ޤައިލާގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި މައިހާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ކުއްލިޔަކަށް ޤައިލާގެ ފަރާތުން އެސުވާލު ކުރިމަތިވީ ކީއްވެގެން ހެއްޔެވެ؟ ޤައިލާއަށް ކަމެއް ފާހަގަ ކުރެވުނީ ހެއްޔެވެ؟ ހުޝިޔާރުކަމާއެކުގައި ވަންހަނާކުރަމުން އައި ހިތުގެ ހާލަތު ބޭޒާރުވާން އުޅެނީ ހެއްޔެވެ؟
ސިކުނޑި ހަލަބޮލިކޮށްލި ސުވާލުތަކުން މައިހާއަށް ލިބުނީ ނުތަނަވަސްކަމެވެ. ޤައިލާގެ ނަޒަރު މައިހާގެ މޫނާއި ވަކިނުވިއެވެ. އެއާއެކު މައިހާ ގަދަކަމުން ހިނިތުންވެލިއެވެ. އޭނަގެ ޖަވާބެއްގެ އިންތިޒާރުގައި ޤައިލާ ހުރިކަން މައިހާ ދެނެގަތީ ޤައިލާގެ މޫނުން ފެނުނު ޝައުޤުވެރިކަމުންނެވެ.
''އާރ ޔޫ؟...'' ޤައިލާ ތަކުރާރުކޮށްލިއެވެ.
މައިހާ ނިކަން އަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއެވެ. ލިބުނު ހިތްނުތަނަވަސްކަމުގައި އަތްފައިން ފިނި ދަލެއް ހިއްލާލިއެވެ. ހަވީރުގެ ފިނިކަމުގެ ތެރެއިން ވެސް އިހުސާސްކުރެވުނީ ހޫނުކަމެވެ.
''އޯހ!، އަހަރެން ހީކުރީ ދެމީހުން އެކުގަ އުޅޭތީ ރައްޓެހިވެގެންކަމަށް އުޅެނީ...'' ޤައިލާ ބުންޏެވެ. ''ސޮރީ އިނގޭ ޕާސަނަލް ސުވާލެއްކޮށްލެވުނީމަ...''
''ނޫނޭ، އެހުމަކުން ގޯހެއް ނެތޭ... ވީއާ ޖަސްޓް ފްރެންޑްސް...'' ޤައިލާގެ ޖުމްލަ އަޑުއިވުމާއެކު މައިހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހާސްވެވުނީ ބޭކާރުގޮތުގައެވެ. ޤައިލާއަކީ ރަށަށް އައިސް ހުރި ބީރައްޓެއްސެކެވެ. އެކުގައި އުޅޭ މީހުންނަށް އޭނައާއި އަސަލްގެ އެކުވެރިކަން ފެނިފައިވިޔަސް އެއީ ޤައިލާއަށް މުޅިން އައު މަންޒަރެކެވެ. ސުވާލު އުފެދުމަކުން މައްސަލައެއް ނެތެވެ. އޭނަގެ ޚިޔާލުތަކުގެ މިސްރާބާއި މެދުގައި މައިހާއަށް މޮޔަ ހީވިއެވެ.
ސްޓޭޑިއަމާއި ކައިރިއަށް އާދެވިފައިވުމުން މައިހާ އަތުން އިޝާރާތްކޮށްލީ ސްޓޭޑިއަމްގެ މައި ގޭޓާއި ދިމާއަށެވެ. ވާހަކަ ދިގުކުރުމަކާ ނުލާ މައިހާގެ ފަހަތުން ޤައިލާ ހިނގައިގެންފިއެވެ.
ސަޕޯޓަރުން އިށީނުމަށް ހަމަޖެހިފައި ހުރި ސަފުތަކުގެ ތެރެއިން މައިހާ އިށީނީ އެންމެ ކުރީ ސަފުގައެވެ. ތަންކޮޅެއް އަވަހަށް މައިހާ އައީ އެހެންވެގެންނެވެ. މީހުން މަދުވުމުން ފަސޭހައިން ޖާގައެއް ލިބޭނެތީއެވެ.
ކުރީ ސަފުގައި އިށީންނަމުން ވާމްއަޕް ޖައްސަމުން ދިޔަ އަސަލްއަށް މައިހާ އަތުން ހަނާ އަޅާލިއެވެ. ސްކޫލް ފުޓުބޯޅަ ކްލަބްގެ ޖޯޒީގައި ހުރި އަސަލް ވެސް މައިހާ ފެނުމުން އަތް ހޫރާލާފައި ހިނިތުންވެލިއެވެ.
''އަސަލް ހާދަ ހޭންޑްސަމްއޭ...'' ޤައިލާ ބުނެލިއެވެ. މައިހާއަށް ބަލައިލެވުނީ ޖެހިގެން ހުރި ސީޓުގައި އިށީން ޤައިލާ އަށެވެ.
ޤައިލާގެ ނަޒަރު އަސަލްއަށް ހުއްޓިފައިވުމުން މައިހާއަށް އުނދަގޫވެއްޖެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އޭނަ ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ އަސަލްއަކީ އޭނަގެ ހައްޤެކޭ ހެއްޔެވެ؟ އަސަލްއަށް އޭނަ ނޫން އަންހެންކުއްޖަކު ބަލަން ހިތް ނުރުހޭ ވާހަކަ ހެއްޔެވެ؟ އޭރުން ޤައިލާގެ އިތުރު ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެސުވާލުތަކަށް އޭނަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
''އަސްލުވެސް ހާދަ ރީއްޗޭ... ފިޓް ވެފަ އިސްކޮޅުން ދިގު...'' ޤައިލާ ފޯނު ނަގައި އަސަލްގެ ފޮޓޯތައް ނަގަން ފެށިއެވެ.
މައިހާއަށް އިނދެވުނީ މޭމަތިން ހުރަހަށް ވާނެހެން އަޅާފައި އޮތް އަތްދަބަހުގެ ވާގަނޑާ ކުޅެލަކުޅެލައެވެ. ފައި ތަޅުވާލާލަ ތަޅުވާލައެވެ. ޤައިލާގެ އަތުން ފޯނު އަތުނުލެވުނީ ކިރިޔާއެވެ. ހަސަދަވެރިކަމުގެ ހުޅުކޮޅު ރޯވާން އުޅޭކަމުގެ އިހުސާސް ކުރެވުނެވެ. މައިހާއަށް އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލްކުރަން މަޖުބޫރުވީ ދެނެވެ. ހަސަދަވެރިކަމުން އުފަންވެގެން އަންނަ ހަސީލަތުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެތީއެވެ. ޤައިލާއަށް މިވަގުތު ބޭނުންވާ ފަދަ ރަހުމަތްތެރިއަކަށް ނުވެވިދާނެކަމުގެ ބިރު ހީވާން ފެށުމާއެކުގައި އަމިއްލަ އިހުސާސްތައް ހަމައަކަށް އަޅުވާލެވުނެވެ.
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗު ފެށުނުއިރު ސްޓޭޑިއަމް ފުރާލައިފިއެވެ. ޒަމާނުއްސުރެން ވާދަވެރި ދެ ސްކޫލަށްވުމުން މެޗު ވަރަށް ފޯރިގަދައެވެ. ސްޕޯޓަރުންގެ އަޑުން މާހައުލު އޮތީ ގުގުމާލާފައެވެ. ރަށުގެ ގިނަ ބަޔަކު އެއްވެފައި ތިއްބެވެ.
