރާގެ އަޑުގައިވި ކަންބޮޑުވުންތައް މައިހާއަށް ދޭހަކުރެވުނެވެ. އަތުގައި އޮތް ސްކެޗްބުކް މައިހާ ލައްޕާލިއެވެ. ދެފަޔަށް ބާރުލަމުން ކޮޅަށް ތެދުވުނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލަމުން، ނަވްރާއަށް ނުބަލަންވެގެން މައިހާ އިސްޖަހާލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން މައިހާ އިށީނީ އެނދުގަ އެވެ. ސްކެޗްބުކް އުނގުގައި ބާއްވާމުންނެވެ. ބޭއިހްތިޔާރުގައި ބޭރުގަނޑުގައި މައިހާއަށް ފިރުމާލެވުނެވެ. މާޔޫސްކަން މައިހާގެ ދެލޮލުން ރަމްޒުކޮށްދިނެވެ. ކޮނޑު އެލި މުޅި މީހާ ބަލަކަށި ވެފައެވެ.

ދުރުގައި ބަލަން ހުރި ނަވްރާއަށް މައިހާގެ ހިތްދަތިކަމާއި ހިމޭންކަން ބަލަން ފަސޭހައެއް ނުވިއެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން ނަވްރާ އައިސް މައިހާގެ މަގަތުން އިށީނެވެ. އޭނަގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިއެވެ. އޭނައަށް މައިހާ ފެނުނު ހާލަތެވެ. އޭރާއި މިހާރާ އެއްވެސް ތަފާތެއް ނެތެވެ. އެދުވަހު މައިހާ ރޮމުން ދިޔައީ ބީވެގެން ދިޔަ ލޯތްބަށެވެ. ގެއްލުނު ފުރުސަތުތަކާމެދުގައެވެ. މިއަދު ވެސް އެކަރުނަތަކާއި އުދާސްތައް ގުޅިފައިވަނީ އަސަލްއާއެވެ. މައިހާ ނުބުންޏަސް މައިހާގެ ހަމަޖެހުންވަނީ އަސަލްއާއި އެކުގައިކަން ނަވްރާ ދަނެއެވެ. އަސަލް އުފަލުގައި ހުންނަނަމަ މައިހާ ވެސް ހުންނާނީ އުފަލުގައެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން މައިހާއަށް ވިސްނައިދޭން ނަވްރާ މަސައްކަތްކޮށްފިއެވެ. މާޒީ ހަނދާންނައްތާލައި އައު ފެށުމަކުން ފެށުމަށް ވެސް ނަސޭހަތް ދީފިއެވެ. އެހެނަސް މައިހާ ހުރީ މާޒީގައި ހިފަހައްޓައިގެންނެވެ. މާޒީގެ ހިޔަނި މުސްތަޤުބަލަށް އެޅި ވީރާނާވަމުންދާ ހިނދުގައި ވެސް މެއެވެ.

''މޭއި...'' މައިހާގެ ބުރަކަށީގައި ނަވްރާ ފިރުމާލިއެވެ. މައިހާ އިނީ އިސްޖަހާލައިގެންނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އުނގުތެރޭ އޮތް ސްކެޗްބުކްއަށެވެ. ނަވްރާއަށް ވެސް އޭގައި ހުރި ކުރަހުންތައް މައިހާ ދައްކާފައި ނުވެއެވެ.

''ދޮންތިއަށް އެނގޭތަ؟... މާލެ ގޮސް އުޅެނިކޮށް އަޒް އެދުނު އެކުވެރިކަން ކުރިއަށް ގެންދަން... ފާއިތުވި މަސްތަކުގައި އަހަރުމެން ދެމެދަށް ވެރިވި ދުރުކަމަށް މަޢާފަށް އެދުނު... ހަމަ އެދުވަހު އަޒް އަހަންނާ ހިއްސާކުރި އެލީއާއި ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭ ވާހަކަ، އަޒް ހުރީ ދެރަވެފައި، އަހަރެން ހީކުރީ އަޒް އުޅުނީ އުފަލުގައިކަމަށް، އެދުވަހު އަޒްގެ ދެލޮލުން ފެނުނު މާޔޫސްކަމުން އަހަރެން ދެރަވި، އަޒްގެ އުފާތައް އެލީއާއި ގުޅިފައިވާތީ ކައިވެނީގައި ޖެހިގެން އުޅޭ މައްސަލަތައް ހައްލުކޮށްދެއްވުމަށް އެދި އަހަރެން ދުޢާކުރީން....... ދޮންތި... ކީއްވެ މިހެންމިވީ؟...'' ކޮޓަރީގެ ހިމޭންކަމަށް ނިމުމެއް ގެނުވީ މައިހާގެ އަޑުންނެވެ. މޮޅިވެރިކަމާއެކުގައި އޭނަ ވާހަކަދެއްކިއެވެ. އިސްއުފުލުމެއް ނެތިއެވެ. މަޑުމަޑުން ސްކެޗްބުކްގެ ބޭރުގަނޑުގައި ފިރުމާލަމުންނެވެ.

