ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި އެފަދަ ވޯޓެއް ނެގުމާ ގުޅޭ ކަންކަން ހިމަނައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ސަރުކާރު ހިންގާ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.

މި ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފްއެވެ. ތާއީދު ކުރެއްވީ، ފުވައްކުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިންއެވެ.

މި ބިލުގައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ:

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
  • ގައުމީ މުހިންމު މައްސަލަތަކުގައި ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް
  • ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރާ ނަމަ
  • ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެންނަނަމަ
  • ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެންނަ ނަމަ
  • ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނަ ނަމަ
  • ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ
  • ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް

އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެއެވެ.

އޭގެ އިތުރުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރުގައި އެއް މައްސަލައަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނަގަން ކަނޑައެޅިދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި އެމައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެއެވެ.

އެ ގަރާރުގައިވާ ގޮތުގެ މަތީން ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަން (އީސީ) އިންނެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެއެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ނެގުން ބާއްވަން ޖެހެއެވެ.

އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.

މި ބިިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:

އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރު، އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެ، ނަމަވެސް ގަރާރު އަނބުރާ ގެންދެވޭނީ ވޯޓު ނަގާނެ ތާރީހެއް އީސީން އިއުލާނު ކުރުމުގެ ކުރިންނެވެ.

އެ ގަރާރުގައި ވޯޓު ނުނަގަން ނިންމި ސަބަބު ބަޔާންކުރަން ޖެހޭނެއެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ނިމޭނެ ގޮތަކަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ. އެކަމަށް އެ މަނިކުފާނު ހުށަހަޅުއްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވުމަށް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.