މައިހާ ވެސް ފޯރީގައި ބައިވެރިވިއެވެ. ކައިރީގައި ހުރި ޤައިލާ ވެސް އަސަލްއަށް ބޯޅަ ލިބޭއިރަށް ތަފާތު ޖޯޝެއް ލިބިގެން ހަޅޭއްލަވައިގަނެއެވެ. އެކަމަށް ސަމާލުކަން ނުދީ، ޤައިލާއާއެކު އަސަލްއަށް ހިތްވަރުދިނުމުގައި މައިހާ ސާބިތުވެ ހުއްޓެވެ.
މެޗު ނިމުނީ މާޔޫސްކުރުވަނިވި ނަތީޖާއަކާއެކުގައެވެ. މެޗު ނިމެން އުޅެނިކޮށް ވާދަވެރި ސްކޫލްގެ ޓީމުން ޖެހި ލަނޑާއެކުގައި ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނީއެވެ. ރެފްރީ ކަށިގަނޑު ފުމެލީ އެދަނޑިވަޅުގައެވެ. ދުރުން ވެސް އަސަލްގެ މޫނުން މައިހާއަށް ފެނުނީ މާޔޫސްކަމެވެ. ފައިނަލަށް ދިއުމަށް އަސަލް ކުރި ހިތްވަރު ފެނި މައިހާގެ ދެލޮލުން މޮޅިވެރިކަން ފާޅުވިއެވެ. އަސަލް ދެރަވެފައި ހުރި މަންޒަރުން ކުރި އަސަރުގައި މައިހާ ހިތުގެ ހިމަ ނާރުތަކާއި ކުޅެލިއެވެ.
ނާކާމިޔާބީގައި ހިތްވަރުގަދަކުރަން ޖެހޭނެކަން އަސަލްއަށް ހަނދުމަކޮށްދޭން މައިހާ ބޭނުންވިއެވެ. މެޗު ނިމި އިދިކޮޅު ޓީމާއި ސަލާން ބަދަލުކޮށް ނިމުމުން މައިހާ މިސްރާބުޖެހީ ދަނޑާއި ދިމާއަށެވެ. އަސަލް އިނީ ވިނަގަނޑު މަތީ އިށީނދެލައިގެންނެވެ. މުލައްދަނޑީގައި އަޅުވާފައި އޮތް ކެޕްޓަން ބޭންޑް އަތަށް ލައިގެން އެއަށް ބަލަހައްޓައިގެންނެވެ.
''އަޒް...'' އަސަލްގެ ގާތަށް ހުއްޓެމުން މައިހާ ގޮވާލިއެވެ. އިސްއުފުލައި އަސަލް ބަލައިލިއެވެ. ދަލާއެކު ތެތްކަން އެކުލެވިގެންވި އަސަލްގެ ފަސްއިސްތަށިގަނޑު އޮތީ ނިއްކުރިމައްޗަށް ފައިބައިފައެވެ. ޖޯޒީ ގަޔަށް ހިފާލާފައެވެ. ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ރީއްޗަށް ހާމަކޮށްދެއެވެ. އެފިރިހެންވަންތަކަމުގެ ތެރެއަށް ގެއްލިގެން ދިއުމުގެ ބަދަލުގައި މައިހާ އިސްކަން ދިނީ އަސަލްގެ ތޫނުފިލި ދެލޮލުގެ ތެރޭގައި ފޮރުވިފައިވި މާޔޫސްކަމަށެވެ.
''ޔޫ ޕްލެއިޑް ގުޑް... ހަމަ އެންމެ މޮޅު ކުޅުންތެރިޔާ، އަޒްގެ ކެޕްޓަންކަމުގެ ދަށުން މިހާހިސާބަށް އާދެވުނީ، މުބާރާތުގެ ތެރެއިން ފުރަތަމަ ފަހަރަށް ބަލިވީ، ފަހުވަގުތު ވަން ލަނޑަކުން ބަލިވީވެސް، ކުޅިވަރަކީ އެކަހަލަ އެއްޗެއް، ނާކާމިޔާބީއަކީ ކުރިއަށް ދިއުމަށް ލިބޭނެ ފުރުސަތެއް، ދެން ފަހަރަކުން ﷲގެ އިރާދަފުޅާއެކުގައި އަޒްމެންނަށް ޗެމްޕިއަންކަން ލިބޭނީ... ސޯ ގެޓް އަޕް... ޑޯންޓް ބީޓް ޔޯ ސެލްފް ޓޫ މަޗް...'' މައިހާ އޭނަގެ އަތްތިލަ އަސަލްއަށް ދިއްކޮށްލިއެވެ.
''މޭއިއާ ނުލާ އުޅޭނީ ކިހިނެއްތަ؟، ތީ އަހަރެންގެ އެންމެ ބޮޑު ފޭން، ނާކާމިޔާބީތަކުގައި ކޮޅަށް ތެދުވާން އެހީވެދޭ ގާތް އެކުވެރިޔާ...'' މައިހާގެ އަތުގައި އަސަލް ހިފީ ލުއި ހިނިތުންވުމަކާއެކުގައެވެ.
މައިހާ ދަތްތައް ފެންނަވަރަށް ހިނިތުންވެލިޔަސް އުފާވެރިކަމެއް ނުވެއެވެ. އަސަލްގެ ޖުމްލައިން އޭނަ ދެރަވީއެވެ. ގާތް އެކުވެރިޔާއޭ ބުނެ އަސަލް މުހާތަބު ކުރާ ކޮންމެ ފަހަރަކު ނާއުއްމީދުގެ އަސަރުތަކުން އޭނަ އުދާސްކޮށްލައެވެ.
''އަޒް ހާދަ މޮޅޭ، ކުރިން ފުޓުބޯޅަ ބަލަން ވަރަށް ފޫހިވޭ، އެކަމަކު އަޒް ކުޅެންޏާ ދެން ބަލާނަން...'' ޚިޔާލުތަކުގެ ތެރެއިން މައިހާ ސިއްސުވާލީ ޤައިލާގެ އަޑުންނެވެ. މައިހާގެ އަތުން އަސަލް ދޫކޮށްލަމުން ޤައިލާއަށް ބަލައިލިއެވެ. މައިހާއަށް އެއްފަރާތަކަށް ޖެހިލެވުނީ ޤައިލާ އޭނަގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމުންނެވެ.
ޤައިލާގެ ތައުރީފަށް އަސަލް ޝުކުރުއަދާކޮށްލިއެވެ. ޤައިލާ ނިކަން ގަޔާވެފައި އަސަލްއާއި ވާހަކަދެއްކިއެވެ. ޤައިލާގެ ވާހަކައާއި ބައިވެރިވަމުން އަސަލް ހިނގައިގަތީ ދުރުގައި ތިބި ޓީމު މެމްބަރުން ގާތަށެވެ.