މައިހާގެ ސުވާލަށް ދޭނެ ޖަވާބެއް ނަވްރާގެ ސިކުނޑިއަށް ނައުމުން، އޭނަ ބެލީ މައިހާގެ ހިތާމަތަކަށް ލުޔެއް ގެނެސްދެވޭތޯ އެވެ.

''ދޮންތިއަށް މޭއިގެ ސުވާލަށް ޖަވާބެއް ނުދެވޭ، ޢައިބުގައި ލިޔެވިފައިވާކަންތައް އަހަރުމެން އިންސާނުންނަކަށް ނޭނގޭނެ... މިކަމުގައި ކޮންމެވެސް ހިކުމަތެއް ފޮރުވިފައިވާނެ، އަޒްގެ ކައިވެނި ސަލާމަތް ނުކުރެވުނީ ޤައިލާގެ ބޭވަފާތެރިކަން ހާމަވާން އޮތުމުން... ޤައިލާއަކީ އަހަރުމެން ހީކުރި ކަހަލަ މީހަކަށް ނުވި... ދެން އޭނައާއި އޮތް އެކުވެރިކަން ކުރިއަށް ގެންދާކަށް ދޮންތިއަކަށް ނުފެނޭ...'' ނަވްރާ ބުންޏެވެ.

މައިހާއަށް ގިސްލެވުނެވެ. އޭނަގެ ހަނދާނަށް އައީ ޤައިލާ އޭނައާއި މެދު ކަންތައް ކުރި ގޮތެވެ. އޭނައަށް އަމާޒުކުރި ބަދު ބަސްތަކެވެ. ފެނުނު ރުޅިވެރިކަމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މައިހާ ކިޔައިދޭން ފެށިއެވެ. ސިކުނޑިއަށް ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އޭނަގެ ހިތުގައި ޤައިލާއާއި މެދު ވަނީ މުޅިންހެން ޝަކުވާތަކެވެ. އެޝަކުވާތަކަށް ނިމުމެއް ނެތެވެ.

މައިހާގެ ވާހަކަތައް އަޑުއަހަން އިން ނަވްރާގެ މޫނުން ފާޅުވީ ރުޅިވެރިކަމެވެ. މައިހާއާއި މެދު ޤައިލާ އަމަލުތައް ބެހެއްޓި ގޮތުންނެވެ. ޤައިލާ ދެކެ އާދެވުނީ އަމަށަކު ރުޅިއެއް ނޫނެވެ.

''ކީއްކުރަން އެކަހަލަ ތަނަކަށް މޭއި ގޮވައިގެން އޭނަ ދިޔައީ؟، ބްލައިންޑް ޑޭޓެއް ހޯދުމަކުން މައްސަލައެއް ނެތް... އެކަމަކު އަންގާލުމެއް ނެތި ހާއްސަކޮށް އެފަދަ މާހައުލެއްގައި މޭއިއަށް އެޒުވާނާ ތަޢާރަފްކޮށްދިނީ ކީއްކުރަން؟... މޭއިއަށް އުނދަގޫވެފައި ހުރިއިރުގައި ވެސް ހުއްޓުވަން ނޫޅުނީ ކީއްވެގެންތަ؟... ރުޅިއައުން ޖާއިޒީ މޭއި، ޤައިލާއެއް ނޫން!، އޭނައަށް އެގޮތަށް މޭއިއާއި ދިމާއަށް އެއްޗެހި ކިއުމުގެ ހައްޤެއް ލިބިގެން ނުވޭ... މޭއިގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވަން އެއީ ކާކުތަ؟، ހެޔޮއެދޭ އެކުވެރިންގެ ގޮތެއް ނޫން އެއީ... އެކުވެރިންނަކީ ދިރިއުޅުމުގައި ދިމާވަ އުނދަގޫ ހާލަތްތަކުގައި އެކަކުއަނެކަކަށް އެހީފޯރުކޮށްދޭން ތިބޭ މީހުން... އަހަންނަށް މިހާރު ތިޤައިލާގެ އުޅުން ސާފުވެއްޖެ... އޭނަގެ ސަބަބުން އަޒް އަހަރުމެން އެންމެންނާ ދުރުވީ... ޖާއްތަމެންނާ ވެސް ދުރުވީ... ހުސްނާއްތަ އެދައްކަނީ ދޮގު ވާހަކަތަކެއް ނޫނޭ!... އެންމެ ރަނގަޅުވާނީ އޭނަގެ މަތިން ހަނދާން ނައްތާލިއްޔާ، އެއީ ރަނގަޅު އެކުވެރިޔެއް ނޫން، ދޮންތި ބުނާނީ އަޒްއާއި މޭއިގެ ގުޅުން ހީނަރުވީވެސް އޭނަގެ ސަބަބުންނޭ...'' ނަވްރާއަށް ބުނެވުނެވެ.