*****
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މައިހާއާއި ޤައިލާގެ އެކުވެރިކަން ބަދަހިވިއެވެ. މައިހާ މެދުވެރިޔަކަށްވެ އަސަލްއާއި ޤައިލާގެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފަން ވިއެވެ. ސްކޫލްގެ ބްރޭކް ގަޑީގައި ތިން މީހުން ތިބެނީ އެކީގައެވެ. ގިނަ ވަގުތު ހޭދަކުރުވުނު ވަރަކަށް އެކަކުއަނެކަކު ދަސްވަމުން ދިޔައެވެ.
އޭލެވެލްގެ ފަހު އިމްތިހާނު ފެށެން ދެމަހަށް ވެފައިވުމުން މައިހާ އުޅުނީ ޤައިލާއަށް އެހީވުމުގައެވެ. ދުވަސް ކައިރިވެފައި ވަނިކޮށް ސްކޫލް ބަދަލުކުރަން ޖެހުމުން ދަތިތަކެއް ކުރިމަތިވާނެކަން އެނގޭތީއެވެ. އޭނައާއި އަސަލްގެ ސްޓަޑީ ގްރޫޕަށް ޤައިލާއަށް ދައުވަތު ދިނީ އެހެންވެގެންނެވެ. ސްޓަޑީ ގްރޫޕްތައް ކުރިއަށް ގެންދަނީ މައިހާގެ ގޭގައި ކަމަށްވުމުން ރަމީޒާއާއި ޖާހަތުމެންނަށް ވެސް ޤައިލާ ތަޢާރަފުވެއްޖެއެވެ. ވީހާވެސް ބޮޑަށް ރަށުގެ މާހައުލަށް ޤައިލާ ހޭނެން މައިހާ ހުރީ ބޭނުންވެފައެވެ. އެހެންކަމުން އޭނަ ދާ ތަންތަނަށް ޤައިލާއަށް ދައުވަތު ދޭން މައިހާ ފެށިއެވެ. އަސަލްއާއި މެދު އޮންނަ ޝައުޤުވެރިކަން މަޑުމަޑުން މައިހާ ގާތު ޤައިލާ ހިއްސާކުރަން ފެށީ ދެނެވެ. އެވާހަކަތަކަށް އެއްބާރުލުން ދޭން މައިހާއަށްވީ ދަތިކަމަކަށެވެ. އަބަދު އެއްތަން ވެއްޖެއްޔާ ޤައިލާގެ ދުލުކުރީގައި އޮންނަނީ އަސަލްގެ ނަމެވެ. އެކަމާއި ދެކޮޅަށް އެއްޗެއް ވެސް ބުނެވޭކަށް ނޯވެއެވެ. ޤައިލާގެ ހިތުގައި ޝައްކު އުފެދިދާނެތީއެވެ. މައިހާއަށް ޖެހުނީ އެހުރިހާ އިހުސާސެއް ވަންހަނާ ކުރާށެވެ. ފިކުރުތައް ބޮޑުވެ ބޮލަށް ބަރުވާން ފެށިއެވެ.
*****
ގަދަ ރަތްކުލައިން އުދަރެސް ފަވާލައި އިރުއޮއްސުމާ ކައިރިވީއެވެ. މައިހާ އިނީ ފުށްޓަރު ކައިރީގައި ހުންނަ ހޮޅުއަށްޓެއްގައެވެ. އަތްދަބަސްތެރެއިން ނެގި ކުރަހާ ސާމާނުތައް ކައިރީގައި އަތުރާލާފައި ހުއްޓެވެ. ފެންކުލައާއި ފިހިތަކެވެ. ފަންސުރާއި ރަބަރެވެ.
މައިހާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ މޫދަށެވެ. އިރުގެ ދަޅަތަކުން ކަނޑުގެ ސަތަހަ ވިދާ ބަބުޅައެވެ. ދޮންވެލިގަނޑު ވެސް އޮތީ މަޑު އޮރެންޖްކުލައަކުން ޖަރީކޮށްލާފައެވެ. މައިހާ ދެކުނު ގޮތުގައި އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ރާޅުފަށްކައިރީ މަސްބާނަން ހުރި އަސަލްގެ ސަބަބުންނެވެ. ކަކުލާ ހަމައަށް އަންނަ ސޯޓަކާއި، އަތްކެނޑި ޓީޝާޓެއްގައި އަސަލް ހުރިއިރު ބާރުގަދަ މުލައްދަނޑި ވަނީ ހާމައަށެވެ. ދޮށީގައި ކޮށްޓާލާއިއަށް، ދޮށްޓަށް ދަމާލާ ހިނދު މުއްލދަނީއަށް ބާރު އަރައިގެންދެއެވެ. ފަނޑުވަމުންދާ އިރުގެ ދޯދިތައް އަސަލްގެ މޫނަށް އެޅިފައިވުމުން ބަލާބަލާ ފޫހި ނުވެއެވެ.
ޤުދުރަތުގެ ރީތިކަމާއި އަސަލް ގުޅުވާލެވުމުން މައިހާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ސިކުނޑީގައި ބިންވަޅުނަގަމުން، ކުރެހުމުގެ ތެރެއަށް ގެއްލިފައިވަނިކޮށް ފަހަތުން ފިޔަވަޅުތަކެއްގެ އަޑު މައިހާއަށް އިވުނެވެ. ހިޔާ ދީފައިވި ކިނބިގަހުގެ ފަތްތައް ފައިދަށުވެ މުރަނަވި އަޑާއެކު މައިހާ ސިހުނެވެ.
ފަސްއެނބުރި ބަލައިލުމާއެކު ޤައިލާ ފެނުނެވެ. ދިރުން ގެންނަމުން ދިޔަ އަސަލްގެ ތަސްވީރު ޤައިލާއަށް ފެނިދާނެކަމުގެ ބިރަށްޓަކައި ތެޅިގެންފައި މައިހާއަށް ސްކެޗްބުކް ލައްޕާލެވުނެވެ. ފެންކުލަތައް ނުހިކި ކުރި މަސައްކަތް ބޭކާރުވުމުން ދެރަ ވެސް ވިއެވެ.
''އަބަދު ތިހިފައިގެން މޭއި އުޅޭތަން ފެންނަނީ... ކޯޗެއްތަ ތީގަ ހުރީ؟...'' ހޮޅުއަށީގައި އިށީނުމުގެ ބަދަލުގައި އުނަގަނޑުގައި އަތް ވިއްދާލަމުން ޤައިލާ ބުންޏެވެ.
''ޕެއިންޓިންގްތަކެއް... މޯސްޓްލީ ސަންސެޓް، ދެން މިހެން ފެންނަ އެއްޗިސް...'' އަވަސްއަވަހަށް މައިހާ ބުނެލިއެވެ.
''އެހެންތަ؟، ނިކަން އަހަންނަށް ދައްކާލަބަ، އޭރަށްތާ އެލީގެ ހުނަރަށް ތައުރީފުކޮށްލަން އެނގޭނީ...'' ޤައިލާ ކުރިއަށް ޖެހިލުމުން މައިހާއަށް އޭނަގެ އަތުގައި އޮތް ސްކެޗްބުކް ދުރަށް ޖައްސާލެވުނެވެ. އޭނައަށް ހީވީ ޤައިލާ އޭނަގެ އަތުން ސްކެޗްބުކް އަތުލަން އުޅުނީ ކަމަށެވެ.