މައިހާ އިނީ ހިމޭނުންނެވެ. ނަވްރާގެ ވާހަކަތަކާއި މެދުގައި އޭނައަށް ވިސްނާލެވުނީއެވެ. ހަޤީޤަތް އެކުލެވިގެންވާތީއެވެ. ޤައިލާގެ ދުރުކަމާއި ބީރައްޓެހިކަމަށް ފާއިތުވި ދުވަސްތަކުގައި ގިނަގުނަ ބަހަނާތަކެއް އޭނަ ހޯދިއެވެ. މާލެއިން ދިމާވުމުން އޭނަ ހީކުރީ ކުރީގެ އެކުވެރިޔާ އަނބުރާ ލިބުނީ ކަމަށެވެ. ނަމަވެސް އޭނަ ގޮވައިގެން ޤައިލާ ބޭރަށް ދިޔަ ރޭ، ޤައިލާގެ އަމަލުތަކުން މައިހާ ދެރަވިއެވެ. ހިތުގައި ޖެހުނެވެ. އޭނައަށް އަމާޒުވި ރުޅިއާއި ނަފުރަތު ދޭހަކުރަން ދަތިވިއެވެ. އޭރު ވެސް ބުރަކަމެއް ޤައިލާއާއި މެދުގައި އޭނަ ނުބާއްވައެވެ. މަޢާފުކުރަން ވެސް ހުރީ ތައްޔާރަށެވެ. އެހެނަސް... އެހެނަސް އަސަލްއާއި މެދު ޤައިލާ ކަންތައް ކުރި ގޮތަށް ފަހުގައި މައިހާގެ ހިތް ބަދަލުވެއްޖެއެވެ.

''ޤައިލާގެ ރުޅިވެރިކަން ފެނި އަހަންނަށް އަޒްއާއި ކުރިމަތިލާން ފަސޭހައެއްނުވި، ފުރަން އޮތް ދުވަހު ވެސް އަޒް ސުވާލުކުރި، އަހަންނަށް ޖަވާބެއް ނުދެވުނު... ރަށަށް އާދެވުމުން ވެސް އަޒްގެ ހާލު އަހަރެން ނުބަލަން، ނޫން!، ބަލަން ބޭނުންވި... ނުކެރުނީ... ދޮންތީ، އަހަރެން މީ ރަނގަޅު އެކުވެރިޔެއްތަ؟... އެފަދަ ބޮޑުކަމެއް ދިމާވުމުން މީހަކާއި ހިއްސާކޮށްލަން އަޒް ބޭނުންވާނެ... އެންމެ ފަހަރަކު ވިޔަސް އަޒްއަށް ގުޅާލެވުނުނަމަ...'' މައިހާއަށް ރޮވުނީ އެވެ.

''މޭއި، ޑޯންޓް ބްލޭމް ޔޯރ ސެލްފް، ތީ ރަނގަޅު އެކުވެރިޔެއް... މިކަމުގައި ގޯހީ ޤައިލާ، އޭނަ އެއީ ރަނގަޅު މީހެއް ނޫން...'' ނަވްރާ ބުންޏެވެ. ''ދޮންތިއަށް އެނގޭ މިހާރު ވެސް މޭއި ތިހިރީ އަޒްގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭން އަޒުމުކަނޑައަޅައިގެންކަން، ދޮންތި އެދޭނީ ހަމަ އެންމެ ކަމަކަށް، އަމިއްލަ ހާލަތާއި މެދު ފަރުވާކުޑަކޮށްނުލައްޗޭ...''

އަސަލް ރަށަށް އައުމާއެކުގައި މައިހާގެ ހުރިހާ ވަގުތެއް އަސަލްއަށް ހުސްކުރަން މައިހާ ތައްޔާރަށް ހުރިކަން ނަވްރާ ދެނެގަތީ މައިހާގެ މޫނުގައިވި ޝުއޫރުތަކުންނެވެ. އަސަލްއަށްޓަކައި މައިހާގެ ހަމަޖެހުމާއި އުފާވެރިކަން ވެސް ޤުރުބާންކުރަން ތައްޔާރަށް ހުރި ކަހަލައެވެ. ނަވްރާ ދެރަވެ ކަންބޮޑުވީ އެކަމާއެވެ. އަސަލްގެ އުދާސްތަކަށް މައިހާ ނިމުމެއް ގެނެސްދީފާނެއެވެ. އެހެނަސް، މައިހާގެ ކަރަނުތައް ފޮހެލަދޭނީ ކާކު ހެއްޔެވެ؟

''އަހަރެންގެ އިހުސާސްތައް އެއްފަރާތްކުރާނަން، ދޮންތީ... އަހަރެންގެ ނަސީބުގައި އަޒްގެ ލޯބި ލިޔެވިފައެއް ނުވޭ، އަހަރެން ޖެހޭނީ އެކަމާ ކުރިމަތިލާން... އަހަރެން... އަހަރެން ކެތްކުރާނަން... މާޒީ ހަނދާން ނައްތާލަން މަސައްކަތްކުރާނަން... މިއެކަނިވެރިކަމަށް ނިމުމެއް ގެނެވޭނީ އޭރުން... ދޮންތީ... އަހަންނާ މެދު ކަންބޮޑުނުވޭ... މީ އަހަރެންގެ ވަޢުދެއް...'' އެތެރެއަށް ނޭފަތް ދަމާލަމުން މައިހާ ބުންޏެވެ. އޭނަ އިސްއުފުލާލީދެނެވެ.

''ތެންކިއު ފޯ ބިއިންގް ދެއާ ފޯ މީ...'' މައިހާ ފަނޑު ހިނިތުންވުމެއް ދިނެވެ.

މައިހާގެ ގައިގައި ނަވްރާ ބައްދާލިއެވެ. މައިހާގެ އަޑުގައިވި ސާބިތުކަމުން ނަވްރާއަށް ހަމަޖެހުން ގެނެސްދިނެވެ. ކަންބޮޑުވުންތައް އެކީ ފިލާ ނުދިޔަކަމުގައިވިޔަސް އުއްމީދެއް ލިބުނެވެ.

''އަލަތު ލޯތްބަކީ ހަނދާނުން ފޮހެލަން އުނދަގޫ އިހުސާސެއް... އެކަމަކު އެއްއަށްވުރެން ފުރިހަމަ ލޯތްބެއް މޭއިގެ ނަސީބުގައި ލިޔެވިފައިވާނެ... މޭއިގެ ވަގުތު އަޒްއަށް ހުސްކުރިޔަސް އަމިއްލަ ނަފުސާ މެދު ފަރުވާކުޑަކޮށްގެން ނުވާނެ، ދޮންތި ދޭނެ ނަސޭހަތަކީއެއީ، އެހެން ގޮތަކަށް ބުންޏަސް މޭއި އަޑެއްނާހާނެ ވިއްޔާ...'' މައިހާގެ ބޮލުގައި ފިރުމަމުން ނަވްރާ ބުންޏެވެ. އޭނަގެ ޖުމްލަ ނިންމާލީ ލުއި ސަމާސާއަކުންނެވެ.

''އައި ޕްރޮމިސް...'' މައިހާ ބުންޏެވެ.

''ދޭ މޫނުދޮވެލައިގެން އަންނަން، ލަސްވަންޏާ މާމަމެން ސުވާލުކުރަން ފަށާފާނެ...'' ނަވްރާ ބުނެލިއެވެ. މައިހާ ބޯޖަހާލަމުން ތެދުވިއެވެ. ސްކެޗްބުކް ގެންގޮސް ކަރުދާސް ފޮށިގަނޑަށް ލަމުން، އެފޮށިގަނޑު ކުރިން ހުރި ތަނުގައި ބެހެއްޓި އެވެ.

ފާޚާނާއަށް މައިހާ ވަންނަންދެން މައިހާއަށް ބަލަހައްޓައިގެން ނަވްރާ އިނެވެ. އޭނަގެ ހިނިތުންވުން ފަނޑުވެލީ މައިހާ އޭނަގެ ލޯމަތިން ގެއްލުމުންނެވެ.

''ދޮންތިގެ ދުޢާއަކީ މޭއިއަށް އުފާވެރި ހަޔާތެއް ލިބުން، އަޒް ނޫނަސް ރަނގަޅު ޒުވާނަކު މޭއިއަށް ލިބޭނެ...'' ނަވްރާ ބުންޏެވެ.

(ނުނިމޭ)