''ހާދަ ސީކްރެޓިވް ކޮށޭ ތިއުޅެނީ، އަނެއްކާ ތީގަ ހުރީ ލޯބީގެ ސިއްރުތަކެއް ނޫންބާ؟...'' ޤައިލާގެ ދެލޮލުން ފާޅުވި ޝައުޤުވެރިކަމުގެ ކުލަވަރުން މައިހާ ފިނިވެއްޖެއެވެ. ދަނޑިވަޅު ބަލާފައި، މައިހާގެ އަތުން ޤައިލާ ސްކެޗްބުކް ޖަހައިގަތެވެ.
މައިހާގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ބިރުން ގޮސް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް އަވަސްވީނުން މޭކަށިގަނޑު ފަޅާލާފައި ނިކުންނަން އުޅުނެވެ. އޭނަގެ ސިއްރުތައް ފަޅާއަރާފާނެކަމުގެ ބިރާއެކުގައި ހޮޅުއަށިން މައިހާ ތެދުވުނީ ކުއްލިޔަކަށެވެ. ލާނެއްކަމާއެކު މައިހާއަށް ބަލަން ހުރި ޤައިލާ ޖެހުނީ ދުރަށެވެ.
ޤައިލާ ސްކެޗްބުކް ހުޅުވާލަން އުޅުމުން ބިރުންގޮސް މައިހާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. އޭނަގެ ހުއްދައަކާއި ނުލައި އެފަދައިން ކަންތައް ކުރުމުން ނުރުހެވުނެވެ. އޭނަގެ ހާސްކަމުން ސުވާލު އުފެދުނަސް ހެޔޮކަމަށް ދެކެމުން މައިހާ އަވަސްވެގަތީ ޤައިލާގެ އަތުން ސްކެޗްބުކް ހޯދުމެވެ. އޭރު މައިހާގެ އަތުގައި ތުރުތުރުލުމެއް އުފެދިއްޖެއެވެ. މޫނު ވަނީ ހުދުވެފައެވެ. ނޭވާތައް ކުރުވެވެ. ހަޔާތުގައި އެހާ ބިރުގަތް ވަގުތެއް މިނޫނީ ނާދެއެވެ. އަސަލް ނޫން އިތުރު ފަރާތަކަށް އެކުރެހުންތައް ފެނުމުގެ ފުރުސަތެއް ހަމަހިލާ މައިހާ ނުދޭނެއެވެ. އެނަސީބު އޭނައަށް ނުލިބިއްޖެނަމަ ކަށްވަޅާ ހަމައަށް ގެންދާނެ ސިއްރަކަށް ވާނެއެވެ.
''ޔޫ އާ ހައިޑިންގް ސަމްތިންގް...'' ލުއި ހުނުމަކާއެކުގައި ސްކެޗްބުކް ހިފަހައްޓައިގެން ހުރި އަތް ޤައިލާ ފަހަތަށް ގެންދިޔައެވެ. ޤައިލާގެ ހުނުމުގެ އަޑުން މައިހާ ގާތަށް އައީ ރުޅިއެވެ.
''އެލީ...'' މައިހާއަށް ބުނެވުނެވެ. ރުޅި އިސްކުރުމަކީ މައިހާއަށް ފަސޭހަކަމެއް ނޫނެވެ. ރުޅި އަންނަން ވެސް އޭނައަށް ނޭނގެނީއެވެ. އަބަދު ހިނިތުންވެފައި ހުންނާތީއެވެ. ހިތްހެޔޮކަމާއި މަޑުމައިތިކަމަކީ މައިހާ ލޯބިކުރާ ސިފަތަކެވެ.
''ސޮރީ... އަހަރެން ސަމާސާއެއްކޮށްލީއޭ، ތިހާ ސީރިޔަސް ނުވެބަލަ، ޕާސަނަލް ސްޕޭސްގެ މުހިންމުކަން އަހަންނަށް އެނގެޔޭ... މޭއި ހީކުރީ މޭއިގެ ހުއްދަ ހޯދުމަކާ ނުލާ އަހަރެން ބަލާނެ ކަމަށްތަ؟، އަހެންވިއްޔާ އަހަރެން ވަރަށް ދެރަވެއްޖެ، އަހަރެން ދެކެމުން އައީ މޭއިއަކީ ގާތް އެކުވެރިޔެއްކަމުގައި...'' ސްކެޗްބުކް ދިއްކޮށްލަމުން ޤައިލާ ބުނެލިއެވެ.
މައިހާއަށް ސްކެޗްބުކްގައި ހިފަހައްޓާލެވުނީ ބާރަށެވެ. ރުޅިން ގޮސް ހޫނުވި ލެއިން ބޮލަށް އެނބުރުން އަރާފައި ހުރިކަން ރޭކާލީ ދެނެވެ. ފުން ނޭވާއެއް މައިހާއަށް ދޫކޮށްލެވުނެވެ. މީހާ ހަމައަކަށް އެޅި ރުޅީގެ އަސަރު ފިލީ ދެނެވެ. އަތްދަބަހަށް ސްކެޗްބުކްލަމުން ޤައިލާއާއި މައިހާ ކުރިމަތިލިއެވެ. އޭގެ ކުރިން އަސަލްއާއި ދިމާއަށް ވެސް ބަލައިލެވުނެވެ. ދެންމެ އުފެދުނު ހައިޖާންގަނޑުގެ ހިލަމެއް އަސަލްއަށްވީތޯ ބަލަންށެވެ. ނަސީބު އަތުގައި ހިފާލުމުން އަސަލްގެ ސަމާލުކަން ދެވިފައިވަނީ މަސްބޭނުމަށެވެ.
ޤައިލާ ހުރީ އިސްޖަހާލައިގެންނެވެ. ޤައިލާ ދެރަވެފައި ހުރުމުން ރުޅި އިސްކުރެވުނުކަމުގެ މޮޔަ މައިހާއަށް ހީވިއެވެ. އޭނަގެ އަމަލުތަކާއި މެދުގައި ވިސްނާލެވުނީ ދެނެވެ. ހާސްކަމާއި ބިރުވެރިކަމުގެ މައްޗަށް ބުރަނުވެވުނުނަމައެވެ. ޤައިލާއަށް އިތުބާރުނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟
ޤައިލާގެ މޫނަށް ބަލަން މައިހާ ހުރީ އެދެމެދުގައި އޮތް ހިމޭންކަމެއް ނިމުމެއް ގެންނާނެ ގޮތެއް ނޭނގިފައެވެ. އެކުވެރިކަމުގައި ކުންޏެއް ޖެހޭކަށް މައިހާ ބޭނުމެއް ނުވިއެވެ.
''އެލީ...'' މައިހާ ގޮވާލީ މޮޅިވެރިކަމާއެކުގައެވެ. ''އައިމް ސޮރީ، އެލީއަށް އިތުބާރުނުކުރަނީއެއް ނޫން...''
''މަޢާފަށް އެދެން ޖެހެނީ އަހަރެންހެން ހީވަނީ، ސޮރީ މޭއި، އަހަރެން ކުޑަކޮށް ސަމާސާކޮށްލަންށޭ އުޅުނީ...'' ހޮޅުއަށީގައި އިށީންނަމުން ޤައިލާ ބުނެލިއެވެ.
''އެލީ ސްކެޗްބުކް ހޯދީމަ ރުޅިއާދެވުނީ...'' މައިހާ ވެސް އިށީނެވެ.
''އައި ނޯ، އެހެންވެ މަޢާފަށް މިއެދުނީ، އަހަންނަށް މަޢާފެއް ނުކުރާނަންތަ؟...'' ޤައިލާ ބަލައިލީ މައިހާގެ މޫނަށެވެ.
''މަޢާފްކޮށްފިން... ރުޅި އިސްކުރެވުނީތީ އަހަރެން ވެސް މަޢާފަށް އެދެން...'' މައިހާ ހިނިތުންވުމަކާއެކުގައި ބުންޏެވެ. ހެޔޮ ހިތުން އޭނަ ޤައިލާއަށް މަޢާފަކޮށްދިނެވެ. ސަމާސާއަކަށް ވިޔަސް ޤައިލާގެ ފަރާތުން އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެކަމުގެ ޔަޤީންކަން ލިބުމުންނެވެ. ޤައިލާ ވެސް އޭނަގެ ފަރާތުން ފެނުނު ރުޅިވެރިކަން ބޮޑުކަމަކަށް ނުހެދުމުން މައިހާގެ ސިކުނޑިއަށް ލުޔެއް ލިބުނެވެ. ފެންކުލަ އަޅާފައި ހުރި ޕެލެޓް ގެނައި ފެންފުޅިން ދޮވެލައި އަތްދަބަހުން ނެގި ކުޑަ ތުވާލިކޮޅުން ސާފުކޮށްލިއެވެ. ފިހިތައް ވެސް ސާފުކޮށްލައި އަތްބަހަށް ލައިފިއެވެ. ޤައިލާ އައުމުން ކުރެހުމުގެ ޚިޔާލު މައިހާ ދޫކޮށްލީއެވެ. އޭރު ވެސް އޭނަގެ ވިންދުތައް ހަމައަކަށް ނޭޅެއެވެ. ސަމާސާ ކުރުމަކާނުލާ ޤައިލާ ސްކެޗްބުކް ބެލިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ޤައިލާގެ ކުރިމަތީގައި އޭނަގެ އިހުސާސްތައް ހާމަވެގެން ދިޔައީސްކަން ކަށަވަރެވެ. އޭރުންވާނީ ކިހިނެއް ހެއްޔެވެ؟
''ހާދަ ރީތި ސަންސެޓެކޭދޯ، އަޒް ފެންނާތީ ވަކިން ރީތި...'' ޤައިލާ މުޅިން އެހެން މައުޟޫޢުއެއް ފެށިއެވެ. މިހާރަކަށް އައިސް ޤައިލާގެ ވާހަކަތައް ކޮންމެވެސް ހިސާބަކުން ގޮސް ގުޅެނީ އަސަލްއާއެވެ. އަސަލްއަށް ދެވިފައިވި ޝައުޤުވެރިކަން ޤައިލާ ހާމަކުރާތީ މައިހާ ހުންނަނީ ބަސްމަދުވެފައެވެ.
''މޭއި...'' ހިމޭންކަމުގެ ތެރެއިން ޤައިލާ ގޮވާލިއެވެ. މައިހާ އުޅުނީ އޭނަގެ އަތްދަބަހުގެ ޒިބު އަޅުވާށެވެ. ކަމެއް ކުރާކަމަށް ހެދިގެން އުޅުނީ ޤައިލާގެ ވާހަކައާއި ބައިވެރިނުވާންވެގެން ގަސްދުގައެވެ.
''އަހަރެން ސުވާލެއްކޮށްލަންތަ؟...'' ޤައިލާ އެހިއެވެ. މައިހާ ހޫމްމް ލައްވާލިއެވެ.
''ތީ އަޒްގެ ބެސްޓްފްރެންޑެއްނު، ޑޫ ޔޫ ނޯ ހިޒް ޓައިޕް؟...'' ޤައިލާގެ ސުވާލުން މައިހާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އޭނައަށް ބަލައިލެވުނީ ޤައިލާގެ މޫނަށެވެ. ޤައިލާގެ ނަޒަރު އަސަލްއާއި ވަކިނުވެއެވެ. މައިހާއަށް އުނދަގޫވެއްޖެއެވެ. ޤައިލާގެ ސުވާލަށް ޖަވާބުދޭން ފަސްޖެހުނެވެ. ޚުދު އޭނަގެ ޒަމީރާއި އެސުވާލުކޮށްލެވުނެވެ. އަސަލްއަކީ އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އުޅެބޮޑުވީ އެކުއެކީގައެވެ. ތަފާތު އެކިއެކި މައުޟޫޢުތަކަށް ވާހަކަދެކެވި ޚިޔާލު ބަދަލުކުރެވުނެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާއި ގުޅިގެން ވާހަކަދެކެވިފައި ނުވެއެވެ. ބައިވެރިޔެއްގެ ފަރާތުން އަސަލް ބޭނުންވަނީ ކޮން ކަހަލަ ސިފަތަކެއްތޯ އަހާލަން މައިހާ ބޭނުންވެއެވެ. އެހެނަސް އަސަލްގެ ޖަވާބުން އޭނަގެ ހުވަފެނީ އާލަމަށް ލޮޅުން އައިސްދާނެތީ މައިހާ އިހުތިޔާރުކުރީ ހިމޭންކަމެވެ. އަސަލް ވެސް މިވީހާ ތަނަށް އޭނައާއި ސުވާލުކޮށްފައި ނުވެއެވެ.
''ހޭއި، މޭއި، ކީއްވެ އެއްޗެ ނުބުނީ...'' މައިހާގެ ކޮނޑުގައި ކޮއްޓާލަމުން ޤައިލާ ބުނެލިއެވެ.
''ސޮރީ؟...'' ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިއުމާއެކުގައި މައިހާ ސިހުނެވެ.
''އަޒްގެ ޓައިޕް އެނގޭތަ؟، މޭއި ތީ ބެސްޓްފްރެންޑެއްނު؟، އަޒް ނުބުނޭތަ އެއްވެސް އެއްޗެކޭ... އާންމުކޮށް އެކުވެރިޔާ ގާތު އެކަހަލަ ވާހަކަތައް ހިއްސާކުރެއެއްނު...'' ޤައިލާ ބަލަން ފެށުމުން މައިހާއަށް ޖަވާބެއް ދޭން މަޖުބޫރުވެއްޖެއެވެ.
''ނުބުނޭ...'' މައިހާ ބޯހޫރާލިއެވެ.
''އޯހ...'' ޤައިލާ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އޭނަ ކޮޅަށް ތެދުވެ ޚިޔާލުތަކުގެ ތެރެއަށް މައިހާ ދޫކޮށްލާފައި ހިނގައިގަތީ އަސަލްގެ ގާތަށް ދިއުމަށެވެ.
އިރުގެ ފަހުގެ ދޯދިތައް ފަނޑުވެ އަނދިރީގެ ތެރެއަށް ދުނިޔެ ގަންބާލައިފިއެވެ. ދިގު ހިނައިތައް އުފައްދާލަމުންނެވެ. ފުއްޓަރު ކައިރީގައި ހުންނަ މިސްކިތުން މަޢުރިބުނަމާދުގެ ބަންގީގެ އަޑު އިވުނެވެ.
މައިހާ އިނީ ހޮޅުއަށީގައެވެ. އަސަލްގެ ގާތަށް ގޮސް ހުއްޓުނު ޤައިލާއަށް ބަލާށެވެ. ޤައިލާ ކުރާ ސުވާލުތަކުން މައިހާގެ ހިތުގައި ޝައްކު އުފެދިފައިވަނިކޮށް، އަސަލްއާއި ޤައިލާ ގާތްވެލުމުން މައިހާ ހާސްކޮށްލައިފިއެވެ. ބިރުވެރިކަން މެޔަށް ފޭދުނެވެ. އަސަލްގެ ރުހުން ހޯދަން ޤައިލާއާއި ވާދަކުރަން ޖެހިދާނެތީއެވެ. އެފަދައިން ވާކަށް މައިހާ ބޭނުމެއް ނޫނެވެ.
''އެލީއަށް އަޒް ކަމުދަނީތަ؟...'' މައިހާއަށް އޭނަގެ އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ. ''އެހެންވެތަ އެހާ ގިނައިން އަޒްގެ ވާހަކަދައްކަނީ؟...''
އަސަލްގެ ގާތަށް ޤައިލާ ހުއްޓުމާއެކުގައި ޤައިލާއާއި ދިމާއަށް އެނބުރިލަމުން އަސަލް ހިނިތުންވުމެއް ދިނެވެ. ދުރުދުރުން ވެސް މާއިހާއަށް އެހިނިތުންވުން ފާހަގަ ވިއެވެ. އިންޒާރުގެ ރަނގަބީލެއްގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލީ ދެނެވެ. މައިހާއަށް ދުރުގައި ބަލަން އިނދެވުނީއެވެ. ހަލަބޮލިވެފައިވި ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ.
*****
ދުވަސްތައް ހަލުވިކަމާއެކުގައި ފާއިތުވެ ހަފްތާތައް މަސްތަކަށް ބަދަލުވެގެން ގޮސްފިއެވެ. އައު ތަޖުރިބާތަކާއި ގުޅުންތަކަށް ދޮރުތައް ހުޅުވާލަމުންނެވެ. މިހާރަކަށް އައިސް ހެނދުނަށް އަލިވިލިގެން އަންނައިރު ކުރީގައި ހުންނަ ޖޯޝާއި ފޯރި މައިހާގެ ކިބައިގައި ނުހުރެއެވެ. އޭނަގެ ތަބީއަތަށް ބަދަލުތަކެއް އަންނަން ފަށިއިފިއެވެ. ޤައިލާއާއި އަސަލްގެ ދެމެދުގައި ބަދަހިވަމުން އައި އެކުވެރިކަމުންނެވެ. އެކުވެރިކަމަށްވުރެން ތަފާތު ގުޅުމެއް ވާހެން މައިހާއަށް ހީވާން ފެށިއެވެ. ޤައިލާ ފެނުމުން އަސަލްގެ ތުންފަތާއި ކުޅޭލާ ހިނިތުންވުންތަކެވެ. ދެލޮލާއި ހަމައަށް ފޯރާ އުފާވެރިކަމުގެ ވިދުވަރެވެ. ޤައިލާ ވެސް އަސަލްއާއި ބަދަލުކޮށްލަނީ ލަދުރަކި ހީނލުންތަކެވެ. ވާހަކަދައްކާ ރާގު ވެސް ބަދަލުވާން ފެށިއެވެ. އަސަލްގެ ހަޔާތުން ބާކީވަމުން ދިޔަ ކަމުގެ އިހުސާސް މައިހާއަށް ކުރެވުނެވެ.
ގްރޫޕް ސްޓަޑީސްތަކުގައި ވެސް ޤައިލާ އިންނަނީ އަސަލްގެ ގާތުގައެވެ. އަސަލް ވެސް އެކަމާ ގަޔަވާ ކަހަލައެވެ. އެހެންނޫންނަމަ ދުރަށް ޖެހިލީސް ނޫން ހެއްޔެވެ؟ ހިނިތުންވެފައި އިންނާނީ ގަޔާވާތީ ނޫން ހެއްޔެވެ؟ އެސުވާލުތަކުން މައިހާއަށް ގޯނާ ކުރިއެވެ. އުދާސްވެފައި ހުންނަ ވަގުތުތައް ގިނަވާން ފެށިއެވެ. އަސަލްއަށް ފާހަގަވެ އޮޅުންފިލުވަން އުޅުމުން މައިހާއަށް ގުޅުވާލަނީ ބޯމަތިވެފައި އޮތް އިމްތިހާނާއެވެ.
ޤައިލާއަށް ނޭނގޭ އެއްޗެއް އޮތަސް މައިހާ ގާތު އެހުމުގެ ބަދަލުގައި ޤައިލާ އޮޅުންފިލުވަނީ އަސަލްގެ ގާތުންނެވެ. އަސަލްއާއި އިތުރަށް ވާހަކަދައްކަން ބޭނުންވެފައެވެ. މައިހާއަށް ހުރެވުނީ ދުރުގައި ބަލަންށެވެ. ހިތަށް ތަދުވިޔަސް އޭނަ ކުރާނީ ކީއް ހެއްޔެވެ؟ އަސަލްގެ ސަމާލުކަން ލިބޭތޯ ޤައިލާއާއި ވާދަކުރަންވީ ހެއްޔެވެ؟ އޭރުން އަސަލް އޭނައަށް ތަފާތު ނަޒަރަކުން ބަލާނެ ހެއްޔެވެ؟
މައިހާ އުއްމީދުކޮށްގެން ހުރީ އަސަލް ކުއްޖަކާއި ރައްޓެހިނުވާތީ އޭނައަށް ފުރުސަތެއް ލިބިދާނެ ކަމަށެވެ. އުއްމީދުގެ ހުޅުކޮޅު ރޯކޮއްލައިގެން ހުރެވެނީ އެހެންވެގެންނެވެ. އަސަލްއަށް އޭނަ ފާހަގަވެދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެންނަމަވެސް، ޤައިލާއަށް އަސަލް ބަލައިލާ ހާއްސަ ނަޒަރާއި ޝުޢޫރުތަކުން މައިހާ ތަޅުވާލައިފިއެވެ.
''ކިހިނެއް މިވަނީ؟، މީ ތަޤުދީރުގެ ނުބައި ސަމާސާއެއްބާ؟، އަޒްއަށް އެލީ ކަމުދަނީތަ؟... އެލީއަށް ވެސް އަޒް ކަމުދާހެން ހީވަނީ... އަހަރެން... އަހަރެން ބާކީވަނީތަ؟... އަޒްގެ ހަޔާތުން އަހަންނަށް ޖާގައެއް ލިބުމެއް ނެތީތަ؟... ވިލް އައި އޯލްވެއިސް ބީ ހިސް ބެސްޓްފްރެންޑް؟...'' ކުރިމަތީ އިށީނދެލައިގެން ތިބި ޤައިލާއާއި އަސަލްއަށް ނުބަލަން މައިހާ އިނީ އިސްޖަހާލައިގެންނެވެ. ކުރިމަތީ ހުޅުވާފައި އޮތް ހިސާބު ޕާސްޓްޕޭޕަރު ފޮތަށް ބަލަން އިނަސް އޭނަގެ ޚިޔާލުތަކުގައި ވަނީ ކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރުތަކެވެ. ވިސްނުނުވަރަކަށް އޭނަގެ ޒަމީރު އޭނައަށް ބުނެދޭން އުޅޭ ކަހަލައެވެ. އެކަމަކު އެހަޤީޤަތާ ކުރިމަތިލާން އޭނަގެ ނާޒުކު ހިތް ތައްޔާރު ހެއްޔެވެ؟
*****
މާޔޫސްކަމުގެ ފުން ކަނޑެއްގައި ބެހެމުން ދިޔަ ހިނދުގައި، ސިކުނޑިއަށް ލުޔެއް ހޯދުމުގެ މަގެއް މައިހާއަށް ލިބުނީ ރަށު ކައުންސިލުން ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހުނު އާޓް އެގްޒިބިޝަނެއްގައި ސްކޫލްގެ ފަރާތުން ބައިވެރިވުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ. އިމްތިހާނުތައް ކައިރިވެފައި ވިޔަސް މައިހާ ބޭނުންވީ ކުލަތަކާއި އަމިއްލަ ޚިޔާލީ ދުނިޔޭގެ ތެރޭގައި އުޅުލުމަށެވެ. ފަހު ވަގުތާ ޖެހެން ދެން ވެސް އޭނަގެ ހިތުގެ އުއްމީދުތަކަށް ދިރުން ގެނެސްދޭން މައިހާ ހުރީ ބޭޤަރާރުވެފައެވެ. ގޮތް ދޫކުރުން ފަސޭހައެއް ނުވިއެވެ. އަސަލްއާއި ޤައިލާއާއި ދުރުދުރުން އުޅުމުން ލޮލަށް ފެންނަ މަންޒަރުތަކުން ވޭން ނާޅާނެ ނޫން ހެއްޔެވެ؟ އެއީ ހަޤީޤަތަށް ފިލަން މައިހާ ކުރި ކަމެކެވެ. ކުރިއެރުމެއް ނުލިބުނަސް މެއެވެ.
އާޓް އެގްޒިބިޝަން ހުށަހަޅާ ކުރެހުމަކަށް މައިހާ ޚިޔާރުކުރީ ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރު ދައްކައިދޭ ތަސްވީރެކެވެ. ސްކޫލުން އާދެވުމާއެކު މައިހާ ވަގުތު ހުސްކުރީ އެކަމަށެވެ. ދޭތެރެއަކުން މައިހާގެ ގާތަށް އަސަލް އާދެއެވެ. ޤައިލާ ގޮވައިގެންނެވެ. މައިހާއަށް އިހުސާސްވީ އޭނަގެ ހުވަފެނީ ދުނިޔޭގައި ރެނދުތައްލަމުން ދިޔަ ކަމެވެ. އޭނައަށް ހަޤީޤަތަށް ފިލަން ދުވޭކަށް ނެތެވެ. ޤައިލާއާއި އަސަލްއަކީ އޭނަގެ ދިރިއުޅުމުގެ އެއްބައެވެ. އޭނަގެ ގާތް އެކުވެރިންނެވެ. އެކުވެރިންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ފާހަގަ ނުކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟
އިސްވެ ޤައިލާއާއި އަސަލް ނުބުނި ކަމުގައި ވިޔަސް ސިއްރު ގުޅުމެއް އެދެމެދުގައިވާކަން މައިހާއަށް ޔަޤީން ކުރެވުނެވެ. ދެރަވާ ހިނދުގައި ހިނިތުންވުމެއްގެ ފަހަތުގައި ކަރުނަތައް ސިއްރުކުރަން މައިހާއަށް މަޖުބޫރެވެ. އަރުތެރެ ބެދި ވާހަކަދައްކަން ފަސޭހައެއް ނޫނެވެ. ލޮލުން ކަރުނަ އޮހޮރެނީ އެކަނިވާ ހިނދުގައެވެ. އެކަރުނަތައް ފޮހެލަދޭނެ ޔާރެއް ވެސް ނުވިއެވެ.
ނަވްރާއަށް މައިހާގެ މިޒާޖަށް އައިސްފައިވި ބަދަލުތައް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ވެސް މައިހާގެ ފަރާތުން ކާމިޔާބެއް ނުލިބުނެވެ.
******
ހިތުގައި ބިރުހީވެފައިވި ހަޤީޤަތާ މައިހާއަށް ކުރިމަތިލާން މަޖުބޫރުވީ އާޓް އެގްޒިބިޝަން އޮތް ރޭގައެވެ. މައިހާގެ ކުރެހުން އެގްޒިބިޝަންގައި ދައްކާލުމުން ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. ހުދު ދޮންވެލިގަނޑުމަތީގައި ހުއްޓިލައިގެން ހުރީ ރަތްކުލައިގެ ކަސަބު ލިބާހެއްގައި ހުރި އަންހެންކުއްޖެކެވެ. ތަސްވީރަށް ފުރަގަސްދީގެންނެވެ. ދުރުދުރުން ނަގަމުން އަންނަ ރާޅާއި، ފޮނުގަނޑުގެ އަސަރު ވެސް ވަރަށް ތަފުސީލެވެ. ދޮންވެލިގަނޑުގައި ފައިތިލައިގެ ނިޝާނެވެ. ޖެހެމުންދާ ރޯޅިން ފަސްއިންތަށިގަނޑު ވިހުރިލުމުން އިސްތަށިތައް ކަންފަތުގައި އަޅުވަނީއެވެ. ކިރިޔާ މޫނުގެ އެއްފަޅި ފެނެއެވެ. މުށިކުލައިގެ ދެލޮލުން ފާޅުވަނީ ބޭޤަރާރުކަމެވެ. ތަސްވީރުގެ މާނަ ހޯދަން އުޅެފިނަމަ އެއީ އުފާވެރި މަންޒަރެއް ނޫންކަން އެނގޭނެއެވެ. އެއަންހެންކުއްޖާ ހުރީ އިންތިޒާރުގައެވެ. އިންތިޒާރުގެ މާނަވީ މައިހާގެ ހިތުގައި ފޮރުވިފައެވެ.
ތައުރީފުގެ ބަސްތަކުން މައިހާއަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބުނެވެ. މަންމަމެންގެ މޫނުން މައިހާއަށް ފެނުނީ ފަހަރުވެރިކަމެވެ. ޖާހަތާއި، ހައިދަރުގެ އިތުރުން ހުސްނާ ވެސް އެތަނުގައި ތިއްބެވެ. ލޯބިވާ މީހުން ވަށާލާފައި ތިއްބަސް މައިހާއަށް އުފާވެރިކަމެއް ނުލިބުނެވެ.
ގިނަ ބަޔަކު އެއްވެފައި ތިބި މެހެފިލްގެ ތެރެއިން މައިހާ ހޯދީ އަސަލް އެވެ. މައިހާގެ ކުރެހުން ދައްކާލި ވަގުތު އޭނަގެ ގާތުގައި އަސަލް ހުއްޓެވެ. ނަމަވެސް މިހާރު އޭނައަކަށް އަސަލް ނުފެނެއެވެ. އޭނަ ހޯދަމުން ދަނިކޮށް ތަންކޮޅެއް ދުރުގައި ހުރި އަސަލް ލޮލުގައި އަޅައިގަތެވެ. އަސަލް ހުރީ ހުދުކުލައިގެ ގަމީހަކާއި، ކަޅުކުލައިގެ ފަޓުލޫނެއްގައި ބެގީކޮށްގެންނެވެ. އިސްތަށިގަނޑު އޮތީ ބަޒް ކަޓަށް ދާހެން ކޮށާލާފައެވެ. ތުނބުޅި ތުނިކޮށްފައެވެ. މިރެއަށް އަސަލް ތައްޔާރުވެފައި ހުރި މިންވަރު މައިހާއަށް ފެނުނެވެ. އެކަމާ ވާންވީ އުފާކަމެއް ނޫނީ ކުރަންވީ ހިތާމަކަމެއް ބުނެދޭކަށް ނޭނގުނެވެ.
އަސަލްގެ ގާތުގައި ހުރި ޤައިލާއަށް މައިހާގެ ނަޒަރު ހުއްޓުމާއެކު، މައިހާގެ މޭގައި ރިއްސާލިއެވެ. އަސަލްއާއި ދާދި ގާތުގައި ޤައިލާ ހުއްޓިގެން ހުރުމުން ހަސަދަވެރިކަމުގެ ހޫނުން ދިލައެއް އުފައްދާލިއެވެ.
މައިހާއަށް ފުރަގަސްދެވުނެވެ. އެފަދަ ނަޒަރަކުން ޤައިލާއާއި މެދު ދެކުން ޖާއިޒެއް ނޫނެވެ. ރައްޓެއްސަކާ މެދު ހަސަދަވެރިވާނަމަ އެބުނެދެނީ މައިހާގެ ހިތުގެ ކަޅުކަމެވެ. އޭނައަކީ އެފަދަ މީހެއް ނޫނެވެ. އޭނަގެ ޒަމީރަށް މައިހާ ވިސްނައިދިނެވެ.
''އަޒް، ކީއްވެތަ ތިހާ ކެއާކުރަނީ؟، އެކަމަކު އަހަރެން ބޭނުންވާ ގޮތަކަށް ކެއާ ނުކުރޭ، އަހަންނަށް ހާއްސަ ރެއަކަށް ވުމުން އަޒް ތިހުރީ ތައްޔާރުވެގެން، އެކަމަކު އަހަރެން ބޭނުންވަނީ އަހަރެންގެ ގާތުގައި އަޒް ހުންނަން، ފާއިތުވި ދުވަސްތަކުގައި އަހަންނަށް ސާފު ވެއްޖެ، އަޒް... އަޒްއަށް އެލީ ކަމުދޭ، އެލީއަށް އަޒް ބަލައިލަނީ އަހަންނާ ދިމާއަށް އަޒް ބަލައިލަން އެދެވުނު ނަޒަރުން، ތި ދެލޮލުން އަހަންނަށް ލޯބި ފެނޭ، އެކަމަކު އެއީ އަހަންނަކަށް ނޫން... އަހަރެން...'' މައިހާގެ އަރުބެދުނެވެ. އުތުރިއަރަން ފެށި އުދާސްތަކުން ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ހިންދާލަން އެސްފިޔަ ތަޅުވާލެވުނެވެ. ނޭފަތުގެ ކުރީގައި އަތުގެ ނުފުށް ޖައްސާލެވުނެވެ. ހަށިފުރާ ދިގު ނޭވާއެއް މައިހާ ދޫކޮށްލިއެވެ. ޖަޒުބާތުތައް ކޮންޓްރޯލްކުރަން އޭނަ މަސައްކަތްކުރިއެވެ. ފަހަތުން އިވުނު އުސްކަށީގެ ފައިވާނުގެ އަޑާއެކުގައި މައިހާ ހިނިތުންވެލިއެވެ. ފަސްއެނބުރި ނުބެލިޔަސް ކާކުކަން ދެނެގަނެވުނެވެ.
''ހޭއި...'' މައިހާގެ ގާތަށް ހުއްޓުނީ ޤައިލާ އެވެ. ''ނައިސް ޕެއިންޓިންގް...''
''ތޭންކްސް...'' މައިހާ ޝުކުރު އަދާކޮށްލިއެވެ. އޭނަ ހުރީ ނުތަނަވަސްވެފައެވެ.
''ސީކްރެޓެއް ބުނަންތަ؟...'' ޤައިލާގެ އަޑުގައިވި ޖޯޝުން މައިހާގެ ހިތް ތެޅިލިއެވެ.
''ބުނެބަލަ...'' ހިންދިރުވާލަމުން މައިހާ އެދުނެވެ.
''އަޒް ހުރީ މޭއިގެ އެގްޒިބިޝަން ނިމެންދެން ނުބުނަންވެގެން، ދެން މިހާރު އެގްޒިބިޝަން ވެސް ނިމުނީއެއްނު...'' މައިހާއާއި ދިމާއަށް އެނބުރިލަމުން ޤައިލާ ބުންޏެވެ. މައިހާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކަންފަތުގައި ގުގުމަން ފެށީ ނުރައްކާތެރި ދަރަޖައަށް އަވަސްވެގެން އައި ވިންދުތަކުގެ އަޑެވެ. ބިރުވެރި ޚަބަރެއް ލިބެން އުޅޭކަން އޭނަގެ ހިއްސުތައް ދެނެގެންފިއެވެ. ޤައިލާގެ އުފާވެރިކަމުން މައިހާއަށް ލިބުނީ ވޭނެވެ.
''ކޯޗެއްތަ؟...'' މައިހާއަށް ވާހަކަދައްކަން ފަސޭހައެއް ނުވިއެވެ. ލަފުޒުތައް އަރުގައި ތާށިވުމުންނެވެ.
''ވީ އާރ އިން އެ ރިލޭޝަންޝިޕް... އަޒް ރައްޓެހިވާން އެހީ، އަހަރެން ބުނިން އާނއެކޭ، އަހަންނާއި އަޒް ވަރަށް ގުޅޭދޯ؟... ވީ ހޭވް ސޯ މަޗް އިން ކޮމަން...'' ފުޅާ ހިނިތުންވުމަކާއެކުގައި ޤައިލާ ބުންޏެވެ.
(ނުނިމޭ)
ދޭނުހޭ ކަލާ
ޤައިލާ މީ އަމިއްލައެދުން ބޮޑު އަންހެނެއް. އޭނާގެ މެނުޕިލޭޓިވް ސައިޑް ވަރަށް ރީއްޗަށް ގެނެސްފަ ހުރީ. ވަރަށް ދެރަވޭ މައިހާއަށް ވީ ގޮތުން، އަސްލަށް ވެސް ލޯބިވާ މީހަކު އެހެން މީހަކާ ގުލުމުން އަސަރު ކުރާނެ
ލޮލީ - 10 މަސް ކުރިން
ވާހަކަ ކިޔާލަން ލިބުމުން ވަރަށް އުފާވެއްޖެ. ވަރަށް ރީތި މިބައިވެސް. ދެންހުރި ބައިތަކަށް އިންތިޒާރު ކުރަން. ސިފަ ކުރުންތައް ވަރަށް ފުރިހަމަ.
ހަޔާ - 10 މަސް ކުރިން